12 ޖެނުއަރީ 2022 - 13:34
ސްރީ ލަންކާ އިން ބޭރު ގައުމުތަކަށް ދައްކަންޖެހޭ ދަރަނިތައް މި އަހަރުގެ ތެރޭގައި ދައްކާނެ ކަމަށް، އެ ގައުމުގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު އަޖިތު ނިވާޑް ކަބްރާލް މިއަދު ވިދާޅުވެއްޖެ އެވެ.
ގަވަރުނަރު ވިދާޅުވި ގޮތުގައި، މި އަހަރުގެ ތެރޭގައި ދައްކަންޖެހޭ ހުރިހާ ދަރަނިތައް، ކަނޑައެޅިފައިވާ ތާރީހުތަކަށް ދައްކައި ނިންމޭނެ ކަމުގެ ޔަގީންކަން އެބަ އޮތެވެ. އަދި އޭގެ ފަހުން މަސައްކަތް ކުރާނީ، ލަންކާގެ ބޭރު ފައިސާގެ ރިޒާވް އިތުރުކުރުމަށް ކަނޑައަޅާފައިވާ އާ ޕްލޭން ތަންފީޒުކޮށް އިގްތިސާދު އިތުރުކުރުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ލަންކާ އިން ވަނީ އެ ގައުމުގެ މަދުވަމުން ދިޔަ ބޭރު ފައިސާގެ ރިޒާވްގެ މިންވަރު، ޑިސެމްބަރު މަހުގެ ނިޔަލަށް 3.1 ބިލިއަން ޑޮލަރަށް އިތުރުކޮށްފައި ކަމަށް ގަވަރުނަރު ވިދާޅުވި އެވެ. ބޭރު ފައިސާގެ ރިޒާވް އިތުރުކުރެވުނީ ޗައިނާ އިން ހަމަޖައްސައިދިން 1.5 ބިލިއަން ޑޮލަރުގެ ކަރަންސީ ސްވަޕްގެ ސަބަބުންނެވެ.
ސްރީ ލަންކާ ސަރުކާރުން މިހާރު މަސައްކަތް ކުރަމުން އަންނަނީ، އިންޑިއާ އާއި ގަތަރުން ދަރަންޏަށް އިތުރު ފައިސާ ހޯދުމަށެވެ. އަދި އެ ދެ ގައުމުން ކަރަންސީ ސްވަޕް ހަމަޖެއްސުމަށް މިހާރު ކުރަމުންދާ މަޝްވަރާތައް ކާމިޔާބުވެއްޖެ ނަމަ، ޖުމްލަ 2.9 ބިލިއަން ޑޮލަރު ލިބޭނެ ކަމަށް ލަންކާ އިން އަންދާޒާ ކުރެ އެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން، ސްރީ ލަންކާ އިން މި އަހަރުގެ ތެރޭގައި ބޭރު ދަރަނީގެ ގޮތުގައި އެކި ގައުމުތަކަށް 4.5 ބިލިއަން ޑޮލަރު ދައްކަން ޖެހެ އެވެ. އޭގެ ތެރޭގައި 500 މިލިއަން ޑޮލަރުގެ އިންޓަނޭޝަނަލް ސޮވެރިން ބޮންޑް ވެސް ހިމެނެ އެވެ.
މަރުކަޒީ ބޭންކުގެ ގަވަރުނަރު ވިދާޅުވި ގޮތުގައި އެ ފައިސާތައް މި އަހަރުގެ ތެރޭގައި ނުދެއްކިއްޖެ ނަމަ، ގައުމަށް ވަރަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވާނެ އެވެ. ބޭރު ދަރަނިތަކާއި އިގްތިސާދީ އެހެން މައްސަލަތައް ހައްލުކުރުމަށްޓަކައި، އެކަށީގެންވާ ރަނގަޅު ރޭވުންތެރިކަމާ އެކު ދުރު ރާސްތާގެ ޕްލޭނެއް އެކުލަވައިލަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ގައުމުގައި ކޮވިޑް ފެތުރެން ފެށި ފަހުން، މިދިޔަ ދެ އަހަރުގެ ތެރޭގައި ޓޫރިޒަމްގެ އާމްދަނީން ނުވަ ބިލިއަން ޑޮލަރު ވަނީ އުނިވެފަ އެވެ. ނަމަވެސް ކުރިއަށް އޮތް 2-3 މަހުގެ ތެރޭގައި ޓޫރިޒަމް އިތުރަށް ރަނގަޅުވާނެ ކަމަށް ބެލެވޭތީ، އިގްތިސާދާ މެދު ކުރެވޭ އުންމީދު ބޮޑު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފު ބިން ރަފައިދާ
12 January 2022
ހަރުމުދާތައް ވިއްކައިގެންނަމަވެސް ތިކަންކުރަން ލަސްވެއްޖެ. ފަހުންކުރަންބަހައްޓައިފިއްޔާ އަދިއޮންނާނީ މާބޮޑަށް ލަސްވެފާ.
މައްލި
13 January 2022
ލަންކާ ސަރުކާރަށް ކޮއްލި ކޮމެންޓެއްތަ މީ؟ އިނގިރޭސިން ނުވަތަ ލަންކާ ބަހުރުވަޔަކުން ޖަހާލިނަމަ ސަޅިވީސް.
ނާމްދި ކާނޫ
12 January 2022
އަވައްޓެރި ސުރީ ލަންކާގެ ހާލަތަކީ ދިވެހީންނަށް އިބުރަތަކަށް ވާންވާނެ! ނުކަތާވަރަށް ދަރަނި ނަގަނަގާ އެއްމެފަހުން ބޭރުުފައިސާ ދަތިވެ ސޮވަރިން ޑީފޯލްޓަކަށް ނުދިއުމަށް ގައުމުގެ ރަނުގެ ރިޒާވުން ބޮޑު ބައެއް ވަނީ ވިއްކާލާފަ!ހަގީގަތަކީ ރާއްޖޭގެ ހާލަތުވެސް ވަރަށް ނާޒުކު، ކިރިޔާވެސް އަޑިނައަޅާ މިހިފަހައްޓާލެވުުނީ ފަތުރުވެރިކަމުން ލިބުނު ކޭޝްފްލޯއިން!ތަރައްގީ ގެނައުމުގެ ނަމުފައި ތާއަބަދު ލޯނުނެގުން ހުއްޓާލަންޖެހޭ!ސަރުކާރުގެ ބޭކާރު ހަރަދުވެސް ކުޑަކުރަން ވާނެ