ޚަބަރު / ޖުޑީޝަރީ

ފަނޑިޔާރުންނަށް ނުފޫޒާއި އިންޒާރު: ސެކިއުރިޓީ ކަށަވަރު ކޮށެއް ނުދެވޭ!

ކްރިމިނަލް ކޯޓުގައި ޝަރީއަތެއްގެ އަޑުއެހުމެއް ކުރިއަށް ގެންދިޔަ ވަގުތު ފުލުހުންގެ ވޭނެއް އެ ކޯޓު ދޮރުމައްޗަށް މަޑުކޮށްލައިގެން.---ފައިލް ފޮޓޯ: މިހާރު

17 ފެބުރުއަރީ 2022 - 10:11

7 comments

ރާއްޖޭގައި ބޮޑެތި ޖިނާއީ މައްސަލަތައް ހިންގާ ގޮތާއި އެފަދަ ޖަރީމާތަކުގައި ބައިވެރިވާ މީހުންގެ ނުރައްކަލާއި ޖެހިލުންވުން ކުޑަވަމުންދާއިރު، އޭގެ ނުރައްކަލަށް އެންމެ ބޮޑަށް ހުށަހެޅިފައިވާ އެއް ބަޔަކީ ގާޒީންނެވެ. ޖިނާއީ މައްސަލަތައް ބަލައި، ހުކުމް ކަނޑައުއްވާ އެ ގާޒީންނަަށް މިހާރު ކޮންމެ ދުވަހެއް ވެސް ބިރުވެރި އެވެ. ކުށުގެ މާހައުލާއި ކުށްވެރިން ވެސް "ޒަމާނީ" ވާ ވަރަކަށް ނުރައްކާ ވަނީ ބޮޑެވެ.

އެކައުންޓުތަކުގައި މިލިއަނުން ފައިސާ ދައުރުކޮށް، ބައިނަލްއަގްވާމީ ބޮޑެތި ޑްރަގް ނެޓްވޯކުތަކާ ގުޅިފައި އޮންނަ މީހުންގެ މައްސަލަތަކާއި ހަނގުރާމަތަކުގައި ބައިވެރިވެ، މީހުން މަރަން ފަސްނުޖެހޭ އަދި ބޮން ހަދައި އެއް ފަހަރާ ގިނަ ބައެއްގެ ފުރާނަ ދުއްވައިލަން ވެސް ތައްޔާރަށް ތިބި މީހުންގެ މައްޗަށް އަދަބު ކަނޑައަޅަން މި ތިބެނީ ގާޒީންނެވެ.

ކުރިން މަސްތުވާތަކެތީގެ ދެތިން ގްރާމް އަތުލައިގެން ނޫނީ ވަޅިން ހަމަލަ ދިން ބައެއްގެ މައްޗަށް ހުކުމް ކުރާ ފަނޑިޔާރަކަށް އޭރު އޮތް ބިރުވެރިކަމާއި އިންޒާރު ދިނުމުގެ ކަންކަން މިހާރު ކޯޓުތަކުގައި އެ މައްސަލަތައް ބަލާ ފަނޑިޔާރުންނަށް އޮތް ނުރައްކާ ހާސް ބައި ތަފާތެވެ. ނުރައްކާތެރި ބޮޑެތި ގޭންގުތަކާއި ކުށްވެރިންގެ ނުފޫޒާއި އިންޒާރުތައް އޮންނަނީ ހުރިހާ ދިމާލަކުން ކޯޓުތައް ވަށާލައިފަ އެވެ.

ރައްކާތެރިކަން ނުލިބޭ ކަމުގެ ޝަކުވާތައް ގިނަ ވެފައިވާ އިރު، ބޮޑެތި މައްސަލަތަކުގައި ފަނޑިޔާރު އިންނަވަން ޖެހެނީ ފުރާނަ އަތް މައްޗަށް ލައިގެނެވެ! އެކަށީގެންވާ ވަރަށް ރައްކާތެރިކަން ނުލިބި، ބޮޑު ބިރެއްގެ ތެރޭގައި ތިބެގެން އިންސާފު ކަށަވަރު ކުރާނީ ކިހިނެއް ހެއްޔެވެ؟

ބިރުވެރިކަން ވަނީ ބޮޑު، ސެކިއުރިޓީއެއް ނެތް!

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ޖުޑީޝަލް އެޑްމިނިސްޓްޓްރޭޝަންގެ މެމްބަރުން ހާޒިރުކޮށް، މަޖިލީހުގެ މެމްބަރުން އިއްޔެ މައިގަނޑު ގޮތެއްގައި ދެއްކެވީ އެ ވާހަކަ އެވެ. އެ ކަންބޮޑުވުމެވެ.

ބޮޑެތި ކުށްވެރިންނާ ގުޅޭ މައްސަލަތައް ކިތަންމެ އަވަހަށް ތާވަލު ކުރިޔަސް ފަސޭހައިން ސަލާމަތްވެ، އަލުން މުޖުތަމައަށް ދޫވެ އެވެ. އެ ނޫން މައްސަލައެއް ނަމަ ތާވަކެއް ވެސް ނުކޮށް އެތައް އަހަރެއް ދެމިގެން އެބަދެ އެވެ. ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާ މައްސަލަތަކެވެ. އަދި ގަސްދުއި ގޯސްކޮށް ހުކުމްކުރާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ ގޮތުން ވެސް މެންބަރުން ސުވާލު ކުރެއްވި އެވެ.

ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމެއްގައި ހިސާން ވާހަކަ ދައްކަވަނީ.--- ފޮޓޯ/މިހާރު

އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޖޭއެސްސީގެ ރައީސް އަދި ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހިސާން ހުސައިން ވިދާޅުވިގޮތުގައި، ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށް ގެންދާ ބޮޮޑެތި ޖިނާއީ މައްސަލަތަކާ ގުޅިގެން ފަނޑިޔާރުންނަށް އޮތް ނުރައްކާ ވެސް ވަނީ ވަރަށް ބޮޑުވެފައި ކަމަށެވެ. ބޮޑެތި ކުށްވެރިންނަށް ހުކުމް ކުރަން ޖެހޭއިރު ފަނޑިޔާރުންގެ އަމިއްލަ ފުރާނަ ސަލާމަތް ވާނެ ކަމާ މެދު ޔަގީން ކަމެއް ނެތެވެ. ފަނޑިޔާރުން މަސައްކަތް ކުރައްވަން ޖެހިފައި އޮތީ ބޮޑު ރިސްކެއްގެ ތެރޭގައި ކަމަށް ހިސާން ވިދާޅުވި އެވެ.

"އެކްސްޓްރީމިޒަމާއި ޓެރަރިޒަމް އަދި މަސްތުވާތަކެތީގެ ގިނަަ މައްސަލަތަކެއް ކޯޓުގައި ހިނގާއިރު ފަނޑިޔާރުންނަށް އަނބިދަރިންނާ އެކީ މަގުމަތީ ނޫޅެވޭ މިންވަރަށް ތްރެޓް އެބަ ލިބޭ،" އޭނާ ވިދާޅުވި އެވެ.

ފަނޑިޔާރުންނަށް އަނބިދަރިންނާ އެކީ މަގުމަތީ ނޫޅެވޭ މިންވަރަށް ތްރެޓު އެބަ ލިބޭ"--- ހިސާން

ހިސާން ވިދާޅުވިގޮތުގައި، މާފަންނުން ލޯކަލް މާރުކޭޓް ސަރަހައްދުގައި ހުންނަ ކްރިމިނަލް ކޯޓުގެ އިމާރާތުގެ ގޭޓު މަތިން މީހުން އަރައިގެން ދާ މައްސަލަތައް ވެސް ދިމާވެފައި އެބަހުއްޓެވެ. ކޯޓަށް ވަދެ ނުކުންނަނީ ކޮން ވެހިކަލެއް ކަމެއް ނުބަލަ އެވެ. ބެލޭނެ ގޮތެއް ވެސް ނޯވެ އެވެ.

"ހަގީގަތުގައި ދަންނަވާ ނަމަ ކޯޓުތަކުގެ ސެކިއުރިޓީއެއް އެންޝުއާއެއް ނުކުރެވޭ ދައުލަތެއްގެ ގޮތުގައި. އެއީ އެންމެން ވިސްނައިގެން އަޅަން ޖެހޭ ފިޔަވަޅެއް،" ޖުޑިޝަރީ ކޮމިޓީގެ ވެސް މެމްބަރު ހިސާން ވިދާޅުވި އެވެ.

ކޯޓުތަކުގެ ގާނޫނު ބުނާ ގޮތުން ސެކިއުރިޓީ ބެލެހެއްޓުމުގެ ޒިންމާ ހަވާލު ކޮށްފައި އޮންނަނީ ފުލުހުންނާ އެވެ.

ކްރިމިނަލް ކޯޓުގެ މިހާރު ބައެއް ފަނޑިޔާރުންނާއި ކުރީގެ ބައެއް ފަނޑިޔާރުން.---ފައިލް ފޮޓޯ: މިހާރު

އެ މުއައްސަސާ އަށް ކޯޓުތަކުގެ ދޮރުމަތީގައި ފުލުހަކު ބަހައްޓަން ވެސް ދައްޗެވެ. މާލޭގެ ކޯޓުތަކުގެ ސެކިއުރިޓީ އެކަށީގެންވާ ވަރަށް ބެލެހެއްޓޭނެ ވަސީލަތްތަކެއް ނެތް ކަމުގެ ޝަކުވާ ފުލުހުން ކުރެ އެވެ.

"މާލޭ ކޯޓުތަކުގެ ސެކިއުރިޓީ ބަލަހައްޓަނީ ފުލުހުންނެއް ނޫން. އެ ބޭފުޅުން ވިދާޅުވަނީ އެކަށީގެންވާ ރިސޯސަސްއެއް ނެތޭ ގޭޓްތައް މެނޭޖް ކުރާކަށް. ޕެޓްރޯލް ކާރު ޕެޓްރޯލް ކޮށްދޭނެ ކަމަށް ފުލުހުން ބުނަނީ،" ހިސާން ވިދާޅުވި އެވެ.

މެޖިސްޓްރޭޓްތަކުގެ ހާލަތު އަދި މާ ގޯސް!

ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކުގައި ވެސް މިހާރު ހިނގަނީ ކުދި މައްސަލަތަކެއް ނޫނެވެ. ކްރިމިނަލް ކޯޓާ އެއްވަރެއްގެ ބޮޑެތި މައްސަލަތައް ބެލުމުގެ ބާރު އޮވެ އެވެ. އަދި ނުރައްކާތެރި ބޮޑެތި ކުށްވެރިން ހާޒިރުކޮށް، މައްސަލަތައް ބަލަން ޖެހެ އެވެ.

އެކަމަކު، އެއިން ކޯޓް ރޫމެއްގެ ހާލަތު ހުރި ގޮތް މެމްބަރުންނަށް ސިފަ ކޮށްދެއްވަމުން ހިސާން ވިދާޅުވިގޮތުގައި، ގާޒީ އިންނަވަނީ ދައުވާ ލިބޭ މީހާ ބޭނުން ނަމަ ގާޒީ އަށް ހަމަލައެއް ދެވޭހާ ކައިރީގަ އެވެ. ކޯޓް ރޫމް އެހާ ކުޑަ އެވެ. ނަމަވެސް އެއްވެސް ސެކިއުރިޓީ އެއް ނުތިބޭތާ ގިނަ ރަށްރަށުގައި ފުލުހުން ވެސް ނުތިބެ އެވެ. ކިތަންމެ ނުރައްކާތެރި މީހަކަށް ހުކުމް ކުރަން ވިޔަސް ރައްކާތެރިކަމެއް ނޯވެ އެވެ.

"އެކްސްޓްރީމިޒަމް ފެތުރިފައި އޮންނަ ރަށްރަށުގައި މި މައްސަލަތައް ވަކިން ހާއްސަކޮށް ބޮޑު،" ހިސާން ވިދާޅުވި އެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އައިޝަތު ރިޒްނާ ވިދާޅުވީ، މެޖިސްޓްރޭޓް ކޯޓުތަކުގެ ގާޒީީންނަށް ސީރިއަސް ހާދިސާތައް ކުރިމަތިވެފައިވާ ކަމަށެވެ.

މެޖިސްޓްރޭޓުން މަގުމަތީގައި ހިންގަވާފައި ވަޑައިގަންނަވަނިކޮށް، ވެހިކަލްތަކުގައި ގޮސް ގައިގައި ޖަހައި ބޮޑެތި އަނިޔާ ދޭން މަސައްކަތް ކުރެ އެވެ. ރޭގަނޑު ބޭރަށް ނުކުމެވަޑއިގަންނަވާ ވަގުތު ގްރޫޕުތައް ގޮސް ޖިސްމާނީ ގެއްލުން ދޭން އުޅެ އެވެ. ބައެއް މެޖިސްޓްރޭޓުން ދިރިއުޅުއްވާ ގޭގެ ދޮރަށް ކަތިވަޅި ޖަހާފައި ހުންނަ ކަމަށް ވެސް ރިޒްނާ ވިދާޅުވި އެވެ.

ޖަލުން ސަލާމަތްވެ ނުކުމެ ވެސް ހަމަ އެ ގާޒީންނަށް މާލެތެރެއިން ވެސް އިންޒާރުދީ ހަދާ. ސެކިއުރިޓީއަކީ ސީރިއަސް އިޝޫއެއް،" -- ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު

ފަނޑިޔާރުންނަށް މަސައްކަތު މާހައުލާ ހެދި އޮންނަ ނުރައްކާ ކިތަންމެ ބޮޑަސް ސެކިއުރިޓީ ދިނުމުގައި ދައުލަތް ވަނީ ނުކުޅެދިފަ އެވެ. އެކަމަކު، އެންމެ ކުޑަމިނުން ދަށު ކޯޓުތަކުގެ ފަނޑިޔާރުންނަށް ދޭ ރިސްކް އެލަވަންސްތައް ކުޑަވުމުގެ ޝަކުވާތައް ވެސް އެ ބޭފުޅުން ނުކުރައްވަ އެވެ.

"ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް މި ދެނީ ޑްރަގް ކޯޓުގެ ވެސް ފަނޑިޔާރުންނަށް ދޭ ވަރުގެ ރިސްކް އެލަވަންސެއް. އެއީ އެހާ ހަމަޖެހޭ އުސޫލެއް ނޫން. ފަނޑިޔާރުންގެ ކަންބޮޑުވުން އޮތް މައްސަލައެއް،" ފޮނަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މޫސާ ސިރާޖު ޖުޑިޝަރީ ކޮމިޓީގައި ވިދާޅުވި އެވެ.

ފަނޑިޔާރުގެ މިނިވަންކުރުމާއި ޝަރުއީ ދާއިރާ އިސްލާހުކޮށް، އިންސާފު ހޯދައި ދިނުމަކީ މި ސަރުކާރުގެ އެންމެ ބޮޑު ވައުދަކަށް ވާއިރު، އެކަން ކުރުމަށް ކުރަން އޮތް ހަމައެކަނި ކަމަކީ ސިޔާސީ ނުފޫޒު ނުވަންނަ ގޮތް ހެދުމެއް ނޫނެވެ. ފަނޑިޔާރުންނަށް ރައްކާތެރިކަން ކަށަވަރު ކުރުމާއި ކުރާ ހުކުމަށް އަސަރު ނުކުރާނެ ވަރަށް ރައްކާތެރިކަން ފޯރު ކޮށްދޭން ޖެހެ އެވެ. ނަމަވެސް މުޅި ދައުލަތުން އެ ކަމެއް ކޮށް ނުދެވޭކަން ކަމާ ގުޅުން ހުރި ބޭފުޅުންގެ ވާހަކަތަކުން ވަރަށް ސާފެވެ. ދައުލަތް ވަނީ ނުކުޅެދިފަ އެވެ.

7 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޗޮސްބެ

19 February 2022

ފަނޑިޔާރުންނަށާ ޑަރަގް ޑިލަރުންނަށް ސިކިޔުރިޓީ އެއްވަރަށް ބޭނުންވާނެ. އެއީ ވަރަށް ގާތް ދެ ރައްޓެހިން.

The name is already taken The name is available. Register?

ސީޕީ

17 February 2022

ދެހާ ހެއް ހާ ފުލުހުން ބެރަކް ތަކުގައި ކާން ދީފައި ބޮޑު މުސާރަ ދީފައި ނިންދަވަން ބޭތިއްބުމުގެ ބޭނުމަކީ ކިބާތޯ ؟ . ފުލުހުންގެ މުއައްސަސާ އަށް ދައުލަތުން ކުރާ ބޮޑު ޚަރަދު ކޮންމެވެސް އެހެން ކަމަކަށް ކުރިއްޔާ މާ ރަނގަޅުވާނެ.

The name is already taken The name is available. Register?

އެއްކަލަރޮނގު

17 February 2022

ރަތްރޮނގު ދަމާލަބަލަ ކޯޓު ކައިރީގައާ ފަނޑިޔާރުންގެ ގޭގޭ ކައިރީ. އެކަމު މާރުކޭޓު ދޮށުގަ ކްރިމިނަލް ކޯޓު ހެދި މީހަކަށް ހަމަ ސަލާމް.

The name is already taken The name is available. Register?

ވަހުތާން

17 February 2022

ކިރިޔާވެސް ހަމަ މަސައްކަތެއް މިއޮތީ ކުރިމިނަލް ކޯޓާއި ސިވިލް ކޯޓާއި 10 ވަރަކަށް މ. ކޯޓްގަ، މާލޭގައި ހުރި ގިނަ ކޯޓް ތަކުގައި މަސައްކަތާއި ނުބައްދަލު ގިނަ ގާޟީން ތިބިއިރު އެއް މިންގަނޑަކުން މިކަންކަން ވަޒަންކުރަން ޖެހޭނެ ނޫންތޯ؟ ގިނަ ބަޔަކަށް ސެކިއުރިޓީ ދޭންވެސް އުނދަގޫވާނެ! ދަޢުލަތަކަށްވެސް ކުރެވޭނީ އެކަށީގެންވާ ވަރަކަށްް. ހުކުމް ކުރާ ދުވަހުނޫން އަނެއް ދުވަހު އެމީހުން މުޖުތަމަޢަށް ދޫވަންޏާ ކޮބާ ތަޙުގީގާ ޙުކުމުގެ ބޭނުމެއް! ހައްތާވެސް ބޮނޑެތި ބާގަނ

The name is already taken The name is available. Register?

ދިއްދޫމީހާ

17 February 2022

މީގެ ކުރިން ހިސާންމެން ޕޯޑިޔަމް ތަކުގާ ކީކޭބާ ކީ؟؟ ފަނޑިޔާރުން ހުކުމް ކުރިޔަސް ރައީސްއޮފީހުގަ އޮންނަ ކްލައިމެންސީ ބޯޑުން މީހުން ދޫކުރަންޔާ ފަނޑިޔާރުންނާ ކޮންބެހޭކަމެއްތޯ؟؟ ފަނޑިޔާރުން ހުކުމް ނުކޮއްގެންތައް ހޯރަ އިއްބެ ދޫކޮއްލީ؟؟ ޑްރަގު ބޮޑުން ލާރި ނަގޭގެން ޖަލުން ނެރެނީ ފަނޑިޔާރުންގެ މައްސަލަތޯ؟؟ ޤާޒީ ހަސަން ސައީދުގެ ސުލޫކީ މައްސަލަ ނުބަލަން ހިސާންމެން ތިޔަ އުޅެނީ ކޯންޗެއް ފޮރުވަންތޯ؟؟

The name is already taken The name is available. Register?

ޣައްމާޒު

17 February 2022

ނާތަހުޒީބު ގައުމަކަށް ހުޅަނގުގެ ޑިމޮކްރެސީ ގެނައިމަ ހުރިހާ ނޮހޮރުއްޕާނެއް ޖެހޭނީ ރައްޔިތުންނަށް. މިއަދު މިފެންނަނީ އެތަން.

The name is already taken The name is available. Register?

އަތްޖަހާ

17 February 2022

ތިހުރިހާވފަނޑިޔާރުންނަށް ސެކިއުރިޓީ ދީ ކޯޓް ރޫމް ބޮޑުކޮށް ހަދާ ނިމޭ އިރު އާންމު ރައްޔިތުންނަށް އޮތީ ކޯޗެއް. ބައެއް ރަށްރަށުގެ ގާޒީންނަކީ ހަފްތާ އަކު އެންމެ މައްސަލައެއްވެސް ބަލަން ޖެހޭމީހުންނެއް ނޫން. އެކަމު އެ ކޯޓްވެސް ވަރަށް ބޮޑުވާންޖެހޭނެ. އަތްދަށު 10 މީހުން ތިބެން ޖެހޭނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454