މަޖިލީހުގެ ޖަލްސާއެއް ތެރެއިން: ސައީދު ހުށަހެޅި މައްސަލަ ފާސްކޮށްފި-- ފޮޓޯ/މަޖިލިސް
29 މާޗް 2022 - 12:22
ލ. ގަން ރީޖަނަލް ހޮސްޕިޓަލްގެ ފެންވަރު ދަށްވެ އެކަށީގެންވާ ވަރަށް ހިދުމަތް ނުލިބޭތީ ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ހުށަހެޅުއްވި މައްސަލަ ބަލައިގަންނަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ސައީދު ހުށަހެޅުއްވި މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ 18 މެމްބަރުންނެވެ. އަދި އެ މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް 16 މެމްބަރަކު ވޯޓު ދެއްވި އެވެ. އެންމެ ދެ ވޯޓުގެ ތަފާތުން އެ މައްސަލަ ފާސްވި އެވެ. އަދި އެ މައްސަލަ ދިރާސާ ކުރުމަށް އިޖްތިމާއީ ކޮމިޓީ އަށް ފޮނުވަން ރިޔާސަތުން ވަނީ ނިންމަވައިފަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ސައީދުގެ ގަރާރުގައި ވިދާޅުވީ، ގަމު ރީޖަނަލް ހޮސްޕިޓަލުގައި ޓާޝަރީ ފެންވަރަށް ހިދުމަތް ދޭން ސަރުކާރުން ނިންމައި އެ ކަމަށްވަކި ބޯޑެއް ކަނޑައަޅައި ލ. އަތޮޅުގެ 10 ރަށުގައި ހުރި ސިއްހީ މަރުކަޒުތަކުން މވައްޒަފުން ވެސް ބަދަލުކޮށްފައިވާ ކަމަށެވެ.
ނަމަވެސް އެ ހޮސްޕިޓަލުން ދޭ ހިދުމަތްތަކުގެ ފެންވަރު ދުވަހެއް ދުވަހަކަށް ދަށްވަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށާއި ޓާޝަރީ ހިދުމަތްތައް ގާއިމު ނުކުރެވި، ބަލިމީހުންގެ ފުރާނަ އަށް ނުރައްކާވާ ފަދަ ހާދިސާތައް ފަރުވާކުޑަކަމާއި ހިންގުން ދޯދިޔާ ވުމުން ހިނގާފައިވާ ކަމަށް ގަރާރުގައިވެ އެވެ.
ސައީދު ވިދާޅުވިގޮތުގައި، ކޮންމެހެން ތިބެން ޖެހޭ ޑޮކްޓަރުން ނެތް އިރު، ގިނަ ޓެސްޓުތައް ވެސް ހެއްދޭނެ ގޮތެއް ލ. ހޮސްޕިޓަލުގައި ނެތެވެ. ހޮސްޕިޓަލް އިމާރާތް ވެސް މަރާމާތު ނުކުރުމުގެ ސަބަބުން ހަލާކުވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މައްސަލާގައި ވާހަކަ ދައްކަވަމުން ސައީދާއި އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ އެކަމަށް ބަހުސް ކުރަން ވެސް ވޯޓު ދޭން ދެކޮޅު ހެއްދެވި މެމްބަރުންނަށް ފާޑު ކިޔައިފަ އެވެ. އެއީ ހަމައެކަނި ލ. އަތޮޅު ހޮސްޕިޓަލްގެ މައްސަލައެއް ނޫން ކަމަށާއި ވަރަށް ގިނަ ދާއިރާތަކުގެ ހޮސްޕިޓަލްތަކުގެ ފެންވަރު ދަށް ކަމަށް މެމްބަރުން ފާހަގަ ކުރެއްވި އެވެ.
ސަރުކާރަށް ތާއީދު ކުރާ މެމްބަރުން ވަނީ އެކަން ދިފާއު ކުރައްވާ މި ސަރުކާރުން ސިއްހީ ދާއިރާ އަށް ކުރަމުން އަންނަ ކަންކަމަށް ތައުރީފް ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބޮޑުމީހާ
29 March 2022
މިވަގުތު ހުރި ރައީސްގެ މިސާލަކީ ހުންގާނުނެއް ދޯންޏެއް ފަދަ މިސާލެއް. މިއަށްވުރެ ބޭކާރު 5 އަހަރު މިގައުމަށް ނާދޭ
އޮނަރަބްލް އަފީފު ދީދީ
29 March 2022
ލ.އަތޮޅު ގުޅިފައިވާ ރަށްތަކަކީ މުސްތަޤުބަލުގައި ދިވެހިރާއްޖޭގެ ވެރިރަށް ކަމަށް ވެގެންދާނެ. އެހެންކަމުން ގަމު ހޮސްޕިޓަލްގެ ކަންކަން ރަނގަޅު ކުރުމުގެ އިތުރުން އިންޑިޔާ ސަރުކާރުން ލ.އަތޮޅުގައި އަޅާދޭ ކެންސަރު ހޮސްޕިޓަލްގެ މަސައްކަތް ވެސް އިންޑިޔާ ސަރުކާރާއި ވާހަކަ ދައްކައިގެން އަވަސް ކުރެވޭތޯ ބެލުމަކީ މަޖިލީހުން ކުރާންޖެހޭ ކަމެއް. # މާލޭ ރައްޔިތުނަށް ދިމާވެފައިވާ ގޯތިގެދޮރުގެ މައްސަލަ ހައްލުކުރެވޭނެ އެންމެ ރަނގަޅުގޮތަކީ ވެރިރަށް ލާމަށް ބަދަލުކުރުން.
މޮޔަވީތަ.
29 March 2022
މީނާ ހާދަ ވަރަކަސް މާލެއިން ވެރިކަން ބޭރު ކުރެވޭތޯ އެބައުލެއޭދޯ ؟ މޮޔަނުވެބަލަ. ވެރިކަމަކީ ރާއްޖެތެރޭގެ ރަށެއްގައި ކުރެވޭނެ ކަމެއްނޫން. ވެރިކަން ކުރެވޭނީ މާލެފަދަ ކުޅަނދު ހަމަވާ މީހުން ތިބި ތަނެއްގައި.