13 އަހަރަށް ޖަލަށް ލުމަށް ހުކުމްކުރި މިސްރުގެ ޓިކްޓޮކް ތަރި.
19 އެޕްރީލް 2022 - 07:26
ހިއުމަން ޓްރެފިކިންގެ މައްސަލައެއްގައި ކުށް ސާބިތުވެ، މިސްރުގެ މަޝްހޫރު ޓިކްޓޮކް ތަރިއެއް 13 އަހަރަށް ޖަލަށް ލުމަށް އެ ގައުމުގެ ކޯޓަކުން އިއްޔެ ހުކުމްކޮށްފި އެވެ.
ހަނީން ހޮސަމް ކިޔާ 20 އަހަރުގެ އެ އަންހެން މީހާ އަށް ތުހުމަތުކުރީ ވީޑިއޯ ޝެއާކުރާ "ލައިކީ" ކިޔާ ޕްލެޓްފޯމެއްގައި އަންހެން ކުދިންތަކެއް ލައްވާ ބޭއަދަބީ ވީޑިއޯތައް ހަދައި، އޭގެން މާލީ މަންފާ ހޯދުމެވެ. އަދި މިސްރުގެ އާންމު އިޖުތިމާއީ އުސޫލުތަކާ ހިލާފަށް އަންހެން ކުދިން ބޭނުންކުރުމުގެ ތުހުމަތެވެ.
އެކަމަކު، ހަނީން އެ ތުހުމަތުތައް ދޮގުކުރި އެވެ.
މިސްރުގެ ބައެއް ސޯޝަލް މީޑިއާ އެކްޓިވިސްޓުން ވެސް ބުނާ ގޮތުގައި ހަނީނަށް އެ ތުހުމަތުކުރީ، އެ ގައުމުގައި ސޯޝަލް މީޑިއާގައި ބާރުގަދަ އަންހެނުނަށް ހުރަސްއެޅުމުގެ ގޮތުން ކަމަށެވެ. ހަނީންގެ އިތުރުން، 2020 ވަނަ އަހަރު ފެށިގެން ސޯޝަލް މީޑިއާގައި ނުފޫޒުގަދަ އެ ގައުމުގެ 11 އަންހެނަކަށް ތަފާތު ތުހުމަތުތައް ކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.
What does it mean for an Egyptian court to convict TikTok vlogger Haneen Hossam on "human trafficking" charges?
— Mai El-Sadany (@maitelsadany) April 18, 2022
It means that the justice system is criminalizing what influencers globally do every day when they invite others to work with them and monetize TikTok activity.
ކެއިރޯ ޔުނިވާސިޓީގައި ކިޔަވަމުން ދިޔަ ހަނީން މަޝްހޫރުވީ އޭނާ ނަށާއި އަދި ލިޕް ސިކްކުރުމަށް ފަހު، ޓިކްޓޮކަށް ލައިފައި ހުންނަ ވީޑިއޯތަކުންނެވެ. އޭނާގެ ޓިކްޓޮކްގައި 1.2 މިލިއަނަށް ވުރެ ގިނަ ފޮލޯވާސް ތިބެ އެވެ.
ހަނީން އެންމެ ފުރަތަމަ ހައްޔަރުކުރީ އެޕްރީލް، 2020 ގަ އެވެ. އެ އަހަރު ޖޫން މަހުގައި ހަނީން އާއި އިތުރު އަންހެން ޓިކްޓޮކް ސްޓާރެއް ކަމަށްވާ އަދާމް، ދެ އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށް، 300،000 ޕައުންޑުން ޖޫރިމަނާކުރި އެވެ. އެކަމަކު މިދިޔަ އަހަރު ޖެނުއަރީގައި އެމީހުނަށް އިއްވި ޖަލު ހުކުމް އިސްތިއުނާފުކުރި އެވެ.
ހަނީން އާއި އަދާމްގެ މައްޗަށް އަނެއްކާ ވެސް ހިއުމަން ޓްރެފިކިންގެ ތުހުމަތުކުރީ، އެ ހުކުމް އިސްތިއުނާފުކުރި ފަހުންނެވެ. އެ މައްސަލައިގައި ހަނީންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމައި، އޭނާ 10 އަހަރަށް ޖަލަށް ލުމަށް ހުކުމްކުރީ މިދިޔަ އަހަރު ޖޫންގަ އެވެ. އެކަމަކު، އަދާމް އަށް އިއްވީ ހަ އަހަރުގެ ޖަލު ހުކުމެކެވެ. ހަނީންގެ އަދަބު ބޮޑުވީ ހުކުމް އިއްވި ދުވަހު އޭނާ ކޯޓަށް ހާޒިރުނުވުމުންނެވެ.
އެ ހުކުމް އިއްވިފަހުން އޭނާ އަށް ދެވަނަ ފުރުސަތެއް ދީ އަލުން ޝަރީއަތްކުރުމުން ވެސް ނާކާމިޔާބުވި އެވެ. އަދި ކުރިން އިއްވި 10 އަހަރާ އެކު، އިތުރު ތިން އަހަރަށް އޭނާ ޖަލަށް ލުމަށް ހުކުމްކޮށް، 200،000 ޕައުންޑުން ޖޫރިމަނާކުރި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy