މީހަކު ބާޒާރުކޮށްގެން ދަނީ: ފޭކް ސްލިޕް ފޮނުވުމަށްފަހު އޮޅުވާލައިގެން މުދާ ހޯދަމުންދިޔަ މީހަކު ހަ އަހަރަށް ޖަލަށްލާން ވަނީ ހުކުމްކޮށްފައި --- ފޮޓޯ/މިހާރު
11 އޯގަސްޓް 2022 - 18:50
ފައިސާ ފޮނުވި ކަމަށް ބުނެ ތަކުރާރުކޮށް، ފޭކް ސްލިޕް ފޮނުވައިގެން 7،000 އަށް ވުރެ ގިނަ ރުފިޔާގެ މުދާ އެކި ފަހަރު މަތިން ހޯދި މީހަކު ހަ އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ހއ. ދިއްދޫ ވިނޯލިޔާ، އިބްރާހިމް ހަލީލްގެ މައްޗަށް ދައުލަތުން 14 ދައުވާއެއް ކުރީ މިދިޔަ ޖެނުއަރީ މަހު މާލޭގެ ފިހާރައަކުން އެކި ފަހަރު މަތިން މުދާ ނެގުމަށް ފަހު، ފައިސާ ދެއްކި ކަމަށް ބުނެ ފޭކް ސްލިޕްތަކެއް ފޮނުވާފައިވާތީ އެވެ. އޭނާ މުޅިން ވެސް ހޯދާފައިވަނީ ކާބޯތަކެއްޗާއި އާންމު ދިރިއުޅުމަށް ބޭނުންވާ ސާމާނެވެ.
އެނގި ހުރެ އެހެން މީހެއްގެ މުދަލަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ހަތް ދައުވާ އަކާއި އެނގި ހުރެ ސައްހަ ނޫން ލިޔުމުގެ ތެދުކަން ދެއްކުމުގެ ހަތް ދައުވާއެއް އޭނާގެ މައްޗަށް ދައުލަތުން ކުރި އެވެ. އެ ހުރިހާ ދައުވާތަކަށް އޭނާ ކޯޓުގައި އިއުތިރާފުވި އެވެ.
ހުއްދަ ނޫން ގޮތުގައި މުދަލަށް ބާރު ހިންގުމުގެ ކުށުގައި ކޮންމެ ދައުވާއަކަށް ކޯޓުން އޭނާގެ މައްޗަށް އިއްވީ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ. އަދި ސައްހަ ނޫން ލިޔުމުގެ ތެދުކަން ދެއްކުމުގެ ހަ ދައުވާއަކަށް ވަކިވަކިން ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އިއްވިއިރު ބާކީ އޮތް ދައުވާގައި އިއްވީ ހަ މަހާއި 29 ދުވަހުގެ ޖަލު ހުކުމެކެވެ. އެގޮތަށް އަދަބު ކަނޑައެޅުމުން ހަލީލުގެ ޖަލު ހުކުމުގެ މުއްދަތު ހަ އަހަރަށް ވުރެ ދިގުވެ އެވެ.
ފޭސް ސްލިޕް ފޮނުވައިގެން މުދާ ހޯދުމުގެ މައްސަލަތައް ވަރަށް ގިނައިން ފެންމަތިވެ އެވެ. އަދި ބައެއް މީހުންނަށް ދައުވާ ވެސް ކޮށްފައިވެ އެވެ. އެކަމަކު މިއީ ތަކުރާރުކޮށް އެކަން ކުރި މީހެއްގެ މައްޗަށް މިހާ ގިނަ ދައުވާކޮށް، އަދަބު ކަނޑައެޅި ފުރަތަމަ ފަހަރެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަނޫ
13 August 2022
ބަލަ ބޭންކުން ވެއްޖެއެއްނު ޓްރާންސްފާރ ކުރީމަ ލިބޭމީހާ އަށް އެސްއެމްއެސް އަކުން ވިޔަސް ލިބިއްޖެކަން އިނގޭގޮތަށް ނޮޓިފިކޭޝަން އެއްވިޔަސް ފޮނުވަން އޭރުން ތިކަން ހައްލުވީ
ބަން
14 August 2022
އޭރުން ބެންކުގަ މިކަން ހިނގާ ކުދިންނަ ގެއްލުން ވާނެ. އެހެން ހުރިހާ އެޕަކުން ނޯޓިފިކޭޝަން ލިބޭ. ބެންކު އެޕްއިން ނުލިބޭ. އެމް.އެމް.އޭ ގެ ވެސް ލައިގެން ބޮޑު ޗެއިން އެއް އެބައްއޮތް
ލާމަސީލު
11 August 2022
ތިކަހަލަ މީހުންގެ ފޮޓޯ އާއްމު ނުކުރާތީ ހައިރާންވަން.