ޚަބަރު / އޭލެވެލް އިމްތިހާން

އޭ ލެވެލްގެ ސިލަބަހަށް ގެނައި ބަދަލު ޕްރިންސިޕަލުންނަށް ކަމުދޭ

މެއި/ޖޫން، 2019ގެ މަތީ ސާނަވީ އިމްތިހާނުން އެންމެ މޮޅު ދަރިވަރުންނަ އިނާމު ދިނުމަށް މިދިޔަ އަހަރު ބޭއްވި ރަސްމިއްޔާތުގައި އޭ ލެވެލްގައި ދުނިޔެއިން އެއް ވަނަ ހޯދި ދަރިވަރުންތަކަކާއިއެކު، ރައީސް އިިބްރާހިމް މުހައްމަދު ސޯލިހާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ފޮޓޯއަކަށް ހުއްޓިލައިގެން.-- ފޮޓޯތައް: ފަޔާޒު މޫސާ / މިހާރު

އޯ ލެވެލްގައި ދަރިވަރުން ހޯދަމުން އަންނަ މަތީ ނަތީޖާއާ އެކު އެއްބަޔަކު ސުވާލު އުފެއްދީ ކެމްބްރިޖު އިމްތިހާނުގެ ފެންވަރާ މެދުގަ އެވެ. އެހެންވެ، އެ ސިލަބަސް ބަދަލުކުރުމަށް ވެސް ގޮވާލި އެވެ. މި ވިސްނުމުގައި ތިއްބައި، އެޑިއުކޭޝަން މިނިސްޓްރީން ވަނީ އޭ ލެވެލްގައި މިހާތަނަށް ހަދަމުން ދިޔަ އެޑެކްސެލް ޓެސްޓުގެ ބަދަލުގައި ކެމްބްރިޖު ސިލަބަހަށް ކިޔަވައިދޭން ނިންމައި އެކަން މިއަދު އިއުލާނުކޮށްފަ އެވެ.

މިއީ، އޭ ލެވެލް އަށް ކިޔަވައިދޭ ސްކޫލުތަކުގެ ޕްރިންސިޕަލުން ވިދާޅުވި ގޮތުގައި ރަނގަޅު ބަދަލެކެވެ.

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ ޕްރިންސިޕަލް ސައީދު އަހުމަދު ވިދާޅުވި ގޮތުގައި އޭ ލެވެލްގެ ސިލަބަސް ބަދަލުކުރުމަށް ޕްރިންސިޕަލުންނާ އެކު މިނިސްޓަރު ޑރ. އައިޝަތު އަލީ އިސްވެ ހުންނަވައި ވަރަށް ގިނަ ބައްދަލުވުންތައް ބޭއްވި އެވެ.

ފާއިތުވި އެއް އަހަރުގެ ތެރޭގައި، އެކި ދުވަސްތައް މަތިން ބޭއްވި ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންނެވި ގިނަ ޕްރިންސިޕަލުން ވެސް އިއްތިފާގުވީ، ސައީދު ވިދާޅުވި ގޮތުގައި، ސިލަބަސް ބަދަލުކުރުމަށެވެ.

އޭނާ ވިދާޅުވީ އެއް ބޯޑެއްގައި އިމްތިހާނު އޮތުން ވަރަށް މުހިއްމު ކަމަށެވެ. އޭގެ ފައިދާ ދަރިވަރުންނަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެޑެކްސެލް އޭ ލެވެލް އަދި ކެމްބްރިޖު އޭލެވެލްގެ ފެންވަރުގައި ތަފާތެއް ނުހުންނާނެ. މި ބަދަލުން ދަރިވަރުންނަށް ވެސް ފަސޭހަވާނެ،" ސައީދު ވިދާޅުވި އެވެ.

"ކެމްބްރިޖު ނިންމާފައި ރަނގަޅު ނަތީޖާ ހޯދާ ކުދިންނަށް އެބަ އުނދަގޫތައް ދިމާވޭ މުގައްރަރުގައި ހުންނަ ތަފާތުތަކާ ހެދި. އަޅުގަނޑު ވަރަށް ތާއިދުކުރާ ކަމެއް މިއީ [ކެމްބްރިޖަށް ސިލަބަސް ބަދަލުކުރުމަކީ]،" އޭނާ ވިދާޅުވި އެވެ.

"އެއް އެގްޒާމް ބޯޑެއް ވީމާ ސިލަބަސް އިންނާނީ ގްރެޖުޑުއަލީ މަތިވެފައި. ފެންވަރު ދަށްވާނެއެކޭ ނުބުނެވޭނެ،"

އައްޑޫ ހައި ސްކޫލުގެ ދަރިވަރުންތަކެއް އޭ ލެވެލް އިމްތިހާނު ހަދަނީ.

ސައީދު ވިދާޅުވި ގޮތުގައި އެޑެކްސެލްގައި އިދާރީ ގޮތުން ކުރަންޖެހޭ ކަންތައްތަކުގައި، ކެމްބްރިޖަށް ވުރެ އުނދަގުލެވެ. އިނގިރޭސިވިލާތުގައި ހިންގާ ކެމްބްރިޖުގެ މައި އޮފީހާ ސީދާ ވާހަކަދެއްކުނަސް، އެޑެކްސެލްއާ ގުޅޭ ކަންކަމުގައި މުއާމަލާތްކުރަން ޖެހެނީ ސްރީ ލަންކާގައި އުންނަ އޮފީހެއް މެދުވެރިކޮށެވެ.

އެކަމަކު، އޭ ލެވެލް ވެސް ކިޔަވައިދޭ ސްކޫލެއްގެ ޕްރިންސިޕަލަކު ވިދާޅުވީ، އެޑެކްސެލްއަށް ވުރެ ކެމްބްރިޖުގެ މާކިން ސިސްޓަމް އޮންނަ ގޮތުން ރަނގަޅު ނަތީޖާ ނަތީޖާ ހޯދަން ދަރިވަރުންނަށް ފަސޭހަވާނެ ކަމަށެވެ. ނަމަވެސް އެ ދެ ޔުނިވާސިޓީގެ ޕޭޕަރުގެ ފެންވަރުގައި ވެސް ތަފާތެއް ނުހުންނާނެ ކަމަށް އޭނާ ވެސް ވިދާޅުވި އެވެ.

"ކެމްބްރިޖުގައި މާކިން ސިސްޓަމް ހުންނާނީ ދަރިވަރުންނަށް ފޭވަ ވާނެ ގޮތަކަށް،" އޭނާ ވިދާޅުވި އެވެ.

އޭގެ މިސާލެއްގެ ގޮތުން އޭނާ ދެއްކެވީ، 2000 ގެ ކުރީކޮޅު ކެމްބްރިޖު ސިލަބަހަށް އޯ ލެވެލް އިމްތިހާނު ބަދަލުކުރުމާ އެކު ރާއްޖޭގެ ގަދަ 10 ގައި ހިމެނުނު ދަރިވަރުންގެ އަދަދަށް އައި އިތުރުވުމެވެ.

އެޑެކްސެލްއަށް ކިޔަވައިދޭން ފެށިއިރު ގަދަ 10 އަށް އެރި ދަރިވަރުންގެ އަދަދު މަދުކަން ފާހަގަކުރައްވައި، ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަދެއްކެވި ޕްރިންސިޕަލް ވިދާޅުވި އެވެ.

ރާއްޖޭގެ އެހެން ސްކޫލުތަކުގައި އެޑެކްސެލް ސިލަބަހަށް އޭ ލެވެލް ކިޔަވައިދޭން ފެށިއަސް، އައިލެންޑާސް އެޑިއުކޭޝަނުން ހިންގާ ބިލަބޮންގް އިންޓަނޭޝަނަލް ސްކޫލުގައި މީގެ 12 ވަރަކަށް އަހަރު ކުރިން އޭ ލެވެލް ފެށީ ވެސް ކެމްބްރިޖު ސިލަބަހުންނެވެ.

އެ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް އިސްމާއިލް ޝާނިމް ވިދާޅުވި ގޮތުގައި ދެ ސިލަބަހުގައި ތަފާތުތަކެއް ހުރުމުން ދަރިވަރުންނަށް އުނދަގޫވާ ކަމަށެވެ. ކެމްބްރިޖުގެ އޯ ލެވެލްއަށްވުރެ، އޭ ލެވެލްގެ ކެމްބްރިޖު ވެސް އުނދަގޫވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކެމްބްރިޖުގައި ބޮޑަށް އޮންނަނީ، ޝާނިމް ވިދާޅުވި ގޮތުގައި، ދަރިވަރުން އަމިއްލަ ވިސްނުމާއި ހުނަރު ބޭނުންކޮށްގެން ކިޔެވުމެވެ.

"އެގޮތަށް އޮތީމަ ކިޔެވުން ނިމޭއިރު ޔުނިވާސިޓީއަށް ދާން ފުރިހަމައަށް ތައްޔާރުވެފައި އޮންނާނީ. އަދި އޭ ލެވެލްއަށް ދާއިރު ވަރަށް ފަސޭހަވާނެ ޕޭޕަރު ސްޓްރަކްޗާތައް އެއްގޮތްވީމަ،" ޝާނިމް ވިދާޅުވި އެވެ.

އޭނާ ގަބޫލުކުރައްވާ ގޮތުގައި އޭ ލެވެލްގެ ސިލަބަސް ކެމްބަރިޖަށް ބަދަލުކުރުމަކީ އެ ސްކޫލުގެ ދަރިވަރުންނަށް ލިބޭނެ މޮޅެކެވެ. އެއީ؛ އޭ ލެވެލްގައި މިނިސްޓްރީން މިހާތަނަށް ވަނަ ދެމުން ދިޔައީ އެޑެކްސެލް އިމްތިހާނުގެ ނަތީޖާ އަށެވެ. އެކަމަކު، ބިލަބޮންގުގެ އޭ ލެވެލްގައި ކެމްބްރިޖަށް ކިޔަވައިދޭތީ، މަތީ ނަތީޖާ ހޯދާ ދަރިވަރުންނަށް ދެމުން ދިޔަ ރައީސްގެ ސްކޮލަޝިޕާއި ހައި އެޗީވާސް ސްކޮލަޝިޕްގެ ފުރުސަތުތައް ވެސް އެ ސްކޫލުގެ ދަރިވަރުންނަށް ލިބިފައިނުވެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގާ، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވީ އޯ ލެވެލްގައި ކެމްބްރިޖު ސިލަބަސް ކިޔެވުމަށް ފަހު އޭ ލެވެލްގައި އާ މަންހަޖަކަށް ބަދަލުވުމުގައި ދަރިވަރުންނަށް އުނދަގޫތައް ދިމާވާ ކަމަށެވެ. އޭގެ ސަބަބުން އޭ ލެވެލްގެ މެދު ތެރެއިން ކިޔެވުން ހުއްޓާލާ ދަރިވަރުން ގިނަ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.

އެހެންވެ، އެ ބަދަލު ގެނައީ އެ ހުރިހާ ކަމަކަށް ރިއާޔަތްކޮށް، ދަރިވަރުންނަށް ދިމާވާ ދަތިތައް ހައްލުކޮށްދިނުމަށް ކަމަށް އޭނާ ބުންޏެވެ.

މިނިސްޓްރީން ނިންމާފައިވަނީ އަންނަ އަހަރު ގްރޭޑް 11 އަށް ވަންނަ ދަރިވަރުންނަށް ކެމްބްރިޖް ސިލަބަސް ކިޔަވައިދޭން ފަށާށެވެ. އަދި ޖެހިގެން އަންނަ އަހަރުގެ އޮކްޓޯބަރު/ނޮވެމްބަރުގައި އެ ދަރިވަރުންނަށް ކެމްބްރިޖުގެ އިމްތިހާނު ދީ، ގްރޭޑު 12 ގެ ދަރިވަރުންނަށް 2024 ވަނަ އަހަރު އާ ސިލަބަހަށް ކިޔަވައިދޭން ފަށާނެ ކަމަށް އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުންޏެވެ.

23 ކޮމެންޓް, 16 ރިއެކްޝަންސް

icon happy icon happy 56%
icon sad icon sad 6%
icon angry icon angry 38%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސޭކުބެ

25 August 2022

ކޮންމެ ބޭފުޅަކު ކޮންމެ އެއްޗެކޭ ވިދާޅުވިއަސް ކެމްބްރިޖް ސިލަބަހާ އެޑެކްސެލް ސިލަބަސް ބޮޑުތަނުން ތަފާތު. އެޑެކްސެލް އޯލެވެލްވެސް އަދި އޭލެވެލްވެސް ފެންވަރުމަތި އަދި އިމްތިހާނުވެސް އުދަގޫ. އެޑެކްސެލް ގްރޭޑް 9 ގެ ފެންވަރު ކެމްބްރިޖް ގްރޭޑް 10 އަކާ އެއްވަރު. މީ ހަޤީގަތް.

The name is already taken The name is available. Register?

ސިކުނޑި

24 August 2022

ހިތަށް އަރާ ރާއްޖޭގައި ކޮން ދުވަހަކުންބާއޭ ދިރާސާތައް ހަދައި އޭގެ އަލީގައި މިފަދަ ބޮޑެތި ބަދަލުތައް އެދެވޭގޮތެއްގައި ގެންނަން ފަށާނީ! ތައުލީމީ މަންހަޖާއި ކިޔަވައި ދިނުމުގެ ވައްޓަފާޅިއާއި ސަގާފަތް އަދި އިމްތިހާނު ކުރެވޭގޮތްތައް ހިތުހުރިހާ ގޮތަކަށް ބަދަލު ކުރުމަކީ އެހާ ރަނގަޅު ކަމެއް ކަމަކަށް ނުވިސްނޭ!

The name is already taken The name is available. Register?

މުސާރަ ޕުރިންޓޭ

24 August 2022

މުސާރަ ބޮޑުކުރީ ޔޭސް ޖަހަން

The name is already taken The name is available. Register?

އެދުރުކަލޭގެފާނު

24 August 2022

ބެލެނިވެރިންނަށް ދަންނަވާލަން އޮތީ ތިޔަބޭފުޅުން ދަރިން ސުކޫލަށް ފޮނުވާ ނިޔަތް ބަދަލުކުރާށެވެ. ޓީޗަރުންނަށް ދަންނަވާލާނީ ތަޢުލީމު އުނގަނައިދިނުމުގެ ނިޔަތް ބަދަލުކުރާށެވެ. ބެލެނިވެރިން ސުކޫލަށް ދަރިން ފޮނުވަންވީ ކިޔަވާކަަށެއް ނޫނެވެ. ނަމަވަސް ކިޔަވަންވީގޮތް ދަސްކުރާށެވެ. ޓީޗަރުންވާންވީ ކުދިންނަށް ކިޔަވާގޮތް ދަސްކޮށްދޭ ބަޔަކަށެވެ. ކިޔަވާނީ ކުދިންނެވެ. އެދުރުން ވާންވީ ސަރުކާރުން ގެންނަ މިފަދަ ދިރާސާނެތްބަދަލު ޕްރޮމޯޓް ކުރާބަޔަކަށް ނޫނެވެ.

The name is already taken The name is available. Register?

ކޮތަރުގެވެރިމީހާ

24 August 2022

ލިޔުމުގެ ކޮމެންޓަށް ބަލާލުމުން އެނގެނީ މިސަރުކާރުވެސް އަދި ކުރީ ސަރުކާރުވެސް މިއީ ރައްޔިތުންގެ ބަސްވިކޭ، ރައްޔިތުންނަށް ހެޔޮއެދޭ، އަދި ރައްޔިތުންގެ ކަންކަން އިންތިޒާމްކުރުމުގެ ބަދަލު އިންތިޒާމް ގެެއްލުވައި، ސިޔާސީ އަދި ފައިސާގެ މަންފާއެއް ނެތްނަމަ ޗުޕްވެސް ނުބުނާނެ ބައެއްކަމެވެ. ދެ ޝެއިޚުންގެ ހިލަމެއްވެސް ނުވެއެއް ނޫންތޯއެވެ! ނަސީބަކީ އަދި މި ދެމީހުން ނިކުމެ އެޑެކްސެއަށް ވުރެން ދީނީ ގޮތުން ރަނގަޅީ ކެމްބްރިޖް އެގްޒާމޭ އަދި ނުބުނާކަމެވެ.

The name is already taken The name is available. Register?

ސާލިމް ސަރ

24 August 2022

ވިލާގެ ވާހަކަ ތިޔަ ދައްކަނީ. މިފަހަރުވެސް ބޮޑުފީއެއް ނަގާ ކުދިންއަތުން. ސަރުކާރުން މަޖުބޫރު ކޮށްފައި އޮތަސް ދިވެހި އިސްލާމް ދޫކޮށްލެވޭ ވިލާގައި. ކުދިންގިނަ ކުރެވޭތޯ ބަލަނީ

The name is already taken The name is available. Register?

ކޮތަރުގެއަސަރު

24 August 2022

ޕީޕީއެމް މީހުން ޤައުމަށް ޓަކައި ކަމެއް ކޮށްދޭނަމަ މުޒާހަރާ ކުރަންވީ އެއްމެ ރަނގަޅުއެއްކަމަކަށް މިކަންވާނެއެވެ. ނަމަވެސް ހުރިހާ ސިޔާޕާރޓީތަކާއި ސިޔާސީވެރިންނަކީ ރައްޔިތުންނަށް ތަޢުލީމު ދިނުމާއި ދެކޮޅު ވެރިކަމުގައި ގިނަ ދުވަހު ތިބެންބޭނުން ބަޔަކަށްވީމައި މިފަދަ ކަމެއް ކޮށްފާނެކަމަށް ނުބެލެވެއެވެ. ރ.މައުމޫނުފަދަ ވެރިޔެއް މިޤައުމު ނުދެކޭކަން މިއެެންގެނީ އެހެންވެރިކަން ފެނުނީމައެވެ. ދެރަވަނީ އަޅުގަނޑަށް ދުވަހަކުވެސް މައުމޫނަށް ވޯޓް ނުލެވުނީމައެވެ.

The name is already taken The name is available. Register?

ކޮތަރުގެއަސަރު

24 August 2022

ދިވެހި ޓީޗަރުން އެމަންހަޖަށް ފަރިތަ، މުޅި ނިޒާމް އެގޮތަށް އެތެއް ޒަމާނަކަށް އޮވެ، މުޅި ކިޔަވައިދިނުމުގެ ވައްޓަފާޅި އަދި ކިޔަވައިދޭ ސްކޫލުތައް އެޑްކްސެލްއާއި އެއްގޮތަށް އެލައިންކޮށް، އަދި އެޑެކްސެލް އެގްޒާމްތަކުން ކުދިންގެ ތަޢުލީމީފެންވަރު ފުރިހަމައަށް ވަޒަންކުރެވޭ އިރު އެއާ އެއްފެންވަރޭ ވިދާޅުވެ ދެތިން މީހަކުވެގެން ދިރާސާއެއްނެތި، ހަމަ ދިވެހިންނަށް ހެޔޮ އެދި ފައިސާގައި ނުހިފައި، ގެނައި ބަދަލެކޭ؟؟ ހުރިހާ އެންމެން ގަމާރުންނަށް ނުވާނެއެވެ.

The name is already taken The name is available. Register?

އެދުރުކަލޭގެފާނު

24 August 2022

މިއީ ކެމްބްރިޖް އެގްޒާމް މިރީޖަންގައި ރީޓެއިލްކުރާ ފަރާތާއި އެޑިއުކޭޝަންއާއި ގުޅިގެން ހިންގި ޖަރީމާއެކެވެ. މިކަމުގައި ފައިސާއާއި ރިޝްވަތު އެކުލެވޭނެއެވެ. މިދާ ރޭޓްންދާނަމަ ރާއްޖޭގެ ތަޢުލީމީ ނިޒާމް ވެއްޔާ މޮޑެވޭނެއެވެ. މިނިސްޓްރީން މިފަދަ ބަދަލެއްގެންނަން ހެދި އިލްމީ ދިރާސާއެއްނެތެވެ. މިއީ އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ވަޒީފާ އަދާކުރާ ޕްރިންސިޕަލުންގެ ބަހެއް ހިމަނާލައިގެން ނިންމާވަރަށް ވުރެން ނާޒުކުކަމެކެވެ. އެތެއްޒަމާނެއްވީ ނިޒާމެކެވެ.

The name is already taken The name is available. Register?

ސުނާރު

24 August 2022

ކެމްބްރިޖުގެ އޯ ލެވެލްއަށްވުރެ، އޭ ލެވެލްގެ ކެމްބްރިޖު ވެސް އުނދަގޫވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މިކިޔަނީ ސަންޑޭ އަށްވުރެ މަންޑޭ ދިގުވާނެ އޭތަ؟ މަށަކަށް ދޭހައެއް ނުވި

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454