ދުނިޔެ / ޗައިނާ

ޗައިނާ ފުލުހުން މުޒާހަރާތައް ހުއްޓުވައިފި

29 ނޮވެމްބަރ 2022 - 14:25

ކޮވިޑް-19 ވަބާ އިން ރައްކާތެރިވުމުގެ ގޮތުން ޗައިނާ ސަރުކާރުން އަޅަމުންދާ ހަރުކަށި ފިޔަވަޅުތަކާ ދެކޮޅަށް، މިދިޔަ ހަފުތާގައި ފެށި މުޒާހަރާތައް، ޗައިނާގެ އެކި ސަރަހައްދުތަކަށް ފުޅާވެ ވަރުގަދަ ވާން ފެށުމާ ގުޅިގެން، އެ ގައުމުގެ ފުލުހުން ނުކުމެ ބާރުގެ ބޭނުންކޮށް މުޒާހަރާތައް ހުއްޓުވައިފި އެވެ.

ޗައިނާގެ އެކި ސަހަރުތަކުގައި މުޒާހަރާތައް ބޭއްވި އިރު، ޝަންހާއީ އާއި ބޮޑެތި އެހެން ބައެއް ސަހަރުތަކުގެ ބައެއް ޔުނިވަސިޓީތަކުގައި ވެސް ދަރިވަރުން ވަނީ ޗައިނާ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކޮށްފަ އެވެ. މުޒާހަރާގެ ބައިވެރިން ގޮވަމުން ދިޔައީ، ކޮވިޑާ ދެކޮޅަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް ވަގުތުން އުވައިލުމަށާއި ޗައިނާގެ ވެރިކަމުން ކޮމިޔުނިސްޓް ޕާޓީ ދުރުވުމަށާއި ޗައިނާގެ ރައީސް ޝީ ޖިންޕންގް މަގާމުން އިސްތިއުފާ ދެއްވުމަށެވެ.

ބޭރުގެ މީޑިއާތަކުން ބުނާ ގޮތުގައި މިދިޔަ ހަފުތާގައި މުޒާހަރާތައް ބޭއްވި މަގުތަކުން މިހާރު އާންމު ގޮތެއްގައި ފެންނަނީ ޔުނީފޯމް އެޅި ސިފައިންނެވެ. އެ މަގުތަކަށް އެއްވާން ބައެއް މީހުން މަސައްކަތް ކުރި ނަމަވެސް، މަގުތަކަށް ނުކުންނަ މީހުންނާ ފުލުހުން ސުވާލުކޮށް އެ މީހުންގެ ފޯނުތައް ބަލައި ފާސްކުރަމުން ދާތީ، ގިނަ ބަޔަކަށް އެއްތަންވެވޭ ގޮތެއް ނުވެ އެވެ.

ޗައިނާގައި މުޒާހަރާތައް ކޮންޓްރޯލް ކުރި ނަމަވެސް، ދުނިޔޭގެ ބައެއް ގައުމުތަކުގެ ބޮޑެތި ސަހަރުތަކުގައި ޗައިނާގެ ރައްޔިތުން ކުރަމުންދާ މުޒާހަރާތައް އަދިވެސް ހުއްޓައެއް ނުލަ އެވެ.

މިދިޔަ ހަފުތާގައި ފެށި މުޒާހަރާތައް މިދިޔަ ހުކުރު ދުވަހުން ފެށިގެން ވަރުގަދަ ވާން ފެށީ، ޗައިނާގެ ޝިންޖިއާން ސަރަހައްދުގައި ހުރި އެޕާޓްމަންޓް އިމާރާތެއްގައި މިދިޔަ ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި 10 މީހުން މަރުވެފައި ވަނިކޮށެވެ. މުޒާހަރާތައް ބޭއްވި ބައެއް ސަރަހައްދުތަކުގެ މީހުން ބުނާ ގޮތުގައި ޝިންޖިއާންގެ އަލިފާނުގެ ހާދިސާގައި ގިނަ ބަޔަކު މަރުވީ، ކޮވިޑާ ދެކޮޅަށް އަޅާފައިވާ ފުރަބަންދުގެ ފިޔަވަޅުތަކާ ހެދި، އަލިފާން ނިއްވާ މީހުން އެ ހިސާބަށް ދިއުން ލަސްވުމުންނާއި، އެ އިމާރާތުގައި ތިބި މީހުންނަށް ފަސޭހައިން މަގުމައްޗަށް ނުކުމެވޭނެ ގޮތެއް ނެތުމުންނެވެ.

ވެރިރަށް ބެއިޖިންގްގައި އިއްޔެ ބާއްވަން އުޅުނު މުޒާހަރާގެ ވަގުތު ޖެހުމުގެ ކުރިން، މުޒާހަރާ އަށް މީހުން އެއްވުމަށް ހަމަޖެހިފައި އޮތް ސަރަހައްދަށް ފުލުހުން އެއްވެ، އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފެށުމުން، މުޒާހަރާގައި ބައިވެރިވާން އެ ސަރަހައްދަށް ދާނެ ބަޔަކު ނުވި އެވެ. އެ ސަރަހައްދަށް ދެވެން އޮންނަ މައި މަގުތަކުގައި މަގު ހުރަސްތައް ބަހައްޓައި، ބައެއް މީހުން ހައްޔަރުކުރުމާ ގުޅިގެން، މުޒާހަރާ އަށް ނުކުންނަން ގިނަ ބަޔަކު ފަސްޖެހުނެވެ.

ޓެލްގްރާމާއި ސޯޝަލް މީޑިއާގެ އެހެން ވަސީލަތްތަކުގައި މިއަދު ވެސް މުޒާހަރާ އަށް ދައުވަތު ދީފައި އޮތެވެ. ނަމަވެސް އާންމުން މުޒާހަރާ އަށް ނުކުތުމަށް އޮތް ވަގުތުގެ ކުރިން ފުލުހުން ނުކުމެ މަގުތައް ބަންދުކުރަން ފެށުމުން، މިއަދު ވެސް މުޒާހަރާ އަށް ނުކުމެވޭ ގޮތެއް ނުވި އެވެ. ހޮންގްޒޫގައި ރޭ މުޒާހަރާއެއް ބާއްވަން ބަޔަކު މަގުތަކަށް ނުކުމެ މީހުން އެއްކުރުމަށް މަސައްކަތް ކުރަމުން ދަނިކޮށް ފުލުހުން ނުކުމެ ބައެއް މީހުން ހައްޔަރުކުރުމާ ގުޅިގެން، އެ މުޒާހަރާ ވެސް ވައިގައި ހިފާ ގޮތެއް ނުވި އެވެ.

ޑިސެމްބަރު 2019 ގައި ޗައިނާގައި ފެތުރެން ފެށި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ޗައިނާގައި ހަރުކަށި ފިޔަވަޅުތަކެއް އަޅާފައި އޮންނަތާ ތިން އަހަރުވަނީ އެވެ. އެއްވެސް ސަހަރެއްގައި އެ ބަލި ފެތުރެން ފަށާއިރަށް، އެ ސަހަރެއްގައި އާންމުން ބޭރަށް ނުކުމެ އުޅުން މަނާކޮށް، ސިއްހީ ދާއިރާގެ އޮފިޝަލުން ނުކުމެ މީހުންގެ ހަށިގަނޑުން ސާމްޕަލް ނަގައި ބައްޔަށް ޓެސްޓު ކުރުން އިތުރުކުރެ އެވެ.

ކޮވިޑުން ރައްކާތެރިވުމަށް ދުނިޔޭގެ ހުރިހާ ގައުމުތަކެއްގައި ވެސް ހަރުކަށި ފިޔަވަޅުތަކެއް އެޅި އެވެ. ނަމަވެސް، 2021 ވަނަ އަހަރުގެ ތެރޭގައި ކޮވިޑްގެ ވެކްސިން އުފައްދައި ބޭނުންކުރަން ފެށުމާ ގުޅިގެން، ގިނަ ގައުމުތަކުގައި ވަނީ ކޮވިޑް ކޮންޓްރޯލް ކުރެވިފަ އެވެ. ބޯޑަރުތައް ބަންދުކޮށް ފުރަބަންދުކުރި ގިނަ ގައުމުތައް ވެސް މިހާރު ވަނީ ފުރަބަންދުގެ ހާލަތު އުވާލައި ބޯޑަރުތައް ހުޅުވާލައިފަ އެވެ.

0 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454