ވިޔަފާރިވެރިޔާ އިސްމާއިލް މޫސާ (ޖަމްބޯ އިއްސެ) މަރުވި އެކްސިޑެންޓުގެ ވީޑިއޯގެ ސްރީންޝޮޓެއް --
19 ޑިސެމްބަރ 2022 - 19:23
ސިނަމާލެ ބްރިޖްގައި ސައިކަލަކާއި ކާރެއް ޖެހި، ވިޔަފާރިވެރިޔާ އިސްމާއިލް މޫސާ (ޖަމްބޯ އިއްސެ) މަރުވި އެކްސިޑެންޓުގެ މަންޒަރު ފެންނަ ވީޑިއޯ އާންމުވި ގޮތް ބަލައި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ބްރިޖާ ގުޅިފައިވާ ހައިވޭގައި މިދިޔަ ހުކުރު ދުވަހުގެ މެންދުރު ފަހު ހިނގި އެކްސިޑެންޓުގައި އުމުރުން 54 އަހަރުގެ އިއްސެ މަރުވީ، އޭނާ ދުއްވަމުން ދިޔަ ސައިކަލު ކާރެއްގައި ޖެހިގެންނެވެ. އެ ހާދިސާގައި އިއްސެގެ ބޮލަށް ވެސް އަނިޔާވި އިރު، އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު އޮތީ މަރުވެފައި ކަމަށް ވެ އެވެ.
އެ ހާދިސާގެ މަންޒަރު ބްރިޖު މަތީގައި ހުރި ކެމެރާއަކަށް އެރި އެވެ. އެކަމަކު، އެ ވީޑިއޯ މިއަދު ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ.
އެކަމާ ގުޅިގެން މީޑިއާ އިން ފުލުހުންނާ ސުވާލު ކުރުމުން ފޮނުވި މެސެޖެއްގައި ބުނީ، އެ ވީޑިއޯ ދައުރުވަމުންދާތީ އެކަމުގެ ކަންބޮޑުވުން އިއްސެގެ އާއިލާ އިން ފުލުހުންނާ ހިއްސާ ކޮށްފައިވާ ކަމަށެވެ. އެހެންވެ، އެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރު ނުކުރުމަށް ފުލުހުން އެދުނެވެ.
"މީހަކު މަރުވުމަށް މެދުވެރިވި އެކްސިޑެންޓެއްގެ މަންޒަރު ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުގައި ދައުރު ކުރުމަކީ މަރުހޫމްގެ އާއިލާ އަށް ނުހަނު ހިތްދަތިކަން ގެނުވާނެ ކަމެއް ކަމަށް ފުލުހުން ދެކެމެވެ،" ފުލުހުންގެ ފަރާތުން މީޑިއާ އަށް ހާއްސަ ކޮށްފައިވާ ވަޓްސްއެޕް ގުރޫޕުގައި ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުން ބުނީ އިއްސެ މަރުވި އެކްސިޑެންޓުގެ ވީޑިއޯ އާންމުވި މައްސަލަ ބަލަމުންދާ ކަމަށެވެ. އަދި އެ ވީޑިއޯ އާންމުވީ ކިހިނެއްކަން ބަލައި ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުންޏެވެ.
"ފުލުހުންގެ ސީސީޓީވީ ކެމެރާ ފުޓޭޖުގެ އެކްސެސް ފުލުހުންގެ އޮޕަރޭޝަނަލް އަދި އިންވެސްޓިގޭޝަންގެ ވަރަށް ގިނަ މުވައްޒަފުންނަށް އޮވޭ،" ނޫސްވެރިންގެ ސުވާލުތަކާ ގުޅިގެން މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އިއްސެގެ ވީޑިއޯ އިން ފެންނަނީ އޭނާ، މާލެއިން ހުޅުމާލެ އަށް ދަނިކޮށް، ހުޅުމާލޭ ކޮޅުން އައި ކާރެއް އެއާޕޯޓާ ދިމާލަށް ދާން ލަނބާލާ ތަނުން އޭގައި ވަރަށް ބާރަށް ޖެހުނު ތަނެވެ.
އެ ހާދިސާ ހިނގީ ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެ އިން ބޭރުގައި އުޅުނު އިއްސެ، ބްރިޖުން ފައިބާ ހިސާބުގައި ހުންނަ ޓްރެފިކް ލައިޓު ރަތްވެފައި ހުއްޓައި ދުއްވާފައި ދަނިކޮށްކަން ވެސް ވީޑިއޯއިން އެނގެ އެވެ.
ވީޑިއޯ އިން ފެންނަ ގޮތުގައި މާލެ އިން ހުޅުމާލެ އަށް ދާ ލޭނުގައި އިއްސެ ނޫން މީހަކު ދުއްވައިފައެއް ނެތެވެ. ހުޅުމާލޭ ކޮޅުން އައި ހުރިހާ ވެހިކަލެއް، އިއްސެ ލައިޓް ހުރަސްކުރި ގަޑީގައި ނައްޓާލާތަން ވެސް ފެނެ އެވެ.
މާލޭގައި ކުރިން ފައިވާން ފިހާރަ ހިންގި އިއްސެ މަރުވީ ތައިލެންޑަށް ދިރިއުޅުން ބަދަލުކުރިތާ ގިނަ އަހަރުތަކެއް ފަހުން ރާއްޖެ އައިސް އުޅެނިކޮށެވެ. މީގެ 22 އަހަރު ކުރިން އޭނާ ތައިލެންޑަށް ބަދަލުވި ފަހުން ރާއްޖެ ނައިސް ހުރުމަށް ފަހު ރާއްޖެ އައީ މިދިޔަ ނޮވެމްބަރު 10 ގަ އެވެ.
މަރުވުމާ ހަމައަށް ވެސް އިއްސެއަކީ ބެންކޮކްގައި ވަރަށް ފުޅާ ދާއިރާއެއްގައި ފައިވާނާއި، މުދާ ފޮނުވައިދިނުމުގެ ހިދުމަތް ދެމުން އައި ވިޔަފާރިވެރިއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިމަނާ
21 December 2022
ކީއްވެތަ ގުނބޯ ހައްދަންއުޅެނީ؟ ތިޔަ ރޮކެޓްއެނގޭ. ތިޔަކޮމިސަނަރަށްވުރެ ނާގާބިލު، ކަރަޕްޓް، ލާދީނީ، މީހަކު ނުހުންނާނެ.
އަސޭލ
21 December 2022
ކާރުވެސް މަޑުކުރިތަނެއް ނުފެނޭ. ކާރުއައީ މަޑުސްޕީޑެއްގަ އެހެންވީމާ މަޑުކުރަން ފަސޭހަވާނެ
ނުރަބޯ
20 December 2022
ކާރު ޑުރައިވަރު ކުއްވެރިކޮށްގެން އުޅެނިކޮށް ހަޤީޤަތް ހާމަވީމަ ތިއުޅެނީ. ހުޅުމާލެ ކޮޅު ލައިޓުޖެހިފަ ހުއްޓަ ބުރިޖުން ފައިބައިގެން ސައިކަލު ދާންއުޅޭތަން ފެންނަނީ.
ކަޅުބޯ
21 December 2022
ފެންނަ ފެނުމަށް ކާރު ޑްރައިވަރު ކުށްވެރިވާހެން ހީވަނީ. ރަނގަޅު ޓްރެފިކް ގަވާއިދުން އޭނާ ކުށްވެރިނުވޭ. އެކަމުގައި މަރުވި މީހާ ކުށްވެރިވަނީ. އެކަމަކު މީހަކު ގަސްތަކާނުލާވިޔަސް މަރާލުމުގެ ކުށަށް ކާރު ދުއްވަން އިންނަ މީހާ ކުށްވެރިވާ ވައްތަ ވަރަށް ބޮޑަށް ޖަހާ ފެންނަ ވީޑިއޯއިން
ޙަސަން އަޙްމަދު
20 December 2022
ފުލުހުން އަތުގައި ހުންނަ އެއްޗެހި ލީކުވުމަކީ ކަންބޮޑުވާންޖެހޭ ކަމެއް. އެކަމަކު އެކްސިޑެންޓުވެގެން އެމީހާ މަރުވި ޚަބަރުގެ ކޮމެންޓުތައް ފުރިފައި ހުރީ ފުލުހުން ނުބައިމީސްކޮށްފައި. އެކަމަކު ވީޑިއޯއިން ހާމަވެގެން ދިޔައީ ފަރުދީ ޒިންމާ ނުއުފުލުމެގެ ނަތީޖާ. އަދި ފުލުހުންނަށް އެއްޗެހިކީ މީހުންގެ އަނގަބަންދުވި. އެހެންކަމުން ލީކުވުން ނުސީދާގޮތެއްގައި ޢާއްމުންނަށް ޢިބްރަތަކަށް ވިޔަސް ލީކުވުމުގެ މަސްލަހަތު ބޮޑަށް އޮތީ ފުލުހުންނަށް. އެވާހަކަ މި ބުނެލީ.
ޗަކް ނޯރިސް
20 December 2022
ތިޔައީ ދައްކަން ނުވާވަރުގެ ވީޑިއޯއެއްނޫން. ތިޔަ ދެއްކީމާ މީހުނަށް އިހުސާސްވާނީ މިކުރެވެނީ ކިހާވަރެއްގެ ކަމެއްކަންވެސް. މާދެން ސެންސިޓިވް ވެގަނެގެން އުޅޭނެ ކަމެއް ނެތް.
ސަލާމްބެ
20 December 2022
އަބަދުވެސް އަސްލު މައްސަލަ އޮތްތާ އޮންނާނީ، ބަލާނީ ކޮންމެވެސް އެހެން ކަމެއް!! ރައްޔިތުންގެ މާލިއްޔަތުން އެތައް ފައިސާއެއް ހަރަދުކޮށްގެން ފުލުހުންނަށް ވާ ހަމަ އެއްވެސް ކަމެއް ނެތް! ބަންދުކޮށްފަ ހަމަމިހާރު ގެއަށްދޭ!!
އެންމެންގެ އެއްޗެއް
20 December 2022
އެމީހެއްގެ ފަރުވާކުޑަކަމުން ނުވަތަ ގަވައިދަށް ނުބެލުމުގެ ސަބަބުން މަގުމަތި ކަހަލަ އާއްމު ތަނެއްގަ ވާ އެކްސިޑެންޓެއްގެ ވީޑިއޯ އެންމެން ބެލުމަކީ މާބޮޑު މައްސަލައެއް އޮތްކަމެއް ކަމަކަށް ނުފެނޭ. މަގަކީ އެންމެންގެ ތަނެއް. ވީޑިއޯ ފުޓޭޖަކީވެސް އާއްމު ރައްޔިތުންނަށް ފެންނަންވާނެ އެއްޗެއް. ގައުމީ ސަލާމަތަށް ނުރައްކާވާވަރުގެ ބޮޑު ސިއްރެއް މަގުމަތީ ހިނގާ އެކްސިޑެންޓެއްގަ ނުއޮންނާނެ. އާއިލާއިން ހިތްދަތިވާނަމަ އެމީހުން ވީޑިއޯ ނުބެލީމަ ނިމުނީ.
ސުލޯލިހު
20 December 2022
ވޭން ޑުރައިވަރު ކުއްވެރި ކުރަން ކުރި ހުރިހާ މަސައްކަތެއް ބޭކާރުވީ. ދެން އޭނާ ހައްޔަރުން ދޫކޮއްލާ!
ކޮކީ
20 December 2022
ގާނޫނައް ގަވައިދައް ނުބަލާ ފުލުހުނައް ފިލަން އުޅެނިކޮއް މަރަކައް ނުފިލުން
ބޮޑުހުސޭނު
20 December 2022
ލީކުކުރިވީޑިއޯތޯމައްސަލައަކީ. ނޫނީހަގީގަތް ހާމަވުންތޯ މައްސަލައަކީ