ކުޅިވަރު / 2022- އަހަރު ނިމުން

ކުޅިވަރުގައި ފަޚުރާއި ހިތާމަ، އަދި ބޮޑު އީދެއްގެ އަހަރެއް

ނިމުނު 2022 ވަނަ އަހަރަކީ ދިވެހި ބައެއް އެތުލީޓުން ގައުމު ފަހުރުވެރިކޮށްދިން އަހަރެކެވެ. އެކަމަކު ކުޅިވަރުގެ އިދާރީ ހިންގުމުގައި ހުރި ދޯހަޅި ބައެއް ކަންކަން ހައްލުނުވުމުގެ މާޔޫސްކަން ވެސް އޮތެވެ. ހަމައެއާ އެކު، މިދިޔަ އަހަރަކީ ބައިނަލްއަގްވާމީ ފުޓްބޯޅައިގައި ވެސް ވަރަށް ގިނަ ދިވެހިންނަށް އުފާވެރިކަން ލިބުނު އަހަރެކެވެ.

މިދިޔަ އަހަރު ކުޅިވަރުގައި ރާއްޖެ އަށް އެންމެ ބޮޑެތި ކާމިޔާބީ ހޯދައިދިނީ ބޮޑީބިލްޑިން އިންނެވެ. ރާއްޖޭގެ އަޒްނީން ރަޝާދު ވަނީ ތައިލެންޑުގައި އޮތް ވޯލްޑް ބޮޑީބިލްޑިން މެން ސްޕޯޓްސް ފީޒީކް ޗެމްޕިއަންޝިޕުގެ އަޕްޓް 170 ސެންޓްމީޓަރުގެ ކެޓަގަރީން ރަން މެޑަލް ހޯދައިފަ އެވެ. މިއީ ރާއްޖެ އަށް އެއްވެސް ކުޅިވަރެއްގެ ވޯލްޑް ޗެމްޕިއަޝިޕަކުން ލިބުނު ފުރަތަމަ ރަން މެޑެއްޔެވެ.

އޭގެ ކުރިން އޭނާ ވަނީ ޖުލައި މަހު ރާއްޖޭގައި ބޭއްވި އެޝިއަން ޗެމްޕިއަންޝިޕުން ވެސް ރަން މެޑަލް ހޯދައިފަ އެވެ. އެއާ އެކު އަޒްނީމް ވެފައިވަނީ އޭޝިއާ ބައްރުގެ މުބާރާތެއްގައި އަމިއްލަ ފަސްގަނޑުގައި ވާދަކޮށް ރަން މެޑަލް ހޯދި ދިވެހި ފުރަތަމަ އެތުލީޓަށެވެ.

އަޒްނީމް އޭނާގެ އުފަން ރަށަށް ދިއުމުން މަރުހަބާ ކިޔަނީ.

ދެން އެންމެ ބޮޑު ކާމިޔާބެއް ހޯދީ ބީޗް ވޮލީބޯޅައިންނެވެ. ބަންގްލަދޭޝްގައި އިހަށް ދުވަހު ނިމުނު އޭޝިއަން ސެންޓްރަލް ޒޯން ބީޗް ވޮލީބޯޅަ މުބާރާތުން ރާއްޖޭގެ އާދަމް ނަސީމް (އެޑަމް) އާއި އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) ގެ ޕެއާ ވަނީ ރަން މެޑަލް ހޯދައިފަ އެވެ. މިއީ ސަރަހައްދީ ބީޗް ވޮލީބޯޅަ މުބާރާތަކުން ރާއްޖެއަށް ރަން މެޑަލް ލިބުނު ފުރަތަމަ ފަހަރެވެ.

މިދިޔަ އަހަރު ރާއްޖޭގައި ގިނަ އަދަދެއްގެ ބައިނަލްއަގްވާމީ މުބާރާތްތަކެއް ބޭއްވި އެވެ. ބޮޑީބިލްޑިންގެ އިތުރުން ސާބާ އަންހެން ބާސްކެޓްބޯޅަ މުބާރާތާއި ސައުތު އޭޝިއަން ޖޫނިއާ ޓީޓީ މުބާރާތް ރާއްޖޭގައި އޮތެވެ. މިއީ ކުޅިވަރުގައި ރާއްޖޭން ކުރިއަށް އެޅި ފިޔަވަޅެކެވެ.

މީގެ ތެރެއިން ސާބާ މުބާރާތުގައި އަންހެން ބާސްކެޓްބޯޅަ ޓީމުން ވަނީ ނޭޕާލް ފުރަތަމަ ފަހަރަށް ބަލިކޮށްފަ އެވެ. ރަން މެޑެއްޔަކަށް އުއްމީދުކުރި ނަމަވެސް ރާއްޖޭން ފުއްދާލަން ޖެހުނީ ލޯ މެޑެއްޔަކާ އެކު އެވެ. އެކަމަކު ދިވެހި އަންހެން ކުޅުންތެރިން އަމިއްލަ ގައުމުގައި ފުރަތަމަ ފަހަރަށް ކުޅެ ދެއްކި ހިތްވަރަށް ގިނަ ބައެއްގެ ތައުރީފު އޮހުނެވެ.

ޖޫނިއާ ޓީޓީ މުބާރާތުން ރާއްޖޭގެ ފާތިމަތު ދީމާ އަލީ ރަން މެޑެއްޔަށް އުއްމީދުކޮށް، އެކަން ކާމިޔާބުކުރުމާ ގާތަށް ދިޔަ އެވެ. އެކަމަކު އޭނާ އަށް ލިބުނީ ކެޑޭޓް ސިންގަލްސް ބައިން ރިހި މެޑެއްޔެވެ. ދީމާ ވަނީ ވާދަކުރި ކޮންމެ އިވެންޓަކުން މެޑަލް ހޯދައިފަ އެވެ. އެއީ ރާއްޖެ އަށް ބޮޑު ކާމިޔާބެކެވެ.

ފުޓްބޯޅައިން ދިވެހިންނަށް އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބުނީ މާލީ މައްސަލަތަކުގެ ސަބަބުން ސަސްޕެންޝަނުގައި އޮތް، ރާއްޖޭގެ އެންމެ ޒަމާންވީ އަދި އެންމެ ކާމިޔާބު ދެ ކްލަބް ކަމަށްވާ ނިއު ރޭޑިއަންޓާއި ވިކްޓްރީ އެނބުރި އައުމެވެ. ދެ ކްލަބުން ދަރަނިތައް ދައްކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މަގުފަހިކޮށްދެއްވައިފަ އެވެ.

ދެ ވަނަ ޑިވިޝަނުގައި ނިއު އާއި ވިކްޓްރީ ކުޅެނީ.

ސަސްޕެންޝަނަށް ފަހު އައުމުން ދެ ކްލަބަށް ވެސް ފަށަން ޖެހުނީ ދެ ވަނަ ޑިވިޝަނުންނެވެ. އެކަމަކު ދެ ކްލަބަށް ވެސް ފުރަތަމަ ޑިވިޝަނަށް އެރޭ ގޮތެއް ނުވި އެވެ. މީގެ ތެރެއިން ނިއު އިން ވަރަށް ރަނގަޅު ވާދައެއް ކުރި އެވެ. ދެ ކްލަބުގެ މެޗުތައް ބަލަން، ފަހަކަށް އައިސް ގަލޮޅު ދަނޑަށް ނުވަންނަ ވަރަށް މީހުން ވަނެ އެވެ.

ނިމުނު އަހަރަކީ ވެސް އެންމެ ބޮޑު ކުޅިވަރު އެސޯސިއޭޝަން، އެފްއޭއެމް އަޑިއަޅާލާފައި އޮތް އަހަރެކެވެ. މާލީ މައްސަލަތައް ފުނި ޖެހި އެ އެސޯސިއޭޝަން އޮތީ ބަނގުރޫޓުވުމާ ގާތުގަ އެވެ. އެފްއޭއެމުން ފައިސާ ނުދީގެން ބައެއް ކުންފުނިތަކުން ވަނީ ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ. އަދި ކަރަންޓު ބިލު ނުދައްކައިގެން ސްޓެލްކޯ އިން، އެފްއޭއެމް ހައުސް އިން ކަރަންޓު ކަނޑާލި އެވެ.

މީގެ އިތުރުން، ގައުމީ ޓީމުގެ ކުޅުންތެރިންނަށް ވިޔަފާރިވެރިންތަކެއް ދިން ފައިސާ ނުދީ ހިފަހައްޓާފައި އޮތުމުން ކުޅުންތެރިންގެ ހިތްހަމަނުޖެހުން ވެސް އެފްއޭއެމަށް ވަނީ އަމާޒުވެފަ އެވެ. އަހަރު ނިމުނުއިރު ވެސް މައްސަލަތައް ހައްލުވާނެ ކަމުގެ އުއްމީދެއް ނުލިބެ އެވެ.

ގައުމީ ފުޓްބޯޅަ ޓީމުން މި އަހަރު ހޯދީ މަސްހުނި ނަތީޖާތަކެކެވެ. އެކުވެރިކަމުގެ މެޗެއްގައި މާލޭގައި ބަންގްލަދޭޝް އަތުން 1-0 އިން މޮޅުވި އެވެ. އަދި ބުރުނާއީ 3-0 އިން، ލާއޯސް 3-1 އިން ބަލިކުރި އެވެ. އޭޝިއަން ކަޕް ކޮލިފައިންގައި ސްރީ ލަންކާ 1-0 އިން ވެސް ބަލިކުރި އެވެ. އެކަމަކު ކޮލިފައިންގައި ތައިލެންޑް އަތުން 3-0 އިން އަދި އުޒްބެކިސްތާން އަތުން 4-0 އިން ބަލިވީ އެވެ. އަހަރުގެ ފަހުކޮޅު މެލޭޝިއާ އަތުން 3-0 އިން އަދި ސިންގަޕޫރު އަތުން 3-1 އިން ރާއްޖެ ބަލިވި އެވެ. އެކަމަކު މި ދެ މެޗުގައި ކޯޗު ފްރެންސެސްކޯ މޮރިއޭރޯ ވަނީ ވަރަށް ގިނަ އާ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީފަ އެވެ.

ހަތަރުން އަހަރުން އެއް އަހަރު ބާއްވާ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް، ވޯލްޑް ކަޕް ލައްވާލީ އެހެން ފަހަރުތަކާ ހިލާފަށް އަހަރުގެ ފަހުކޮޅަށެވެ. ގަތަރުގައި އޮތް މި މުބާރާތަކީ، ރާއްޖެއާ އެންމެ ގާތަށް ވޯލްޑް ކަޕް އައި ފަހަރެވެ. އެހެންވެ ގިނަ އަދަދެއްގެ ދިވެހިން މެޗުތައް ބަލަން ދިޔަ އެވެ.

މޮރޮކޯ ކޯޗު ވަލީދު އެ ޓީމުގެ އަމްރަބާތު ގައިގައި ބައްދާލަނީ.

ގަތަރުގެ ފުރިހަމަ އިންތިޒާމުތަކާއި، އިސްލާމީ މެހެމާންދާރީގެ ސަބަބުން އަދި ކައިރިކައިރީގައި ސްޓޭޑިއަމްތައް ހުރުމުން މިއީ އެންމެ ފުރިހަމަ ވޯލްޑް ކަޕް ކަމަށް ގިނަ ބަޔަކު ބުނެފައިވެ އެވެ. އެއާ އެކު މިއީ އެންމެ މުނިފޫހިލިފިލުވައިދިން ވޯލްޑް ކަޕްް ކަމަށް ވެސް ގިނަ ބަޔަކު ބުނެ އެވެ. ފުރަތަމަ މެޗުން ސައޫދީ އަރަބިއްޔާ އަތުން 1-0 އިން އާޖެންޓީނާ ބަލިވުމުން، އެ ޓީމާއި އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީގެ ދިވެހި ސަޕޯޓަރުން ވަރަށް ބޮޑަށް މާޔޫސްވި އެވެ. އަދި އޭގެ ފަހުން ބްރެޒިލް ދައްކަން ފެށި މޮޅު ކުޅުމާ އެކު މިއީ އެ ގައުމުގެ ފަހަރެއް ކަމަށް ވެސް ބުނަން ފެށުނެވެ.

އެކަމަކު ހީކުރި ގޮތާ ހިލާފަށް ބްރެޒިލް ކުއާޓާ ފައިނަލުން ކެޓީ އެވެ. އަދި އާޖެންޓީނާ ކުޅުން ރަނގަޅުކޮށް، ފައިނަލާ ހަމަޔަށް ދަތުރުކުރި އެވެ. ފްރާންސް އަތުން ޕެނަލްޓީ ޖަހައިގެން އާޖެންޓީނާ މޮޅުވި ފައިނަލަކީ ވޯލްޑް ކަޕުގެ ތާރީހު ދުށް އެންމެ މޮޅު ފައިނަލް ތަޖުރިބާކާރުން ދެކެ އެވެ.

އާޖެންޓީނާ ދެ ލަނޑު ޖަހައި ފަސޭހައިން މޮޅުވާން ދަނިކޮށް ފްރާންސްގެ ކީލިއަން އެމްބާޕޭ ދެ ލަނޑު ޖަހައި އެއްވަރުކުރީ އެވެ. އިތުރު ވަގުތު ލިއޮނަލް މެސީ އާޖެންޓީނާ އަށް އަލުން ލީޑު ނަގައިދިން ނަމަވެސް އެމްބާޕޭ އަނެއްކާ ވެސް ފްރާންސަށް އެއްވަރުކޮށްދިނެވެ. އެކަމަކު ޕެނަލްޓީގައި ކުރި ހޯދައި އާޖެންޓީނާ ތިން ވަނަ ފަހަރަށް ތަށި އުފުލާލި އެވެ.

އެކަމަކު މިއީ ހަމައެކަނި އާޖެންޓީނާ ސަޕޯޓަރުންނަށް ލިބުނު އުފަލެއް ނޫނެވެ. ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔަކީ މެސީ ކަމަށް ގަބޫލުކުރާ މީހުންނަށް، އެ ނިންމުމުގައި ސިއްކަ ޖަހަން ފުރުސަތު ލިބުނީ މެސީ ތަށި އުފުލާލުމުންނެވެ. އެއާ އެކު މެސީގެ ކެރިއަރު ފުރިހަމަވީ އެވެ.

އެކަމަކު މި ފަހަރު އެންްމެ ގިނަ ބަޔެއްގެ ލޯބި ލިބުނީ މޮރޮކޯ އަށެވެ. އެ ގައުމު މުބާރާތުގެ ސެމީ ފައިނަލަށް ދިއުމާ އެކު ވެގެންދިޔައީ އެ ހިސާބަށް ދަތުރުކުރި އެފްރިކާގެ ފުރަތަމަ ގައުމަށެވެ. އަދި އެހިސާބަށް ދަތުރުކުރި އަރަބި އިސްލާމީ ފުރަތަމަ ގައުމުގެ ޝަރަފް ވެސް ލިބުނެވެ. ގިނަ ބަޔަކު ސަޕޯޓްކުރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ޕޯޗުގަލް ކަޓުވާލީ ވެސް ކުއާޓާ އިން މޮރޮކޯ އެވެ. އެ ގައުމުގެ ކުޅުންތެރިން ދެއްކި ހިތްވަރުގެ ސަބަބުން ވަރަށް ގިނަ ބައެއްގެ ހިތުން އެ ކުޅުންތެރިންނަށް ޖާގަ ލިބުނެވެ. އަދި މެޗުތަކަށް ފަހު އުފަލުގައި މައިން ބައިވެރިކުރުވުމުން އިހުތިރާމް އުފުލެނެވެ.

ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ޕެލޭ.

ވޯލްޑް ކަޕަށް ފަހު އެ އުފާވެރިކަން ނުކެނޑި ތިއްބާ ދުނިޔެ ސިއްސުވާލީ، ތިން ވޯލްޑް ކަޕް އުުފުފާލި ހަމައެކަނި ކުޅުންތެރިޔާ ބްރެޒިލްގެ ޕެލޭގެ މަރުގެ ހަބަރުންނެވެ. އޭނާ މަރުވީ ކެންސަރުގެ ސަބަބުން ގިނަ ދުވަހު ބަލިވެ އުޅުމަށް ފަހު އެވެ. ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާގެ ވަކިވުމާ އެކު، މުޅި ދުނިޔެ އެ ހިތާމައިގައި ބައިވެރިވި އެވެ.

އަހަރު ނިމިގެން ދިޔައީ ބޮޑު ހަބަރަކުންނެވެ. އެއީ ރޮނާލްޑޯ ސައޫދީ އަރަބިއްޔާގެ އައް ނަސްރު އަށް ބަދަލުވި ހަބަރެވެ. މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗާއި މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމުން އެ ކްލަބުން ވަނީ އޭނާގެ ކޮންޓްރެކްޓް ވޯލްޑް ކަޕުގެ ކުރިން އުވާލައިފަ އެވެ. އެކަމަކު އޭރު ބެލެވިފައި އޮތީ އޭނާ ދެން ވެސް ދާނީ ޔޫރަޕުގެ ކްލަބަކަށް ކަމަށެވެ. ނުވަތަ އެމެރިކާގެ މޭޖާ ލީގަށް ކަމަށެވެ. އެހެން އެކަން އޮއްވާ ދުނިޔޭގެ ނިސްބަތުން އާދައިގެ ލީގެއް އޮތް ސައޫދީ އަށް އޭނާ ދިއުމުން ގިނަ ބަޔަކު ހައިރާންވި އެވެ.

ރޮނާލްޑޯ އައް ނަސްރު ދިޔައީ ދިޔައީ ރިޕޯޓްތައް ބުނާ ގޮތުގައި އަހަރަކު 200 މިލިއަން ޔޫރޯ އަށް ވުރެ ބޮޑު އަދަދެއް ލިބޭ ގޮތަށް ދެ އަހަރަށެވެ. އޭގެ ތެރޭގައި މުސާރައިގެ އިތުރުން ސްޕޮންސާޝިޕް ފީތައް ވެސް ހިމެނެ އެވެ. އަދި 2030 ގެ ވޯލްޑް ކަޕް ބާއްވަން ސައޫދީ ކުރާ މަސައްކަތުގައި ރޮނާލްޑޯ ބައިވެރިކުރާނެ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454