އެމެރިކާގެ މަޝްހޫރު ޕްރައުޑް ގޭންގު ލީޑަރު އެންރީކޭ ޓާރިއޯ.
06 ސެޕްޓެމްބަރ 2023 - 13:18
ޖެނުއަރީ 6، 2021 ގައި، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ އިދާރާ، ކެޕިޓޯލް އަށް ވަދެގަނެ ހިންގި ހަމަނުޖެހުންތަކުގެ އަޑީގައި ހުރި، އެމެރިކާގެ މަޝްހޫރު ގޭންގު ލީޑަރު އެންރީކޭ ޓާރިއޯ 22 އަހަރަށް ޖަލަށް ލުމަށް، ކޮލަމްބިއާ ޑިސްޓްރިކްޓްގެ ކޯޓުން އިއްޔެ ހުކުމް ކޮށްފި އެވެ.
އުމުރުން 39 އަހަރުގެ އެންރީކޭ ޓާރިއޯއަކީ އެމެރިކާގެ މަޝްހޫރު ގޭންގެއް ކަމަށްވާ ޕްރައުޑް ބޯއީސްގެ ލީޑަރެވެ. ޕްރައުޑް ބޯއީސް އަކީ އެމެރިކާގައި ބާއްވާ ސިޔާސީ ކޮންމެ ހަމަނުޖެހުމެއްގައި އަނިޔާވެރި އަމަލުތައް ހިންގުމުގައި ބައިވެރިވާ، ހަތިޔާރު އެޅި ވަރުގަދަ ގޭންގެކެވެ.
ޖެނުއަރީ 6 ގައި އާންމުން ކެޕިޓޯލް އަށް ވަދެގަތް އިރު، އެންރީކޭ ހުރީ ވެސް ވޮޝިންޓަން އިން ބޭރުގަ އެވެ. ނަމަވެސް ދުރުގައި ހުރެގެން، ކެޕިޓޯލް އަށް މީހުން އެއްވުމަށް ރާވައި ކެޕިޓޯލް އަށް ވަދެގަތުމަށް ހުރިހާ ކަމެއް ރޭވީ އެންރީކޭ ކަމަށް، އިއްޔެ އިއްވި ހުކުމްގައި ބުނެފައިވެ އެވެ.
ޓްރަމްޕުގެ ސަޕޯޓަރުން ގާނޫނު ހަދާ މަޖިލީހަށް ވަދެ ހަމަނުޖެހުން ހިންގަން އުޅޭ ކަމުގެ ސިއްރު މައުލޫމާތު ލިބުމާ ގުޅިގެން، ޖެނުއަރީ 4، 2021 ގައި ފުލުހުން އެންރީކޭ ހައްޔަރު ވެސް ކުރި އެވެ. ނަމަވެސް ވޮޝިންޓަން އަށް ނުވަނުމަށް ޝަރުތުކޮށް ކަފާލާތުގެ ދަށުން، ޖެނުއަރީ 5 ވަނަ ދުވަހު ކޯޓުން އޭނާ މިނިވަންކުރި އެވެ.
އެންރީކޭ ޓާރިއޯގެ މައްޗަށް އިއްޔެ މި އިއްވި ހުކުމަކީ، ޖެނުއަރީ 6، 2021 ގައި ކެޕިޓޯލްގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ކުރި ދައުވާތަކުގެ ތެރެއިން މިހާތަނަށް ކުރި އެންމެ ދިގު މުއްދަތުގެ ޖަލު ހުކުމެވެ. ހުކުމް އިއްވަމުން، ކޮލަމްބިއާ ޑިސްޓްރިކްޓް ކޯޓުގެ ފަނޑިޔާރު ޓިމޮތީ ކެލީ ވިދާޅުވީ އެންރީކޭ ޓާރިއޯއަކީ ޖެނުއަރީ 6 ވަނަ ދުވަހު ހިންގި ހަމަނުޖެހުންތަކުގެ އަޑީގައި ހުރެގެން ހުރިހާ ކަމެއް ރާވައި ހިންގި ލީޑަރު ކަމަށެވެ.
"އެ ދުވަހު އެ ހިންގި ކަންތައްތަކުގެ ސަބަބުން، އެމެރިކާގެ ދުސްތޫރު ނަގަހައްޓައި ގާނޫނުގެ ވެރިކަން ދެމެހެއްޓުމަށް އެހީވެދޭ، އެމެރިކާގެ އެންމެ ޒަމާންވީ އާދަކާދަ އަށް ގެއްލުންތަކެއް ލިބުނު. ސުލްހަވެރިކަމާއެކު ވެރިކަން ބަދަލުކުރުމުގައި އަހަރެމެން ކުރިންސުރެ ދަމަހައްޓަމުން އައި ސަގާފަތް އެ ދުވަހު މުގުރައިލި،" ފަނޑިޔާރު ޓިމޮތީ ކެލީ ވިދާޅުވި އެވެ.
އެންރީކޭ ޓާރިއޯގެ މައްޗަށް އެމެރިކާގެ ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ދައުވާ ކުރީ، ނޮވެމްބަރު 2020ގައި ބޭއްވި ރިއާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ ތަސްދީގުކުރުމަށް، ޖެނުއަރީ 6، 2021 ގައި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ބޭއްވި ޖަލްސާއަށް ހުރަސްއެޅުމުގެ ކުށުގަ އެވެ. އެ ޖަލްސާ ހިނގަމުން ދަނިކޮށް، އެކަމަށް ހުރަސްއެޅުމަށް އާންމުންގެ 2000 އަށް ވުރެ ގިނަ މީހުން ކެޕިޓޯލް އަށް ވަދެގަތުމުގައި އިސްކޮށް ތިބީ ޕްރައުޑް ބޯއީސްގެ މެމްބަރުންނެވެ.
ކެޕިޓޯލް އަށް ގެއްލުންދީ ޖަލްސާއަށް ހުރަސް އަޅަން މަސައްކަތް ކުރީ، އެ ޖަލްސާ ބޭއްވިޔަ ނުދިނުމަށް އެމެރިކާގެ އޭރުގެ ރައީސް ޑޮނަލްޑް ޓްރަމްޕު ގޮވައިލެއްވުމުން، ޕްރައިޑް ބޯއީސް މެމްބަރުންތަކަކާ އެކު ޓްރަމްޕުގެ ސަޕޯޓަރުން ގާނޫނު ހަދާ މަޖިލީހުގެ އިމާރާތަށް ވަދެގަނެގެނެވެ.
ޓްރަމްޕުގެ ސަޕޯޓަރުން ކެޕިޓޯލް އަށް ވަދެގަތީ، ގާނޫނު ހަދާ މަޖިލީހާ މާ ދުރު ނޫން ހިސާބެއްގައި ބޭއްވި ބައްދަލުވުމެއްގައި، ހުރިހާ އެންމެން އެ އިމާރާތް ދޮށަށް ދިއުމަށް ޓްރަމްޕު ގޮވައިލެއްވުމާ ގުޅިގެންނެވެ. އޭނާގެ ގޮވައިލެއްވުމަށް ކެޕިޓޯލްގެ ތެރެއަށް 2000 އަށް ވުރެ ގިނަ މީހުން ވަދެގަތް އިރު، ބައެއް މީހުން ވަނީ އެ އިމާރާތަށް އެކިވަރުގެ ގެއްލުންތައް ދީފަ އެވެ.
އެ ޖަލްސާ އަށް ހުރަސް އެޅުއްވުމަށް ކެޕިޓޯލް އަށް ވަޑައިގަތުމަށް ވެސް އެ ދުވަހު ރައީސް ޓްރަމްޕު މަސައްކަތް ކުރެއްވި އެވެ. ނަމަވެސް ހަށިފާރަވެރިން ހުރަސްއެޅުމުގެ ސަބަބުން އެކަން ނުވީ އެވެ.
އެއާ އެކު ޓްރަމްޕު އެ ދުވަހު، އޭނާގެ ނައިބު ރައީސް މައިކް ޕެންސްގެ އަރިހުން އެދިވަޑައިގަތީ، އިންތިޚާބުގެ ނަތީޖާ ތަސްދީގު ނުކުރެއްވުމަށެވެ. ނަމަވެސް، އެ އިންތިޚާބުގައި ކުރި ހޯއްދެވީ މިހާރުގެ ރައީސް ޖޯ ބައިޑެން ކަމަށާއި، އިންތިޚާބުގެ ނަތީޖާގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ވިދާޅުވެ، ޕެންސް، ޓްރަމްޕަށް އެއްބާރުލުމެއް ނުދެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy