ދުނިޔެ / ނިޕާ ވައިރަސް

ނިޕާ ވައިރަސް ފެތުރޭތީ އިންޑިއާގެ ކެރަލާ ބަންދުކޮށްފި

ކެރެލާގެ ސިއްހީ ހިދުމަތްތެރިންތަކެއް މާސްކު އަޅައިގެން މަގެއްމަތިން ހިނގާފައި ދަނީ: ނިޕާ ވައިރަސް ފެތުރޭތީ ކެރަލާ ސްޓޭޓްގެ ސްކޫލްތަކާއި އޮފީސްތައް ބަންދުކޮށް، ސިއްހީ ރައްކާތެރިކަމުގެ ޚާއްސަ ފިޔަވަޅުތައް ވަނީ އަޅަން ފަށައިފައި

14 ސެޕްޓެމްބަރ 2023 - 13:23

1 comments

އިންސާނާގެ ސިކުނޑި އަށް ބޮޑެތި ގެއްލުންތަކެއް ދީ ފުރާނަ އަށް ނުރައްކާ ކުރުވާ ނުރައްކާތެރި ނިޕާ ވައިރަސް ނުވަތަ އެން.އައި.ވީ ފެތުރެމުން ދާތީ، އިންޑިއާގެ ކެރަލާ ސްޓޭޓްގެ ސްކޫލްތަކާއި އޮފީސްތައް ބަންދުކޮށް، ސިއްހީ ރައްކާތެރިކަމުގެ ޚާއްސަ ފިޔަވަޅުތައް އަޅަން ފަށައިފި އެވެ.

ކެރަލާގައި ސިއްހީ ރައްކާތެރިކަމުގެ ޚާއްސަ ފިޔަވަޅުތައް އަޅަން މި ފެށީ ގޮތް ނޭނގޭ ސިއްހީ މައްސަލަތަކެއް މެދުވެރިގެން ދެ މީހަކު މަރުވުމާ ގުޅިގެން، އެއީ ނިޕާ ވައިރަސް ކަމަށް ބަލައިފަ އެވެ. މީގެ ކުރިން ވެސް ކެރަލާގައި ނިޕާ ވައިރަސް ފެތުރި ބައެއް މީހުން ވަނީ މަރުވެފަ އެވެ.

ކެރަލާގައި އެންމެ ފުރަތަމަ ނިޕާ ވައިރަސް ފެތުރުނީ 2018 ވަނަ އަހަރުގެ ތެރޭގަ އެވެ. އެ އަހަރު ކެރަލާ އިން 21 މީހަކު މަރުވި އެވެ. މިއީ 2018 ވަނަ އަހަރުގެ ފަހުން ކެރަލާގައި ނިޕާ ވައިރަސް ފެތުރޭ ހަތަރު ވަނަ ފަހަރެވެ. އެހެންކަމުން ކެރަލާގެ ހެލްތު މިނިސްޓްރީން މިހާރު ވަނީ، އާންމުން އެއްތަންވެ އުޅުން ހުއްޓުވުމުގެ ގޮތުން ހަރުކަށި ފިޔަވަޅުތަކެއް އަޅައިފަ އެވެ.

ކެރަލާގައި ނިޕާ ވައިރަސް ފެތުރެން ފެށުމާ ގުޅިގެން، އެ ބަލީގެ އަލާމާތްތައް ފެންނަ މީހުން އެ ބައްޔަށް ޓެސްޓު ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. އެ ގޮތުން މިހާތަނަށް 130 އަށް ވުރެ ގިނަ މީހުން މި ބައްޔަށް ޓެސްޓުކޮށްފައިވާ ކަމަށް ކެރަލާގެ ހެލްތު މިނިސްޓްރީން ބުނެ އެވެ.

ނިޕާ ވައިރަސް އެންމެ ފުރަތަމަ ފެނިފައި ވަނީ 1998 ވަނަ އަހަރު މެލޭޝިޔާގެ ކެމްޕަންގް ސަންގްއައި ނިޕާއޭ ކިޔުނު އަވަށަކުންނެވެ. ނިޕާ ވައިރަހަށް ނަން ދެވިފައި ވަނީ މި އަވަށަށް ނިސްބަތްކޮށެވެ. އޮސްޓްރޭލިޔާ އިން 1994 ވަނަ އަހަރު ފެނުނު ނުރައްކާތެރި ހެންޑްރާ ވައިރަހާ ދާދި އެއްގޮތް ސިފަތަކެއް ހުރި ނިޕާ ވައިރަސް މެލޭޝިޔާ އިން ފެނިފައި ވަނީ އޫރު ގެންގުޅޭ ބައެއްގެ ހަށިގަނޑުންނެވެ.

މެލޭޝިޔާގައި 1998 ވަނަ އަހަރު ނިޕާ ވައިރަސް ފެތުރިގެން ދިޔަ ދުވަސްވަރު 265 މީހަކަށް ވަނީ ވައިރަސްގެ އަސަރު ކޮށްފަ އެވެ. އަދި އޭގެ ތެރެއިން 105 މީހުން މަރުވި އެވެ. އަދި މެލޭޝިޔާ އިން 1999 ވަނަ އަހަރު ސިންގަޕޫރަށް އެތެރެކުރި އޫރުތަކެއްގެ ސަބަބުން ސިންގަޕޫރުގައި ވެސް ނިޕާ ވައިރަސް ފެތުރި، 11 މީހަކަށް އެ ބަލި ޖެހި އެކަކު މަރުވި އެވެ.

އެންމެ ފުރަތަމަ އިންޑިޔާ އިން ނިޕާ ވައިރަސް ފެނިފައި ވަނީ 2001 ވަނަ އަހަރު ވެސްޓް ބެންގޯލްގެ ސިލިގުރީންނެވެ. އަދި ދެވަނަ ފަހަރަށް ނިޕާ ވައިރަސް ފެތުރިފައި ވަނީ 2007 ވަނަ އަހަރު ވެސްޓް ބެންގޯލްގެ ނަޑިއާ ޑިސްޓްރިކްޓްއިންނެވެ. ދެހާސް އެއް ވަނަ އަހަރާއި 2007 ވަނަ އަހަރުގައި އިންޑިޔާ ނިޕާ ވައިރަސް ފެތުރުނު އިރު ޖުމްލަ 70 މީހުންނަށް ވައިރަހުގެ އަސަރުކޮށް 50 މީހުން ވަނީ މަރުވެފަ އެވެ.

ނިޕާ ވައިރަސްގެ އަސަރު ކޮށްފައިވާ އޫރު ގެންގުޅުމާއި ވައިރަސް ހުރި އޫރުގެ ކުޑަކަމުދާ އެއްޗިއްސާއި ބޮޑުކަމުދާ އެއްޗިއްސާއި އަދި އޫރުގެ ހަށިގަނޑުގެ ދަވަ ނުވަތަ ދިޔަ އިން ވެސް އިންސާނުންނަށް ނިޕާ ވައިރަސް ޖެހިދާނެ އެވެ. އަދި ނިޕާ ވައިރަސް ހުރި ވާލުގެ ކުޑަކަމުދާ އެއްޗިއްސާއި ވާލުގެ ނަޖިހުން ތަޣައްޔަރު ވެފައިވާ ރުކުރާ ފަދަ ބުއިންތަކާއި ވާ ކައިފައި ހުންނަ މޭވާގެ ޒަރީއާ އިން ވެސް އިންސާނުންނަށް ނިޕާ ވައިރަސް ޖެހިދާނެ އެވެ. އަދި މީގެ އިތުރުން ނިޕާ ވައިރަސް ޖެހިފައިވާ މީހެއްގެ ކުޅާއި އަރިދަފުހުން އަނެއް މީހާ އަށް ވެސް ނިޕާ ވައިރަސް ޖެހިދާނެ އެވެ.

1 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 40%
icon angry icon angry 0%
icon wow icon wow 60%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ާކިމް

16 September 2023

ޢެެއާޕޯޓު ނޫންތ ބަންދުކުރަންޖެހޭނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454