ބޭންކް ސްޓޭޓްމަންޓްުން ފައިސާ ޖަމާކުރި ކަމަށް ދައްކާ އެކައުންޓުތައް.
09 ފެބުރުއަރީ 2024 - 18:33
ފްލެޓް ލިބިފައިވާ ކަމަށް ބުނެ އެޗްޑީސީގެ ނަމުގައި އޮޅުވާލައިގެން ގއ. ވިލިނގިލީގެ މީހެއްގެ ބޭންކް އެކައުންޓުން ދެ ލައްކަ ރުފިޔާ މަކަރާ ހީލަތުން ޖަމާކޮށްފައިވާ ވަނީ ހަތް އެކައުންޓަކަށްކަން ހާމަވެއްޖެ އެވެ.
މިދިޔަ ބުދަ ދުވަހު ހިނގި އެ ހާދިސާ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު އެ މައްސަލާގައި ފުލުހުން ބުނެފައިވަނީ މަކަރާއި ހީލަތުން ދެ ލައްކަ ރުފިޔާ ނެގި މައްސަލަ ހުށަހެޅީ އެ ދުވަހުގެ ހަވީރު ކަމަށާއި އަދި މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.
އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
އެ އެކަން ދިމާވި މީހާގެ ފިރިމީހާ ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ބޭންކް ސްޓޭޓްމަންޓުން ދައްކާ ގޮތުގައި ދެ ލައްކަ ރުފިޔާ ހަމަކޮށްފައި ވަނީ ހަތް އެކައުންޓަކަށް އެކި މިންވަރަށް ފައިސާ ޖަމާކޮށްގެންނެވެ.
އޭގެ ތެރޭގައި ހަތަރު އަންހެނަކާއި ތިން ފިރިހެނެއްގެ އެކައުންޓު ހިމެނެ އެވެ. އެންމެ ދުވަހެއްގެ ތެރޭގައި އެ އެންމެންގެ އެކައުންޓަށް އެހާ ގިނަ ފައިސާ ފޮނުވާފައިވަނީ އީމެއިލަށް އައި ޕާސްވޯޑެއްގެ މައުލޫމާތު ހޯދުމަށްފަހު އެކު އެވެ.
އޭނާގެ ފިރިމީހާ، "މިހާރު" އަށް ބުނީ މިކަމެއް ހިނގީ އަނބިމީހާއަށް އޮޅުމެއްގެ ތެރެއިން އީމެއިލަށް އައި ޕާސްވޯޑު ދެވުމުން ކަމަށެވެ. ބޭންކް އެކައުންޓުން ޖަމާކުރި މީހުން އެނގޭއިރު އެކަމުގައި ރަށުގެ ބަޔަކު ހިމެނޭ ކަމަށް ވެސް އޭނާ ބުނެ އެވެ. އޭނާ ބުނި ގޮތުގައި އެ ފައިސާ އޭޓީއެމުން ނަގާފައި ވަނީ އެ މީހުންނެވެ.
"ރަށުގެ ދެތިން ހަތަރު ކުއްޖަކު އެބަ އުޅޭ މީހުންގެ ތެރޭގައި. ޖަމާކުރީ ވަކި ބައެއްގެ އެކައުންޓަށް. ދެން މި ފައިސާ އޭޓީއެމުން މި ނަގާފައި ހުރީ ރަށުގެ ކުދިން،" އޭނާ ބުންޏެވެ.
ބޭންކް ސްޓޭޓްމަންޓްުން ފައިސާ ޖަމާކުރި ކަމަށް ދައްކާ އެކައުންޓުތައް.
އެޗްޑީސީގެ ނަމުގައި ގުޅައި، ފްލެޓް ލިބުނު ކަމަށް ބުނެ ފައިސާ ހޯދިއިރު އެމީހުން ފްލެޓަށް ކުރިމަތި ނުލަ އެވެ.
- ފާތިމަތު އީނާޝް ނަމަކަށް ކިޔާ މީހެއްގެ އެކައުންޓަށް 50،000ރ. ޖަމާކޮށްފައިވޭ
- އައިޝަތު ހިކުމާ އިބްރާހިމްގެ އެކައުންޓަށް ވެސް 50،000ރ. ޖަމާކުރި
- މަރިޔަމް ސިބާނާ ކިޔާ މީހާގެ އެކައުންޓަށް ޖަމާކުރީ 20،000 ރުފިޔާ
- މުނީރާ މުހައްމަދު ކިޔާ މީހަކަށް ފޮނުވީ 25،000 ރުފިޔާ
- އިމްރާން މުހައްމަދުގެ އެކައުންޓަށް 25،000ރ. ޖަމާކުރި
- ޝިހާމް އިބްރާހިމްގެ އެކައުންޓަށް 25،000ރ. ޖަމާކޮށްފައިޥޭ
- ހަސަން ފިރުޝާންގެ އެކައުންޓަށް ފޮނުވާފައި ވަނީ 5،000 ރުފިޔާ
ބޭންކް އޮފް މޯލްޑިވްސްގެ އެ އެކައުންޓުން ފައިސާ ޖަމާކޮށްފައިވާ މީހުން ސީދާ އެނގެން އޮތަސް، އެ މައްސަލާގައި އަދި މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެ އެވެ.
އެ މީހާ ބުނިގޮތުގައި ތަހުގީގު ލަސްވެފައި ވަނީ ބޭންކުން ލިބެން ޖެހޭ ލިޔުންތަކެއް ބަންދު ދުވަސްތަކެއް އައުމުން ނުލިބި އޮތުމުން ކަމަށް ބެލެވެ އެވެ.
މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތައް ރާއްޖޭގައި އިންތިހާއަށް ވަނީ އިތުރުވެފަ އެވެ.
މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ސްކޭމްގެ މައްސަލަތަކުގައި 27 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެކި މީހުންގެ އަތުން ގެއްލިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އެކަމަކު އޭގެ ތެރެއިން ފުލުހުންނަށް އަނބުރާ ހޯދުނީ ގާތްގަނޑަކަށް މިލިއަނެއްހާ ރުފިޔާ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޤަމާރުދިވެހިން
11 February 2024
ދިވެހިންގެ އަމިއްލަ އެދުން ބޮޑުވުމާއި ދިވެހިންގެ ދަހިވެތިކަން އެހެންއިންސާނުނުންނަށް ވުރެން މަތީގައި ހުރުމުން މިހެންވުމީ ވުން އެކަށީގެންވާކަމެއް އަދި އަންނާނެ އަބިދަރިން ދޫކޮށް ވިއްކާލާ ދަރަޖައަށްވެސް ކަންކަން / ބެންކްތަކުގައި އަބިދަރިން ވިއްކުމުގެ މާރކެޓެއް އަންނާނެ ދުވަހަކަށް މިހާރު މިއިންތިޒާރުކުރަނީ އެދުވަސް ވަރަށް ކައިރިހެންހީވަނީ / މީ ލައްކަ ވާހަކަ އިނގޭ ކޮމެންޓް ޖަހައިދޭތި
މަރުމޯލު އިބުރޭ
11 February 2024
ފްލެޓައް ކުރިމަތި ނުލާއިރުވެސް ހަމަ ތާކުން ގުޅާލާފަ ބުނާއިރައް ބަލާލުމެއްނެތި ކަންތައް ކުރަންޏާ ތިޔައްވުރެ ބޮަޑެތި ބޮނޑިވެސް ބޮވޭނެ މިއުޅެނީ ފްލެޓައް ލައިގެންވެސް ފްލެޓް ނުލިބިގެން މިވަރު ވާއިރުވެސް ދިވެހިން ހޭވެރިކަމެއް ނުވާނެ ކިހިނެއްވެފަތަ މިތިބެނީ
އަލި
10 February 2024
ދިވެހިން އެބަޖެހޭ ނޫންތޯ ހޭލުންތެރިވާން. އެކައުންޓެއް ހެކްކޮށް ލާރި އެއް ނަގާފާނެ. އެކަމަކު ފްލެޓެއް ދެނީއޭ ކިޔައިގެން ލާރިކޮޅު ކޮޅާލީމަ މިޒަމާނަކާ ނުގުޅޭ.
މިކިޔަނީ
10 February 2024
ގެއްލުން ލިބޭ މީހާ ހޭލުންތެރިކަމަށް ގޮވުމުގެ ބަދަލުގައި ގެއްލުމެއް ދެވިދާނެ މަގުތައް ހުންނަންޖެހޭނީ ބޭންކުގެ ތެރެއިން ބަންދުކުރެވިފަ. ގެެއްލުންދޭމީހާ އަށް ހިތިރަހަލާވަރުގެ އުގޫބާތްލިބޭމަގުހުންނަންޖެހޭނީ ފަހިވެފަ. އެކަންހަނދާން ނައްތާފަ ހޭލުންތރިކުރުމުގެނަމުގައި އިނގިރޭސިބަހުން ފަތުރާއެސްއެމްއެސްއަކުން މިމުޖުތަމައަށް ސަލާމަތްތެރިކަމެއް ލިބޭކަށް ނެތް.
ނާޑުވާ
10 February 2024
ކިއްވެރިން ހޯދާ އަދަބުދެވެން ޖެހޭ އަދި ބޭންކް ވެސް ޒިންމާދާރުވާންޖެހޭ. އެކަމަކު ކުރިމަތި ނުލާ ފްލެޓެއް ހޯދަން ފައިސާ ދެއްކުމަކީވެސް ވައްކަމެއް ކުރުމުގެ ނިޔަތެއް ނޫންތަ? ކުރިމަތި ނުލާ ނުލިބޭ އެއްޗެއް ހޯދަން ފައިސާ ނުދޭނެ އޮޅިގެން ނޫނީ ގަމާރު ވެގެންނެއް.
ހަސަން ފިރުޝާނު
10 February 2024
ވަރަށް ދެރަކޮއް މި ޑީލް މި ހިނގީ އިނގެ އަސްލުގަ! އަހަންނަށް އެންމެ 5000ރ. ވޯތެއް ނޫން! ދެން ނޫޅޭނަން މިހެންނެއް. :(
އަންދަލޫސިޔާ
10 February 2024
ދިވެހިންގެ ބައެއް މީހުން ދީނާ ދުރުވެ، ފައިސާއާ މުދަލަށް އަޅުވެތިވެ ނިމިއްޖެ. ނުޙައްޤުން އެއްޗެއް ލިބޭނެކަމަށް ނުވަތަ ދެތިން ދުވަސް ތެރޭ މުއްސަނދިވާނެކަމަށް ނޫނީ ބައްޔެއް ފިލާނެކަމަށް ބުނާއިރަށް ކޮންމެ ކަމެއް ވެސް ކޮށްފާނެ. ބޮޑެތި ޢަދަދުތަކުން ފައިސާ ދިނީމަ ރިސޯޓްތަކަށްދާ ކުދިން ވެސް ބައިވަރު.
ތޮރީގް
10 February 2024
އޯޓީޕީ މިހާރު ނުދާނެ އީމެއިލްއަކަށް.. މޮޔައިން ތިކަހަލަ ވާހަކަ ޤަބޫލްކުރާނީ... އޯޓީޕީ ލިބޭނީ އެސްއެމްއެސް އާއި އޮތޮންޓިކޭޓަރއަށް
ބައިއަޅާ
10 February 2024
ތި ކަމެއް ތިޔަ 7 މީހުން ވެގެން ކުރިނަމަ ބައިއަޅާފަ ތިއޮތީ ކިހިނެތްތަ؟ މަދުން ލިބުނު މީހުން ތިކަމުގެ ބޮހަކަށް ހުރި މީހާ ކައިރީ އެކަމާ މައްސަލަޖައްސަންވާނެ. އެކަކަށް އެއޮތީ 5000 ލިބިފަ
ގފދ
10 February 2024
ކަސްޓަމަރުގެ ޒާތީ މައުލޫމާތަކަށް ވާތީ ބެންކުން ތިޔަ ބަޔަކު ސިއްރު ކުރާނެ. އެއީ މިހާތަނަށް ވެސް ތިޔަ ބޭންކުން އަމަލު ކުރި ގޮތް. ދެން ފުލުހުން ވެސް މާ ބޮޑު އަޅާލުމެއް ނުދޭނެ. ތިޔަކަހަލަ ހާސް ކޭސް ވާނުވާގަ. 3 އަހަރު ވަނީ ސޭމް ކޭސް ކޮޅެއްގައި ޖައްސައި ނުދެވޭ. ފުލުހުން ބުނަނީ ނެކްސްޓް ވީކް.ބޭންކާ ފުލުހުންގެ ހިމާޔަތް ސްކޭމަރުންނަށް ލިބޭނެ.
ގފދ
10 February 2024
ކަސްޓަމަރުގެ ޒާތީ މައުލޫމާތަކަށް ވާތީ ބެންކުން ތިޔަ ބަޔަކު ސިއްރު ކުރާނެ. އެއީ މިހާތަނަށް ވެސް ތިޔަ ބޭންކުން އަމަލު ކުރި ގޮތް. ދެން ފުލުހުން ވެސް މާ ބޮޑު އަޅާލުމެއް ނުދޭނެ. ތިޔަކަހަލަ ހާސް ކޭސް ވާނުވާގަ. 3 އަހަރު ވަނީ ސޭމް ކޭސް ކޮޅެއްގައި ޖައްސައި ނުދެވޭ. ފުލުހުން ބުނަނީ ނެކްސްޓް ވީކް.ބޭންކާ ފުލުހުންގެ ހިމާޔަތް ސްކޭމަރުންނަށް ލިބޭނެ.