މަރިޔަމް މުހައްމަދު (މާޔަން).
11 ފެބުރުއަރީ 2024 - 09:56
ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އަދި ވިމެން ފުޓްބޯލް ކްލަބްގެ އެއް ފައުންޑަރު މަރިޔަމް މުހައްމަދު (މާޔަން) ހުޅުމާލޭގައި ފަތިހު ދުވަން ނުކުމެ އުޅެނިކޮށް ބަޔަކު އޭނާ ހިފަހައްޓައި ކަރުގައި އޮތް ރަން ފަށް ބަޔަކު ފޭރިގެންފި އެވެ.
އެ ހާދިސާއަށް ފަހު ޝޮކެއްގައި ހުރި މާޔަން، "މިހާރު" އަށް ކިޔައިދިން ގޮތުގައި އެކަނ ހިނގީ ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ގުޅޭ ސަރަހައްދުން އޭނާ ދުވެފައި ގޮސް ރެއިންކްރެސްޓް ރެސިޑެންސް ކައިރިން "ކްލޭ ސްޓޫޑިއޯ" ހުންނަ މަގަށް އެޅި ވަގުތު ކަމަށެވެ.
އޭނާ ބުނީ ކޮންމެ ދުވަހަކު ވެސް ފަތިސް ނަމާދަށް ފަހު ދުވަން ނުކުންނާތީ އެ ސަރަހައްދުގައި އުޅޭ ރޭސް ޖަހާ މީހުން ވެސް އޭނާ އަށް އެނގޭ ކަމަށާއި ދުވަހަކު ވެސް މިކަހަލަ ކަމެއް ދިމާނުވާ ކަމަށެވެ.
މާޔަން ބުނީ މިއަދު ދުވަން ނުކުތް އިރު އެ ސަރަހައްދުގައި ދެ މީހަކު ސައިކަލެއްގެ މަތީގައި ތިބި ކަމަށާއި އެ މީހުން ތިބީ ހެލްމެޓް އަޅައިގެން ކަމަށެވެ. ޖީންސާއި ޓީޝާޓްގައި ތިބި އެ މީހުންނަކީ ކޮން ބައެއްކަން، ހެލްމެޓް އަޅައިގެން ތިބުމުން ނޭނގޭ ކަމަށް އޭނާ ބުންޏެވެ.
"އަޅުގަނޑަކީ ފަތިސް ނަމާދުކޮށްގެން އަބަދުވެސް ދުވަން ނުކުންނަ މީހެއް. ފަހެއް ޖަހާއިރު ވެސް ދުވަން ނުކުމެފައި ހުންނަނީ. ދުވަހަކު ވެސް މިކަހަލަ ކަމެއް ދިމާނުވޭ،" އޭނާ ބުންޏެވެ.
އޭނާ ބުނީ ދުވަމުން ގޮސް މަގު ހުރަސްކުރަން އުޅެނިކޮށް ކުއްލިއަކަށް ފަހަތުން އައިސް އޭނާގެ ކަރުގައި ހިފި ކަމަށާއި އެ ވަގުތު ފައިން ވާގި ދޫވެ ބިންމައްޗަށް ވެއްޓުނު ކަމަށެވެ. އެ ވަގުތު އެ މީހުން ދިޔައީ ކަރުގައި އޮތް ފަށް ހިފައިގެން ކަމަށް އޭނާ ބުންޏެވެ.
"އަޅުގަނޑަކީ ދުވަން ނުކުންނައިރު ފޯނެއް، ދަބަހެއް އެއްޗެއް ގެންދާ މީހެއް ނޫން. ކަރުގައި އަޅާފައި އޮތް ފަށް އެކަނި އޮންނާނީ،"
އެ ވަގުތު އެހީއަށް އެދި ބާރަށް ހަޅޭއްލަވަން ފެށުމުން ބިދޭސީއަކު އައިސް އެ މީހުން އަތު ޖެހޭތޯ ފަހަތުން ދުވި ކަމަށާއި އެކަމަކު ސައިކަލަށް އަރައިގެން ވަރަށް ބާރަށް އެ މީހުން ގޮސް ފިލީ ކަމަށް މާޔަން ބުންޏެވެ.
މަރިޔަމް މުހައްމަދު (މާޔަން) ގެ ކަރުގައި އޮތް ފަށް: އޭނާ ވަނީ މި ފަށް ފޭރިގެންފައި ވާތީ އެއްވެސް މީހަކު އެ ވިއްކަން އުޅޭ ނަމަ އެކަން އަންގައިދިނުމަށް އެދިފައި.
"އެ ހާލަތުގައި އަޅުގަނޑަށް ސައިކަލުގެ ނަމްބަރެއް ވެސް ނުބެލުނު."
މާޔަން ބުނީ އެ ހާދިސާ ރިޕޯޓުކުރަން ވެސް އޭނާ ހަމަ އެ ވަގުތު ހުޅުމާލޭ ޕޮލިސް ސްޓޭޝަނަށް ދިޔަ ކަމަށާއި އެކަމަކު އެއީ ފަށް ލިބޭނެ ކަމުގެ އުންމީދެއް އޮވެގެން ނޫން ކަމަށެވެ. އޭނާ ބުނީ މައްސަލަ ރިޕޯޓްކުރީ ދުވާލު ވެސް އެފަދަ ހާދިސާތައް ހުޅުމާލޭގައި އިތުރުވެ، ނުރައްކާ ބޮޑުވެފައި ވާތީ ކަމަށެވެ.
ހުޅުމާލޭ މަގުތަކުގައި ހުރި ކެމެރާތަކަކީ ރަނގަޅަށް މަސައްކަތްކުރާ އެއްޗެހިތޯ ކަށަވަރުކޮށް، ދުވަން ނުކުންނަ މީހުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދޭން ޖެހޭ ކަމަށް އޭނާ ބުންޏެވެ.
"މިހާ ކުޑަ އެއްޗެއް ލިބޭނެތީއެއް ނޫން ރިޕޯޓްކުރީ. ދުވާ މީހުންނަށް ވަރަށް ބޮޑަށް ނުރައްކާ އޮތްކަމުގެ އިހުސާސް އެބަ ކުރެވޭ. ގިނަ މީހުންނަކީ މިހާ ހެނދުނާ ދުވާ މީހުން. މިކަހަލަ ކަންކަމާ ހުރެ ކަސްރަތަށް ނުކުންނަން މީހުން އެބަ ޖެހިލުންވޭ. އެމީހުންނަށް ރައްކާތެރިކަން ކަށަވަރުވާން އެބަ ޖެހޭ،" މާޔަން ބުންޏެވެ.
މާޔަން ވަނީ އޭނާގެ ފަށުގެ ފޮޓޯ އާންމުކޮށް އެއްވެސް މީހަކު އެ ވައްތަރުގެ ފަށެއް ވިއްކަން އުޅޭ ނަމަ ނުވަތަ އެއާ ބެހޭ މައުލޫމާތެއް އެނގޭ ނަމަ އެކަން އޭނާއަށް އަންގައިދިނުމަށް އެދިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހއރނ
11 February 2024
ތިއީ ޔޫތުސިޓީއެއްނު. ތިތަނުގައި ގިނައީ ރާއްޖެތެރޭގެ އެކިރަށްރަށުގެ ބޮޑުންގެ ދަރިން ރައްޔިތުންނަށް ނުކުޅަދާނަމިންވަރަށް ޑުރަގުގެކަންތަކާއި ވައްކަން ގިނަވެ، ގޮތަކަށް ރަށުންބޭރުކޮށްފައިތިބޭ ހައްދަވައިގެން މަސައްކަތެއްނުކޮށް މައިންބަފައިންފެލައިގެން ކައިބޮއިއުޅޭ މީހުން. ވޯޓުވަޅުތަކެއްގެ މެންބަރުންކަމުގައިވާތީވެ، ތިޔަމީސްމީހުން ހަންމަތަކުރެވޭވަރުގެ ވެރިންގެބަޔަކުވެގެންނޫނީ ތިކަމެއް ނުހުއްޓުވޭނެ. ކޮންމެމީހަކު އަނގައިން ތިކަހަލަކަންތައް ހުއްޓުވައެއްނު!
އަޑީ ދައުލަތުގެ ޒުވާނުން
11 February 2024
އަތުން ފައިން މަސައްކަތެއް ނުކޮށް އަނބިދަރީން ގޮވައިން ތިޔަ ލަގުޒަރީ ފުލެޓު ތަކުގައި ދިރިއުޅޭ ބަޔަކުވޭ. އެމީހުން ރުފިޔާ ހޯދަން ހެލްމެޓު އަޅާ މޫނު ނިވާކޮށް ކުނޑިއާ ރަލާ އޭތި މީތި ވިއްކަ ކަމަށް ވޭ. އެމީހުން ގެ ނުހައްގު މުއްސަދިކަން ނުބެލޭ. މި އަޅެ ގައުމެއްތަ ކަލޭނޭ؟؟؟؟
ހަލާލު ހަރާން
11 February 2024
ހުދު މައިންބަފައިންވެސް އަނބިމިހަ ވެސް ނާހާ އެއީ ހަލާލު ފައިސާތޯ. ވައްސަލާމް
ހަލާލޭ
12 February 2024
އަހައިގެން ވަކި ކީއްތަ ކުރާނީ؟ އެހީމަ ބުނާ ޒާތުގެ މީހުން އެކަހަލަ ކަންކަމެއް ނުކުރާނެ. އެހީމަ ނުބުނީއޭ ކިޔާފަ ޔަގީންނުވަނީސް ދަރިން ތިއްބާ އަންހެން މީހާ ވަރިވާންވީތަ؟ ނޫނީ މައިންބަފައިން އެއީ ދަރިއެއް ނޫންކަމަށް ނިންމަންވީތަ؟ ޝޭހުން ކީކޭބާ އެކަމާ ބުނާނީ؟
ކެމެރާ
11 February 2024
ހުރިހާ ކެމެރާ ތަކަކީ މަސައްކަތްކުރާ އަދި ފުލުހިންނާއި އާއްމުން އިތުބާރު ކުރާ އެއްޗަކަށް ހަދާލަބަލަ. ތަފާތު ފެންނާނެ.
ޖަމީލު
11 February 2024
މިދިޔަ ހަފްތާގައި ފަތިސްގަޑީގައި އަޅުގަނޑުގެ އަންހެނުން ހުޅުލެއަށް ވަޒީފާއަށް ދާން ވެގެން ނަސަންދުރަ ކަންމަތީގައި ހިސާބުން 2 މީހަކު ފަހަތުން އަންނާތީ ބިރުން ދުވެފައި ގޮސް ދޯންޏަށް އެރީ. މިއީ އަދުގެ ހާލަތު... ރަށްޔިތުން ބިރުން އުޅެން މިޖެހެނީ މަގުތަކުގައި ވެސް.
ފޮނިޓައްޕު ހަސަނު
11 February 2024
މިރާއްޖޭގައި ގޭންގު ހިންގާ މީހުން ފިލިޕިންސުގެ ކުރީގެ ރައީސް ޑުޓާޓޭ ހެދިގޮތަށް ނެއްތުނު ގޮތަކަށް ނައްތާލަންވީ.
ދަންމަރު
11 February 2024
މާޔަން ކަހަލަ ފިޓް އަންހެނަކަށް ހަމަލާދީ ފޭރުނީމަ ދެން އެންވެސް އަންހެނަކަށް ރައްކާތެރިކަމެއް ނެތް. ފަހުން އެޅި ބޮޑު ފުލުސް އޮފީސް އެހެރީ ތިބުނީ ތަނާ ކައިރީގައި. ކެމެރާ ތައް ބައިވަރު. އަސްލު މައްސަލައަކީ ތި ކޮންޑޯ ތަކުގެ ތެރޭގައި ގޭންގުތައް ވަކި ހިއްޕާލައިފިކަން. އެމީހުންގެ އައުލާދު ގޮވައިން ބަނޑަހަ ޖަހާފަ އޮތީ
ފެކުޓް
11 February 2024
ގޭންގު މަނާ ކުރުމުގެ ޤާނޫނެއް އޮއްވާ ގޭންގުތައް ފުޓްބޯޅަ ކުލަބުތަކުގެ ގޮތުގައި ރަޖިސްޓުރީ ކުރީ ކޮން ވެރިއެއް ބާ؟؟؟ ބައެއް ވެރިން ވެރިކަމުގައި ތިބެފައިވަނީ ގޭންގާ ޑުރަގުގެ ބާރުން
ހަމަ ފެކްޓް
11 February 2024
ބައެއް ވެރިން ވެރިކަމުގަ ތިބީ ގޭންގާ ޑްރަގްގެ ބާރުންނަމަ އެވެރިކަން ބަދަލުވެ 5 އަހަރުގެ އެހެން ބައެއްގެ ވެރިކަމެއްވެސް ގޮއްސި. ތިޔަ ބުނާ ގޭންގްތަކުގެ ބާރެއް ކުޑައެއް ނުކުރެވުނު.
އެމީލިއޯ
11 February 2024
ގޭންގ ސުޓާރސް ޕެރަޑައިސް
ގެންނަ ސަރުކާރު
11 February 2024
ގޭންގް ތައް މި ގައުމު ވެރިކޮށްފި. ފުލުހުންނާ ވެރިންނަށް ވުރެން ގޭންގްތަކުގެ ބާރު މި ގައުމުގަ ގަދަ ވެއްޖެ. ގޭންގް ތަކަކީ ޒުވާނުން ކަމަށް ދައްކާ ރައްޔިތުންގެ މުދަލާ ފުރާނަ ނުރައްކަލަށް ވައްޓާލާފި މިއަދު. މިއީ ކިހިނެއް ވީ ކަމެއްބާ
ޖޮބުލެސް މަހުޖަނުން
11 February 2024
ބަލޭ… ގިނަ ވެރިން ވެރިކަމަށް އަންނަނީ ގޭންގުތަކުގެ އެހީގައި. އެހެންމަ އެމީހުން ދަށުވެފަ ވެރިން. ހުޅުމާލޭގެ ސެކަންޑު ފޭސްއާ މާޔަން އަށް ހަމަލާ އެދިން ހިސަަބު ލަގްޒަރީ ފުލެޓު ތަކުގެ ތެރޭގައި އެތަންތަނުގެ ސެކުއުރިޓީގެ ބޭނުން ހިފައިން އެތިބީ ގޭންގުތައް ޖަރީމާ މޮޑެ ޕެކު ކޮށް ވިއްކާ ރުފިޔާ ގުނަން. މިކަން ކަން އެވެރިންގެ މައިންބަފައިންނާ އަނބިންނަށް ވެސް އެގޭ.
ސަދޫމު ސިޓީ
11 February 2024
ގޭނގުތަކުގެ މީހުން ދޭތެރެޔަކުން ހިންގަނީ މިކަހަލަ ޖަރީމާ
ޕްރޮޑަކްޓް
11 February 2024
ކޮންމެ ބަޔަކަށްވެސް ލިބޭނީ އެބަޔަކު އުފެއްދި ޕްރޮޑަކްޓެއްގެ ނަތީޖާ. މިއަދު ދިވެހިން ބޭނުންވަނީ ކުޅިވަރާއި މަޖަލުގައި ވަގުތު ހޭދަކުރަން. ދަރިން ތަރުބިއްޔަތު ކުރަންވެސްވީ ބިދޭސީއެއް. ދަރިއަކަށް ހޯމްވޯކެއް ދިނުމާއި ދީން އުނގަންނައިދިނުމާއި ރީތި އަޚުލާޤު ދަސްކޮށްދިނުމަކީ ކުރަން ހެޔޮނުވާވަރުގެ ވިޔާނުދާކަން ބޮޑު މައްސަލައެއް. މީހަކަށް އިޙްތިރާމުކުރުމަކީ ގޯހެއް. މިވަރަށް ދިވެހިން ސިކުނޑި ތަޣައްޔަރުވީމާ ފެންނާނެ މަންޒަރުތައް ފެންނަމުން މިދަނީ.