މ. ދިއްގަރުގެ ހައުސިން މަޝްރޫއުގެ ބިންގާ އަޅަނީ.-- ފޮޓޯ: ހައުސިން މިނިސްޓްރީ
18 އެޕްރީލް 2024 - 19:06
މ. ދިއްގަރުގައި އިމާރާތްކުރާ 75 ހައުސިން ޔުނިޓުގެ ބިންގާ މިއަދު އަޅައިފި އެވެ.
ހައުސިން މިނިސްޓްރީން މި މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީއާ އެކު ސޮއިކުރީ މިއަދު ހެނދުނެވެ. އެމްޓީސީސީ އަށް މި މަޝްރޫއު ހަވާލުކުރީ 117.9 މިލިއަން ރުފިޔާ އަށެވެ.
މިނިސްޓްރީން ބުނީ މިއަދު މެންދުރު ފަހު ދިއްގަރުގައި ބޭއްވި ރަސްމިއްޔާތެއްގައި 75 ހައުސިން ޔުނިޓުގެ މަސައްކަތުގެ ބިންގާ އަޅުއްވައި ދެއްވީ މިނިސްޓަރު ޑރ. އަލީ ހައިދަރު އަދި އެމްޓީސީސީގެ ސީއީއޯ އަބްދުﷲ ޒިޔާދު ކަމަށެވެ.
ހައުސިން މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ބުނީ މި އަހަރުގެ ޕީއެސްއައިޕީ ބަޖެޓުން ހަރަދުކުރާ އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ކަމަށެވެ.
އެ މަޝްރޫއުގެ ދަށުން އިމާރާތްކުރާ ހައުސިން ޔުނިޓެއްގެ ބޮޑު މިނަކީ 1،000 އަކަފޫޓެވެ. ކޮންމެ އެޕާޓްމަންޓެއްގައި ތިން ކޮޓަރި އާއި ތިން ފާހާނާ އާއި ސިޓިން ރޫމަކާއި ބަދިގެ އާއި ކާގެ އާއި ލޯންޑަރީ އަދި ގުދަނެއް ހުންނާނެ އެވެ.
އެ މަޝްރޫއު ހަވާލުކުރީ އެއް އަހަރާއި ދެ މަސް ދުވަހުން ނިންމަން ޖެހޭ ގޮތަށެވެ.
މިނިސްޓްރީން ބުނި ގޮތުގައި، އެ ހައުސިން ޔުނިޓްތަކުގައި އުޅޭ މީހުންނަށް ހިތްފަސޭހަ ދިރިއުޅުމަކަށް މަގު ފަހިވާ ފަދަ ވަސީލަތްތައް ގާއިމްކޮށްދޭނެ އެވެ. އޭގެ ތެރޭގައި އެތަނުގައި ޕާކަކާއި ވެހިކަލް ޕާކުކުރާނެ ސަރަހައްދެއް ހަދާނެ އެވެ. އަދި މުޅި ސަރަހައްދުގައި ލައިޓް ހަރުކޮށް، ވަށައިގެން އަލިކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy