ޚިޔާލު

ފަސް މިނެޓް: މިއަށް ވުރެ ޒިންމާދާރު ވާންވެއްޖެ!

މަހަށް ނުކުމެ އުޅެނިކޮށް ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ ބްލޫ ފިޝް ދޯނި، ކަނޑުމަތީގައި އުޅުމަށް ފަހު އެނބުރި އައިސް، މަސް ކިރުވަން ހުޅުމާލޭ ފަޅުގައި. ފޮޓޯ މިހާރު

ސަރުކާރަށް ފާޑު ކިޔާފައި ނުކިޔާނީ ކޮން ކަމަކަށް ހެއްޔެވެ؟ ސަރުކާރުން ކުރާ ރަނގަޅު އެއް ކަމެއް ވެސް އެބަ އޮތް ހެއްޔެވެ؟ މިއީ އަމިއްލަ ނަފްސާ ކޮށްލަން ހަމަ އެންމެ ރަނގަޅު ސުވާލުތަކެވެ. ފާޑުކިޔުމަކީ ވަރަށް ފަސޭހަ ކަމެކެވެ. އެކަމަކު ޒިންމާދާރު ވުމަކީ އެހާމެ އުނދަގޫ ކަމެކެވެ.

ރާއްޖޭގައި ކުރިމަތިވާ ކަނޑުމަތީގެ އެންމެ ހިތާމަވެރި ހާދިސާތަކަކީ ދޯނިފަހަރު ބަންޑުން ޖަހައިލުމާއި ގެއްލުމެވެ. އެފަދަ ޚަބަރެއް މީޑިއާގައި ޖަހައިފި ނަމަ، ކިޔުންތެރިންގެ ފަރާތުން ލިބޭ ކޮމެންޓްތަކުގައި ވަރަށް ޒިންމާދާރު ޚިޔާލު، ފާޅުކޮށްފައި ހުރެ އެވެ. ހަމަ އެއާ އެކު މަލާމާތްކޮށް ފުރައްސާރަކޮށްފައި ހުންނަ ކޮމެންޓްތައް މަދެއް ނޫނެވެ.

ބައެއް މީހުން ބުނާ ގޮތުގައި މަސްދޯންޏެއް ގެއްލުނަސް، އެ ދޯނި ހޯދެނީ އިންޑިޔާ ނުވަތަ ލަންކާ ސިފައިންގެ އެހީތެރިކަމާ އެކުގަ އެވެ. ނުވަތަ އެއިން ގައުމެއްގެ ވައިގެ ސިފައިންގެ އެހީތެރިކަމާ އެކުގަ އެވެ. ދިވެހި ސިފައިންނަށް ކުރެވޭ ހަމަ އެއް ކަމެއް ވެސް ނޯވެ އެވެ. އެކަމަކު ވަރުވަރުން ކަނޑުމަތީގެ އުޅަނދުތައް ގެންނާނެ އެވެ.

މިފަދަ ފާޑުކިޔުންތައް އަމާޒުކުރާ އިރު، އަޅުގަނޑުމެންގެ އަމިއްލަ ނަފްސުގައި ކިތަންމެ ކުޑަ ނަމަވެސް ޒިންމާއެއް އެބަ އޮތްތޯ ހަނދާންކޮށްލުން މުހިންމެވެ. މި މަހުގެ 20 ވަނަ ދުވަހު ބޮޑު ކަންނެއްޔަށް ނުކުތް ހއ. ތުރާކުނު "ބްލޫ ފިޝް" ދޯނި ގެއްލިގެން ހަފުތާއެއް ވަންދެން ހޯދައިފި އެވެ. އެ ދޯނީގެ ޚަބަރެއް ނުވެގެން އާއިލާގެ ފަރާތުން ހުށަހެޅީ އޭގެ ހަތަރު ދުވަސް ފަހުން، މި މަހުގެ 24 ވަނަ ދުވަހު އެވެ.

ސިފައިންނަށް އެކަން އެންގުމުން އެ މީހުންގެ ޒިންމާ އަދާކުރަން ފެށި އެވެ. ސިފައިންގެ އަތުގައި ހުރި ކަނޑު އުޅަނދުތައް ބޭނުންކޮށްގެން އެ ދޯނި ހޯދުމުގެ މަސައްކަތް ރެ އާއި ދުވާލު ކުރި އެވެ. އަދި އަވައްޓެރި އިންޑިޔާ އާއި ލަންކާގެ އެހީތެރިކަމަށް ވެސް ދިވެހި ސަރުކާރުގެ ފަރާތުން އެދުނެވެ.

ދޯނި ނުފެނި އިތުރު ތިން ދުވަސް ވުމުން، އިންޑިޔާގެ ކަނޑުގެ ސިފައިންގެ ސަވައިލެންސް މަތިންދާބޯޓެއްގެ އެހީގައި، ދޯނި ހޯދުމުގެ މަސައްކަތް އިއްޔެ ހެނދުނު ފަށަން އޮތީ ތައްޔާރުވެފަ އެވެ. ނަމަވެސް އެ މަސައްކަތް ފަށަން ހައެއްކަ ގަޑިއިރަށް ވެފައި ވަނިކޮށް އެ ދޯނީގެ ޚަބަރެއް ލިބުނެވެ. ދޯނި ނުގެއްލެ އެވެ. މޮބައިލް ރޭންޖު ވެސް އަދި ވީއެޗްއެފް ސެޓްގެ ރޭންޖު ވެސް ނުލިބޭ ހިސާބަށް، 150 މޭލު ބޭރަށް ގޮސް އެ ދޯނި އުޅުނީ ބޮޑު ކަންނެލި ބޭނުމުގަ އެވެ.

އޮޑިވެރިޔާ އަށާއި އާއިލާގެ މީހުންނަށް އެއްވެސް ޚަބަރެއް ނުވެ، އަދި ދިޔަ ތަނެއް ވެސް އަންގާނުލައި ހަފުތާއެއް ވަންދެން ކަނޑުމަތީގައި އުޅުނު އިރު، ރަށުގައި ތިބި އާއިލާގެ މީހުންނާ މެދު ވިސްނައެއް ނުލެވުނެވެ. ރަށުގައި ތިބި މީހުންގެ ލަގޮނޑި އަށް ކެތް ނުވެގެން ސިފައިންނަށް ގުޅައި ދޯނި ހޯދައިދޭން އެދޭނެކަމާ މެދު ޚިޔާލެއް ނުކުރެވެ އެވެ.

އެ މީހުންގެ އެދުމަށް ދިވެހި ސިފައިން ކަނޑުމައްޗަށް ނުކުތީ، ގެއްލިފައިވަނީ ދިވެހި ދަރިން ކަމަށް ވާތީ އެވެ. ނަމަވެސް އެއީ ކިހާވަރެއްގެ ކަމެއް ކަން އިހްސާސް ކުރެވުނީ ކާކަށް ހެއްޔެވެ؟ އެ ދޯނި ހޯދުމަށް ސިފައިންގެ ކަނޑުމަތީ އުޅަނދުތައް ކަނޑުމައްޗަށް ނުކުމެ ހޭދަކުރާ ކޮންމެ ސިކުންތަކަށް ހޭދަވަނީ ކިހާ ފައިސާއެއްތޯ ވިސްނާލީ ކާކު ހެއްޔެވެ؟ ތިން ހަތަރު އުޅަނދު ނުކުމެ އެ މަސައްކަތް ކުރާ ނަމަ، ގަޑިއަކު ކިތައް ލައްކަ ރުފިޔާ ޚަރަދުވާނެތޯ އެވެ؟ އަދި ވައިގެ މަގުން އެ މަސައްކަތް ކުރާ ނަމަ ކިހާ ފައިސާއެއް ޚަރަދުވާނެ ހެއްޔެވެ؟

ހާލުގައި ނުޖެހި، އަދި މީހުން ވެސް ގަދަވެ ސަލާމަތުން ތިބި ދޯންޏެއް ހޯދުމަށްޓަކައި ފައިސާތަކެއް ޚަރަދުކުރަން ޖެހުމަކީ ކުރެވޭ އިސްރާފެކެވެ. ބޭކާރުވެގެން ދަނީ އެތައް ބައެއްގެ މަސައްކަތާއި ވަގުތެވެ. މިފަދަ ހާދިސާތަކުގެ ސަބަބުން އެތައް ބަޔަކަށް ހިތްދަތިކަމާއި މާޔޫސްކަން ވެރިވެ އެވެ.

ކަންބޮޑުވާންވީ ކޮރަޕްޝަނާއި ޚިޔާނާތުގެ ތެރެއިން ދައުލަތުގެ ފައިސާތަކެއް ގެއްލިގެން ދާތީ އެކަންޏެއް ނޫނެވެ. ދައުލަތުގެ ބެލެހެއްޓުންތެރިކަމުގެ ދަށުގައި ތިބި އާންމު ރައްޔިތުންގެ ފަރުވާ ކުޑަކަމާއި އިހުމާލުގެ ސަބަބުން ދައުލަތުގެ ބަޖެޓުން ބޭކާރު ގޮތެއްގައި ފައިސާތަކެއް ހޭދަ ކުރަން ޖެހިއްޖެ ނަމަ އެއީ ވެސް ކުރެވޭ ވަރަށް ބޮޑު އިސްރާފެކެވެ. އެކަމާ ވެސް ކަންބޮޑުވާން ޖެހޭނެ އެވެ.

ބްލޫ ފިޝް ދޯނީގެ ހާދިސާ އަށް ބަލާއިރު، އެއީ ވެސް ފަރުވާ ކުޑަވުމާއި އިހުމާލުގެ ސަބަބުން ދައުލަތުގެ ފައިސާތަކެއް އިސްރާފުވި ކަމެކެވެ. ޒަމާނީ ޓެކްނޯލޮޖީގެ މި ޒަމާނުގައި ވަރަށް ބޮޑު ހާދިސާއަކާ ކުރިމަތިވެގެން ނޫނީ، ވީނުވީއެއް ނޭނގި ކަނޑު އުޅަނދެއް ގެއްލުމަކީ ވަރަށް ނާދިރު ކަމެކެވެ. މި ކަމުގައި އެ ދޯނީގެ އޮޑިވެރިޔާ އާއި ކެޔޮޅުގެ އިހުމާލު ވެސް އެބަ އޮތެވެ.

ސެޓެލައިޓް ފޯނެއް ފަދަ އެއްޗެއް އޮތް ނަމަ، ކިތަންމެ ދުރުގައި އޮތް ނަމަވެސް، ވާނުވާ އަންގައިލަން ކޮންމެ މީހަކާ ވެސް ގުޅޭނެ އެވެ. ނުވަތަ ދޯނި އޮންނަ ތަން ބުނެދޭ ޓްރޭކިން ޑިވައިސެއް ހަރުކޮށްފައި ހުރި ނަމަ، މުވާސަލާތީ ވަސީލަތްތައް ފެއިލްވާ ހާލަތެއްގައި ވެސް ދޯނި އޮތީ ކޮން ތަނެއްގައި ކަން ދެނެގަނެވޭނެ އެވެ. އަދި ހާދިސާއެއް ކުރިމަތިވި ނަމަވެސް، ދޯނި އެންމެ ފަހުން އޮތީ ކޮން ހިސާބެއްގައި ކަން ދެނެގަނެވޭނެ އެވެ. މިފަދަ އެއްވެސް ވަސީލަތެއް ނެތް ނަމަ އެއީ އޮޑިވެރިޔާގެ އިހުމާލެކެވެ.

އާދައިގެ މަތިން ހުކުރަށް، ކޮންމެވެސް ރަށަކަށް ވަންނަ ދޯންޏެއް ޚަބަރެއް ނުވެ ހަފުތާއެއް ވެގެންދާ އިރު، ދޯނި އޮތީ ކޮން ތަނެއްގައި ކޮން ހާލަތެއްގައި ކަން އޮޑިވެރިޔާ އަށާއި އާއިލާގެ މީހުންނަށް އެނގުމަކީ ކެޔޮޅުގެ ޒިންމާއަކަށް ނުވެ ނުދާނެ އެވެ. ނަމަވެސް ދޯނި މަހަށް ނުކުތް އިރު ވެސް ނުކުތީ ކޮން ދިމާލަކަށް ކަމެއް، އެއްވެސް މީހަކަށް އަންގާފައެއް ނުވެ އެވެ.

ކެޔޮޅު ބުނި ގޮތުގައި 150 މޭލު ބޭރުގައި އޮތް އިރު، މަހަށް ނުކުމެ އުޅުނު އެހެން ދޯނިތަކާ ސެޓުން މުއާމަލާތު ކުރެވުނެވެ. މީގެ ކުރީ ފަހަރުތަކުގައި ވެސް، އެ ގޮތަށް ދުރުގައި އޮންނަ އިރު، ރަށަށް އަންގާލަން ޖެހޭ ވާހަކައެއް އޮތިއްޔާ އަންގާލަނީ، ސެޓުގެ ޒަރީއާ އިން އެހެން ދޯނިތައް މެދުވެރިކޮށެވެ. ނަމަވެސް މިފަހަރު ހަފުތާއެއް ވެގެން ދިޔައިރު ވެސް، ދޯނީގެ އެއްވެސް މައުލޫމާތެއް ކެޔޮޅުގެ ފަރާތުން އޮޑިވެރިޔާ އަށް ވެސް އަދި އާއިލާގެ މީހުންނަށް ވެސް ދީފައި ނުވުމަކީ ކެޔޮޅުގެ އިހުމާލެވެ.

މިފަދަ ކިތަންމެ ކަމެއް މި ފަހުގެ ތާރީޚުގައި ހިނގާފައި އެބަހުއްޓެވެ. ހުއިފިލަނޑާ ނަގަން ފީނަން ނުކުމެ އުޅެނިކޮށް ނުވަތަ ކެޔޮޅުކަމު ނުކުމެ އުޅެނިކޮށް ޚަބަރެއް ނުވެގެން ކިތަންމެ ބަޔަކު ހޯދަން ޖެހެ އެވެ. އެފަދަ ހާލަތްތަކުގައި ވެސް ސިފައިންނާއި ފުލުހުން އަދި ރަށުގެ އާންމުން ނުކުމެ އެތައް މަސައްކަތެއް ކުރެ އެވެ. އާޚިރުގައި އެ މީހުން ފެންނަ އިރު، މި ތިބެނީ ކޮންމެވެސް ފަޅުރަށެއްގައި ނުވަތަ ފިނޮޅެއް ނުވަތަ ފަރެއްގެ ބޭރުގައި މަޑުކޮށްލައިގެންނެވެ. މައްސަލައަކަށް ވަނީ، ކަމެއް މެދުވެރިވާ ހާލަތުގައި ވެސް މުވާސަލާތު ކުރެވޭނެ ގޮތެއް ނެތުމެވެ.

މިފަދަ ކަންތަކުގައި ދައުލަތުގެ ފައިސާ އިން އިސްރާފު ވެގެން ދަނީ ކިތައް މިިލިއަން ރުފިޔާއެއް ކަމެއް ނޭނގެ އެވެ. އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ ޒިންމާ އަދާކުރުމުގައި ފަރުވާތެރިވާ ނަމަ، ހަމަ ގައިމު ވެސް ބޭކާރު ގޮތެއްގައި އެ ފައިސާ އާއި އެތައް ބައެއްގެ ވަގުތު ހޭދަކުރާކަށް ނުޖެހޭނެ އެވެ.

22 ކޮމެންޓް, 30 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 23%
icon angry icon angry 27%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޮމަންމޭން

28 February 2017

ތިގޮތަށް އިހުމާލުން ހަރަދުކުރަން ޖެހޭ ފައިސާ އިހުމާލުވާފަރާތަކުން އަތުލަންވީ. މިކޭސްގަ ކެޔޮޅު ޖޫރިމަނާކުރަންޖެހޭ. އަދި ބުނެފިއެއްނު 150 މޭލަށް ނުކުންނަ އިރު ބައެއްގެ ކައިރިން ހުއްދަ ނަގަންޖެހޭ ކަމެއްނޭގޭ. ހުއްދަ ނަގާކަށް ނުޖެހޭ އެކަމަކު ތިމާމީހާގެ ހަބަރެއްނުވީމަ އަނބިމީހާ ރޮއެ ރޮއެ ހަލާކުވާވަރުވެ ހަދާނެ ގޮތްހުސްވީމަ އަހަރުމެން ދައްކާ ޓެކްސް ފައިސާ ޚަރަދުކޮށްގެން ބޭކާރުކަމެއް ކުރަންޖެހުނީމަ އެއީ މައްސަލައެއް. ތިމާގެ އަމިއްލަ ފައިސާގަ ތިމާގެ މީހުން ނުކުމެ ހޯދަން އުޅުންނަމަ މައްސަލައެއްނެތް.

The name is already taken The name is available. Register?

ރަދީފް

28 February 2017

އަހުމަދު އަބުދުﷲ ސައީދު ނޫނީ ނެތް ރަނގަޅު އެނެލިސިސްއެއް ގެނެސްދެވޭ ލިޔުންތެރިއެއް.މަނިކްފާނަށް ސެލިއުޓް ކުރަން. ވ.ވެދުން

The name is already taken The name is available. Register?

ކައި

28 February 2017

ސިފައިން ދޯނި ހޯދަން މަސައްކަތްކުރި ކަމުގެ ކިހާ ޔަގީން ކަމެއް އޮވެގެންތޯ ލިޔުންތެރިޔާ މިލިޔުން މިލޔުނީ؟ ދޯނިއޮތީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި. ނަމަވެސް ސިފައިން ދެދުވަސްވަންދެން މަސައްކަތްކޮށްގެން ވެސް ސިފައިންނަށް ދޯނި ފެނުނީއެއް ނޫން. ދޯނީގެ ހަބަރުވީ އެދޯނި މަސްވެރިކަން ނިންމާފަ ފޯން ރޭންޖް ލިބޭ ސަރަހައްދަށް އައުމުން. ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދޯނި އޮވެ ސިފައިން ދެސުވަސްވަންދެން މަސައކަތްކޮށްގެންވެސް ދޯނި ނުފެންނަ ނަމަ ސިފައިން ދޯނި ހޯދަން އެއްވެސް މަސައްކަތެއް ކުރިކަމަކަށް ނުބެލެވޭ. ވަރަށް ވެދުން!

The name is already taken The name is available. Register?

އިޚްލާސް

28 February 2017

މާސިންގާ ކަނޑުގެ ސަރަހައްދުން އެއްޗަށް ހޯދުމަށް ކޮއްކޮ ދުވަހަކުވެސް ނުކުތިންހެއްޔެވެ. ސިފައިން އުޅުނީ ތިގޭ ސިޓިންގ ރޫމްގައި އޮތް އެއްޗެއް ހޯދާކަށްނޫނެވެ. ވީނުވީއެއް ނޭގި ކަނޑުތެރެއަށް ގެއްލިގެން އުޅޭކަމަށް މައުލޫމާތު ލިބުނު ދޯންޏެއް ހޯދުމަށެވެ.

The name is already taken The name is available. Register?

ތަކަންދޫ

28 February 2017

ސާބަސް! ސިފައިން ވެސް ކީއްތަވާނީ ދިވެހި އޮޑިވެރިންނަށް "ބުލޫ ފިޝް" ގެއްލިގެން އުޅޭކަމާ އެ ދޯންޏާ ގުޅިއްިއްޔާ އަންގަން އެދުނުނަމަ! މިއީ ސިފައިންގެ ވެސް މައްސަލައެއް ނޫންތަ؟ ކައިރި ގައުމުތަކުގައި ދޯނި ހޯދަން އެހީތެރިވެދިނުމަށް އެދުނުއިރު ދިވެހިންނަކަށް އެއްވެސްކަމެއްކުރާކަށް އަންގާވެސްނުލާ! ރަށުކައުންސިލްތައް މެދުވެރިކޮށް ފުރާ އޮޑިފަހަރަށް މި މައުލޫމާތު ދީފަ އޮތް ނަމަ މިހެން ވާކަށް ނުޖެހުނީސް! ކައްޕި އެބަ ބުނޭ ބައިވަރު އޮޑިފަހާ ގުޅާ ވާހަކަދައކާ ހެދިވާހަކަ!

The name is already taken The name is available. Register?

ދިވެއްސެއް

28 February 2017

"ބްލޫ ފިޝް"ގެ ރައްޓެހިންނާއި އެމީހުންގެ ވަނަވަރު ދިވެހި ސިފައިން ބަލަހައްޓާނަމަ ގުޅާނެ.

The name is already taken The name is available. Register?

އަހްމަދު މޫމިން

28 February 2017

ހަމައެކަނި އޮޑިވެރިންނާއި ކެޔޮޅުން ޒިންމާއެއް ނޫން. ސަރުކާރުންވެސް އެބަޖެހޭ ނިޒާމެއްގެ ދަށުން އެކަން ކަށަވަރުކޮށްދޭން. ޖީޕީއެސްއާއި ސެޓްލައިޓް ފޯނާއި ޓްރެކިން ޑިވައިސް އަދި އޮޓޮމެޓިކް އައިޓެންޓިފިކޭޝަން ސިސްޓަމް ހަރުކުރިއަސް އަދި ތިކަމަށް ހައްލެއް ނޫން. މީހުން ހޭލުންތެރިކުރަންވެސް އެބަޖެހޭ

The name is already taken The name is available. Register?

މަ

28 February 2017

ތި ކިޔާ ސެޓެލައިޓް ފޯނާއި ޓްރެކިން ޑިވައިސް އެއްގެ ވާހަކަ މަގޭ ރައްޓެހި ކެޔޮޅުން ދައްކާތާ ދުވަސްކޮޅެއް ވެއްޖެ. އަހަންނަށް ހީވާގޮތުން ކޮންމެވެސް ގޮތަކަށް މިހާރު އެއީ ކުރަންވެސް ޖެހޭކަމެއް، އެހެނަސް މިބުނި ކެޔޮޅުންނާއި އޮޑިވެރިންގެ ނަޒަރުގައި އެމީހުން ފެލާނެ ގޮތެއް ނޭގިގެން ސަރުކާރު އެއުޅެނީ!! އަސްލު ފުދޭވަރެއްގެ ބޮޑުއެއްޗެއް އަރަނީވެސް ކަންނޭގެ އެފަދަ ނިޒާމެއް ގާއިމްކުރުމަށް. ކޮންމެއަކަސް ބްލޫ ފިޝް ދޯނި މިކުރިކަމެއް ހަމަ އެއްގޮތަކަށް ބަލައެއް ނުގަނޭވޭނެ. ކޮންމެވެސް ކަހަލ އަދަބެއް ލިބެން ޖެހޭނެ މި މީހުނަށް، އެހެންމީހުން ނަށް އޭގެން އިބްރަތެއް ލިބޭނެ ފފަދަ އަދަބެއް!!

The name is already taken The name is available. Register?

ދިވެއްސެއް

28 February 2017

މުވާޞަލާތީ ނިޒާމު ޤާއިމުކުރަންޖެހެނީ މީހުން ފެލާކަށް ނޫން. އެ އެއްޗެހި ޤާޢިމުކުރަން ބޮޑު ޚަރަދެއް ދިޔަޔަސް މި ނިޒާމުތައް ހުރި ދޯނިފަހަރަށް އެފަދަ މައްސަލަތައް ހާހަކުން ފަހަރަކުވެސް ދިމާނުވޭ. އާނ...! ސެޓެލައިޓް ފޯނުން ރައްޓެހިވެގެން އުޅޭ މަންޖެމެންނަށް ގުޅަންވެއްޖިއްޔާ މަސްވެރިކަމުން ލިބޭ ލާރީގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް.

The name is already taken The name is available. Register?

ޙުސައިން

28 February 2017

ދެދުވަސްތެރޭ އެމްއެންޑީއެފްއިން ދެމިލިޔަން ރުފިޔާ ޚަރަދުކުރި، ކޮންމެ ބޭފުޅަކުވެސް އެމީހެއްގެ ފުރިހަމަ ޒިންމާ އަދާކުރަށްވާ! މެރިން ވީއެޗް އެފް އާއި ސެޓްލައިޓް ފޯނާއި، ލޮކޭޝަން ޑިވައިސް ކޮންމެ ދޯންޏެއްގައިވެސް ހަރުކުރަން ސަރުކާރުން އަންގާފައިވަނީ، ސަރުކާރުގެ އިސްވެރިންގެ ފައިދާއަކަށްނޫން އެބައެއްގެ ސަލާމަތާއި ރައްކާތރިކަމަށް، ރައްކާވެ ތިބިއްޔާ ދަތުރު! ސަމާލުވެލައްވާ އިބްރަތް ހާޞިލްކުރައްވާ!

The name is already taken The name is available. Register?

ޑޮން

28 February 2017

ބަލަ ޙުސައިނާ! ދިހަ މިލިޔަންވެސް ހިގައިދާނެ. ބަލަ ސަރުކާރުން މަސްވެރިންނާއި ގުޅޭ ދާއިރާއިން ތިނަގާ ފީތަކުންނާއި ޓެކްސްތަކުން ރަނގަޅު ޓްރެކިންގ ނިޒާމެއް ޤާއިމް ނުކުރެވޭތޯ؟ ރަނގަޅު ރާޑަރ ސިސްޓަމްއެއް ޤާއިމް ނުކުރެވޭތޯ؟ ބަލަ ސަލާމަތް ކަށަވަރުކޮށްދޭންޖެހޭ މީހުންގެވެސް ކޮންމެވެސް ޒިންމާއެއް ވާނެދޯ؟

The name is already taken The name is available. Register?

ފަސްގުނަ

28 February 2017

ސައީދުބޭގެ ލިޔުމަށް 100+ ދޭވަރުވޭ. އޮޑިވެރިންނަށް ކެޔޮޅުންނަށް އެމީހުންގެ ޒިންމާ ނޭނގެންޏާ މަހަށް ފަރަށް ނުނިކުންނާނީ. ޚަރަދުވެސް ހިނގައިދާނެ. އެކަމަކު ކޮބާ އެތައް އާއިލާއެއް ބިކަވެގެެންވެސް ހިނގައިދާނެ. އަނެެއްކާވެސް ދައުލަތުގެ ބެލުމުގެ ދަށަކަށްނޫންތޯ އަންނާނީ. މިމީހުންނާމެދު ހަރުކަށި ފިޔަވަޅު އަޅަންވީ. ކެޔޮޅު ކިހާ ކޫލު. ބުނީ ގެއްލުނީކީނޫނޯ. މިދެން ކިހާދެރަވަރުކަންތައް.

The name is already taken The name is available. Register?

އަހަރެން

28 February 2017

ބަލަ މީގެ ދުވަސްކޮޅެއްކުރިން ބެޔަސް ނުބެޔަސް ދުއްވަންޖެހޭނީ 3 އެތި ހަރުކޮށްގެންނޭބުނެ ބޮޑުއަގުނަގައިގެން ހަރުކުރި އެތިން ކުރެވެނީ ކޮންކަމެއް

The name is already taken The name is available. Register?

21212

28 February 2017

މިފަދަ މީހުންނަށް ފިޔަވަޅު އެޅުން މުހިއްމު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454