21 އޯގަސްޓް 2024 - 21:42
ދަރުމަވަންތަ ހޮސްޕިޓަލުގެ ހައިބްރިޑް ތިއޭޓަރު އަލުން މަރާމާތުކޮށް ހިދުމަތް ދޭން ފެށުމާ އެކު، އައިޖީއެމްއެޗުގެ ކާޑިއެކް ސެންޓަރު ދިވެހި ޑޮކްޓަރުންނަށް ހިންގެން ފެށޭނެ ކަމަށް މާލޭ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް މިއަދު ވަނީ މާލޭ ގުރޫޕް އޮފް ހޮސްޕިޓަލުގެ ވެރިން ހާޒިރުކޮށް، މާލެ ސަރަހައްދުގެ ސަރުކާރު ހޮސްޕިޓަލުތަކާ ގުޅޭ ގޮތުން މައުލޫމާތު ސާފުކޮށްފަ އެވެ
އައިޖީއެމްއެޗުގައި ހިތުގެ ބަލިތަކަށް ފަރުވާދޭ ކާޑިއެކް ސެންޓަރު މިހާރު ހިންގަނީ އިންޑިއާގެ މެޑިޓްރީނާ ހޮސްޕިޓަލާ ގުޅިގެންނެވެ. އެކަމަކު ކާޑިއެކް ސެންޓަރު ހިންގޭނެ ގާބިލް ދިވެހި ޑޮކްޓަރުން ތިބުމާ އެކު ސަރުކާރުގެ ވިސްނުމަކީ އެ ސެންޓަރު ހިންގުން ދިވެހި ޑޮކްޓަރުންނާ ހަވާލުކޮށް ހިދުމަތް މިހާރަށް ވުރެން ފުޅާކުރުމެވެ.
މިކަމާ ގުޅޭ ގޮތުން، މަޖިލީހުގެ ކޮމިޓީގައި މެމްބަރަކު ސުވާލު ކުރެއްވުމުން ހަލީމް ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފްލޯގައި ގާއިމްކޮށްފައިވާ ހައިބްރިޑް ތިއޭޓަރުގެ ހިދުމަތް އަލުން ފެށުމާ އެކު ދިވެހި ޑޮކްޓަރުންގެ ބެލުމުގެ ދަށަށް ކާޑިއެކް ސެންޓަރު ބަދަލުކުރެވޭނެ ކަމަށެވެ.
"[މަރާމާތުކޮށް ތިއޭޓަރުގެ] ހިދުމަތް ފެށުމާ އެކު އަޅުގަނޑުމެންގެ ކާޑިއެކް ސެންޓަރުގައި އަޅުގަނޑުމެން އަމިއްލައަށް އަޅުގަނޑުމެން ޑޮކްޓަރުން ބޭނުންކޮށްގެން ހިދުމަތްތައް ފޯރުކޮށްދެމުން ގެންދާނަން،" ހަލީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޓާގެޓަކީ ތިއޭޓަރުގެ މަސައްކަތް ކުރިއަށް އޮތް މަސް ތެރޭގައި ނިންމުމެވެ. އަދި ހިދުމަތް ފަށަން ބޭނުންވާ ކޮންސިއުމަބްލްސް ގެނައުމުގެ މަސައްކަތް ވެސް އަންނަ މަހު ފަށާނެ ކަމަށް ވިދާޅުވި އެވެ.
ކާޑިއެކް ސެންޓަރަށް ބޭނުންވާ ކޮންސިއުމަބްލްސް ގެންނަނީ ބޭރުގެ ފަރާތާ ގުޅިގެން ކަމަށާއި އެ ކޮންސިއުމަބްލްސް އަމިއްލައަށް ގެންނަން ފެށޭ ހިސާބުން ދިވެހިން ހިދުމަތް ދޭން ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ ނޮވެމްބަރުގެ ކުރިން އަޅުގަނޑުމެން ފަށާނަން،" އޭނާ ވިދާޅުވި އެވެ.
ކޮމިޓީއަށް ދެއްވި ޕްރެޒެންޓޭޝަންގައި ހަލީމް ވިދާޅުވި ގޮތުގައި، ދަރުމަވަންތަ ހޮސްޕިޓަލުގެ ހައިބްރިޑް ތިއޭޓަރުގެ ގިނަ އިކުއިޕްމެންޓްސް ހުރީ ހަލާކުވެ މައްސަލަ ޖެހިފަ އެވެ. އެއީ، ހިދުމަތްތައް ބޭނުން ނުކޮށް ހުރުމާއި އެ ތަނުގައި ބޭނުން ކުރާ އިކުއިޕްމަންޓްސްތައް ރައްކާތެރިކަމާ އެކު ރަނގަޅަށް ބެލެހެއްޓިފައި ނެތުމުން ކަމަށް ވެސް ވިދާޅުވި އެވެ.
ހަލީމް ވިދާޅުވީ ހައިބްރިޑް ތިއޭޓަރު ނިންމައި، ކާޑިއެކްގެ ހިދުމަތް ފެށިއްޖެ ނަމަ ރާއްޖެއިން ބޭރަށް ފަރުވާއަށް ފޮނުވާ ބަލި މީހުންގެ އަދަދު މަދު ކުރެވޭނެ ކަމަށެވެ.
"ނިއުރޯ އަދި ކާޑިއޯގެ ސްޓްރެންތު ފުދޭ ވަރަކަށް ރަނގަޅު ކުރެވިގެން ދާނެ [ހިދުމަތް ފެށުމާ އެކު] ކާޑޯވެސްކިއުލާ ސާޖަރީ އާއި އެންޑޯވެސްކިއުލާ ސާޖަރީއާއި ނިއުރޯ ސާޖަރީތައް ވެސް ފެށިގެން ދާނެ،" ހަލީމް ވިދާޅުވި އެވެ.
ކާޑިއެކް ސެންޓަރު ހިންގަން އިންޑިއާގެ މެޑިޓްރީނާ ހޮސްޕިޓަލާ ހަވާލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނޮވެމްބަރު 15، 2015 ގައި 10 އަހަރުގެ މުއްދަތަށެވެ. އެ ހޮސްޕިޓަލާ އެކު އައިޖީއެމްއެޗުން ހެދި އެއްބަސްވުމުގައި ކްލިނިކަލް ހިދުމަތްތައް ދީ އަދި ކްލިނިކަލް ކަންކަން ބެލެހެއްޓުމާއި އެ ސެންޓަރުގެ ތެރެއިން ދިވެހި ޑޮކްޓަރުންނަށް އިތުރު ތަޖުރިބާ ދިނުން ހިމެނެ އެވެ.
އެ ސެންޓަރު ހިންގަން ސޮއިކުރި ދުވަހުން ފެށިގެން މިދިޔަ ޖުލައި މަހުގެ ނިޔަލަށް މެޑިޓްރީނާއަށް 28.7 މިލިއަން ޑޮލަރު (442 މިލިއަން ރުފިޔާ) ހަރަދުކޮށްފައިވެ އެވެ. އޭގެ އިތުރުން، މެޑިޓްރީނާ ހޮސްޕިޓަލުގެ ޑޮކްޓަރުންނަށް ހަމަ އެ މުއްދަތުގެ ތެރޭގައި މުސާރައިގެ ގޮތުގައި 355،647ރ. ދީފައިވާ ކަމަށް، އައިޖީއެމްއެޗުން ހިއްސާކުރި މައުލޫމާތުތަކުގެ ތެރޭގައި ހިމެނެ އެވެ.
ކާޑިއެކް ސެންޓަރު ފެށިއިރު، އައިޖީއެމްއެޗްގައި ހުރީ ހިތުގެ ބަލިތަކުގެ ފުރަތަމަ ދިވެހި ޑޮކްޓަރު، ޑރ. އަލީ ޝަފީގެވެ. ނަމަވެސް، އިތުރު ތިން ޑޮކްޓަރުން ސްޕެޝަލައިޒްވެ، ޖުމްލަ ހަތަރު ކާޑިއޮލޮޖިސްޓުން އަންނަނީ އެ ސެންޓަރުގައި މިހާރު މަސައްކަތް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމް
22 August 2024
ރާއްޖޭގެ ފުރަތަމަ ހިތުގެ ޑޮކްޓަރ އަކީ ޑރ އަބްދުލްޢަޒީޒް މިހާރު މެޑިކާ އާއި ޓްރީޓޮޕްގަ އުޅޭ. ޑރ އަލީ ޝަފީގެއް ނޫން. ޝަފީގު ގެ ކުރިން ހިތުގެ ބަލިތަކަށް ފަރުވާދިން އައިޖީއެމްއެޗްގަ. އަހަރެން ހުރީ އެމްއޯ އަކަށް އޭރު. އަސްލު ތަހޭމެން ކަންކަން އޮޅުވާލަނީ.
އަތްޖަހާ
22 August 2024
ވަރަށް ހިތްހެޔޮ ރަގަޅު ޑޮކްޓަރުން މަސައްކަތް ކުރައްވާ ތަނެއް. ޚާއްސަކޮށް ޑރ. ޝަނީޒް ފާހަގަ ކޮށްލަން
ގާދިރު
22 August 2024
ތި ހަލާކުވީ ތިތަން
ލޮލްް
22 August 2024
ތިތަނުގެ ބޭނުން ކެނޑުނީތި. ސްޓާފުން ހާޒިރުނުވެގެން ހުރިހާ ކަމެއް ފުނިޖެހޭތަން ދެކެން ހުރީމެވެ.
ޖައުފަރު ސަންސިޔާމް
22 August 2024
ތިބުނީ މިހާރު އެތަން ހަލާކުނުވެ ކުރިއަށްދަނީ އިންޑިޔާ ދރނުން އެތަން ހިންގާތީއޭތަ.
އުފާވެރި
21 August 2024
އަލްޙަމްދުﷲ