ރައީސް އޮފީހުގެ ތަރުޖަމާނު މުއާޒް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ތަރައްގީ ހޯދައިދިނުމުގައި އެންމެ އިންޗިއެއް ވެސް ފަހަކަށް ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި.--- މިހާރު ފައިލް ފޮޓޯ
28 ފެބުރުއަރީ 2017 - 13:40
ސަރުކާރުން ގެންނަން ބޭނުންވާ ތަރައްގީ ރައްޔިތުންނަށް ހޯދައި ދިނުމުގައި ގާނޫނީ ޗާޓުން އެންމެ އިންޗިއެއް ވެސް ބޭރު ނުވާނެ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާގެ ބޭފުޅުންނަށް ފ. އަތޮޅު ވިއްކާލަން އުޅޭ ކަމުގެ ވާހަކަތައް ދެކެވެމުން ދަނިކޮށް. ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އަތޮޅުތަކުގެ ތަރައްގީ އަށް ހުރަސް އަޅަން މަސައްކަތް ކުރިޔަސް، ތަރައްގީ ހޯދައިދިނުމުގައި އެންމެ އިންޗިއެއް ވެސް ސަރުކާރުން ފަހަތަކަށް ނުޖެހޭނެ ކަމަށެވެ.
"ރައްޔިތުންނާއި ގައުމަށް ގެއްލުމެއް ލިބިދާނެ އެއްވެސް ކަމެއް މި ސަރުކާރުން ނުކުރާނެ ކަމުގެ ޔަގީންކަން އަރުވަމެވެ،" މުއާޒް ވިދާޅުވި އެވެ.
އޭނާގެ ބަޔާނުގައި ވަނީ އިދިކޮޅު ފަރާތްތަކުން ކުރާ ނޭދެވޭ ކަންކަމުގެ ސަބަބުން ރައްޔިތުންނަށް ރައީސް އަބްދުﷲ ޔާމީން ގެނެސްދެއްވަން އުޅުއްވާ ތަރައްގީ އަށް ހުރަސް އެޅޭ އެއްވެސް ކަމެއް ނުކުރުމަށާއި އެފަދަ ކަންކަމަށް ބާރު ނުދިނުމަށް އިލްތިމާސް ކުރައްވައިފަ އެވެ.
މުއާޒް ވިދާޅުވި ގޮތުގައި ގައުމުގެ ނަން ކިލަނބުކޮށް، ޓޫރިޒަމް ބޯއިކޮޓް ކުރުން ފަދަ، ގައުމާއި ރައްޔިތުންނަށް ގެއްލުން ދިނުމަށް ބަޔަކު ކެނޑިނޭޅި މަސައްކަތް ކުރަމުން ދިޔައިރު، އެ ކަންކަމުގެ މައްޗަށް ކުރި ހޯދައި، ރައީސް ޔާމީން ގައުމަށް ގެނެސްދެއްވި ތަރައްގީ އާއި ކުރިއެރުމަށް ރައްޔިތުން ހެކިވާނެ އެވެ.
ތަރައްގީ އަށް ހުރަސް އެޅުމުގެ ގޮތުން ކަންކަން އޮޅުވާލަން މަސައްކަތް ކުރިޔަސް، ތަރައްގީއާ ދެކޮޅަށް ކުރާ އެއްވެސް މަސައްކަތަކަށް، މި ސަރުކާރު ދެމި އޮތްހާ ދުވަހަކު ޖާގަ ނުދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސައުދީ އަރަބިއްޔާ އިން ފ. އަތޮޅުގައި ބޮޑު މަޝްރޫއުއެއް ހިންގަން އުޅޭ އަޑުތަކާ އެކު އެމްޑީޕީ އާއި ޕީޕީއެމް މެމްބަރުންގެ މެދުގައި ވަރަށް ބޮޑު ޝައުގުވެރިކަމެއް ވަނީ އުފެދިފަ އެވެ. އެކަމަކު ކޮންމެ މެމްބަރެއްގެ ވެސް ކަންބޮޑުވުމަކީ އެ މަޝްރޫއާ ބެހޭ އެއްވެސް ތަފްސީލެއް ސަރުކާރުން ހާމަކޮށްފައި ނުވުމެވެ.
ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި ގާނޫނުއަސާސީގައިވާ ގޮތުން ވަކި ކަހަލަ ޝަރުތުތަކެއް ހަމަވާ ވަކި އުސޫލަކުން ރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް ވިއްކޭނީ ގާނޫނެއްގެ ތެރެއިންނެވެ. ނަމަވެސް މިހާތަނަށް އައިއިރު އެފަދަ ގާނޫނެއް ވުޖޫދަށް އައިސްފައި ނުވާ ކަމަށް މެމްބަރުން ފާހަގަކުރެއްވި އެވެ.
ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނުއަސާސީ އަށް އިސްލާހު ގެންނަން 2015 ގައި ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކުން ވަނީ ފާސްކޮށްފަ އެވެ. އެކަމަކު ބިދޭސީންނަށް ބިން މިލްކު ނުކުރެވޭ ގޮތަށް، އެ އިސްލާހު ބަދަލުކުރަން މަޖިލީހަށް ހުށަހަޅަން އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިހާރު ވަނީ ނިންމައިފަ އެވެ. ނަމަވެސް ބިދޭސީންނަށް ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނުއަސާސީ އަށް އިސްލާހު ގެނައީ ވެސް އެމްޑީޕީގެ ބައެއް މެމްބަރުންގެ ވޯޓާއެކުގަ އެވެ.
ފ. އަތޮޅު ވިއްކާލަން އުޅޭ ކަމުގެ ވާހަކަތަކާ ގުޅިގެން ބައެއް ވަޒީރުންނާއި ޕީޕީއެމްގެ ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުން ވިދާޅުވަނީ ބޭރުގެ އެއްވެސް ބަޔަކަށް އެ އަތޮޅު ވިއްކާލަން ނޫޅޭ ކަމަށެވެ.
ފ. އަތޮޅުގައި ސައޫދީން ކުރިއަށް ގެންދާނީ ތަރައްގީގެ ބޮޑު މަޝްރޫއެއް ކަމަށް މިދިޔަ މަހު އެ އަތޮޅު މަގޫދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ. އެކަމަކު މަޝްރޫއުގެ ތަފްސީލެއް ނުދެއްވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާބުރުޒު
01 March 2017
ތީ ކޮން ޙައިސިްޔަތަކުން ވާހަކަ ދައްކާ ކުއްޖެއް؟
Maldives
01 March 2017
ފ. އަތޮޅު ރާއްޖޭގެ ޗާޓުން ބޭރުވެގެން ސައުދީއަށް ދާންއެއުޅެނީ. އެތާ ދެން ހިންގާނީ ވަކި ސަރުކާރެއް.
އަނދަވަޅު
28 February 2017
ޢާނއާނ ރާއްޖޭގެ ޗާރޓަށް އަންނަނީ ބަދަލު
ފަރީ
28 February 2017
ތީކަހަލަ ގާނޫނު ކޮތަޅު އަހަރެމެންނެއް ބޭނުމެއްނޫން.. ޙަބަރުދާރު ރާއްޖެއީން އެންމެ ތަންކޮޅެއްވެސް ސައުދީއައްދީގެންނުވާނެ..
ސުހާ
28 February 2017
ބަލަގަ ގާނޫނު އެއީ ހަދާ އެއްޗެކޭ..ގާނޫނު ހުއްދަ ކުރާ ކޮންމެކަމަކީ ކޮންމެހެން ހައްގު ގޮތެއްވެސް ނޫން..އަދީ ފައީދާ ހުރީގޮތެއްވެސް ނޫން.. އެއްޖީންސުން ގުޅުންހީނގުންވެސް ގާނޫނަކުން ހުއްދަ ކުރެވީދާނެ..އަދީ ގައުމާެއީ މީނީވަންކަން ބަަކައް ހަވާލުކޮއްލަންވެސް ގާނޫނު ހެދީދާނެ.. ވީމާ ކީކޭތީކީޔަނީ ގާނޫނުން ބޭރުގައެއް ތަރައްގީ ނުހީންގާނެ.. އަހަރެމެންނައް ތީކަން އީނގެޔޭ.. ތީ ޖަރީމާ ހީންގަންވެގެން ރާއްޖޭގެ ބީން ވީއްކޭގޮތައް ހެދީއީރުވެސް..
ގޮއްޔެ
28 February 2017
ޗާޓުން ބޭރުވާނީ ކިހިނެއް؟؟ ޗާޓްވަނީ އޮޅާލާ މުށުތެރެއަށްލާ އެއަށް ހަދާނެ އެއްޗެއް ހަދާފައި. ދެން ޗާޓޭ ބާޓޭ ނުކިޔޭނެއެއްނުން. ކަލޭމެން ކުޅެން ގެންގުޅޭ ބޯޅައަކަށް މިހާރު މިވަނީ ޤައުމު ހަދާފައި. ބޯޅައިގައި އަތުންނާއި ފައިން ތަޅައި ނުލެވޭނޭ އެއްވެސް ތަންކޮޅެއްނޯންނާނެ.
އައްޑޫ ރަދުން
28 February 2017
ތިބޭފުޅުން ޗާޓުން ބޭރުނުވާނެ ސަބަބަކީ މިސަރުކާރުންގެންގުޅެނީ އިލާސްޓިކް ގާނޫނުއަސާސީއެއް ދެމި ކޮޅަކަށް ދެމިވަރަކަށް ދިގުވާނެ...
ރޯޒް
28 February 2017
ހަމަ ތެދެއް؟.. އަޅުގަނޑުގެ ހަނދާން އަދި އެހާ ބައްޔެއް ނޫން.. ޖީއެމްއާރ ގެނެސްގެން ޗާޓުން ބޭރުވެ، ދީނުން ބޭރުވި ދުވަސް އަދިވެސް ހަނދާނުގައި އެބަހުރި. ތިމާ ބޭނުންގޮތަށް އެމްޑީޕީން ކުރި ކަންކަން އަލުން ކުރަން ޖެހުނީމައި ޖަހާ ލަވަ ހާދަ ތަފާތޭ ދޯ؟
ފޮނިކަލޯ
28 February 2017
ފ. އަތޮޅު ވިއްކާލަން އުޅޭ ކަމުގެ ވާހަކަތަކާ ގުޅިގެން ބައެއް ވަޒީރުންނާއި ޕީޕީއެމްގެ ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުން ވިދާޅުވަނީ ބޭރުގެ އެއްވެސް ބަޔަކަށް އެ އަތޮޅު ވިއްކާލަން ނޫޅޭ ކަމަށެވެ. ޓީވާހަކަ ދެކެވޭތާ ކިހާ ދުވަހެއްތޯއެވެ.ކަމުގެ ޙަޤީޤަތް ސަރުކާރުން ރައްޔިތުންނަށް ނުވަތަ އަތޮޅުގެ ރައްޔިތުންނައް ހާމަކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެކެވެ. މިކަން ހާމަކުރަން ނުކެރިގެން ތިއުޅެނީ ނަހަމަ ގޮތުގައި ކޮންމެވެސް ގޮތްނޭނގޭ ހަޑިއެއް ސަރުކާރައް ހޭވިފައޮތީމައެވެ.
ޓާޓާ
28 February 2017
ފަސްގަޑެއް ނެތްތަނެއްގައި ދީނެއް ގައުމެއް ނޯންނާނެ!