މަޖިލީހުގެ ކޮމެޓީއެއްގައި ނާޝިދު (ކ): ފ. އަތޮޅުގައި ހިންގަން އުޅޭ މަޝްރޫއަށް މަރުހަބާ ކިޔާ ކަމަށް އޭނާ ވިދާޅުވި. އެކަމަކު ފ. އަތޮޅު ވިއްކުމާ ދެކޮޅު ކަމެއް ނުވަތަ ނޫން ކަމެއް އޭނާ ވިދާޅެއް ނުވޭ.--- ފޮޓޯ: ނިޝާން އަލީ/ މިހާރު
28 ފެބުރުއަރީ 2017 - 16:53
ރާއްޖޭގެ ސަރަހައްދެއް ބޭރުގެ ބަޔަކަށް ވިއްކުމަށް ދެކޮޅު ހަދާ ކަމަށާއި ފ. އަތޮޅު ވިއްކާލުމަށް އެއްވެސް މެމްބަރަކު ވާހަކަ ދައްކަވާފައި ނުވާނެ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ބުނެފި އެވެ.
އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ނެރުނު ބަޔާނެއްގައި އެހެން ބުނިއިރު، ފ. އަތޮޅުގައި ތަރައްގީގެ ބޮޑު މަޝްރޫއެއް ހިންގުމަށް ތާއީދު ކުރައްވާ ކަމަށް އެ ޕާޓީގެ ބައެއް މަޖިލިސް މެމްބަރުން ވަނީ ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގައި އިއްޔެ ވިދާޅުވެފަ އެވެ. އަދި ބިދޭސީންނަށް ބިން މިލްކު ކުރެވޭ ގޮތަށް 2015 ގައި ގާނޫނުއަސާސީ އަށް ގެނައި އިސްލާހަށް ވެސް އެމްޑީޕީގެ މަޖިލިހުގެ ބައެއް މެމްބަރުން ވަނީ ވޯޓު ދެއްވައިފަ އެވެ. މި އިސްލާހު ފާސްކުރުމަށްޓަކައި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ނެރުނީ ފްރީ ވިޕެއް ނުވަތަ އެ މެމްބަރަކު ބޭނުންވާ ގޮތަކަށް ވޯޓު ދެވޭ ގޮތަށެވެ.
މި މައްސަލަ ހޫނުވެފައިވާ މި ދަނޑިވަޅުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން މިއަދު ނެރުނު ބަޔާނުގައި ބުނީ، ފ. އަތޮޅު ވިއްކާލުމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން އެއްވެސް މައުލޫމާތެއް މިހާތަނަށް ސަރުކާރުން ހާމަކޮށްފައި ނުުވާތީ އޭގެ ކަންބޮޑުވުން އާންމުން އިންތިހާ އަށް ފާޅުކުރަމުން ގެންދާ ކަމަށެވެ.
އެހެންވެ، ރައްޔިތުންނަށް އެ މައުލޫމާތުތައް ފޯރުކޮށް ދިނުމަށް މަސައްކަތް ކުރުމަކީ އިދިކޮޅު ސިޔާސީ ފަރާތްތަކާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މަސްއޫލިއްޔަތެއް ކަމަށް ބަޔާނުގައި ވެ އެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ބުނީ ފ. އަތޮޅުގެ މަޝްރޫއާ ގުޅޭ ހުރިހާ މައުލޫމާތެއް ސާފު ކުރަން މަސައްކަތް ކުރާ ކަމަށެވެ. އަދި އެ މައުލޫމާތު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އަށް ހުށަހަޅާފައިވާކަން އެމްޑީޕީން ފާހަގަކޮށްފައި ވެ އެވެ.
"އެ މައުލޫމާތު ހޯދުމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން އެ ކޮމެޓީގައި އެދުމަކީ އެއްވެސް ހާލެއްގައި ފ. އަތޮޅު ވިއްކާލުމަށް ތާއީދު ކުރުމެއް ނޫނެވެ. ފ. އަތޮޅު ވިއްކާލުމަށް ތާއީދުކޮށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ އެއްވެސް މެމްބަރަކު މާލިއްޔަތު ކޮމެޓީގައި ކަމުވިޔަސް، ނުވަތަ އެނޫން ތަނެއްގައި ވިޔަސް ވާހަކަ ދައްކަވާފައެއް ނުވެ އެވެ،" އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ބަޔާނުގައި ބުންޏެވެ.
ސަރުކާރުން ރާއްޖޭގެ އެއްވެސް ސަރަހައްދެއް ބޭރުގެ ފަރާތަކަށް ވިއްކާލުމަށް އެމްޑީޕީން ދެކޮޅު ކަން ކުރިން ވެސް ވަނީ ހާމަކޮށްފަ އެވެ. އަދި ސަރުކާރުން ފ. އަތޮޅު ވިއްކާލުން ވަގުތުން ހުއްޓާލުމަށް އެމްޑީޕީ އާއި އިދިކޮޅު އެހެން ޕާޓީތަކާއި މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) އިން ވަނީ ގޮވާލައިފަ އެވެ.
މާލިއްޔަތު ކޮމެޓީގައި އިއްޔެ ވާހަކަ ދައްކަވަމުން އެމްޑީޕީ މެމްބަރުން ވިދާޅުވި ގޮތުގައި ސަރުކާރުން ހިންގާ އެއްވެސް މަޝްރޫއަކަށް ހުރަސް އަޅަން އެ ޕާޓީން މަސައްކަތް ނުކުރާނެ އެވެ. އެކަމަކު ރާއްޖޭގެ އެއްވެސް ބިމެއް ބޭރުގެ ބަޔަކަށް ވިއްކުމަށް އެ ޕާޓީން ދެކޮޅު ކަމަށް ވެސް ބައެއް މެމްބަރުން ވިދާޅުވި އެވެ.
މާލިއްޔަތު ކޮމެޓީގައި ކޮމަންޑޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު) ވިދާޅުވީ އެއް ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ރާއްޖެއަށް ހިފައިގެން އަންނަނަމަ، އެކަމަށް މަރުހަބާ ކިޔާނެ ކަމަށެވެ.
ނަމަވެސް އެކަމުގެ ތަފްސީލް ރައްޔިތުންނަށް އެނގެން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ނާޝިދު ވިދާޅުވި ގޮތުގައި އެއްވެސް ސަރުކާރަކުން ރައްޔިތުންނާ މެދު ގޯސް ކަމެއް ނުކުރާނެ ކަމަށް ބަލަން ޖެހެ އެވެ. އެކަމަކު ފ. އަތޮޅު ވިއްކުމާ ދެކޮޅު ކަމެއް ނުވަތަ ނޫން ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
ހިންނަވަރު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ފ. އަތޮޅު ވިއްކާލުން ނުވަތަ ކުއްޔަށް ދޭން ބޭރުގެ އެއްވެސް ފަރާތަކާ އެކީގައި ސަރުކާރުން އެއްބަސްވުމެއް ގާއިމުކޮށްފައި ވާ ނަމަ، އެ މައުލޫމާތެއް ކޮމެޓީއާ ހިއްސާ ކުރަން ޖެހޭނެ ކަމަށެވެ. އަދި މާލިއްޔަތު ކޮމެޓީއަށް މައްސަލަ ހުށަހެޅީ ސަރުކާރުން ފަށަން އުޅޭ ޕްރޮޖެކްޓް ހުއްޓުވަން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ފ. އަތޮޅު ވިއްކާލަން އުޅޭ ކަމުގެ ވާހަކަތަކާ ގުޅިގެން ބައެއް ވަޒީރުންނާއި ޕީޕީއެމްގެ ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުން ވިދާޅުވަނީ ބޭރުގެ އެއްވެސް ބަޔަކަށް އެ އަތޮޅު ވިއްކާލަން ނޫޅޭ ކަމަށެވެ. ފ. އަތޮޅުގައި ސައޫދީން ކުރިއަށް ގެންދާނީ ތަރައްގީގެ ބޮޑު މަޝްރޫއެއް ކަމަށް މިދިޔަ މަހު އެ އަތޮޅު މަގޫދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ. އެކަމަކު މަޝްރޫއުގެ ތަފްސީލެއް ނުދެއްވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޫންތަ
01 March 2017
އިންސާނުންނަކީ އެނގިހުރެގެންނާއި، ނޭނގުމުގެ ތެރޭގައި ކުށް ކުރެވޭނެ ބައެކެވެ. ﷲ އަށް ގިނަގިނައިން ތައުބާ ވާންޖެހެނީ މިހެން ވެގެންނެވެ. ތައުބާވެ ދެވަނަފަހަރަށް އެ ކުށަށް އަރައި ނުގަތުމަކީ ވެސް އިންސާނުންނަށް ﷲ ދެއްވާފައިވާ އަގުނުކުރެވޭ ފަދަ ބޮޑު ނިޢުމަތެކެވެ. ބުަނަން މިއުޅޭ ވާހަކަޔަކީ މޑޕ ގައި ވެސް ތިބީ އިންސާނުންނެވެ. ޑީލެއްގެ ޑަށުން ނަމަވެސް އެމީހުން އެވަނީ ކުށެއް ކުރެވިއްޖެކަން ޤަބޫލުކޮށްފަ އެވެ. އަދި ލަނޑު ލިބުނީ ވެސް މޑޕ އަށެވެ. އެމީހުން ކޮނުނު އަނދަވަޅަށް ވެއްޓުނު ފަހުން ނަމަވެސް އެތިބީ ރަނގަޅު ފިލާވަޅެއް ލިބިފައެވެ. "އެމީހަކު ކެހި ކަނޑުލެއްގެ ހިތި ފިލުވާނީ އެމީހެކޭ" ބުނާ ފަދައިން މިހާރު މޑޕ މެމްބަރުން ކުރި ކަންތައް ރަނގަޅު ކުރެވޭތޯ މަސައްކަތް ކުރުމަކީ އެއްގޮތަކަށް ވެސް ބޭކާރު ކަމަކަށް ނުވާނެއެވެ. އެއީ ދެން ކުރަން އޮތް އެންމެ ރަނގަޅު ކަންތަކެވެ. އަޅުން ކުރާނީ މަސައްކަތެވެ. ތައުފީޤް ދެއްވާނީ ﷲ އެވެ.
ރައްޔިތު ބޭބެ
01 March 2017
މި ކޮމެންޓް ކުރާމީހުން ހީކުރަނީ ހަމައެކަނި ރައްޔިތުންގެ ހައްގުގައި އުޅެންޖެހޭ ބަޔަކީ އެމްޑީޕީއޭ.ޕީޕީއެމް މީހުން ރައްޔިތުންގެ މުދަލަށް ހަރާމް ކޯރުވިޔަސް އޯކޭއޭ.މީނޫން ކޯންއެއްޗެއްބާ މި ކުރާ ކޮމެންޓް ތަކުން ދޭހަވަނީ. ފާޑެއްގެ ޕީންކީއަކަށް ވެގެން މި ކޮމެންޓް ކުރަނީ މި ވަރުގެ މީހަކު ނެތިގެން.
ޖާރަތު
01 March 2017
ހުސް ދެފުށްކެހެރިން. ރަޢިއްޔަތުންނޭކިޔާފާ އެކިފަހަރު ދައްކަނީ އެކިވާހަކަ. މީ ކަހާދެރަކަމެއް. ބަލަގަ ކޮންމެ މީހަކުވެސް މަރުވާނެއޭ. އެކަން ދެނެގަތުމަށް ނަސޭހަތް ތެރިވަން.
ޕޮކަންޑި މޭން
01 March 2017
ގުބޯ ހައްދާފައި ބަހައްޓާ. އެކަހަލަ މެންބަރުން އުޅޭ ޕާޓީއެއް އެމްޑީޕީއަކީ.
ހަސަދު
01 March 2017
ވަރަށް އަގުހެޔޮކޮށް ހޮސްޕިޓަލް އަކަށް ބޮޑު ބިމެއްހިފާ ތަނުންދޭ ޚިދުމަތްތަށް އަތްނުފޯރާފަށުގައި ބާއްވާގައި ތިބޭ ވިޔަފާރިވެރިން ގައުމަށް ހެވެއް ނޭދޭނެ. އަބަދުވެސް ވިސްނާނީ ޖީބަށް.
ޖީވަން
28 February 2017
ޖީއެމްއާރަށް ފިޔަ ކޮށާލާފައި އޮތް ދޫންޏެއްގެ ސިފައިގަ ހުޅުލެ ވިއްކާލި ޕާޓީ ކޮބައިތަ؟
ޛަސް
28 February 2017
ވާހަކަ ނުދައްކާ..... އޯޕެން ވިޕެއް ނެރެފައި މީހުން ލައްވާ ވޯޓް ލެއްވީ ދެއްތޯ؟
ރަދީފް އެންޑް ރަފައިދާ
28 February 2017
މަތިން ކިތަންމެ ދެކޮޅަކަސް. އަޑިން ދައްކަނީ މުޅިން އެހެން މަންޒަރެއް. ދަށުން ކުޅެނީ މުޅި އެހެން ޑިގެއް.
އަހުމދު
28 February 2017
މޮޔަނުވެބަލަ އެމްޑީޕީ އެއްނޫނޭ ވެރިކމުގައޮތީ ފ ވިއްކަނީ އެމްޑީޕީއެއްނޫން ދަްުލަތުން އެތަށްބިލިއަން ރުފިޔާއެއް ކެއީ އެމްޑީޕީއެއް ނޫނޭ. މިހުރިހާ ކަމެއްމިކުރަނީ ތިޔަބުނާ ޕިންކޭމެން ނޫންތަ.
ފާފުއަތޮޅު
28 February 2017
އެމް.ޑީ.ޕީ ދެންމަހަށްދޭ...ދެން ނޭންގޭނެ ކިޔޭ ނުކިޔޭ އެއްޗެއް...މީހަކު ނުދައްކާ ފާފުއަތޮޅު ވިއްކާ ވާހަކައެއް ..މޮޔަނުވޭ...ތިޔަ ހުރިހާ ގޯހެއްތިގޮވަނީ މޯލްޑިވްސް ދޮގު ޕާޓީން..