ނާފިރާ ވަނީ އޭނާގެ ފިރިމީހާއަށް އިންސާފު ހޯދައިދިނުމަށް އާންމުންގެ އެހީތެރިކަމަށް އެދިފައި. އެ ހިތާމަވެރި ހާދިސާ ހިނގިތަން ދުށް މީހަކު ހުރި ނަމަ އޭނާއަށް މެސެޖުކުރުމަށް ވަނީ އެދިފައި.
ބިއްލޫރި ކުޑަދޮރެއް ވެއްޓި ހިނގި ހާދިސާގައި މީހަކަށް ލިބުނު އަނިޔާ.
20 ސެޕްޓެމްބަރ 2024 - 21:16
މިދިޔަ ބުދަ ދުވަހުގެ ރެ އެވެ. މާލެ އަށް ބޯކޮށް ވާރޭވެހި، ވައިގަދަވި ރެއެކެވެ. އެ ވިއްސާރާގައި ހަސީން މޫސާ ގެއަށް ދާން ނުކުތީ އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފައި އޮތް އޭނާގެ ފަސް އަހަރުގެ ތުއްތު ދަރިފުޅުގެ ފަރުވާ އަށް ކޮންމެހެން ބޭނުންވާ އެއްޗެއް ހޯދުމަށް ދާން ޖެހިގެންނެވެ. އޭނާ ދިރިއުޅޭ ގެ ކައިރިއަށް ގޮސް، ސައިކަލު މަގުގައި ޕާކުކުރަން އުޅުނު ވަގުތު ކުރިމަތީގައި ހުރި ގެއެއްގެ ހަވަނަ ފަންގިފިލާގައި ހުރި ބިއްލޫރި ކުޑަދޮރެއް ވެއްޓުނީ އޭނާގެ ގައިމައްޗަށެވެ.
އެ ނުރައްކާތެރި ހާދިސާގައި ލިބުނު އަނިޔާތަކަށް އުމުރުން 29 އަހަރުގެ ހަސީން އަދިވެސް އަންނަނީ ފަރުވާ ހޯދަމުންނެވެ. އެ ހާދިސާ ހިނގީ މާފަންނު އީވް ކްލިނިކް ހުންނަ ޖަހާމުގުރި ގޯޅީގަ އެވެ.
ހަސީންގެ އަންހެނުން ނާފިރާ މުހައްމަދު ބުނީ، އެ ހާދިސާގައި ފިރިމީހާގެ ފަޔާއި އަތުގެ އެކި ތަންތަން ކަނޑައިގެން ގޮސްފައި ހުރި ކަމަށެވެ. ބައެއް ތަންތަން ވަރަށް ބޮޑަށް ކަނޑައިގެން ގޮސްފައި ހުރުމުގެ ސަބަބުން ފަހަން ޖެހުނު ކަމަށާއި އެ ހާދިސާގައި ހަސީންގެ ބޮލަށް ވެސް އަނިޔާވި ކަމަށް ނާފިރާ ބުންޏެވެ.
އެ ހާދިސާގައި ހަސީންގެ ސައިކަލަށް ވެސް ވަނީ ވަރަށް ބޮޑަށް ގެއްލުން ލިބިފަ އެވެ.
ނާފިރާ ބުނިގޮތުގައި، ބިއްލޫރި ދޮރު ވެއްޓުނު ގެ، މ. ކޯވަރިކާގެ ވެރިޔާއާ ވާހަކަ ދައްކަން އާއިލާ އިން މަސައްކަތްކުރި އެވެ. ނަމަވެސް، އެ ގޭގެ ވެރިޔާ، އެކަމުގައި އޭނާގެ އިހުމާލެއް ނެތް ކަމަށް ބުނި ކަމަށާއި އެއީ "ގުދުރަތީ ހާދިސާ" އެއް ކަަމަށް ބުނެ، ހަސީންގެ އާއިލާގެ ކަންބޮޑުވުންތައް އަޑުއަހަން ދެކޮޅު ހެދި ކަމަށް ވެސް އޭނާ ބުންޏެވެ.
އޭނާ [ގޭގެ ވެރިޔާ] ބުނީ ވެއްޓުނު ދޮރު ހުރި ކޮޓަރިއަކީ ބޭނުން ނުކޮށް ވަރަށް ގިނަ އަހަރު ވަންދެން ހުރި ތަނެކޭ. އެހެންވީމަ، އެ އިމާރާތުގެ މެއިންޓަނަންސް ބަލަހައްޓާ ކަމާ މެދުގައި ސުވާލު އުފެދޭ."
"އޭނާ [ގޭގެ ވެރިޔާ] ބުނީ ވެއްޓުނު ދޮރު ހުރި ކޮޓަރިއަކީ ބޭނުން ނުކޮށް ވަރަށް ގިނަ އަހަރު ވަންދެން ހުރި ތަނެކޭ. އެހެންވީމާ އެ އިމާރާތުގެ މެއިންޓަނަންސް ބަލަހައްޓާ ކަމާ މެދުގައި ސުވާލު އުފެދޭ،" ނާފިރާ ބުންޏެވެ.
ފުލުހުންނާ ހަވާލާދީ ނާފިރާ ބުނި ގޮތުގައި، އެ ކުޑަދޮރު ވެއްޓެން ދިމާވީ އޭގެ ތަންޑު ފީވެގެންނެވެ.
އެ މައްސަލާގައި ގޭގެ ވެރިޔާއާ އިތުރަށް ވާހަކަ ދައްކަން އުޅުމުން، އޭނާއަކީ ސަރުކާރުގެ އިސް މީހުންނާ ގުޅުން އޮންނަ މީހެއް ކަމަށާއި ދައުލަތަށް ވަރަށް ގިނަ އަހަރު ހިދުމަތްކުރި މީހެއް ކަމަށް ބުނެ އާއިލާ އަށް ބިރު ދައްކަން މަސައްކަތްކުރި ކަމަށް ވެސް ނާފިރާ ބުންޏެވެ.
"އޭނާ މާފަށް އެދެން ދެކޮޅު ހަދައި، އަދި މިކަމުގައި ޒިންމާ ނަގަން ވެސް ދެކޮޅު ހެދުމުން އަހަރެމެންގެ ހިތްހަމަނުޖެހުން އޮތީ،" ނާފިރާ ބުންޏެވެ.
ނާފިރާ ބުނީ މި މައްސަލާގައި ފުލުހުންގެ އެހީތެރިކަމަށް ވެސް އެދުނު ކަމަށެވެ. ގޭގެ ވެރިފަރާތުން ޒިންމާ ނަގަން ދެކޮޅު ހެދި ކަމަށް ފުލުހުން ވެސް ބުނި ކަމަށް އޭނާ ބުންޏެވެ.
"ފުލުސް އޮފިސަރުން އިރުޝާދު ދިނީ މި ހާދިސާ ހިނގިތަން ފެނުނު މީހުން ހެކިވެރިންގެ ގޮތުގައި ހޯދަން. އެކަމަކު އެއީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް، އެއީ ފުލުހުންގެ ޒިންމާއެއް ނޫންތޯ އެ މައުލޫމާތު ހޯދުމަކީ."
"ފުލުސް އޮފިސަރުން އިރުޝާދު ދިނީ މި ހާދިސާ ހިނގި ތަން ފެނުނު މީހުން ހެކިވެރިންގެ ގޮތުގައި ހޯދަން. އެކަމަކު އެއީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް، އެއީ ފުލުހުންގެ ޒިންމާއެއް ނޫންތޯ އެ މައުލޫމާތު ހޯދުމަކީ،" ނާފިރާ ބުންޏެވެ.
އެ ހާދިސާގެ ސީނަށް އެޓެންޑުވި ފުލުސް އޮފިސަރު ވެސް ހޮސްޕިޓަލަށް ދިޔައީ ފިރިމީހާ ހޮސްޕިޓަލަށް ގެންދިޔަތާ އެތައް އިރެއް ވީ ފަހުން ކަމަށް ނާފިރާ ބުންޏެވެ.
ނަމަވެސް ފުލުހުންގެ ސްޕޯކްސްޕާސަން އަދި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން އެ ތުހުމަތުތައް ދޮގު ކުރެއްވި އެވެ. އޭނާ ވިދާޅުވީ ފުލުހުން އެގޮތަށް އާއިލާއަށް އަންގާފައި ނުވާނެ ކަމަށެވެ. ނަމަވެސް ތަހުގީގުގައި ހުރި ގޮންޖެހުންތައް އާއިލާއާ ހިއްސާ ކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ފުލުހުން މި މައްސަލަ ދަނީ ތަހުގީގު ކުރަމުން،" ޝިފާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.
އާއިލާގެ ކަންބޮޑުވުމަކީ މި ހާދިސާގެ ޒިންމާ ނަގާނެ ފަރާތެއް ނުވުމެވެ.
އެހެންވެ، ނާފިރާ ވަނީ އޭނާގެ ފިރިމީހާއަށް އިންސާފު ހޯދައިދިނުމަށް އާންމުންގެ އެހީތެރިކަމަށް އެދިފަ އެވެ. އެ ހިތާމަވެރި ހާދިސާ ހިނގި މަންޒަރު ފެނުނު މީހަކު ހުރި ނަމަ އޭނާއަށް ފޭސްބުކުން މެސެޖް ކުރުމަށް އެދުނެވެ.
އެ ދެމަފިރިންގެ ދަރިފުޅަކީ ސިވިއާ އެސްތަމާ ހުންނަ ކުއްޖެކެވެ. ދަރިފުޅު އެޑްމިޓްކޮށްފައި އޮތީ އޭނާގެ ހާލު ގޯސްވެގެންނެވެ. އަދިވެސް އޭނާ ހޮސްޕިޓަލުން ދޫކޮށް ނުލަ އެވެ.
އިތުރު ކުއްޖަކަށް ބަލިވެއިން ނާފިރާ ވެސް ބަލިވެ އުޅޭތީ މި ވަގުތު އޮތީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ އެވެ. އެޑްމިޓްކޮށްގެން ފަރުވާދިނުމަށް ފަހު އޭނާ ފިރިމީހާ ވަނީ އިއްޔެ ގެއަށް ދޫކޮށްލައިފަ އެވެ.
"މި ހާދިސާގެ ސަބަބުން އާއިލާ އަށް ވަރަށް ބޮޑު ހިތާމައަކާ ކުރިމަތިލާން ޖެހިފައި މި ވަނީ،" ނާފިރާ ބުންޏެވެ.
ނާފިރާ ބުނީ އޭނާގެ ފިރިމީހާއަކީ އެ ކުޑަކުޑަ އާއިލާގެ ހުރިހާ ޒިންމާތަކާއި ހަވާލުވެގެން ހުރި މީހާ ކަމަށެވެ. މި ހާދިސާ ހިނގީ ވެސް ދެމައިން ބަލިވެ އުޅޭތީ، ހަސީން ވަޒީފާ އިން އާއިލީ ޒިންމާގެ ޗުއްޓީ ނަގައިގެން ހުއްޓާ ކަމަށް އޭނާ ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހައްމަދު25
20 September 2024
ފުލުހުންގެ ފެންވަރު މިފެންވަރައްވެޓިގެން ނުވާނެ ކޮންމެ ގޮތެއްވިޔަސް ، ހުރިހާދުމާލަކުން ބެލިޔަސް ފުލުހުން މިފެންނަނީ ފެއިލްވެފައުވާ ތަނެއްގެ ގޮތުގައި ، މާލޭގައި ފަހުން ހިގައިދިޔަ ހާދިސާތަކުގެ އެއްވެސްކަމެއްގެ ޒިންމާ ފުލުހުން ނަގާއެއްކަމެއްވެސްނެއް. އަދި މިހާދިސާގައި ގެއްލުންވި ފަރާތައް ބަދަލްހޯދައިވެސް ދެވެންޖެހޭނެ ގޭވެިފަރާތުން ، މިކަމުން ބޯދަމައިގެނެގެން ސަލާމަތެއްނުވެވޭނެ..
ސައިންޓިސްތު
20 September 2024
ގޭގެ ދޮރު ހުރިތޯ ބަލާބަލަ..އެޔޮތީ ހެކި
ދެރަވަރު
20 September 2024
ދިވެހިޤައުމުގައި އިންސާފު ލިބޭނަމަ ކޯޓު ތަކުގައި ފުނިޖެހިގައި ނުނިމި މައްސަލަ ނުހުންނާނެ. ޥެރިން ވެރިންގެ ޙިމާޔަތުގައި. ދައުލަތް ކައި ހުސްކުރި ބޮޑުން އެތިބީ އާޚިރުގައި ދަރިންގެ ހަށިގަނޑުގައި ހިނގާ ލޭގެ ތިކިތަކުގައި އެޒިންމާ އަޅުވައިގެން.
އުދުހޭ
20 September 2024
ގެ ކުށްޔަށް ދީގެން އާމްދަނީ ހޯދެނިކޮށް ނިމުނީދޯ؟ ކޮންފަދަ އިންސާނިއްޔަތުކަމެއް ނެތް މީހެއް. އަދި ބުނެލަން. މަގުމަށްޗަށް ހުންނަ އޭސީ ވެއްޓި މީހަކު މަރުނުވަނީސް ކަމާބެހޭ ފަރާތްތަކުން މިކަން ހައްލުކުރައްވާ. ސްލައިޑިން ކުޑަދޮރު ނެއްޓުމަކީ ވަމުންދާކަމެއް، ސޭފްޓީއެއް ދަގަނޑު ހުރުން މަޖުބޫރުކުރަން އެބަޖެހޭ.
ސަމްސިއްޔާ
20 September 2024
ތަންޑު ފީވެގެންނޭ؟؟ ފުލުހުންނަށް އިންގޭބާ ތަނޑާ ހުޅާ ވަކިކުރަން؟؟ ދެން ކޯޓަށްދާއިރަށް ވެރިނީހާ ދައްކަނޭ ތަންޑު ފީނުވާކަން. ސާބިތެއް ނުވާނެ. މައްސަލަ ނިމުނީ. މިއީ މިގައުމުގައި ކަން ހިނގާގޮތް
ދާއޫދުސަރ
20 September 2024
މިޢާއިލާއަކީ ކޮންރަށެއްގެ ކޮންގެއެއްގެ އާއިލާއެއްތޯ. މާލޭގަ ދިރި އުޅޭ ބައެއްތޯ. މާލެ ބައެއްތޯ. މާލޭގެ އެޑްރެހެއްވެސް ނެތް ބައެއްތޯ. ދިރިއުޅޭ ގެއަށް ދިޔައީދެއްތޯ. އިންސާފު ލިބިދިނުމަށް ހެކިން ތިބިނަމަ އެހީތެރިވެ ދިނުން އެދެނީ. މިޢާއިލާޢަށް އަވަސް ޝިފާއެއް ދެއްވާށި
ކެޕްޓަން މޯލްދިވްސް
20 September 2024
ކޮބާ ހޯމްމިނިސްޓަރ އިހުސާން. ؟ މިފަހަރު ކަރއެއްނެތްތަ ފެޅުމެއް.
މަޖިލިސް1
20 September 2024
ފުލުހުން ތިސީނަށް ވަރަށް އަވަހާށް އެޓެންޑްވެ ޕްރޮސެސް ކުރި. ޢީވްކޮލިނިކުން ފަރުވާ ދިނުމަށް ފަހު އެމްބިްލަންސް ގެނެސް ހޮަސްޕިޓަލަށް ފޮނުވީ ފުކުހުންގެ ބެލުމުގެ ދަށުންކަން ދުށިން. ޢަދީ ދޮރުވެއްޓުނު ފޮލޯއަށް ފުލުހުން އަރަންވެސް އެރި. ޙަމަގައިމުވެސް އަހަންނަށް ފެނުނު މަންޒަރުން ވިއްސާރަ ރެއެއްނަމަވެސް ފުލުހުންގެ ދައުރު ވަރަށް ރަަގަޅަށް އަދާކުރި.
އަވަށްޓެރިޔާ
20 September 2024
ތީ އެގެއިން މަށަށް އިނގިގެން ކުޑަދޮރު ވެއްޓުނު 2 ވަނަ ފަހަރު. ކުރިން ފަހަރު މީހަކަށް ގެއްލުންވި ކަމެއް އިނގިފައެއް ނެތް. އަދި އެގެން ކުޑަދޮރު ވެއްޓުނު އަދަދެއް ބުނަން ނޭނގުނަސް އެގޭގެ ދޮރުތައް ބަލާފަ އިނގޭނެ ވަރަށް ބަލިކަށި ތަނެއްކަން. އެ މަގުގަ ހުންނާނެ ކެމެރާވެސް.
ތުނޑުހަސަނު
20 September 2024
އެގެއިން ބިއްލޫރި ދޮރުފަތެއް ވެއްޓި އެމީހާގައިގަ ޖެހުނުކަން އެއޮތީ ކަށަވަރުކަމާއެކު އެނގެން. އެމީހާއަށް ލިބުނު ޒަޚަމްތަކަކީ ވެއްޓުނު ބިއްލޫރި ދޮރުފަތުން ޖެހި ލިބުނު ޒަޚަމްތަކެއްކަން ކަށަވަރުކަމާއެކު އެނގޭ. ދޮރުފަތް ވެއްޓުނީ ހުޅުތައް ފީވެގެންކަން އެއޮތީ އެނގެން. މިވަރުން ދެން ޢިމާރާތަަށް ޒިންމާވާންޖެހޭ ފަރާތުން މިކަމުގެ ޒިންމާ ނަގަން ނުޖެހެންޏާ މިރާއްޖޭގައި ހިނގާ މިކަހަލަ އެއްވެސްކަމެއްގައި އެއްވެސް މީހަކު ޒިންމާވާކަށް ނުޖެހޭނެ.