އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަކްރަމް ކަމާލުއްދީން: ހައުސިން މިނިސްޓްރީ ވެސް އިހުމާލުވާ ކަމަށާއި، ހައިދަރު ދުރުކުރަންޖެހޭ ކަމަށް ވިދާޅުވި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު
19 ޑިސެމްބަރ 2024 - 13:13
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުގެ ބޭބެ މުހައްމަދު ފަޒީލް ރަޝީދަކީ ބިންވެރިޔާ ސްކީމުން ގޯތި ލިބިފައި އޮތް މީހަކަށް ނުވަނީސް ހުޅުމާލޭގެ ބިމެއްގައި މަސައްކަތް ފެށުމުގެ ހުއްދަ ހޯދަން ހުށަހެޅޭނީ ހައުސިން މިނިސްޓްރީގެ ވެސް އިހުމާލު އޮވެގެން ކަމަށާއި އެކަމުގެ ޒިންމާ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ނަގަންޖެހޭނެ ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފި އެވެ.
އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ގޯތިތަކުގެ ހުރިހާ ތަފްސީލަކާއި ހުސް ޕްލޮޓްތަކުގެ މައުލޫމާތު ވެސް އެނގޭނީ ހައުސިން މިނިސްޓްރީ އަށް ކަމަށާއި އެ ހުސް ޕްލޮޓްގެ މައުލޫމާތު އެހެން ބަޔަކަށް ލިބުމުގެ ޒިންމާ އެ މިނިސްޓްރީން ނަގަން ޖެހޭނެ ކަމަށެވެ.
"އެހެންވެ މިނިސްޓަރު އިސްތިއުފާ ދޭން ޖެހޭ ނޫނީ މިނިސްޓަރު ހައިދަރު ސަސްޕެންޑު ކުރަން ޖެހޭނެ،" އަކްރަމް ވިދާޅުވި އެވެ.
ބިންވެރިޔާ ސްކީމުން ގޯތި ލިބުމަށް ޝަރުތު ހަމަނުވަނީސް ފަޒީލް އަށް ގޯތި ލިބުނު ކަމުގެ ލިޔުން ދިން މައްސަލާގައި އޭނާގެ ކޮއްކޮ އެޗްޑީސީގެ އެމްޑީ ފަޒުލް އާއި އެޗްޑީސީގެ ބޯޑު ވެސް ވަނީ މިއަދުން ފެށިގެން ވަގުތީ ގޮތުން ސަސްޕެންޑްކޮށްފަ އެވެ. އަދި ފަޒީލް އަކީ އެމްޑަބްލިއުއެއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަމަށް ވާތީ އޭނާ ވެސް ވަނީ މިއަދުން ފެށިގެން ވަގުތީ ގޮތުން ސަސްޕެންޑްކޮށްފަ އެވެ.
ގޯތި ހައްގު ނުވަނީސް ގޯތި ލިބުނު ކަމަށް ބުނެ ދޫކޮށްފައިވާ ލިޔުންތަކުގެ މައްސަލަ ފުލުހުންނާއި އޭސީސީން ވަނީ ތަހުގީގު ކުރަން ފަށައިފަ އެވެ. ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާ ގުޅޭ ޖިނާއީ ތަހުގީގެއް ހިންގަން ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފް ވެސް މިއަދު ވަނީ ފުލުހުންނާއި އޭސީސީ އަށް އަމުރު ކުރައްވައިފަ އެވެ.
މި މައްސަލަތައް ފެންމަތިވުމާ ގުޅިގެން އެމްޑީޕީން ބޭއްވި ނިއުސް ކޮންފަރެންސްގައި ހައުސިން މިނިސްޓްރީގެ ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެެކްޓަރު މުހައްމަދު އާރިފް ވިދާޅުވީ، ބިންވެރިޔާ ސްކީމްގެ ކަންކަން ކުރީގެ ސަރުކާރުން ކުރިއަށް ގެންދިޔައީ ވަރަށް ބޮޑަށް ރާވައިގެން އެއް މުއައްސަސާއިން އަނެއް މުއައްސަސާއަށް އެއްބާރުލުން ދޭން ޖެހޭ ގޮތަށް ކަމަށާއި ކަންކަން ރާވާފައި ހުންނާނީ ގޯސްކޮށް ނުދާނެ ގޮތަށް ކަމަށެވެ.
"ހައުސިން މިނިސްޓްރީން، ގޯތި ލިބޭ މީހުން ކަނޑައަޅައި ގޯތި ހަވާލުކޮށްފައި އަޅުގަނޑުމެން އެޗްޑީސީއަށް ފޮނުވާނީ ލިސްޓެއް. އެގޮތަށް ފޮނުވީމަ، އަޅުގަނޑުމެން ގޯތި ހަވާލުކުރީމާ އޭގެ ފަހުން އެޗްޑީސީން ފާރު ވަކިކުރުމުގެ ހުއްދަތައް ދޫކުރާނީ،" ގޯތި ދޫކުރުމުގެ ކަންކަމުގައި އިސްކޮށް އުޅުއްވި އާރިފް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ލިސްޓް ނުފޮނުވަންޏާ މީގެ ކުރިން ނޯވޭ އެޗްޑީސީން ހުއްދަ ދީފައެއް. އެ ފަރާތަކުން ރަޖިސްޓްރީއެއް ފޭކެއް ވިޔަސް އަސްލެއް ވިޔަސް އަޅުގަނޑުމެން ލިސްޓް ފޮނުވާފައި ނެތިއްޔާ އެޗްޑީސީއަކުން ހުއްދައެއް ނުދޭ. އެޗްޑީސީން ބުނާނީ ހައުސިން މިނިސްޓްރީން އަދި އަންގާފައެއް ނެތޭ ތިޔަ ފަރާތަށް ގޯތި ދޫކޮށްފައި އޮތް ކަމެއް."
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: ހައުސިން މިނިސްޓްރީ ވެސް އިހުމާލުވާ ކަމަށާއި، ހައިދަރު ދުރުކުރަންޖެހޭ ކަމަށް ވިދާޅުވި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު
އާރިފް ވިދާޅުވިގޮތުގައި، ހައުސިން މިނިސްޓްރީން ލިސްޓް ނުފޮނުވަނީސް ގޯއްޗާ ގުޅޭ ހުއްދަތައް އެޗްޑީސީން މި ފަހުން ދޫކޮށްފައިވަނީ ކުރިން އަމަލު ކުރަމުން އައި އުސޫލާ ހިލާފަށެވެ. އޭނާ ވިދާޅުވީ، ހައުސިން މިނިސްޓްރީގައި ހޯލްޑް ގޯތިތަކުގެ ލިސްޓެއް އޮންނާނެ ކަމަށާއި އެ ޕްލޮޓްތަކުގެ މައުލޫމާތު އެނގޭނީ މިނިސްޓްރީ އަށް އެކަނި ކަމަށެވެ.
އެހެންކަމުން އެ ޕްލޮޓްގެ މައުލޫމާތު ހާމަވެފައިވާ ނަމަ އެކަން ހިނގާފައިވަނީ ހައުސިން މިނިސްޓްރީގެ ތެރެއިން ކަން އޭނާ ފާހަގަކުރެއްވި އެވެ.
ހައްގު ނޫން ގޯތީގެ މައްސަލަ ފެންމަތިވުމާ އެކު ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޑީސީގެ އެމްޑީ ފަޒުލް ވިދާޅުވީ ދެ ގޯއްޗެއްގެ މައްސަލަ ފެންމަތިވީ ދެ ފަރާތަކުން އެއް ގޯއްޗެއްގައި ވަށާފާރު ރޭނުމުގެ ހުއްދަ ހޯދަން ހުށަހެޅި ހިސާބުން ކަމަށެވެ. އޭގެ ކުރިން އެ ގޯތީގެ ހުއްދަ ފުރަތަމަ ހުށަހެޅި ފަރާތަށް ދޫކޮށްފައިވާ ކަމަށާއި ނަމަވެސް މައްސަލަ ފެންމަތިވުމާ އެކު، ހުއްދަ ބާތިލްކޮށްފައިވާ ކަމަށް ފަޒުލް ވިދާޅުވި އެވެ.
އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ފަޒީލަކީ ހުޅުމާލެ އިން ގޯތި ލިބޭ މީހުންގެ ލިސްޓުގައި ކުރިން ހިމެނިފައި ނެތް އަދި ގޯއްޗަށް ޝަރުތު ހަމަވާ މީހެއް ނޫން ކަމަށް އޮތީ ކަނޑައަޅައިފަ އެވެ. އެކަމަކު އޭނާ އަށް ގޯތި ލިބިފައިވާ ކަމަށް ބުނާ ރަޖިސްޓްރީއާ އެކު، އެ ބިމުގެ ވަށާފާރު ރޭނުމުގެ ހުއްދައަކަށް އެޗްޑީސީގައި އޭނާ އެދުނީ އެވެ.
ފަޒީލް އެ ހުއްދަ އަށް އެދުނީ ޖޫން 30، 2024 ގަ އެވެ. އެހެންވެ، އެޗްޑީސީން އަމަލުކުރާ އުސޫލުން އެ ގޯތީގެ ރެޖިސްޓްރީ ވެރިފައި ކުރުމަށް ހައުސިން މިނިސްޓްރީ އަށް ފޮނުވި އެވެ. އިތުރު މީހަކު ވެސް ގޯތީގެ ވަށާފާރު ރޭނުމުގެ ހުއްދައަށް އެދިފައި އޮތުމުން އެ ވެސް ހައުސިން މިނިސްޓްރީ މެދުވެރިކޮށް އެކަން ސާފުކުރަން ފޮނުވި އެވެ.
ފަޒީލްގެ އިތުރުން ދެން ހުއްދައަށް އެދިފައި އޮތީ އަބްދުލްމަޖީދު މާހިރު ކިޔާ މީހެކެވެ. ބިންވެރިޔާ ސްކީމުން ގޯތި ލިބެނީ މާލޭ މީހުންނަށް ކަމަށް ވިޔަސް އެއީ ހއ. ދިއްދޫގައި ރަޖިސްޓަރީ އޮތް މީހެކެވެ.
ހައުސިން މިނިސްޓްރީން މި އަހަރުގެ އޯގަސްޓް 15 ގައި އެޗްޑީސީގެ ސިޓީއަށް ދިން ޖަވާބުގައި އޮތީ އެއީ ބިންވެރިޔާ ލިސްޓުގައި ހިމެނޭ ބައެއް ނޫން ކަމަށާއި އެ ދެ ގޯއްޗަކީ އެއްވެސް މީހަކަށް ދީފައި އޮތް ދެ ގޯތި ނޫން ކަމަށެވެ.
އެ ތަހުގީގު ފެށިއިރު، މައްސަލަ ބޮޑުވެފައިވާ ގޯތީގެ ވަށާފާރު ހުރީ ރާނަން ފަށައިފަ އެވެ. ގާތްގަނޑަކަށް ހަތަރު ފޫޓެއްހާ އުސްމިނަށް ވަނީ ވަށައިގެން ފާރު ރާނައިފަ އެވެ. އެ މަސައްކަތް ކޮށްފައި ވަނީ ވަރަށް ފަހުންކަން އެނގެ އެވެ. ރޭނުމަށް ބޭނުންވާ ބައެއް ސާމާނު ވެސް ގޯތިތެރޭގައި އެބަހުއްޓެވެ.
އަދި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަޒުލް ވަނީ އެ ތަނުގައި ފާރު ރާނާފައި ނުހުންނާނެ ކަމަށް ވިދާޅުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މރ.ކާޕެޓް
20 December 2024
ތިޔަ. ޙުރިހާ ވައްކަމެއްގެ ފަހަތުގަ ހުރި ކަލޭގެ ފޮޓޯގަ ތިޔަ އިނީ. އެހެންވެ ތެންފެށީ މާ އަވަހަކަށް.
ފަހުމުނާމާ
20 December 2024
ކަލޯ ޔާމިނު ހިއްކި އަގުބޮޑު ބިންކޮޅު ގާތްކުދިންނަށް ބަހާލުން އެއީ ވަރަށް ބުރަކޮށް ކޮށްދިން ބިޔަބޮޑު މަޝްރޫއެއް.
އައިމިނާ
20 December 2024
އާ ކަމެއްވެގެން ހޭ މި އުޅެނީ. އެމްޑީޕީންތައް މާލޭގަ ދުވަހަކު ދިރިނޫޅޭ ކިތައްމީހުންނަށް ތޯ ވިނަރެސް ފްލެޓްދީފަހުރީ. ވަކިބަޔަކުކުރީމަތޯ ކޮރަޕްޝަނަށްވަނީ. ޝަރުތު ހަމަނުވާ ކިތައް މީހުންނަށް ގޯތި ދިންތޯ.
ކުޓީ
20 December 2024
ދުރުކުރަންޖެހޭ މީހުން ދުރުކުކޮށްފި ރައްޔިތުންގެ ވޯޓަކުން. ދެން މިސަރުކާރުން ހިންގާލާތަން ހަޖަމުކުރަށް ތިބެބަލަ
ޑރ ވާންޗޯ
19 December 2024
ދުރުކުރަންޖެހޭ މީހުން ތިތިބީ ދުރުކޮށްފަ.
ޗޯރުކަލޭގެ
19 December 2024
ވަގުން ތަންތަނައް އަރާ ވައްކަމުގެވާހަކަ ދެއްކީމާ ވަގަކައްނުވާކަމައް ވާނެބާއޭ ހިތައްއަރާދެއްތޯ
ސަލި
19 December 2024
އެންމެ ބޮޑު ވަގު އަކްރަމް.
ށަލި
19 December 2024
ކުރީގެ ވަގުންތަށް. ދެން ހޮވުނުނީ ވައްކަން ކުރަން މަޑުކޮށްލާ އަނގަނުތަޅަ
މަހޭނެނީ
19 December 2024
ކަލޭމެން އިނގިލިދިއްކުރާއިރު މުޅިއަތުގަ ގުއ އޮތީ!
ބޯށި
19 December 2024
އެހެންވެގެންނޫންތޯ އަކްރަމާއި އަކްރަމްގެ މިނިސްޓަރު ދުރުކޮށްފައި އެހެން ބަޔަކު އެތިބީ