ދިވެހި ސިފައިން އަސްކަރީ ހިނގާލުމެއްގައި: ސިފައިންނާއި ފުލުހުންގެ ބައެއް ހަރަދުތައް އެކަށީގެންވާ ވަރަށްވުރެ ބޮޑު ކަމުގެ ބަހުސް އަބަދުވެސް އޮވޭ. -- ފޮޓޯ: މިހާރު
18 ފެބުރުއަރީ 2025 - 08:09
ސިފައިންނާއި ފުލުހުންނަށް ކާން ދިނުމާއި ބޭސްފަރުވާ ހަމަޖެއްސުމާއި ބޯހިޔާވަހިކަން ދިނުން ފަދަ ކަންކަމަކީ ކޮންމެ ގައުމެއްގައި އެހެން މީހުންނާ ތަފާތުކޮށް ކުރާ ކަންކަމެވެ. ރާއްޖޭގައި ވެސް އެހެންނެވެ. މި ހަރަދުތަކުގެ ތެރެއިން ރާއްޖޭގައި އެންމެ ބޮޑު އެއް ހޭދައެއް ކުރަނީ ކޮއްތަށެވެ.
ސިފައިންނާއި ފުލުހުންގެ ކޮއްތަށް ދައުލަތުގެ މި އަހަރުގެ ބަޖެޓްގައި 445 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އެއީ ދުވާލަކަށް ބަލާ ނަމަ 1.2 މިލިއަން ރުފިޔާ އެވެ. ސުވާލަކީ ހަމަ މިހާވަރު ކޮށްލަން ޖެހޭ ހެއްޔެވެ؟ ރާއްޖެ ފަދަ ކުޑަ ގައުމެއްގައި އަދި ކޮންމެ އަހަރަކު ފާސްކުރާ ބަޖެޓަށް ނުކަތައިގެން އުޅޭ ގައުމަކަށް މިއީ ބޮޑު އަދަދެއް ނޫން ހެއްޔެވެ؟
ރާއްޖޭގައި ދިރިއުޅުމުގެ ކަންކަން ހަމަޖެހިފައި އޮންނަ ގޮތުން އާންމުކޮށް ފުލުހުންނާއި ސިފައިންނަކީ، ވަކިވަކި ސަރަހައްދުތަކުގައި ބޮޑެތި އޮޕަރޭޝަންތައް ހިންގާ ބައެއް ނޫނެވެ. ބޮޑު ކަމެއް ހިނގައިގެން ނޫޅޭ ނަމަ އެހެން ވަޒީފާތަކެކޭ ވެސް އެއްގޮތަށް މަސައްކަތް ނުވަތަ ޝިފްޓު ނިންމާފައި ދާންވީ އެވެ. މާނަ އަކީ، އެ މީހުންގެ މަރުކަޒުގައި ކޮންމެ ވަގުތަކު އެންމެންނަށް ކާން ހަދައިގެން ކާން ދޭންޖެހޭ ހާލަތެއް ނެތުމެވެ.
މިހެން ބުންޏަސް، ހާއްސަ ހާލަތްތަކުގައި ވަކި ވަކި ރަށްރަށުގައި ވެސް ސްޓޭޝަން ވެގެން އުޅޭ ސިފައިންނާއި ފުލުހުން އެބަ ތިއްބެވެ. އަދި ސިފައިންގެ ތެރެއިން ވަކި ބަޔަކީ، ހާއްސަކޮށް ސެކިއުރިޓީ ބެލެހެއްޓުމުގައި ހަރަކާތްތެރިވާ މުވައްޒަފުންނަކީ، އެ މީހުންގެ ޑިއުޓީ ގަޑީގައި އިތުރު ތަނަކަށް ނުދެވޭ މީހުންނެވެ. ސިފައިންގެ މަރުކަޒުތަކުން ނުނިކުމެ އެތެރޭގައި ވަކި ގަޑިތަކެއްގައި ޔުނިފޯމުގައި ތިބެން ޖެހޭ ސިފައިން ވެސް ވަރަށް ގިނަ ވާނެ އެވެ. އެ މީހުންނަށް ދޭ ހާއްސަ އިނާޔަތްތައް އޮންނަ އުސޫލުގެ ތެރެއިން ދިނުމަކީ މި ލިޔުމުގެ މައުލޫއު އިން ބޭރު ވާހަކައެކެވެ.
އޮފީހުގެ ހިންގުމުގެ ހަރަދުގެ ތެރެއިން ކެއުމަށް އެންމެ ބޮޑު ބަޖެޓެއް މި އަހަރު ލިބިފައިވާ 10 އިދާރާ
ފުލުހުންނާއި ސިފައިންގެ ބަޖެޓަށް ބަލާއިރު މި އަހަރަށް އެކަނި 4.6 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އެއީ ދައުލަތުގެ ޖުމްލަ ބަޖެޓުގެ 8 ޕަސެންޓެވެ. ފުލުހުންގެ މުސާރައަށް 892 މިލިއަން ރުފިޔާ އާއި ސިފައިންގެ މުސާރަ އަށް 584 މިލިއަން ރުފިޔާއާ އެކު، ދެ އިދާރާގެ މުވައްޒަފުންގެ މުސާރަ އަށް 1.5 ބިލިއަން ރުފިޔާ ހަރަދުކުރަން ޖެހެ އެވެ.
ފުލުހުންނާއި ސިފައިންގެ ކޮއްތަކީ އޮފީސްތައް ހިންގުމަށް ކުރާ ހޭދައިގެ ބޮޑު ބައެކެވެ. ސަރުކާރުގެ ގާތްގަނޑަކަށް ސަތޭކައެއްހާ އިދާރާ އަށް ކޮއްތުގެ ގޮތުގައި ހަރަދު ކުރަން ބަޖެޓުތަކެއް ކަނޑައަޅާފައި ވެ އެވެ. ވަކިވަކި އޮފީސްތަކުގެ ކެއުމުގެ ހަރަދުތަކަށް ދައުލަތުން 404 މިލިއަން ރުފިޔާ ހޭދަކުރެ އެވެ. އޭގެ 86 ޕަސެންޓު ހޭދަ ކުރަނީ ފުލުހުންނާއި ސިފައިގެން ކޮއްތަށެވެ. އެއީ 348 މިލިއަން ރުފިޔާ އެވެ.
އޭގެ ތެރެއިން ސިފައިންގެ ކެއުމުގެ ހަރަދަށް 180 މިލިއަން ރުފިޔާ ހަރަދު ކުރެ އެވެ. ވަކިވަކި ރަށްރަށުގައި ތިބޭ މީހުންނަށް ކޮއްތު އެލަވަންސްގެ ގޮތުގައި 10 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އެހެންވެ، ޖުމްލަ ބަޖެޓުން ސިފައިންގެ ކެއުމަށް މި އަހަރު 190 މިލިއަން ރުފިޔާ ހޭދަވާނެ އެވެ.
ފުލުހުންގެ ކެއުމުގެ ހަރަދުގެ ގޮތުގައި އެ އިދާރާގެ މައި ބަޖެޓުން 168 މލިއަން ރުފިޔާ ހޭދަކުރާ އިރު ކޮއްތު އެލަވަންސްގެ ގޮތުގައި ވަކިވަކި މުވައްޒަފުންނަށް 87 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އެއީ މަހެއްގެ މައްޗަށް ގާތްގަނޑަކަށް ހަތް މިލިއަން ރުފިޔާ އެވެ. އެހެންވެ، އޮފީހުގެ ހިންގުމުގެ ހަރަދުން ކެއުމަށް ކުރާ ހޭދަ އާއި މުވައްޒަފުންނަށް ދޭ ކޮއްތު އެލަވަންސާ އެކު ފުލުހުންގެ ކޮއްތު ހަރަދު 255 މިލިއަން ރުފިޔާއަށް އަރަ އެެވެ،
ހަމައެކަނި އެ ދެ އިދާރާގެ ކެއުމުގެ ހަރަދު 445 މިލިއަން ރުފިޔާ އަށް އަރާ އިރު އެއީ ކޮއްތު ބަޖެޓް ކަނޑައަޅާފައިވާ އަނެއް 98 އިދާރާއިން ކުރާ ހޭދައަށް ވުރެ ހަތް ގުނަ ބޮޑު އަދަދެކެވެ. އެހެން ހުރިހާ އިދާރާތަކެއްގެ އޮފީސް ހިންގުމުގެ ހަރަދުން ކެއުމަށް 56 މިލިއަންގެ ބަޖެޓެއް ކަނޑައަޅާފައި އޮތް އޮރު ފުލުހުންނާއި ސިފައިންގެ ކެއުމަށް ކުރާ ހޭދަ 640 ޕަސެންޓު އިތުރެވެ.
ފުލުހުންނަށް ކާން ދިނުމަށް ކެންޓީނުތައް ހިންގުމުގެ އިތުރުން އެ ހިދުމަތް ނުލިބޭ ސަރަހައްދުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް "ކޮއްތު އެލަވަންސް" ވެސް ދެ އެވެ. ފުލުހުންގެ ކޮއްތު އެލަވަންސްގެ ގޮތުގައި ދުވާލަކަށް މީހަކަށް 160ރ. ކަނޑައަޅާފައިވެ އެވެ. އެ އެލަވަންސް ދެނީ، މުވައްޒަފުންގެ ހާޒިރީ އަށް ބަލައިގެންނެވެ. އެހެންވެ، ކޮއްތު އެލަވަންސް ލިބޭ މުވައްޒަފުން ބަރާބަރަށް އޮފީހަށް ދާ ނަމަ މަހެއްގެ މައްޗަށް 4،500-4،800ރ. ކޮއްތު ފައިސާގެ ގޮތުގައި ލިބޭނެ އެވެ.
ފުލުހުންނާ ހިލާފަށް ސިފައިންގެ ވަކިވަކި މުވައްޒަފުންނަށް ކެއުމަށް ސީދާ ގޮތުން ދޭ އަދަދު ކުޑަ އެވެ. މި އަހަރުގެ ބަޖެޓުގައި ވެސް ކޮއްތު އެލަވަންސްގެ ގޮތުގައި ކަނޑައަޅާފައި އޮތީ 10 މިލިއަން ރުފިޔާ އެވެ. ސިފައިންގެ އެ އެލަވަންސް ކުޑަވަނީ، އެ އިދާރާގެ މުވައްޒަފުން އާންމުކޮށް ހަރަކާތްތެރިވާ ހުރިހާ ތަނެއްގައި ވެސް ކެފިޓީރިއާތައް ހުންނާތީ އެވެ.
ފުލުހުންނާއި ސިފައިން ކޮއްތަށް ކުރާ ހޭދައިގެ ތަފްސީލު
އެކަމަކު ބައެއް ހާލަތްތަކުގައި ސިފައިންނަށް ވެސް ކޮއްތުގެ ފައިސާގެ ގޮތުގައި 350-200ރ. ދުވާލަކަށް ލިބޭ ރޭޓުން ކޮއްތު ފައިސާ ދީފައި އެބަހުއްޓެވެ. އެއާ އެކު މަހެއްގެ ކޮއްތު އެލަވަންސް 7،000ރ. އަށް ވެސް އަރައިގެން ގޮސްފައި އެބަ ހުއްޓެވެ.
ދައުލަތުގެ އެހެން މުވައްޒަފުންނާ އޮތް ބޮޑު ތަފާތު ކުރުމެއް މިއީ. ފުލުހުންނާއި ސިފައިންނަށް ކާން އެލަވަންސް ދޭ ނަމަ، އެހެން އިދާރާތަކުގެ މުވައްޒަފުންގެ ކެއުމުގެ ހަރަދުތައް ދައުލަތުން ހަމަޖައްސަންވީތާ. އެކަން ނުކުރަންވީ ކީއްވެ؟ އެކަމަކު އެކަން އެގޮތަށް ކޮއްފިއްޔާ އެއީ ދައުލަތަށް ދެމެހެއްޓެނިވި ގޮތެއްގައި ކުރަން އުނދަގޫ ހަރަދަކަށްވާނެ
މާލީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅަކު ވިދާޅުވީ، ފުލުހުންނާއި ސިފައިންނަށް ވަކިން ހާއްސަކޮށް ކެއުމަށް ހަރަދުތަކެއް ކުރުމަކީ، އެންމެ ކުރިއްސުރެ ވެސް ގެންގުޅޭ ސަގާފަތެއް ކަމަށެވެ. އެކަމަކު މިހާރުގެ ހާލަތަށް ބަލާ އިރު އެއީ ކޮންމެހެން ކުރަން ޖެހޭ ހަރަދެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"ގިނަ މީހުން ތިބެނީ ވެސް ގޭގަތާ. ކޮންމެހެން ބެރެކްސްތަކުގައެއް ނޫން އުޅެނީކީ. އެކަމަކު އެ މީހުން ވަކި ތަނެއްގައި ބައިތިއްބައިގެން ގެއަށް ނުދެވި ހާއްސަ އޮޕަރޭޝަނެއް ހިންގާ ނަމަ އެފަދަ ހަރަދުތައް ހަމަޖައްސައި ދިނުން މައްސަލައެއް ނޫން. އެއީ ހުރިހާ އޮފީހެއްގައި ވެސް އެކަން އޮވޭ. މާލިއްޔަތު ގަވައިދުގައި ވެސް އެކަން ކުރަން ފުރުސަތު އޮވޭ،" އޭނާ ވިދާޅުވި އެވެ.
އެކަމަކު، އޭނާ ވިދާޅުވީ ވަކި ބަޔަކަށް ކޮންޓްރެކްޓް ހަދައިގެން، މުވައްޒަފުންނަށް ކޮންމެ ދުވަހެއްގެ ކެއުން ހަމަޖައްސައިދިނުމަކީ ދައުލަތަށް އޮތް ބޮޑު ބުރައެއް ކަމަށެވެ.
ފުލުހުންނާއި ސިފައިން މާލޭގައި އޮޕަރޭޝަނެއް ހިންގަނީ: ސިފައިންނާއި ފުލުހުންނަކީ ދައުލަތުން އެންމެ ބޮޑު ހޭދައެއް ކުރާ ދެ މުއައްސަސާ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
"ދައުލަތުގެ އެހެން މުވައްޒަފުންނާ އޮތް ބޮޑު ތަފާތު ކުރުމެއް މިއީ. ފުލުހުންނާއި ސިފައިންނަށް ކާން އެލަވަންސް ދޭ ނަމަ އެހެން އިދާރާތަކުގެ މުވައްޒަފުންގެ ކެއުމުގެ ހަރަދުތައް ދައުލަތުން ހަމަޖައްސަންވީތާ. އެކަން ނުކުރަންވީ ކީއްވެ؟ އެކަމަކު އެކަން އެގޮތަށް ކޮއްފިއްޔާ އެއީ ދައުލަތަށް ދެމެހެއްޓެނިވި ގޮތެއްގައި ކުރަން އުނދަގޫ ހަރަދަކަށް ވާނެ،" އޭނާ ވިދާޅުވި އެވެ.
ފުލުހުންނާއި ސިފައިންނަށް އެއް އަހަރުން އަނެއް އަހަރަށް ކެއުމަށް ކުރާ ހޭދަ ދަނީ އިތުރުވަމުން ކަން ބަޖެޓުގެ ހިސާބުތަކުން ވެސް ސާފުވެ އެވެ. މިދިޔަ ތިން އަހަރު މި ބަޖެޓަށް ސިފައިނަށް އެކަނި 11 މިލިއަން ރުފިޔާ އިތުރުވި އެވެ. ފުލުހުންގެ ކެއުމުގެ ހަރަދުތައް މިދިޔަ ތިން އަހަރު ވެސް ހުރީ ގާތްގަނޑަކަށް އެއްވަރެއްގައި ހިފެހެއްޓިފަ އެވެ. އެކަމަކު ދިރިއުޅުމުގެ ހަރަދުތަކާއި ކާބޯތަކެތީގެ އަގުތަކަށް އަންނަ ބަދަލުތަކުގެ ސަބަބުން، ކުރިމަގުގައި އެ ހަރަދުތައް ވެސް ދާނީ އިތުރުވަމުން ކަމަށް މާލީ ދާއިރާގެ ބޭފުޅަކު ވިދާޅުވި އެވެ.
ފުލުހުންނާއި ސިފައިންގެ ރީޖަނަލް އިދާރާތައް ހިންގާ ތަންތަނުގައި ވެސް ކޮއްތުގެ ހަރަދުތައް ހަމަޖައްސަން ވަކި ހާއްސަ ގޮތްތަކެއް އޮވެ އެވެ. ފުލުހުންގެ އަތޮޅުތެރޭގެ ގޮފިތަކާ ބެހޭ ހާއްސަ ޑިޕާޓްމެންޓުން ފުލުހުންގެ ކެއުން ހަމަޖައްސަން މީހުން ހޯދަނީ ބިޑަށް ހުޅުވާލައިގެންނެވެ.
މި މަރުހަލާގެ ތެރެއަށް ސިފައިންނާއި ފުލުހުންގެ ބައެއް ވެރިންގެ ނުފޫޒު ވަދެ ކޮރަޕްޝަންގެ ތެރެއަށްދާ ކަމަށް އަބަދުވެސް ތުހުމަތު އޮވެ އެވެ.
ކޮންތަނެއްގައި މި ނޫން އުސޫލެއް އޮންނަނީ. އެހެން ސަރުކާރުގެ އިދާރާތަކެކޭ ވެސް އެއްގޮތަށް ބިޑުކޮށްގެން ޕްރޮޖެކްޓްތައް ދިނުމުގައި ހާއްސަ ގޮތްތައް ހަދައިދިނުން ފުލުހުންގެ ތެރޭގައި އޮވޭ
ފުލުހުންގެ އިދާރާގެ އެކަމުގެ މައުލޫމާތު އެނގޭ ބޭފުޅަކު ވިދާޅުވީ ވަކި ބަޔަކަށް ފައިދާވާ ގޮތަށް އެފަދަ ކަންކަން ރާވާ ކަމުގެ ވާހަކަތަކާއި އެފަދަ ކަންކަން ފެންނަން ވެސް އެބަހުރި ކަމަށެވެ.
އޭނާ ދެއްވި މިސާލަކީ، މިދިޔަ އަހަރުގައި މެދުރާއްޖެތެރޭގެ އަތޮޅެއްގެ ގޮތްޕަކަށް ކޮއްތު ހަމަޖައްސަން ކަނޑައެޅި ކުންފުންޏަކީ އެންމެ ބޮޑު އަގު ހުށަހެޅި ކުންފުނި ކަމެވެ.
"ގާތްގަނޑަކަށް 280-260ރ. ބޮލަކަށް ހުށަހަޅާފައި އޮތީ. އެކަމަކު ބޮލަކަށް 200ރ. އާއި 240ރ. ހުށަހެޅި ފަރާތްތައް ވެސް ހިމެނޭ. އަނެއްކޮޅުން، ކެއުން ހަމަޖައްސަން ކަނޑައެޅި ކުންފުނި ނިސްބަތް ވަނީ ވެސް އެންމެ އުތުރުގެ ރަށަކަށް. އެ ކުންފުނިން، ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ފުލުހުންގެ އިދާރާތަކުގެ ކެއުން ހަމަޖައްސާކަން ފާހަގަކުރެވޭ،" އޭނާ ވިދާޅުވި އެވެ.
ފުލުހުންގެ ހިދުމަތްތަކާ ގުޅޭ ގޮތުން ބައެއް މައުލޫމާތުތައް ހިއްސާކުރަނީ -- ފޮޓޯ: މިހާރު
އޭނާ ވިދާޅުވީ، ބިޑު އުސޫލުން، އެކަން ކުރި ނަމަވެސް، ގާތް ރައްޓެހިންނާއި ދަންނަ ފަރާތްތަކަށް އިސްކަން ދިނުމުގެ ސަގާފަތެއް ފުލުހުންގެ ތެރޭގައި ވެސް ވަރަށް ގަދައަށް އެބަ އޮތް ކަމަށެވެ.
"ކޮން ތަނެއްގައި މި ނޫން އުސޫލެއް އޮންނަނީ. ސަރުކާރުގެ އެހެން އިދާރާތަކެކޭ ވެސް އެއްގޮތަށް ބިޑުކޮށްގެން ޕްރޮޖެކްޓްތައް ދިނުމުގައި ހާއްސަ ގޮތްތައް ހަދައިދިނުން ފުލުހުންގެ ތެރޭގައި އޮވޭ،" އޭނާ ވިދާޅުވި އެވެ.
އުސޫލުން ބޭރުން ކަންކަން ކުރާ ކަމުގެ އެއް ހެއްކަކީ މާލެ ސަރަހައްދުގައި ތިބޭ ފުލުހުންނަށް ކެއުމުގެ އިންތިޒާމު ހަމަޖައްސަން ފަސް އަހަރުގެ މުއްދަތަކަށް ޕޮލިސް ވެލްފެއާ ކޯޕަރޭޝަނާ ހަވާލުކުރަން 2018 ގައި ފިނޭންސް މިނިސްޓްރީން ހުއްދަ ދިން ނަމަވެސް އެ ކޯޕަރޭޝަނާ އެ މަސައްކަތް ފުލުހުން ހަވާލުކުރީ 10 އަހަރުގެ މުއްދަތަކަށް ކަމަށް ވުމެވެ.
ސިފައިންނާއި ފުލުހުންނަށް "ކާންދީގެން" ބައެއް އަމިއްލަ ފަރާތްތައް މުއްސަނދިވާ ވާހަކަ ދިވެހިންގެ ތެރޭގައި އަބަދުވެސް ދައްކަ އެވެ. ސިޔާސީ ބާރުވެރިކަން ހޯދާ ހަތިޔާރަކަށް ވެސް މިކަން ބަދަލުކޮށްފައިވާ ކަމުގެ ތުހުމަތު އެބައޮތެވެ. ބައެއް ކުންފުނިތައް "ފަގީރު" ވުމުގެ މައިގަނޑު ސަބަބަކަށް ވެސް ހަދާފައި ވަނީ ސިފައިން ނުވަތަ ފުލުހުންނަށް "ކާން" ދިނުމުގެ ޕްރޮޖެކްޓް ކޮންމެވެސް ސަބަބަކާ ހެދި ގެއްލުމުން ކަމަށް ބުނެ ފާޅުގައި ވާހަކަ ދައްކާފައި ވެސް އެބަހުއްޓެވެ.
އުސޫލުން ބޭރުން ކަންކަން ކުރާ ކަމުގެ އެއް ހެއްކަކީ މާލެ ސަރަހައްދުގައި ތިބޭ ފުލުހުންނަށް ކެއުމުގެ އިންތިޒާމު ހަމަޖައްސަން ފަސް އަހަރުގެ މުއްދަތަކަށް ޕޮލިސް ވެލްފެއާ ކޯޕަރޭޝަނާ ހަވާލުކުރަން 2018 ގައި ފިނޭންސް މިނިސްޓްރީން ހުއްދަ ދިން ނަމަވެސް އެ ކޯޕަރޭޝަނާ އެ މަސައްކަތް ފުލުހުން ހަވާލުކުރީ 10 އަހަރުގެ މުއްދަތަކަށް ކަމަށް ވުމެވެ.
"މި ފެންނަނީ ކޮށްފައި ހުންނަ ނުކިއްސަރު ކަންކަން. ފިނޭންސްގެ ހުއްދައާ ހިލާފަށް ޕޮލިސް ކޯޕަރޭޝަނާ ހަވާލު ކުރުމަކީ ކިހާ ބޮޑު ގޯހެއް؟،" ފުލުހުންގެ ކުރީގެ އޮފިސަރަކު ވިދާޅުވި އެވެ.
އެތައް ޒަމާނެއް ވަންދެން ފުލުހުންނާއި ސިފައިންގެ ކެއުމަށް އެހާ ބޮޑު ހަރަދެއް ކުރަމުން ދާއިރު މިއީ ކުއްލިއަކަށް ކަނޑާލަން އެއްވެސް ސަރުކާރަކަށް ފަސޭހަ ކަމަކަށް ނުވާނެ އެވެ. އެކަމަކު، ދައުލަތުގެ ހަރަދުތައް އެއް ހަމަކޮށް، ހަރަދު ކުޑަކުރަން ވިސްނާލިއަސް، މިއީ ކަނޑާލަން ނުވަތަ ކުޑަކުރަން މުހިއްމު ހަރަދެއް ކަމަށް ގަބޫލުކުރާ، މާލީ ދާއިރާގެ ބައެއް ބޭފުޅުން ގަބޫލުކުރައްވަ އެވެ.
އެއް ބޭފުޅަކު ވިދާޅުވީ، ފުލުހުންނާއި ސިފައިންގެ ކަންކަން އެހާ ބޮޑަށް އިސްވަނީ، ސިޔާސީ ސަބަބުތަކަށްޓަކައި ކަމަށެވެ. އެހެންވެ، އެ މީހުންނަށް ލިބޭ އެއްވެސް ހާއްސަ އިނާޔަތްތަކާ ކުޅުމަކީ ފަސޭހަކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
"ކޮންމެ ޕޮލިސީއަކީ ވެސް ފަށާއިރު އެންމެ ރަނގަޅު ޕޮލިސީއަށް ނުވެދާނެ. އެކަން އެކަމަކު ބަދަލު ކުރަންޏާ ހުންނާނެ ކަންކަން. ހިޔެއްނުވޭ މިއީ ޕޮލިސީ ލެވެލްގައި މަޝްވަރާ ކުރެވިފައި އޮތް ކަމެއް ހެނެއް،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ދައުލަތުގެ ފިސްކަލް ހާލަތު އެހާ ގޯސް ފައްތަރެއްގައި އޮތް އިރު އެއީ ހަރަދު ކުޑަ ކުރުމުގެ އެކްސަސައިޒެއްގެ ގޮތުގައި ވެސް ކަނޑާލަން އެންމެ ރަނގަޅު އެއް ހަރަދު ކަމަށެވެ.
މި މައްސަލައާ ގުޅޭ ގޮތުން މާލީ ތަޖުރިބާކާރު އެހެން ބޭފުޅަކު ވިދާޅުވީ، ފުލުހުންނާއި ސިފައިންގެ ހަރަދުތަކަކީ "ސެންސިޓިވް" ކަންކަމަށް ވީ ނަމަވެސް، ދެމެހެއްޓެނިވި ނިޒާމަކަށް ދާން ވެސް އެ ހަރަދުތައް ރިވިއުކުރުން ވަރަށް މުހިއްމު ކަމަށެވެ.
"މިކަމުގައި ލިބޭ އައުޓްކަމް އެބަ ބަލަން ޖެހޭ. ފުލުހުންނާއި ސިފައިންނަށް ކާން ނުދީގެން ދައުލަތަށް ވާނެ ގެއްލުމެއް ވެސް ބަލަން ޖެހޭ. އެކަން އެގޮތަށް ކުރާ ނަމަ، އިންސާފުވެރި ރަނގަޅު ނިޒާމެއް ގެންނަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
އޭނާގެ އެ ވާހަކައަށް ވިސްނާއިރު ސިފައިންނާއި ފުލުހުންގެ ތެރެއިން މީހުން ވަޒީފާ ހޯދާ އެންމެ އާންމު އެއް ސަބަބަކަށް ރާއްޖޭގައި ވެފައި އޮންނަނީ ބޭސްފަރުވާ އާއި ކާންބޯން ލިބުން އަދި ކުޑަމިނުން ނިދާލާނެ ގޮތެއް ކަށަވަރުވާތީ އެވެ. މި ކަންކަން މި ނޫން ގޮތަކަށް ބަދަލުވެއްޖެ ނަމަ މި ވަޒީފާތަކަށް އޮތް ޝައުގުވެރިކަން މިހާރު އޮތް ވަރަށް ވެސް އޮވެދާނެތޯ އެއީ ސީރިއަސް ސުވާލަކަށްވެ އެވެ.
ރާއްޖެ ފަދައިން އެހެން ގައުމުތަކުގައި ވެސް މިލިޓަރީގެ ހަރަދުތައް އަދި ހާއްސަކޮށް ކެއުންބުއިމުގެ ހަރަދުތައް ބޮޑުވުމުގެ ބަހުސް އޮވެ އެވެ.
އެންމެ ކައިރީ އޮތް ބިޔަ އަސްކަރިއްޔާ ހިންގާ އިންޑިއާގައި ކެއުމުގެ ހަރަދުތަކަށް ކުރާ ހޭދަ ބޮޑުވުމުން ހަރަދު ކުޑަކުރުމަށް 2017 ވަނަ އަހަރު ފިޔަވަޅުތަކެއް އެޅި އެވެ. އޭރު ވަނީ މިލިޓަރީގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ހަނގުރާމަ އާއި ހާއްސަ އޮޕަރޭޝަންތަކުގައި ނޫޅޭ މީހުންގެ ކޮއްތު ހަރަދުތައް ކުޑަކޮށް ދުވާލަކަށް ދޭ އެލަވަންސްއެއްގެ ގޮތުގައި 96 ރުޕީސް ކަނޑައަޅައިފަ އެވެ. އެއީ ސިފައިންގެ ގިނަ ބަޔަކު ހިތްހަމަނުޖެހުނު ކަމަކަށް ވިޔަސް، ހަރަދުތައް ކުޑަ ކުރުމަށް އެޅި މުހިއްމު ފިޔަވަޅެކެވެ.
އެހެން ބައެއް ގައުމުތަކުގައި ސިފައިންނާއި ފުލުހުންގެ ތެރޭގައި މަސައްކަތްކުރާ މީހުންގެ ކެއުންތައް "ރޭޝަން" ކުރެ އެވެ. ބޭނުން ވަރަކަށް ތައްޓަށް ކާ އެއްޗެހި އެޅުމުގެ ބަދަލުގައި އެ މީހުން ބަހައްޓަނީ ވަކި މިންގަނޑުތަކެއްގައި ރޭޝަންކޮށް ފުޑް ޕެކް ހަދައިފަ އެވެ. އޮސްޓްރޭލިއާ ފަދަ ގައުމުތަކުން އަމަލު ކުރަމުން އަންނަނީ އެ އުސޫލުންނެވެ. އެއީ ވެސް ހަރަދު ކުޑަކުރުމަށް ރާއްޖެއަށް ވެސް ތައާރަފް ކުރެވިދާނެ ބަދަލެކެވެ. އޭރުން ކޮންމެ ވަގުތަކަށް ވެސް ކާން ދާނެ ހަރަދު ސާފުކޮށް ދެނެގަނެވި، ކާބޯތަކެތި އިސްރާފުވާ ވަރު ވެސް ކުޑަކުރެވޭނެ އެވެ.
ބައެއް ގައުމުތަކުގައި ފުލުހުންނާއި ސިފައިންނަށް ކެއުމުގެ ކަންކަން ހަމަޖައްސަނީ، "އިންހައުސް" ކޮށެވެ. ކުންފުނިތައް މެދުވެރިކޮށް ބިޑް އުސޫލުން އައުޓްސޯސް ކޮށްގެން ކޭޓަރިން ހިދުމަތް ދިނުމުގެ ތެރެއިން އިތުރުވާ ހަރަދުތައް އޭރުން ސަލާމަތްވެ އެވެ. އޭރުން ކުރިއާލައި، ކެއުމަށް ބޭނުންވާ ސާމާނު ބަލްކުކޮށް ހެޔޮ އަގުގައި ހޯދޭނެ އެވެ.
އެމެރިކާގައި މިލިޓަރީގެ ކެއުންބުއިން ހަމަޖައްސަން، ބޭސިކް އެލަވަންސް ސަބްސިސްޓެންސް (ބީއޭއެސް) ޕްރޮގްރާމުގެ ދަށުން ސިފައިންނަށް ދޭ ކެއުމުގެ އެލަވަންސް ކަލެކްޓް ކުރުމަށް ފަހު އެއިން ކޮއްތު ހަމަޖައްސައިދެ އެވެ.
ސިފައިންނާއި ފުލުހުންތަކެއް ގައުމީ ހަރަކާތެއްގައި: ހަރަދު ކުޑަކުރެވޭނެ ގޮތްތަކެއް ހޯދަންޖެހޭ.
ރާއްޖެއަށް ވެސް މިފަދަ، މިހާރު ގެންގުޅޭ ގޮތްތަކުގެ ބަދަލުގައި އެ އަށް ވުރެ ރަނގަޅު އުސޫލަކުން މި ހަރަދުތައް ހަމަޖައްސަން ފިޔަވަޅުތަކެއް އެޅިދާނެ އެވެ. ސިފައިންނާއި ފުލުހުންގެ ތެރެއިން ކޮންމެހެން ކެއުން ހަމަޖައްސަން ޖެހޭ މުވައްޒަފުން ދެނެގަނެ އެކަން ހަމަޖައްސައި ދެވިދާނެ އެވެ. އެކަމަކު އެކަން ކުރުމުގައި ވެސް ހަރަދު ކުޑަ، އިސްރާފުތައް ކުޑަ ކުރެވޭނެ ގޮތްތައް ހޯދިދާނެ އެވެ.
ސިފައިންގެ ހިދުމަތުން ރިޓަޔާ ކުރައްވާފައިވާ އިސް އޮފިސަރަކު ވިދާޅުވީ، ޑިއުޓީގައި ނެތަސް ސިފައިންގެ އަށް ކާން ދާ އުސޫލު ބަދަލުކުރުމަކީ ވެސް ހަރަދު ކުޑަކުރެވޭނެ ގޮތެއް ކަމަށެވެ. އެ ގޮތުން އެއީ ކޮންމެހެން ސިފައިންގެ މަރުކަޒުތަކުން އެ ގަޑިއެއްގައި ކާންޖެހޭ މީހެއްތޯ ބެލޭނެ ހަރުކަށި ނިޒާމެއް ގާއިމް ކޮށްގެން ނޫނީ ފަރުޖެއްސެން ނެތް ކަމަށެވެ.
ދައުލަތުގެ މާލީ ހާލަތު އެހާ އުނދަގޫ ހާލަތެއްގައި އޮތް މިދަނޑިވަޅަކީ ދައުލަތުން ކުރާ މިފަދަ ވަކި ވަކި ހަރަދުތަކުގެ މުހިއްމުކަން ބަލައި، އިސްކަންދޭނެ ހަރަދުތަކާއި އިސްކަން ނުދީ، ދޫކޮށްލެވޭނެ ހަރަދުތައް ވެސް ބަލަން ޖެހެ ވަގުތެވެ. ބޭނުންވަނީ، މިފަދަ ހަރަދުތައް ވެސް ދެމެހެއްޓެނިވި ގޮތެއްގައި ކުރާނެ ރަނގަޅު ނިޒާމެކެވެ. އެކަމަކު މިހާރު މި ހަރަދު މި ކުރާ ގޮތަށް ކުރާ ނަމަ، އެކަން ވެސް ވާނީ ކުރިއަށް އޮތްތަނުގައި ދައުލަތަށް އޮތް ބޮޑު ބުރައަކަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕެކޭޖް
20 February 2025
އިހާއި މިހާރު ކެއިންބުއިމުގެ އާދަަތައް އުޑާބިމާހާ ތަފާތު. މިހާރު ފިހާރަތައް ފުރިފަ އޮންނަނީ ބަންދުކުރި އެކި ކަހަލަ ކާނާތަކާ ޖޫސްތަކާ ބުއިންތައް. ނުބައިނުވާ ގޮތަށް އެ ހަދާފަ ހުންނަނީ. ނުކައި ގިނައިރު ހުންނަންޖެހޭނެ ހާލަތެއް ނާދޭ. ބޮޑު ފުލުހުންގެ އިދާރާއަކާ ޖެހިގެން ކެފޭއެއް ދެން އެއާ ޖެހިގެން އަނެއް ކެފޭ، ކުރިމަތީ އެއް ކެފޭ، އަރިމަތީ އަނެއް 2 ކެފޭ. 2 މިނިޓުން ހިނގާލާފަ ދެވޭހިސާބުގަ. މަސައްކަތުގަ ހައިބަނޑާ ތިބެންޖެހޭފަދަ މާހައުލެއް އެބައޮތްތަ؟
މީހުން މެން
19 February 2025
އައި ޖީ އެމް ހޮސްޕިޓަލް އައްވެސް ވެރިންނާ އަދި ނަރުހުންނައް ދުވާލަކު ފަންސާސްހާސް ކޮއްތައް އިނގޭތީ ބުނެލީ .
ހަސަނު
19 February 2025
ބަލާލި ކޮންމެ ދިމާލަކުން ކެއުން.. އެތަނުން ކައިފަ މިތަނުންވެސް ކަނީ...
އަހުމަދު 55
19 February 2025
މީގެ ކުރިން އެއްމިލިއަން އެއީ ބޮޑުއެއްޗެއް އެކަމު މިހާރުގެ ރޭޓަށް ބަލާއިރު ދުވާލަކަށް ތީ 125ރ އެއްވެސް އެއްޗެއްނޫން.
އަޒީޒު
19 February 2025
ކޮބާތަ މަޖިލީހުގެ ކެއުމުގެ ބަޖެޓުގެ ޖުމްލައަކީ؟ އެމީހުން ވީމަ ނާރާތަ މިޔަކަށް؟
ސޭންޑްބީޗު
19 February 2025
ކަލޯ ތިބުނަނީ ސިވިލްސަރވިސްގެ ޢިދާރާ އަކަށް އެމްއެންޑީއެފް ބަދަލު ކުރާށޭ އުތަ؟ 8 ގަޑިއިރު ޑިއުޓީކޮށްފަ އަނބިދަރީންނާއެކު ވަގުތު ހޭދަކުރެވޭނެ އޭރުން، ދެން ގައުމުގެ އަމަންއަމާންކަމާއި ސިލްމާއި ސަލާމަތީ ނޫސްވެރިން ބަލަހައްޓާ ކަމަކަށް ހެދޭނެ އޭރުން.
ޒިންމާ
22 February 2025
ކަލޯމެން ކައިގެން ޒިންމާ އުފުލަންވީ ބޮޑާނަހާކަ
ކަންކުނާރު
18 February 2025
މުޅިން ގޯސްވާހަކަ އެއްނޫން. ބޭކާރުގޮތުގައި މިގޮތަށްކުރެވޭ ހޭދަތައް ޒިންމާދާރުކަމާއެކު ކުރުމަށް ސަރުކާރުން ބާރުއަޅަންވެއްޖެ
މިލިޓަރީ ވައިފް
18 February 2025
އަނބި ދަރިންނާ ދުރުގަ ދުނިޔެ އުމުރު ޑިޔުޓީ ކުރަން ޖެހޭ ސިފައިން މަދެއްނޫން، އާއިލާ ދެކިލަން ހަފްތާ އަކަށް ރަށަށް ދާންވެސް ބޮޑު ޚަރަދެއް ކުރަން ޖެހޭ... އަނބި މީހާ ދަރިން ގޮވައިގެން އެކަނި ހަނާ ވާއިރުވެސް ފިރިމީހާ އަކަށް ކައިރީ އެހީ ވާކަށް ނުހުރެވޭ.... ސިފައިން ޑިޔުޓީ ކުރަން އާއިލާ އާ ދުރަށް ރަށްރަށަށް ލާފާ ކާން ނުދީ ބަހައްޓާށޭތަ ތި ކިޔަނީ... ވިސްނަބަލަ.... ސިވިލް ސާރވަންޓުންނަކަށް ނީންނާނެ އަނގަ ހުޅުވޭކަށް...
ތޮށަލި އާދަނު
19 February 2025
ލިއުން ކިޔާލީމަ އެނގޭނެ ތިހެން ދިމާވާ މީހަކަށް އެލަވަންސް ނޫނީ ކެއުން ލިބޭކަން. މާއަވަހަކަށް ސިކުނޑިއަށް ތެޔޮ ތިއެރީ. ސިފައިންނޭ ފުލުހުންނޭ ކިޔާފަ އަނބި ދަރިންނަށް ބޭސް ކުރެވިގެންނުވާނެ ބޭނުންހާ ގޮތަކަށް. އެހެން ޢާންމު މީހަކަށް ފަރުދެވޭ އުށޫލުން ބޭސްފަރުވާ ދެވެންވާނީ.
ޒަރީރު
18 February 2025
ތި ހުރިހާ އިނާޔަތެއް ލިބޭތީ ޑްރަގް ވިއްކަން މަގުމަތީގަ ނޫޅެ، މި ހަލަބޮލި ބިރުވެރި ކޮމިއުނިޓީގަ ކުށްކުރާ މީހުންނާ ކުރިމަތިލަނީ. މަށަށްވެސް ފަސޭހަ ކޮންމެވެސް ގޭންގަކާ ގުޅިގެން ޑްރަގް ވިއްކަން އުޅެން. ރައްޔިތުން ތިބީ ގޭންތަކުގެ ދިފާއުގަކަންވެސް އެނގޭ.
ހަޖާމްބެ
18 February 2025
ތިކަހަލަ ކަންކަމަށްކުރާ ޚަރަދުތައް ކުޑަކުރުމުގެ ބަދަލުގަ ކޮންމެ ސަރުކާރަކުންވެސް ބަލަނީ ރައްޔިތުން ފެލައިގެން އާމްދަނީ އިތުރުކުރަން. ރައްޔިތުން ފެލުމުގަ މި ސަރުކާރަކީ ލާމަސީލު މިސާލެއް.