ޚިޔާލު

އޮޅުންބޮޅުން: ޒިންމާ ނަގާނީ ކޮން ފަރާތަކުންތޯ؟

މާލެއިން ކަރަންޓު ކެނޑުމާ ގުޅިގެން އާއްމުން މަގުމަތީގައި މަޑުކޮށްލައިގެން: ކަރަންޓާއި ފެނާއި މުވާސަލާތީ ޚިދުމަތް އެއްފަހަރާ ކެނޑުމަކީ ބޮޑު މައްސަލައެއް --ފޮޓޯ: ނިޝާން އަލީ /މިހާރު

އަހުމަދު އަބްދުﷲ

13 މާޗް 2017 - 06:37

22 comments

އައްޑު ސިޓީގެ ގުޅިފައިވާ ރަށްރަށުގެ ގުޅުވައިދޭ މަގުގައި ތާރު އެޅުމުން އެ ސިޓީގެ ރައްޔިތުންނަށާއި، އެކި ރަށްރަށުން ވައިގެ ބަނދަރަށް ދަތުރުކުރާ މީހުންގެ ދަތުރަށް ވަރަށް ބޮޑު ލުއިކަމަކާއި ހަލުއިކަމެއް އަ އެވެ. އައްޑޫގެ ރަށްތައް ގުޅުވައިދޭ މަގަކީ، ރާއްޖޭގެ ނިސްބަތުން މަދު ރަށަކުން ނޫނީ ނުފެންނާނެ ފަދަ ދިގު މަގެކެވެ. އިންޖީނުލީ އެއްޗެތި ބާރު ސުޕީޑްގައ ދުއްވާ ހިތްވާ މީހުންނަށް، އެމީހުން ދުއްވާ އެއްޗެއްގެ ދުވެލި ޓެސްޓުކޮށްލަން ރަނގަޅު ފުރުޞަތެއް ލިބުނެވެ. ނަތީޖާއަކަށް ވީ އާދަޔާ ޚިލާފަށް، ގިނަ ހިތާމަވެރި ޙާދިސާތައް ގުޅިފައިވާ މަގުތަކުގައި ހިނގުމެވެ. ގިނަ އެކްސިޑެންޓުތައްވެ ގިނަ ފަހަރަށް ޒުވާން ކުދިންގެ ފުރާނަ ގެއްލިގެން ދިއުމެވެ. އެކްސިޑެންޓުވާ މީހުންގެ ފުރާނަ ސަލާމަތްކުރުމަށް އެމީހެއްގެ ޢާއިލާއިންނާއި ސަރުކާރުން ވަރަށް ބޮޑެތި ޚަރަދު ކުރެ އެވެ. ދުވަސްކޮޅަކަށް ފަހު އަނެއްކާވެސް އިވެނީ އެމަގުން ހަމަ އެފަދަ އެކްސިޑެންޓެއްވި ޚަބަރެވެ. އަނެއްކާވެސް އެ ޚަރަދެވެ. ކަމާ ބެހޭ ފަރާތުގެ އަމަލުން، މީހެއްގެ ފުރާނަ ގެއްލިގެން މާ ބޮޑު ކަންބޮޑުވުމެއް އޮންނަހެނެއް ހީއެއްނުވެ އެވެ. މަގުމަތީގެ ސަލާމަތާ ބެހޭ ގޮތުން އެހެން ޤައުމުތަކުގައި އަޅާ ފިޔަވަޅުތައް ނޭޅޭތީވެ އެވެ. މަގެއް ހަދާފައި ބޭނުންކުރުމަށް ދޫކޮށްލުމަކުން ނުފުދެ އެވެ. އެމަގަކީ އެމަގު ބޭނުންކުރާ ބަޔަކަށް ރައްކާތެރި މަގަކަށް ހަދަން ޖެހެ އެވެ. ފުރިހަމަ މަސައްކަތަކަށް ވާނީ އޭރުންނެވެ. މިކަމުގެ ޒިއްމާ ނަގާނީ ކޮން ފަރާތަކުންތޯ އެވެ؟

ފުއައްމުލަކުގައި ވެސް ޒަމާނީ ފެންވަރަށް ބޮޑު މަގެއް ހެދި އެވެ. އަނެއްކާވެސް ދިމާވީ އެއް މައްސަލައެކެވެ. ތަޖުރިބާކުރެވުނީ އެއް ކަންތަކެކެވެ. ގެއްލެނީ ފުރާނަ އެވެ. މި ހިތާމަވެރި ކަންތައްތަކުގެ ތެރޭގައި ހުރިހާ ފަރާތަކުން ވެސް ހޭދަވީ ބޮޑު ޚަރަދެކެވެ. މި ހިނގާ ޙާދިސާތަކުން ފިލާވަޅެއް ނުލިބެނީ އެންމެ ފަރާތަކަށެވެ. މިފަދަ ކަންތައްތަކުގައި ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ހޯދައިދޭން ޖެހޭ ސަރުކާރުގެ މުއައްސަސާ ނުވަތަ މުއައްސަސާތަކަށެވެ. މަގުމަތީގައި އެއްޗެތި ދުއްވުމުގެ ރައްކާތެރިކަމަށް ހަރުދަނާ ފިޔަވަޅެއް ނޭޅޭތީވެ އެވެ. މިކަމުގެ ޒިއްމާ ނަގާނީ ކޮން ފަރާތަކުންތޯ އެވެ؟

އަނެއް މަގެވެ. ރަށްތައް ގުޅުވައިދޭ މަގެކެވެ. ތާރު އަޅާ ރީތިކޮށް ހަދާފައި އޮތުމުން ދުއްވާލަން ފަސޭހަ އެވެ. ހައްދުންމަތީގެ ގުޅިފައި އޮންނަ ރަށްތައް ބޮޑުވުމުން ދުއްވާލުން ވެސް ދިގުވެގެންދެ އެވެ. ބައެއް ފަހަރު ދުވެލި ވެސް ހަލުއިވެ އެވެ. ހައްދުންމަތީގެ ގުޅިފައިވާ މަގުގައި ވެސް އައްޑޫގެ ގުޅިފައިވާ މަގުން ކުރަމުން އަންނަ ހިތާމަވެރި ތަޖުރިބާ ވަރަށް އަވަހަށް ކުރި އެވެ. އަޅުގަނޑުމެން އެންމެ ދެރަވަނީ ގުޅިފައިވާ ދިގު މަގުގައި އެކްސިޑެންޓެއް ވުމުން، މުސްތަޤްބަލުގައި އެފަދަ ކަމެއް ވިޔަނުދިނުމަށް އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ނޭޅުމެވެ. މީހެއްގެ ފުރާނަ ގެއްލުމަކީ މާ ބޮޑު ކަމެއް ނޫނޭ ބެލެވޭހެން ވެސް ބައެއް ފަހަރު ހީވެ އެވެ. މިކަމުގެ ޒިއްމާ އުފުލާނީ ކޮން ފަރާތަކުންތޯ އެވެ؟

ހުޅުމާލެ އަކީ ރީތިކޮށް، ރޭވިގެން އިމާރާތްކުރަމުން، ޒަމާނީ ފަސޭހަތައް ދެމުން، ރަނގަޅު ނިޒާމެއްގައި ބެލެހެއްޓެމުން އައި ރަށެކެވެ. އެހެންނަމަވެސް ހުޅުމާލޭގެ ވެސް ހަލާކުގެ ފެށުމުގެ ކޮޅުމަތި މިހާރު ފެންނަން ފަށައިފި އެވެ. ބައެއް ފަހަރު ސިޔާސީ ފައިދާތައް ހޯދުމަށް ނިންމޭ ރަށުގެ މުސްތަޤްބަލަށް ރަނގަޅު ނޫން ނިންމުންތަކުންނެވެ. އަނެއް ބައި ފަހަރު ރަށް ނުބެލިހެއްޓިގެންނެވެ. ހުރިހާ ގޮތަކުންނެވެ.

މާލެ އިން މިފަހުން ފެން ކެނޑެން ދިމާވި ސަބަބު ކަމަށްވާ އެމްޑަބްލިޔުއެސްސީގެ ގޮވި ޓްރާންސްފޯމަރު ހުރި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ -- ފޮޓޯ: މިހާރު

މިހާރު ހުޅުމާލެ އަށް ދިމާވެގެން އުޅޭ މައްސަލައަކީ އަޅުގަނޑުމެންގެ އަވައްޓެރި ބޮޑު ގައުމަކަށް ދިމާވެގެން އުޅޭ ބޮޑު މައްސަލަ އެވެ. އަންހެނުންގެ އިއްފަތްތެރިކަމަށް އަރައިގަންނަން އުޅުމުގެ މައްސަލަ އެވެ. ފުރަތަމަ ޙާދިސާ ހިނގީ ރޭގަނޑު އަންހެނަކު އޭނާގެ ފިރިމީހާ އޭނާގެ ދަރިފުޅު ގެއަށް ލާފައި އަންނަންދެން ގެއާ ދިމާއަށް މަގުމަތީގައި ހިނގާފައި ދަނިކޮންނެވެ. އޭރު ވަރަށް ބޯކޮށް ގަސް ހައްދާފައި އޮތް އަނދިރި ސަރަހައްދަކުން މީހަކު ނުކުމެ އޭނާގެ އަތުގައި ހިފާފައި ގަދަކަމުން ގަސްތަކުގެ ތެރެއަށް ވެއްދި އެވެ. އޭނާ ސަލާމަތްވީ އޭނާއަކީ އޭނާގެ ވަޒީފާގެ ބޭނުމަށް ކޮންމެވެސް ވަރަކަށް އަމިއްލައަށް ރައްކާތެރިވުމުގެ އުކުޅު ދަސްކޮށް ތަމްރީނުވެފައި ހުރި މީހަކަށް ވުމުންނެވެ. ފިރިހެންމީހާގެ ކައިރިން ސަލާމަތްވާން އޭނާގެ ގައިގައި ހުރި ހުރިހާ ބާރެއްލައިގެންނެވެ. އަންހެންމީހާގެ ޢިއްފަތްތެރިން ނަގާލަން އުޅުނު މީހާ އަށް ދެވުނު ހަމަލާއެއްގައި އޭނާގެ ފައިން ބޮޑު ޒަޚުމެއް ވީ ކަމަށްވެ އެވެ. އެރޭ އެފިރިހެންމީހާ ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާ ހޯދަން ދިޔަ ކަމަށްވެ އެވެ. ސުވާލެއް ކުރުމެއްނެތި ފަރުވާދިން ކަމަށް ވެސް ވެ އެވެ.

އޭގެ ކުޑަދުވަސްކޮޅެއް ފަހުން އަނެއްކާވެސް އެހެން އަންހެނެކެވެ. ކުރިން ދެންނެވި ސަރަހައްދުން ހިނގާފައި ދަނިކޮށް ހަމަ އެގޮތަށް ދަމައިގަތީ އެވެ. އެ އަންހެންމީހާ ސަލާމަތްވީ ކުރީގައި މިގޮތަށް ދިމާވި އަންހެންމީހާ ކަންތައްކުރި ގޮތް ދަސްވެފައި އޮތުމުންނެވެ. އަތުގައި ދަތްއަޅައިގެންނެވެ. މަގުމަތިން ދުއްވާ އެެއްޗެއް ކައިރިން އަލިކޮށްފައި އަންނަތަން ފެނުމުން ދޫކޮށްލީ އެވެ.

ފެނެއް ނުލިބެ އެވެ. ކަރަންޓެއް ނުލިބެ އެވެ. މުއާޞަލާތީ ޚިދުމަތެއް ނުލިބެ އެވެ. މީގެ އެންމެ ނުރައްކާތެރިކަމަކީ މުއާޞަލާތީ ޚިދުމަތް ކެނޑިފައި އޮތުމެވެ. ކަމެއް ވިޔަސް އެނގޭނެ ގޮތެއް ނެތެވެ. ކުރިން ދެންނެވި ކުންފުނިތަކުގެ ބޮޑުން ޓެކްނިކަލް ސަބަބޭ ވިދާޅުވެ އެކި ބަހަނާ ދައްކަވަ އެވެ. ރައްޔިތުންގެ ފާޑުކިއުންތަކުންނާއި ނުރުހުމުން ރެކެންވެގެންނެވެ.

އޭގެ ދުވަސްކޮޅެއް ފަހުންނެވެ. ހުޅުމާލޭގައި މަސައްކަތްކުރާ ޒުވާން އެމެރިކާ އަންހެނަކު ރޭގަނޑު ކަސްރަތުކުރުމަށް ހިނގާފައި ދަނިކޮށް "ދަމާސަރަހައްދުން" ދަމައިގަތީ އެވެ. މިފަހަރު އޭނާ ސަލާމަތްކޮށްދިނީ ދިވެއްސެކެވެ. މި މައްސަލަ އޭނާ ރިޕޯޓެއް ނުކުރެ އެވެ. ކަސްރަތަށް ހިނގުން ހުއްޓާލީ އެވެ.

އަނެއްކާވެސް ހުޅުމާލޭގަ އެވެ. މިފަހަރު އެހެން ސަރަހައްދެއްގަ އެވެ. މިފަހަރު ދަމައިގަތީއެއް ނޫނެވެ. އަންހެނެއްގެ ޢިއްފަތްތެރިކަމަށް އަރައިގަތީ އެވެ. ރޭޕްކުރީ އެވެ. މިފަދަ ކަމެއް ހިނގާފާނެކަމުގެ ބައިވަރު އިންޒާރުތައް ވަނީ ކުރިން ލިބިފަ އެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއް އެޅުނުކަމުގެ ނިޝާނެއް ވެސް ފެންނާކަށް ނެތެވެ. މިކަމުގެ ޒިއްމާ ނަގާނީ ކޮން ފަރާތަކުންތޯ އެވެ؟

މާލޭގައި ދިރިއުޅޭ ބޮޑު އާބާދީ އަށް އެތަކެއް ދުވަސް ވާންދެން ފެން ނުލިބުމުގެ ހިތި ތަޖުރިބާކުރެވުނުތާ އަދި މާ ގިނަ ދުވަހެއް ނުވެ އެވެ. މިފަހަރު އަނެއްކާވެސް އެ ތަޖުރިބާ ތަކުރާރުވީ އެވެ. ދެ ގަޑިއެއްހާ އިރަށް ވިޔަސް ކުރިއަށް ވުރެ މާ ފުޅާކޮންނެވެ. ފެނެއް ނުލިބެ އެވެ. ކަރަންޓެއް ނުލިބެ އެވެ. މުއާޞަލާތީ ޚިދުމަތެއް ނުލިބެ އެވެ. މީގެ އެންމެ ނުރައްކާތެރިކަމަކީ މުއާޞަލާތީ ޚިދުމަތް ކެނޑިފައި އޮތުމެވެ. ކަމެއް ވިޔަސް އެނގޭނެ ގޮތެއް ނެތެވެ. ކުރިން ދެންނެވި ކުންފުނިތަކުގެ ބޮޑުން ޓެކްނިކަލް ސަބަބޭ ވިދާޅުވެ އެކި ބަހަނާ ދައްކަވަ އެވެ. ރައްޔިތުންގެ ފާޑުކިއުންތަކުންނާއި ނުރުހުމުން ރެކެންވެގެންނެވެ. ތިން ޚިދުމަތް އެއްފަހަރާ ކެނޑިގެންނުވާނެ އެވެ. މިއީ ތޫފާނަކުން، ސުނާމީއަކުން، ބޮޑު ރާޅަކުން ވީ ކަމެެއް ނޫނެވެ. ރާވަން ތިބި މީހުންގެ ކުރު ރާސްތާގެ ވިސްނުމުން ވީ ކަމެކެވެ. ދޯދިޔާކަމުންނެވެ. ދޯހަޅިކަމުންނެވެ. ފަރުވާކުޑަކަމުންނެވެ. ރައްޔިތުންނާ މެދު އަޅާލުން ކުޑަކަމުންނެވެ. ކަމަށް ކަމޭ ނުހިތުމުންނެވެ. މި ކުންފުނިތަކުގެ ހިންގުމުގެ އޯޑިޓެއް ކުރަން ޤައުމުގެ ހާލަތު މަޖުބޫރުކޮށްފި އެވެ. މާލެ ބައި ދުވަހަށް މުޅިން ހުއްޓުވުމުން އަމިއްލަ ފަރާތްތަކަށާއި ސަރުކާރަށް ލިބުނު މާލީ ގެއްލުމުގެ ޒިއްމާ ނަގާނީ ކޮން ފަރާތަކުންތޯ އެވެ؟

އަޅުގަނޑުމެންނަށް ހީކުރެވިފައި އޮތީ ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް، ރައްޔިތުންގެ ޙައްޤުތައް ހޯދައިދިނުމަށް، ރައްޔިތުންގެ ފަރާތުން ވަކާލާތުކުރުމަށް، ރައްޔިތުން ހޮވާފައިވާ، ރައްޔިތުންގެ މަޖިލީހުން އެންމެ ކުޑަމިނުން ކުއްލި މައްސަލައެއްގެ ގޮތުގައި ނަންގަވައިގެން، މާލެއަށް ދިމާވި ބޮޑު މައަސަލައާ ބެހޭ ގޮތުން ބަހުސެއްވަރު ވެސް ކޮށްލައްވާނެ ކަމަށެވެ. އެބޭފުޅުންނަށް މަޖިލީހުގެ ޖަލްސާއެއް ބޭއްވެވޭނެ ވަރު ވެސް ނުވި އެވެ. ކުރައްވާނެ މަސައްކަތެއް ނެތިގެންނޯލަ އެވެ. ނޫނެކެވެ. މާލޭގައި ޒަރޫރީ ތިން ޚިދުމަތެއް އެއް ފަހަރާ ހުއްޓުމުން އެބޭފުޅުންގެ ބަސް ހުއްޓުނީ އެވެ.

22 ކޮމެންޓް, 35 ރިއެކްޝަންސް

icon happy icon happy 3%
icon sad icon sad 11%
icon angry icon angry 86%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވާނުވާ

14 March 2017

ތިބާގެ ފުރާނަޔާ ދޭތެރޭގަ ވިސްނާނެ ދެވަނަ މީހަކުވެސް ހޯދަން ޖެހުނީ. އުޅަނދުފަހަރު ދުއްވަނީ ލައިސަންސް ނަގައި ވަކި ޝަރުތުތަކެއް ހަމަވާ މީހުންކަމުގައި ދައުލަތުން ކަނޑަ އަޅާފައި ވާކަން ޤަބޫލުކުރުން އެއީ ކޮންބައެއްގެ ޒިންމާއެއްތޯއެވެ.

The name is already taken The name is available. Register?

އަލީޝާކިރު

13 March 2017

ސަރުކާރުން އައްޑޫއައް ފުލުހުން ފޮނުވާ ނޭދެވޭ އަމަލުތައް ހުއްޓުވަން ލައްކަވަގުތާ ލައްކަ ހޭދަ ލޮއްފި ނަމަވެސް ގޯސްވަނީ ފުލުހުން ސައިކަލައް އެރުނީމަ ހީވަނީ ތިމާވަރު މޮޅުމީހަކު ބާރުގަދަ މީހަކުނެތްކަމައް ތާކުޖެހި ބީތާއެރީމަ ޖަވާބުދާރީ ކުރުވަންވީ ކާކު

The name is already taken The name is available. Register?

އާބާރު

13 March 2017

މާލޭގެ ކަރަންޓް ތަރައްގީ ކުރުމުގެ ކިތައްވަނަ މަޝްރޫއުތޯ މިހާރު ހިނގަމުން ދަނީ. ފެން އަޕްގްރޭޑް ކުރުމައް ކިތައް މަޝްރޫއު ހިންގިއްޖެތޯ؟ އެއާޕޯޓްގެ ކިތައްވަނަ އަޕްގްރޭޑިން ޕްރޮޖެކްޓްތޯ މިހާރު އެހިގަނީ. މިޕްރޮޖެކްޓް ތަކުގެ ހިސާބް ހަދާލުމުން ތިޔަ ސުވާލައް ޖަވާބެއް ލިބިދާނެ ތޯއްޗެއް. ނޭފަތު ކުރިޔައް ދިވެހިން ވިސްނާތީ ޖެހޭ މައްސަލައެއް ނޫންބާ.

The name is already taken The name is available. Register?

ދޫނި ރާއްޖެ

13 March 2017

ޙަޤީޤަތުގައި މިކަން ދިމާވަނީ ދަރިން ތަރުބިއްޔަތު ކުރެވޭ ގޮތުން، ދަރިން ތަރުބިއްޔަތު ކުރުމާއި ދަރިން ބަލާ ބޮޑުކުރުމާއި މީ ތަފާތު ދެކަމެއް. ރަނގަޅަށް ތަރުބިއްޔަތު ކުރެވޭނަމަ އެހެން މީހުންނަށް އިހުތިރާމް ކުރުމާއި މަސައްކަތްތައް ގަޔާއިވެގެން ޒިންމާދާރުކަމާއިއެކު ކުރާނެ. އެކަން ދަރިން ބަލާ ބޮޑު ކުރިއެއް ކަމަކު ރަނގަޅު ތަރުބިއްޔަތެއް ނުލިބޭނެ. އެހެންކަމުން މީހުން ހޭލުންތެރިކަން އެބަ ކުރުވަން އެބަޖެހޭ. ޚާއްސަކޮށް ސްކޫލަށް ފޮނުވާ ކުދިންގެ ބެލެނެވެރިންނަށް މި ދެކަމުގެ ތަފާތު ވަރަށް ބޮޑަށް ކިޔައިދޭން އެބަޖެހޭ. އޭރުން މީގެ ދިހަވަރަކަށް އަހަރަށްފަހުވެސް މުޖުތަމައު ރަނގަޅުވެގެން ދާނީ.

The name is already taken The name is available. Register?

ތިމަންނަ

13 March 2017

ހޭލުންތެރިކަން ބޮޑުކަމުން ނޭ މިހުރިހާކަމެއް ދިމާވަމުން މިދަނީ ....

The name is already taken The name is available. Register?

ގޮއްޔެ

13 March 2017

އަޙްމަދު ޢަބްދުﷲ ގެ މި އާޓިކަލް ވަރަށް ފުރިހަމަ. މި ޤައުމުގައި އަނިޔާ ލިބެމުންދަނީ ނިކަމެތި ޢާންމު ރައްޔިތު މީހާއަށް. ބޮޑުންނާއި މަޖްލީސް މެމްބަރުންނަށް ކޮން ގެއްލުމެއް؟؟ ބޮޑު މުސާރަނަގައިގެން ހަބޭހަށް ކައިގެން ދެދަޅަޔަށް ސެންޓް ތަޅައިގެން ދެދުވަހުން އެއްދުވަހު ޔޫރަޕްގައި ޗުއްޓީ ހޭދަކުރަމުންދާ އެމީހުންނަކަށް އަހަރެމެންގެ އިޙްސާސްތަކެއް ނޭނގޭނެ. މާލެއިން ކަރަންޓާއި ފެނާއި މުއާޞަލާތީ ޚިދުމަތް އެއްފަހަރާ ކަނޑާލިއަސް އެމީހުންނަށް ވާނޭ އެއްވެސް ގެއްލުމެއް ނެތް. އެފަދަ ދުވަހެއްގައި 500 އެމް އެލްގެ ފެން ފުޅިއެއް -/50 ރ އަށް ގަންނަން ބޮޑުކަމަކަށް ވަނީ އަހަރެމެންނަށް. އެހެނޭ ކިޔާފައި އެކަމަކަށް އެއްވެސް ޙައްލެއް ނެތް.

The name is already taken The name is available. Register?

ޢަލީ

13 March 2017

އެއީތިމާމެންގެ އެހާފެންވަރު ނެތީމަ ވާގޮތް ސަރުކާރުން ކުރާނެ ކަމެއްނެތް ދުނިޔޭގެ ބޮޑެތި ގައުމު ތަކުގަވެސް އެއްޗެހި ދުއްވާ ތިފާޑައް ސައިކަލަކައް އެރުނީމަ އަރާ ދަތްގަނޑު ކޮޅަކުއަޅުވައެއްނުލާ ދިވެހިން ފެނޭ ޖިމައްދާ މަންޒަރުވެސް ފުރަތަމަ ދުވަހުވެސް ހިފާލަނީ 200 ކިލޯގަ މީހަފީގަތަކީ

The name is already taken The name is available. Register?

ބަނދަރު ކާޅު

13 March 2017

ތިކަހަލަ ވާހަކަ ކިތަންމެ ވަރަކަށް ނޫސްތަކުގައި ލިޔުނަސް، އަދި އެވާހަކަތައް ކިތަންމެ ވަރަކަށް މީހުން ދެއްކިޔަސް ޒިންމާ ނަގާނެ ފަރާތެއް މިހާރު އޮތްހެނެއް ހިޔެއްނުވޭ. ތި ހުރިހާކަމެއްގެ ޒިންމާދާރުކުރުވަން ރައްޔިތުން ހޮވަނީ ސަރުކާރަކާ މަޖިލިހެއް އެކަމަކު މިހާރު މިއޮތް ސަރާ މަޖިލިހަކީ ރައްޔިތުންގެ އެއްވެސް އަޑެއް އަހާ ސަރުކާރަކާ މަޖިލިހެއްނޫން. ސަރުކާރު ނިސްބަތްވާ ޕާރޓީގެ މަޖިލިސް މެމްބަރުން ނޫން މެމްބަރަކު މަޖިލީހަށް ހުށައަޅާ ގަރާރެއް ބަލައިނުގަންނަތާ ބިލަކަށް ހުށައަޅާ އިސލާހެއް ބަލައިނުގަނެ. މިހެން ވާން މިޖެހެނީ ސަރުކާރުގެ އިސް ވެރިންނަށް ގާނޫނު އަސާސީންނާ ގާނޫނުތަކުން އެމީހުންގެ ލާޒިމްކުރާ ކަންތައްތައްވެސް ނޭގޭތީކަމަށް ގަބޫލްކުރެވިދާނެ. ނޫންނަމަ ގާނޫނު އަސާސީޔަށާ ގާނޫނުތަކަށްވެސް ބޯލަނބަން އެމީހުން ބޭނުންނުވަނީ. މަލްޓި ޕާރޓީ ޑިމޮކްރަސީގަ އިދިކޮޅު ޕާރޓީ އެއްވެސް އޮންނާނެކަމާ، އެ މީހުންގެ މަސައްކަތަކީ ސަރުކާރުން ކުރާ ރައްޔިތުން ނުރުހޭ ކަންތައްތަކަށް ފާޑުކިޔާ، ސަރުކާރު ޖަވާބުދާރީ ކުރުވަންތިބޭ ރައްޔިތުންގެ ބައެއްކަމަށް ގަބޫލް ނުކުރެވޭތީ.. މި ސަރުކާރުން އިދިކޮޅު ޕާރޓީތަކާމެދު މިގޮތައް ކަންތައް ކުރުމުގެ ނަތީޖާޔަކަށް މިވަނީ ދައުލަތުގެ އެއްވެސް މުއައްސަސާއެއް ޖަވާބުދާރީ ނުކުރެވި މި ހުރިހާކަމެއް ބޮއްސުންލުން.

The name is already taken The name is available. Register?

ކުމާރު

13 March 2017

ޒިންމާ ނަގަންޖެހެނީ ރައްޔިތުން 500ރުފިޔާޔަށް ވޯޓުވިއްކީމަ ވާގޮތް

The name is already taken The name is available. Register?

އަމީރު

13 March 2017

ވޯޓް ނުވިއްކިއަސް ހަމަ އެތްގޮތެއް ވާނީ. ނަޝީދު ސަރުކާރުގައި ކަންކަން ރަނގަޅު ވިތަ؟ މިހާރަށްވުރެ ގިނައިން ނަޝީދު ވެރިކަމުގައި ކަރަންޓް ކެނޑުނު. މޮޅު ވާހަކަ ނުދައްކާ.

The name is already taken The name is available. Register?

ދަވޭ

13 March 2017

އައްޑޫ ލިންކް ރޯޑް ގައި އެކްސިޑެންޓްސް ތައް ހިނގަނީ އެއީ އެމަގުގައި ހަމްޕްބެކްސް މަދު ކަމުންނެވެ. މަގުގެ ކޮންމެ 3 މީޓަރުން 3 މީޓަރުން ހަމްޕް ބެކްސް ހުންނަނަމަ އައްޑޫ ލިންކް ރޯޑް ގައި އެކްސިޑެންޓް ނުހިނގާނެެއެވެ. އަދި އައްޑޫގެ ހުރިހާ މަގުތަކުގައި ވެސް ހަމްޕް ބެކްސް ބަހައްޓަންވީ 3 މީޓަރު 3 މީޓަރުން. އަދި އައްޑޫ ގައި ސައިކަލް ދުއްވާއިރު އާއި ޕިކަޕްސް ދުއްވާއިރު ހެލްމެޓްސް އަޅައިގެން ނޫން ގޮތަށް އެތަކެތި ދުއްވުމަކީ މަނާ ކަމެއް ކަމަށް ހަދަން އެކަމަށް ޓަކައި ވަކި ގާނޫނެއް ވެސް ހަދަންވީއެވެ. އައްޑޫ އަކީ އެއީ ގާނޫނު ތަކަށް ވަރަށް ދޯޅުނުވާ ބަޔެއް ކަމަށްވާތީވެ އެ ދޯޅު ނުވާ މީހުންނަށް ތޭރައިގެ ޕެކޭޖްސް ތައް ވެސް ފުލުފުލުގައި ދީ އެމެންނަށް ރާކަނި މަސް ކާންދޭންވީއެވެ. އެއިރަށް ދެން މިޒާތުގެ ކަންކަމަށް ހައްލު އަންނާނީ.

The name is already taken The name is available. Register?

އަލިބެ

13 March 2017

ރާއްޖޭގައި އެކްސިޑެންޓްތައް ގިނަވަނީ ދުއްވާ މީހުންގެ ފަރުވާކުޑަ ކަމުންނެވެ. ތާރު އެޅި ރައްޔިތުންނަށް ދަތުރުފަތުރު ކުރަން ފަސޭހައަަކަށެވެ. އޭގެ މާނައަކީ ރޭސްޓްރެކަށް އަރައި ނުވަތަ ބޮޑު ގައުމެއްގެ ހައިވޭގައި ދުއްވާ ސްޕީޑުގައި ދުއްވަން ފުރުސަތު ދިނީކީ ނޫނެވެ. ގާއެޅުމުން ބައެއް ހިސާބުތަކުގައި ގާތައް އަޑިއަށް ގޮސް ވަޅުގަނޑު ގަނޑު ހެދުމުގެ ސަބަބުން ދުއްވާއިރު އެތެޅޭ ތެޅުމުން ދުއްވަން އުނދަގޫވެއެވެ. އޭގެ ހައްލެއްގެ ގޮތުން ތާރު އެޅީއެވެ. ދުއްވަން ކިހާފަސޭހަ ހެއްޔެވެ. ނަމަވެސް އޭގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރަނީ ސައިކަލު ކާރު ފަދަ ތަކެތި ދުއްވާ މީހުންނެވެ. ސްޕީޑު ނަގަނީ އިންތިހާއަށެވެ. އެއްކަކު އަނެކަކާ ރޭސްޖަހަނީ އެވެ. ހިވާނީ ރިއަލް ލައިފްގައި ނީޑް ފޯ ސްޕީޑް ކުޅޭހެނެވެ. ހިތާމަވެރި އެއްތައް ހާދިސާއެއް ހިނގާ އެތައް ބަޔަކު މަރުވެގެން ދިއައިރުވެސް ދެން ތިބި މީހިން އެކަމުން ފިލާވަޅެއް ދައްކުރާކަށް ބޭނުމެއް ނުވެއެވެ. އަނެއްކާވެސް ހަމަ އެމަގަށް ނުކުމެ ފިލް ސްޕީޑުގައި ދުއްވަނީއެވެ. ހިނގައިދިއަ ހާދިސާތަކަށް ވިސްނާލުމެއްނެތެވެ. ސަރުކާރުން ނަގަން ޖެހޭ ޒިންމާއަށް ވުރެ ބޮޑަށް ދުއްވާ ފަރާތުން ޒިންމާ ނަގަންޖެހެއެވެ. އިހުމާލުވެވެނީ ދުއްވާ ފަރާތުންނެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454