މާލޭގައި ފެންބޮޑުވެފައި އޮތް މަގަކުން މީހަކު ކުޑައެއް ނަގައިގެން ހިނގާފައި ދަނީ.-- ފޮޓޯ: މިހާރު
02 މާޗް 2025 - 10:36
ކ. ދިއްފުއްޓަށް އިއްޔެ ވަރަށް ބޯކޮށް ވާރޭވެހި، 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ރެކޯޑް ކުރެވުނު ރަށަކަށް ވެއްޖެ އެވެ.
ރާއްޖޭގެ ބޮޑު ބަޔަކަށް މިހާރު ކުރަމުންދާ ވިއްސާރާގައި ދިއްފުއްޓަށް އިއްޔެ ވަނީ 296.1 މިލިމީޓަރުގެ ވާރޭ ވެހިފަ އެވެ. މިއީ ރާއްޖޭގެ ވިއްސާރައިގެ އާ ރެކޯޑެކެވެ.
ދިއްފުއްޓަށް ވެހުނު ވާރޭގައި ވަނީ މަގުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެ، ބައެއް ގޭގެއަށް ފެން ވަދެފަ އެވެ.
ރާއްޖޭގެ ވިއްސާރައިގެ ރެކޯޑުތަކުގައިވާ ގޮތުން 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް މީގެ ކުރިން ރެކޯޑް ކުރެވިފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓް 12 ވަނަ ދުވަހު ހއ. ކެލާ އަށެވެ. އެއީ 231.5 މިލިމީޓަރުގެ ވާރޭ އެވެ.
ރާއްޖޭގެ ވިއްސާރައިގެ ރެކޯޑުތައް | މައުލޫމާތު: މެޓް އޮފީސް
މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން މިއަދު އާންމުކުރި ހިސާބުތަކުން ދައްކާ ގޮތުން، އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އަށް ދިއްފުއްޓަށް ވަނީ 296.1 މިލިމީޓަރުގެ ވާރޭ ވެހިފަ އެވެ. އިއްޔެ ދެން އެންމެ ގިނައިން ވާރޭ ވެހުނު ހުޅުމާލެ އަށް ވަނީ 185.2 މިލިމީޓަރުގެ ވާރޭ ވެހިފަ އެވެ. އަދި ފ. ނިލަންދު އަށް 178.2 މިލިމީޓަރުގެ ވާރޭ ވެހުނެވެ.
ރޭ މެދުކެނޑުމެއް ނެތި ވެހުނު ވާރޭގައި މާލެ އާއި ރަށްރަށުގައި ފެންބޮޑުވެ، ގޭގެ އަށް ފެން ވަދެ، އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ. ރާއްޖޭގެ ބޮޑު ބަޔަކަށް ވަރަށް ބޮޑަށް ވިއްސާރަވެ، ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެފައި ވާތީ މިއަދަކީ ބަންދު ދުވަހެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކަނޑައަޅުއްވައިފަ އެވެ.
މެޓް އޮފީހުން ބުނީ މިއަދު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ގުގުރުން އެކަށީގެންވާ ކަމަށެވެ. ކަނޑުތައް އަދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މި ވަގުތު ވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވަނީ ޔެލޯ އެލާޓް ނެރެފަ އެވެ. އެއީ، ހއ. އިން ފެށިގެން މ. އަތޮޅާ ހަމައަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިމް
02 March 2025
ޓްރޮފީ ދޭންވާނެ
ވާރޭސްތާން
02 March 2025
ކޮންގްރާ ދިއްފުށި
ޟުހާ
02 March 2025
ކެލާގެ ރެކޯޑު މުގުރާލީ ދޯ
އުނގޫފާރު ހަސަނު
02 March 2025
ކ. ދިއްފުއްށީގެ ފަރާތުން މި އިނާމާ ހަވާލުވުމަށް ދަންނަވަން
ދުވާފަރު ހުސޭނު
02 March 2025
އަތޮޅުގެ ނިސްބަތުން އާބާދީގެ 6 ވަނައިގައި އޮވެ ވެރިކަންކުރާ ރަށް ހޯދުމުގެ ރިކޯޑު އޮތީ އުނގޫފާރުގައި ކޮންގުރާ އުނގޫފާރު!
ޏަނަކސޖ
02 March 2025
ކޮމެންޓު ލިޔުން މީހާ ހޯދާފަ ގައުމީ އެވޯރޑު ދީބަލަ