އެމްޑީޕީން މިފަހުން މާލޭގައި ބޭއްވި ބޮޑު މުޒާހަރާގައި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވާހަކަދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ | މިހާރު
16 މާޗް 2025 - 16:43
ގައުމެއްގެ ހަމަޖެހުން ގެނެވޭނީ އެންމެންގެ ވިސްނުމާ އެއްގޮތަށް ކަންކަން ކުރެވިގެން ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
ފައިސަލް އެގޮތަށް ވިދާޅުވީ މާލޭގައި އިދިކޮޅު އެމްޑީޕީން ބާއްވަމުންދާ ސިލްސިލާ މުޒާހަރާތަކާ ގުޅިގެން އެ ޕާޓީގެ އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބެއިރު (މަންދީ) މިއަދު ފުލުސް އޮފީހަށް ހާޒިރުކުރުމުން، ހެންވޭރު ޕޮލިސް ސްޓޭޝަނުގެ ބޭރުގައި މަޑުކުރައްވައި، ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގަ އެވެ.
ފައިސަލް ވިދާޅުވީ ދިވެހިންނަށް މިހާރު ލިބިފައި އޮތް ހައްގުތައް ލިބުނީ ރައްޔިތުންގެ މަގުތައް މައްޗަށް ނުކުމެ އެތައް ދުވަހަކު ކުރި ބުރަ މަަސައްކަތުން ކަމަށެވެ. އެ ހައްގުތަކަށް ހަނިކުރާ ނަމަ ރައްޔިތުން ސަރުކާރަށް ނަފުރަތުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ބިރުދައްކައިގެން ރައްޔިތުން ފަހަތަކަށް ނުޖެހޭނެކަން މާ ކުރިން ވެސް އޮތީ ޔަގީންވެފައި ކަމަށާއި ރައްޔިތުންގެ ހައްގުތައް ގެއްލިގެންދާ ވަގުތު، އެ ހައްގުތައް ހޯދަން ނުކުތުމުން ދިފާއީ ބާރުތައް މެދުވެރިކޮށް "ބިރުދެއްކިޔަސް" ރައްޔިތުން މިހާރު ފަހަތަށް ނުޖެހޭނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.
އާންމުންނާއި ނޫސްވެރިންނަށް ބިރުދެއްކުން ހުއްޓާލުމަށް ފައިސަލް ގޮވާލެއްވި އެވެ.
"ގައުމެއްގެ ހަމަޖެހުން ގާއިމްކުރެވޭނީ ހުރިހާ އެންމެންގެ ވެސް ވިސްނުން ގަބޫލުކުރެވިގެން މަސައްކަތް ކުރެވިގެން. އެގޮތަށް، އޮންނަ ސަރުކާރުން ވަރަށް ޒިންމާދާރު ކަމާ އެކު މަސައްކަތް ކުރަން ޖެހޭނީ،" ފައިސަލް ވިދާޅުވި އެވެ.
"ވަކި ބައެއްގެ މަސްލަހަތު ހިމާޔަތްކުރުމަށް، ވަކި ބައެއްގެ ހައްގުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރާހާ ހިނދަކު، ގައުމީ ގުޅުން، ގައުމީ އެއްބައިވަންތަކަން ދުވަހަކު ވެސް އަޅުގަނޑުމެންނަކަށް ނުދެމެހެއްޓޭނެ، މި ގައުމު ފަހަތަށް ދާނީ."
ފައިސަލް ވިދާޅުވީ، ހައްގުތަކެއް ގެއްލޭ ވަގުތު ރައްޔިތުން ބަސް ބުނާނެ ކަަމަށާއި ގައުމަށް ހަމަޖެހުން ގެނެވޭނީ އެ ހުރިހާ އެންމެންގެ ވިސްނުން ބަަލައިގަނެ ނުވަތަ ގަބޫލު ކޮށްގެން ކަމަށެވެ. އަދި ގާނޫނާ އެއްގޮތަށް ކަންކަން ކުރުމަށް ފުލުހުންނަށް ހާއްސަކޮށް އެ މަނިކުފާނު އިލްތިމާސް ކުރެއްވި އެވެ.
"މިއަދު އަޅުގަނޑުމެންނަށް ހިތާމައާ އެކު ދަންނަވަން މި ޖެހެނީ ބައެއް ފަރާތްތަކުން ކުރާ ކަންކަމެއް [މިނިވަން މުއައްސަސާތަކަށް] ނުފެނޭ. އަނެއްބައި ފަރާތްތަކުން ކުރާ ކަންތައްތައް އެބަ ފެނޭ. ކުޑަކުދިންނަށް ކޮން ކަހަަލަ މިސާލެއްތޯ މި ދެވެނީ. މި ހުރިހާ ކަންތައްތަކަށް ވިސްނަން ވެއްޖެ،" ފައިސަލް ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވިގޮތުގައި ކަންކަން ރަނގަޅު ކުރަން އަދިވެސް ލަހެއް ނުވެ އެވެ.
މާލޭގައި އެމްޑީޕީން ބާއްވަމުންދާ ސިލްސިލާ މުޒާހަރާތަކާ ގުޅިގެން މަންދީގެ އިތުރުން އެ ޕާޓީގެ އެހެން އެކްޓިވިސްޓަކު ކަމަށްވާ ފާތިމަތު ޝިއުނާ ވެސް ފުލުސް އޮފީހަށް ހާޒިރުވާން އޮތީ ޗިޓު ފޮނުވައިފަ އެވެ.
ފުލުހުން ފޮނުވި ޗިޓުގައި ބުނީ މަންދީ އާއި ޝިއުނާ ފުލުހުންގެ އިދާރާއަށް ހާޒިރުކުރަނީ އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް މިދިޔަ ހޯމަ ދުވަހުގެ ރޭ މާލޭގެ އެކި ސަރަހައްދަށް އެއްވެ، އަޑުގަދަކޮށް، މުޒާހަރާކޮށް، އާންމު ދަތުރުފަތުރުކުރުމަށް ދަތިވާނެހެން ހަރަކާތްތެރިވެ، ފުލުހުންގެ ދައުރު އަދާކުރަން ހުރަސްއަޅާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ކަމަށެވެ.
އެމްޑީޕީން ސިލްސިލާކޮށް މުޒާހަރާތައް ފަށާފައިވަނީ ފްލެޓު ލިސްޓުން ގިނަ ބަޔަކު އުނިކުރި ކަމަށް ބުނެ އެކަމާ މެދު އަޑުއުފުލުމަށެވެ. އެ މުޒާހަރާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ރާއީ އާއި އާރުޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) ވެސް ވަނީ ފުލުހަށް ހާޒިރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކައްޓެޅި
17 March 2025
މަހީކުރިކަހަލަ ފައިޞަލެއްނޫން
މައިކާލޯސް
17 March 2025
ރައްޔިތުންނޭ އަނެކައްޗެކޭ ކިޔައިގެން މާގިނަވާހަކަ ނުދައްކާ. ކަލޭމެންނަކީ ކަމަކު ޖެހިގެން ކިތަންމެ އާދޭހެއް ކުރިޔަސް ޖަވާބުވެސްދޭ ބައެއްނޫން. ވޯޓްހޯދަން ކައިރިވީމަ ވަރަށް ރައްޔިތުވާނެ މިހުދުގަމީސް ތުރުކުރެއްވި ބޭފުޅުން.
ކައުންސެލަރު...
17 March 2025
ފައިސަލްއަކީ ކުރިން މަ ވަރަށް ރޯލްމޮޑެލްއަކަށް ދެކުނު މީހެއް. އެހެންނަމަވެސް މިހާރު "ކުނިބުނި" ހޮވަން ފެށީމާ މަށަށް ވަރަށްކަޑަ އެކަން. ތިކަމުން ސަލާމަތް ވާނެކަމަށް ހީކުރަން.
ގައްޓު
17 March 2025
މީ ދެން ކާކު؟
ކާސިން
17 March 2025
ފައިސަލު. އެންމެން އެންމެން ކިޔުން ދޫކޮށްލާ. އެންމެން ގެ ވިސްނުމެއް ދުވަހަކުވެސް އެއްގަލަކަށް ނާރާނެ. އޭގެ ބަދަލުގައި ބުއްދިވެރި ބައެއްގެ ވިސްނުމާއެކު ތިކަން ވާނީ.
އަލި
17 March 2025
ގޯސް އަމަލެއް ވާނީ ގޯހަކަށް. އެކަން ރަނގަޅަކަށް ބަދަލު ކުރެވޭނެ ގޮތެއް ނޯވޭ.
ލާޔާލު
17 March 2025
އިބޫ އިތުބާރު ކުރާމީހެއް ނޫން ތީ ދެވަނަ ދައުރުގަ މަނިކުފާނު އެއްކައިރި ކުރުވި
މޫކޭ
17 March 2025
ރޯދަމަހު މަގުމައްޗައް ނިކުމެ ހަޅޭލެމީމަ ހަމަޖެހުން ގާއިމު ކުރެވޭނީ
ލޫލޫލު
17 March 2025
މަންދިގެ ދިޕާއުގަ މީނަވެސް ނިކުތީ
ގުމޫ
17 March 2025
ޕާޓިގެ ލީޑަރސިޕު ވަނީ ފެއިލުވެފަ ލީޑަރސިޕު ބަދަލުކުރޭ