މީގެ ކުރިން ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
10 އެޕްރީލް 2025 - 21:11
ކަނޑަށް ގެއްލޭ މީހުންގެ ކަށުނަމާދު ބޭއްވޭނީ އެ މީހެއްގެ މަރާ މެދު ގާޒީން ގޮތެއް ކަނޑައެޅުމުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.
މާލެއަށް ދަތުރުކުރަނިކޮށް ރޯވި "ހޮޅުދޫ ބޯޓު" އިން މިދިޔަ ހަފުތާގައި ގެއްލުނު އަލީ މުޝްފިގު މުހައްމަދު ޝަރީފުގެ މައްޗަށް އޭނާގެ އުފަން ރަށް، ލ. މާވަށުގައި މާދަމާ ޣައިބަށް ކަށުނަމާދުކުރަން ނިންމުމާ ގުޅިގެން، ޝަހީމް ވިދާޅުވީ މިފަދަ ހާލަތުގައި އެ މީހާ ގެއްލުމާއި މަރާ މެދު އޮތް މައްސަލަ ހުށަހަޅަން ޖެހޭނީ ގާޒީއަށް ކަމަށެވެ.
ކަން ހިނގައި ދިޔަގޮތް ބަލައި. އޭނާ މަރުވެއްޖެކަން ގާޒީ ކަނޑައަޅައިފި ނަމަ އެ މީހެއްގެ މައްޗަށް ކަށުނަމާދު ކުރުން ހުއްދަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މާވަށު ކައުންސިލުން މިއަދު ނެރުނު ދެންނެވުމުގައި ވާ ގޮތުން، 25 އަހަރުގެ ޒުވާނާގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރާނީ ހުކުރު ނަމާދަށްފަހުގަ އެވެ. އަދި އެ ނަމާދުގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަށް ކައުންސިލުން ވަނީ އެދިފަ އެވެ.
ކައުންސިލްގެ ރައީސް އަހުމަދު މޫސާ "މިހާރު" އަށް ވިދާޅުވީ މުޝްފިގު ގެއްލުނުތާ ހަފުތާއެއް ފަހުން ކަށުނަމާދު ބާއްވަނީ އާއިލާއިން ބޭނުންވެގެން ކަމަށެވެ.
މުޝްފިގު ހޯދަން ސިފައިން ކުރި މަސައްކަތުން މިހާތަނަށް ވެސް އޭނާގެ އެއްވެސް ނިޝާނެއް ފެނިފައި ނުވާތީ އާއިލާއިން ގަބޫލުކުރަނީ މުޝްފިގު މަރުވީ ކަމަށެވެ. އެކަމަކު މުޝްފިގު ހޯދުމުގެ މަސައްކަތް ވެސް އަދި ހުއްޓައެއްނުލަ އެވެ.
"މުޝްފިގުގެ ކޮއްކޮއަށް އެނގޭ އޭނާ އަޑިއަށް ދިޔައީކަން. މިހާތަނަށް ބަލައިގެން ވެސް ނުފެނުނީމާ އާއިލާއިން 100 ޕަސެންޓު ގަބޫލުކުރަނީ މުޝްފިގު ދިރިހުއްޓާ ނުފެންނާނެކަން،" އަހުމަދު ވިދާޅުވި އެވެ.
ނަމަވެސް މިނިސްޓަރު ޝަހީމް ވިދާޅުވި ގޮތުގައި އެފަދަ މައްސަލަތަކުގައި ގާޒީގެ ހުކުމެއް އޮންނަން ޖެހެނީ މަރަކީ ޝަރުއީ ވަރަށް ގިނަ ކަންކަން އެ ކަމެއްގެ މައްޗަށް ތަރުތީބުވެފައިވާ ކަމަކަށް ވާތީ އެވެ. އޭގެ ތެރޭގައި ވާރުތަ މުދަލާއި އިއްދައިގެ ކަންކަން ހިމެނެ އެވެ.
"މިސާލަކަށް ގެއްލިފައިވާ މީހަކު ނަމަ އެ މީހާ އަކީ މީހަކާ އިނދެގެން އުޅޭ މީހަކު ކަމުގައި ވެސް ވެދާނެ އެވެ. ނުވަތަ ދަރީން ތިބި މީހަކު ކަމުގައި ވެސް ވެދާނެ އެވެ. ނުވަތަ މައިންބަފައިންނާއި އެއްބަނޑު މީހުން ތިބި މީހެއްކަމުގައި ވެދާނެ އެވެ. އެ މީހުންނަކީ އޭނާގެ ވާރުތަ ވެރިންނެވެ. އޭނާއަކީ އެ މީހުންގެ ވާރުތަ ވެރިއެކެވެ. މަރުވެއްޖެ ކަމަށް ކަނޑައެޅިއްޖެ ނަމަ މި ހުރިހާ ކަމެއްގެ ހުކުމްތަކަށް ޝަރުއީ ގޮތުން އަސަރުކުރާނެ އެވެ. ވަރަށް ބޮޑެތި ބަދަލުތައް އަންނާނެ އެވެ،" ޝަހީމް ވިދާޅުވި އެވެ.
"އޭނާގެ އަނތްބަކު ވާނަމަ، އެކަނބުލޭގެ އިއްދަ ހަމަކޮށް އެހެން މީހަކާ އިނުން ހުއްދަވީ އެވެ. ގެއްލުނުމީހާ ވުޖޫދުގައި ނެތް މީހަކަށްވީ އެވެ."
ގެއްލިގެން ހޯދަނީ މީހަކާ ނީނދެ ހުރި މީހަކަށް ވިއަސް އޭނާގެ މަރާ މެދު ގޮތެއް ނިންމަން ވާނީ ގާޒީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ގާޒީގެ ހުކުމަށްފަހު، ގެއްލުނު މީހާ ދުވަސްތަކެއް ފަހުން އެނބުރި އަޔަސް އެ ދެމެދުގައި ހިނގާފައިވާ ކަންކަން ސައްހަވާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ. އެގޮތުން، މީހަކާ އިނދެގެން ހުއްޓާ ގެއްލި އަދި އަނބުރާ ދިޔައިރު އޭނާގެ އަނބިމީހާ ވެސް އެހެން މީހަކާ އިނދެގެން ހުއްޓަސް އެ ފިރިހެން މީހާގެ ކައިރިއަށް ދިއުމެއް ނެތް ކަމަށް މިނިސްޓްރީން ބުންޏެވެ.
"ވީމާ ކަނޑަށް ވެއްޓި ގެއްލި ހޯދައި ނުފެނިފައިވާ މީހާއާމެދު ގޮތް ނިންމަންވާނީ ގާޒީ އެވެ. ގާޒީ ގޮތް ނިންމާނީ ގެއްލުނު ހާލަތުގެ މައްޗަށް ނަޒަރު ހިންގައި ހޯދަން ކުރި މަސައްކަތުގެ މައްޗަށް ބަލައި މުޅި މައްސަލައިގެ ހަ ފަރާތް ބެލުމަށް ފަހުގަ އެވެ،" ޝަހީމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ގެއްލުނު މީހާ މަރުވި ކަމަށް ގާޒީ ކަނޑައަޅައިފި ނަމަ އެ މީހެއްގެ މައްޗަށް ކަށުނަމާދުކޮށް އަދި ވާރިސުންގެ މެދުގައި އޭނާގެ މުދާ ބެހޭނެ ކަމަށެވެ.
ގެއްލިފައިވާ މީހާއާ މެދު ހުކުމެއް ކަނޑައަޅަންވާނީ ގެއްލުނުތާ ހަތަރު އަހަރު ފަހުން ކަމަށް ބައެއް އިލްމުވެރިން ބަޔާންކުރާ ކަމަށް ޝަހީމް ވިދާޅުވި އެވެ. ނަމަވެސް ކަނޑަށް ވެއްޓި ގެެއްލިފައިވާ މީހާ، މަރުވެފައިވާ ކަމަށް ބޮޑަށް ބުރަވެވޭ ނަމަ ހަތަރު އަހަރު ނުވިޔަސް ގާޒީއަށް ގޮތެއް ކަނޑައެޅިދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގައި ވަޒީފާއަދާ ކުރާ ޒުވާނާގެ މައްޗަށް ޣައިބުގައި ކަށުނަމާދުކުރަން ނިންމިއިރު، އެމްއެންޑީއެފުން ބުނީ މުޝްފިގު ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކަމަށެވެ. އަދި ކަނޑާއި އެއްގަމުގެ ސަރަހައްދުތައް ވެސް ބަލަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒައއރޭ
12 April 2025
ތިހެން ވީއިރު ތިކަން ނުކުރެވޭނެ އަވަސް މުސްތަގު ބަލެއްގަ ދިރިތިބި މީހުން ވެސް ނެތިގެން ދާނެހާ ދުވަސް ތިކިޔަނީ މާމޮޅު ގަވާއިދެއް މީ އެގެން މީހެއް ގެ ކަމެއް ނަމަ ނިއްމާ ނެ މައްސަލަ ވެސް ނޯ ގާޒީ
ކުދުބެއްޔާ
11 April 2025
"އިނދެގެން ހުއްޓާ ގެއްލި އަދި އަނބުރާ ދިޔައިރު އޭނާގެ އަނބިމީހާ ވެސް އެހެން މީހަކާ އިނދެގެން ހުއްޓަސް އެ ފިރިހެން މީހާގެ ކައިރިއަށް ދިއުމެއް ނެތް ކަމަށް މިނިސްޓްރީން ބުންޏެވެ." .......'އެ ފިރިހެން މީހާގެ ކައިރިއަށް ދިއުމެއް ނެތް' މިތާގަ މިބުނާ "އެ ފިރިހެންމީހާ" އަކީ މި ދެފިރިހެނުންކުރެ ކާކުކަމެއް ސާފެއް ނޫނެވެ.
ޝައިޚް
11 April 2025
ގެއްލުނު މީހާ
ވާސަރިވާ
11 April 2025
ޝަހީމު ބުނީމަ އެވީ ދީނުގަ އޮންނަގޮތައް!
އެޗް އެމް
11 April 2025
ކުރުމަކުން ގެއްލުމެއް ނެތް ކަމަކަށް އިތުރު ގަވާއިދުތައް ހަދަން ޖެހޭތަ؟
އަޅި އަލި
11 April 2025
އެހެންވިއްޔާ ގެއްލޭ މީހެއްގެ ކަށި ނަމާދު ނުބޭއްވޭނެ! މި ދައުލަތުގަ ޝަރީއަތުން ކަމެއް ސާބިތު ކޮއްގެން ކަމެއް ކުަންވެއްޖިއްޔާ ނުކޮއްތިބޭ! 2002 އަހަރުގެ މައްސަލަތަށްވެސް އަދިވެސް ކުރިއަށްދޭ އެބަ!
ފުރޭތަ1
11 April 2025
ކަށު ނަމާދަކީވެސް އަޅުކަމެއް ދީނުގަ އޮތް ގޮތަށް އެކަން ކުރަންވާނީ . މީހަކަށް ފެންނަ ގޮތަކަށް ނޫން. ހަށިގަނޑު ފެނުމުގެ ފުރުޞަތުވެސް އަދި އެބަ އޮތް. ސިފައިން އދަނީ ހޯދަމުން. އާއިލާ އަށް ކެތްތެރކަން ދެއްވާންދޭ
އިބުރާހީމު.
11 April 2025
ނަމާދު ކުރުން ގޯހެއް ނުވާނެ! ގާޒީ އަށް އެ ނިންމުން ނިއްމަން ވަރަށް ގިނަ އިޖުރާތުތަށް ފުރިހަމަ ކުރަން ޖެހޭނެތީވެ ވަގުތު ނަގާނެ ދޯ؟ .
އިއްލި
11 April 2025
މީހާ މަރުވީމަ ކަފުން ނުކޮށް ކަށުނަމާދުވެސް ކުރަންވީއެއްނު. ހިނަވާ ކަފުންކުރަންވީމަ ލަސްވާނެ. ކޮން ވަގުތެއްތަ؟ މަރުވިކަން ޔަގީން ނުވާ މީހެއްގެ ވާހަކަ ދައްކަނީ. ދެން އަވަސް އަރުވާލައިގެން ޖެހޭތަ މަރުވިކަމަށް ހަދަން؟
ފަޅުމަސް
11 April 2025
މަރުވާ މީހުންގެ މަރު ސާބިތު ކުރުމަކީ ގާޒީގެ ކަމެއްތޯ؟ މަރުވިކަން ގާޒީއަށް ކަނޑައެޅޭނެތޯ މަރުވެފައިވާކަން ދަންނާނެ ހެއްކެއް ނެތި؟
އިއްލި
11 April 2025
ޝަރުޢީ އިލްމު އެނގޭމީހުން އެވާހަކަ ދައްކަނީ. ނޭންގޭ މީހާ އަދި އެނގޭ މީހުން ބުނީމަވެސް ސުވާލު އުފައްދަނީ. ކޮންމެވެސް އިލްމުވެރިޔެއް ނޫނީ އޭލެވެލް ދަރިވަރެއް ގާތު އަހާލީމަވެސް ސާފުވެދާނެ. މިތާ ހުރިހާ ފިލާވަޅު ކިޔައިނުދެވޭނެ
ފޮނިޓައްޕު ހަސަނު
10 April 2025
ބޮޑާކަމާއި ކިބުރު ވެރިކަމަކީ މާތްﷲ ރުހިވޮޑިގެން ނުވާ ސިފަތަކެއް. ވަރަށް ސަލާމް.
އާމަރުމޯލު
10 April 2025
އާއިލާގެ މީހުނަށް ނިޔާވިކަން ގަބޫލުކުރެވޭނަމަ ކަށުނަމާދުކުރުމުން ލިބޭނެ ގެއްލުމެއްނެތް.. ވާރުތަމުދާ ބެހުމާ އަނބިމީހާގެ އިއްދަޔާ އެއީ ދެން ގާޒީގެ ނިންމުމަށް ބިނާވާނެކަންކަން.. ގާޒީ ނުނިންމިޔަސް ކަށުނަމާދު ކުރެވޭނެ...
އިއްލި
11 April 2025
ކަށުނަމާދަކީ ޝަރުޢީކަމެއް. އަޅުކަމެއް. އެއީ އާއިލާއަށް ގަބޫލުކުރެވިގެން. އާއިލާއިން ކުރާހިތްވެގެން. ރަށު މީހުން ބޭނުންވެގެން ކުރާކަހަލަ ކަމެއްނޫން. އަޅުކަމަކީ ޝަރުޢީ ޙުކުމްތަކުގެ މައްޗަށް ހިނގާކަމެއް.