ސުޕްރީމް ކޯޓް:--- ފައިލް ފޮޓޯ: މިހާރު
16 އެޕްރީލް 2025 - 13:30
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ސަސްޕެންޝަން އުވާލަން އިދިކޮޅު އެމްޑީޕީން ގޮވާލައިފި އެވެ.
ސިޔާސީ ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ކަނޑާލުމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގަނެ އެކަމާ ގުޅޭ އަމުރުތަކެއް ނެރުމަށް ވަގުތު ކުޑަތަންވެފައި އޮއްވައި ޖޭއެސްސީން ވަނީ އެންމެ މަތީ ކޯޓުގެ ތިން ފަނޑިޔާރަކު މިދިޔަ މަހު ސަސްޕެންޑުކޮށްފަ އެވެ.
އޭގެ ތެރެއިން ފަނޑިޔާރުގެ މަގާމުން ހުސްނުއްސުއޫދު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އެކަމަކު، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު މިދިޔަ ފެބްރުއަރީ 26 ވަނަ ދުވަހުން ފެށިގެން ތިއްބެވީ ސަސްޕެންޝަނުގަ އެވެ.
އެ މައްސަލައާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ގައުމީ އަދި އާއްމުންނާ ގުޅުން ހުރި ގިނަ މައްސަލަތައް، ފަނޑިޔާރުންގެ ސަސްޕެންޝަނާ ގުޅިގެން ހުއްޓިފައިވާ ކަމަށެވެ. ސަރުކާރުން ނުފޫޒު ފޯރުވާތީ ކަމަށް ވިދާޅުވެ ފަނޑިޔާރު ސުއޫދު އިސްތިއުފާ ދެއްވުމަކީ ޝަރުއީ ދާއިރާއަށް ކުރިމަތިވެފައިވާ ނުރައްކަލުގެ ސީރިއަސްކަން ދައްކުވައިދޭ ކަމެއް ކަމަށް ބަޔާނުގައި ބުންޏެވެ.
އެ ޕާޓީން ބުނީ ފަނޑިޔާރުން ސަސްޕެންޑްކުރީ، މެމްބަރުން ވަކިކުރެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކަމަށް ކޯޓުން ކަނޑައަޅާނެ ކަން ކަށަވަރުވާތީ އެކަން ހުއްޓުވާށެވެ. އެއީ، ސުޕްރީމް ކޯޓުގެ ސިޔާސީ ކޮންޓްރޯލް ހޯދަން ސަރުކާރުން ރާވައިގެން ކޮށްފައިވާ ކަމެއް ކަމަށް ދެކޭ ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައިވެ އެވެ.
"މިއީ އަދުލު އިންސާފުގެ ނިޒާމަށް އަމާޒުކޮށްފައިވާ ސީދާ ހަމަލާއެކެވެ،" އެ ޕާޓީން ބުންޏެވެ.
"މި ދެ ފަނދިޔާރުންގެ މައްޗަށް ދޮގު ތުހުމަތުތަކެއް ކޮށް ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް އޮތް ޖުޑީޝަލް ސާވިސް ކޮމިޝަނުްނ ހާއްސަ ކޮމެޓިއެއް ހަދައިގެން މައްސަލަ ބަލާއިރު އެ މައްސަލައިގައި އިންސާފުވެރިކަމެއް ވެސް ނެތްކަން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ވަރަށް ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ،" ބަޔާނުގައި ބުންޏެވެ.
ބަޔާނުގައި ބުނީ ފަނޑިޔާރުންނަށް ކުރާ ތުހުމަތުތަކަށް ދިފާއުވުމުގެ ހައްގާއި ހުށަހަޅާފައިވާ ހެކި ބަލައިނުގަތުމާއި ވަކީލުންގެ ފުރުސަތު ވެސް ނުދޭ ކަމަށެވެ. އެއީ، ގާނޫނު އަސާސީއާ ބައިނަލްއަގުވާމީ މިންގަނޑުތަކުން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކާ ވެސް ހިލާފަށް އެ ފަނޑިޔާރުންނަށް ސީދާ ގޮތުން ކުރާ އަނިޔާއެއް ކަމަށް ބުނެފައިވެ އެވެ.
އޭގެ އިތުރުން ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއް ބާރުގެ މިނިވަންކަމަށް ސަރުކާރުން މި ގޮތަށް އަރައިގަތުމަކީ ރާއްޖޭގެ ޑިމޮކްރަސީއަށް ކުރިމަތިވެފައިވާ ސީދާ ނުރައްކަލެއް ކަމަށާއި ބާރުތައް ވަކިވެފައި އޮތުމުގެ އުސޫލާ މުޅިން ހިލާފަށް ސަރުކާރުން ހިންގާ އަމަލުތަކުން ޑިމޮކްރަސީއަށް އިއާދަނުކުރެވޭ ގެއްލުންތަކެއް ލިބިގެންދާނެ ކަމަށް ވެސް ބުންޏެވެ.
އެހެންވެ، އިދިކޮޅު ޕާޓީން ގޮވާލައިފައިވަނީ ޖޭއެސްސީން އަމިއްލަ އިސްނެގުމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ދެކޮޅަށް ސިޔާސީ މަގުސަދެއްގައި ބަލަމުންދާ މައްސަލަތައް ވަގުތުން ހުއްޓާލުމާއި ދެ ފަނޑިޔާރުންގެ ސަސްޕެންޝަން ވަގުތުން އުވާލުމާއި ރާއްޖޭގެ ޝަރުއީ ދާއިރާގެ މިނިވަންކަމަށް އިހުތިރާމުކުރުމަށެވެ.
"ރާއްޖޭގެ ގާނޫނު އަސާސީއާ ގާނޫނުތަކުން ފަނޑިޔާރުންނަށް ލިބިދީފައިވާ ރައްކާތެރިކަމާއި ހައްގުތައް ކަށަވަރުކޮށްދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނާއި ރާއްޖޭގެ ސަރުކާރަށް ގޮވާލަމެވެ. މިކަމުގައި ޖުޑީޝަލް ސާވިސް ކޮމިޝަނުންނާއި ސަރުކާރުން އަމަލުކުރަމުން ގެންދާ ގޮތް ގާތުން ބަލައި އެކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މަޖިލީހަށް ގޮވާލަމެވެ." ބަޔާނުގައިވެ އެވެ.
އެމްޑީޕީން ބުނީ ޑިމޮކްރަސީ ދެމެހެއްޓުމާއި ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރުކުރުމަކީ އެންމެންގެ ޒިންމާއެއް ކަމަށެވެ. ޝަރުއީ ދާއިރާގެ މިނިވަންކަން ހިމާޔަތްކުރަން ކުރާ މަސައްކަތުގައި ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ވެސް ބައިވެރިވުމަށް އެމްޑީޕީން ގޮވާލާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސެން ވަހީދު
17 April 2025
ކޯޓްތަކަށް އެއްމެ ގަދަޔަށް އަތްބޭނި މީހުން މިކަހަލަ ވާހަކަ ދެއްކީމާ އަންނަނީ ހިނި
ހަސަން ނިހާމް
17 April 2025
އެމްޑީޕީގެ ލަދު ކޮބާ؟ ތިމާމެން ވެރިކަމުގައި މުޅި ކޯޓް ގެ ފަޑިޔާރުން ބަދަލްކޮށްފަ