ދަތުރުކުރަމުން ދަނިކޮށް ބަންޑުން ޖަހާލި ޑިންގީ މަތީގައި އޭގެން ދަތުރުކުރި މީހުން އިށީންދެގެން.-- ފޮޓޯ: ޕޮލިސް
18 ޖުލައި 2025 - 12:25
ދަތުރު ކުރަމުންދިޔަ ޑިންގީއެއް ބަންޑުން ޖަހާލުމުން ކަނޑުވި ބަޔަކު ސަލާމަތްކޮށްފި އެވެ.
އެމްއެންޑީއެފް އިން ގދ. މަޑަވެއްޔާ ދިމާލު ބޭރުން ދަތުރުކުރަމުންދިޔަ ޑިންގީއެއް އޮޔާދާ ކަމަށް މިއަދު ހެނދުނު 8:39 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓުކުރި ކަމަށެވެ.
އެ ރިޕޯޓާ ގުޅިގެން ފުލުހުންނާއި އެމްއެންޑީއެފްގެ ސާޗް ޓީމްތައް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދަނިކޮށް، އެމްއެންޑީއެފްގެ ޓީމަށް އިތުރު ޑިންގީއެއް އެ ސަރަހައްދުން ފެނުނު ކަމަށް ފުލުހުން ބުންޏެވެ.
އޮޔާދާކަމަށް ރިޕޯޓްކުރި ޑީންގީ ހޯދަމުންދަނިކޮށް، އެ ޑިންގީ ބަންޑުން ޖަހާލާފައި އޮއްވާ މިއަދު 11:04 އެހައިކަންހާއިރު ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
"އެ ޑިންގީގައި ދަތުރުކުރި ދެ މީހުން، ޑިންގީ މަތީގައި ސަލާމަތުން ތިބި. އެ ދެ މީހުންގެ ހާލު ރަނގަޅު. އެއީ 40 އަހަރާއި 66 އަހަރުގެ ދިވެހި ދެ ފިރިހެނުން،" ފުލުހުން ބުންޏެވެ.
މިދުވަސްވަރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ވައިގެ ގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާ ކުރެވޭތީ މޫސުމަށް ސަމާލުވާން މީޓިއޮރޮޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ވިއްސާރައިގެ ސަބަބުން ބައެއް ރަށްރަށުގެ ގެތަކުގެ ފުރާޅު އެއްލާލުމާއި ގަސްތައް ވެއްޓުމުގެ ހާދިސާތައް ވެސް ދަނީ ހިނގަމުންނެވެ.
ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ވާނެކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ. އެންމެ ބޮޑަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައި ވަނީ އުތުރާއި މެދުރާއްޖެ ތެރެއަށެވެ. ހަފްތާ ބަންދުގައި މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ މެޓުން ވަނީ ކަނޑު ދަތުރު ކުރުމުގައި ސަމާލުވުމަށް އިލްތިމާސް ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މާވަހަރު
18 July 2025
ހަތަރުދުވަހަށް މޫސުންގޯސްވާނެކަމަށް ގޮވާފައޮއްވާ މިއޮއްފަދަ ހުކުރުދުވަހު ކޮންއެއްޗެއް ނުލިބިގެން ޑިންގީއެއްގަ މާކަނޑަށް ނުކުންނަނީ. ބުނާގޮތް ނުހަދާމީހުންގެ އަތުން އެކަމަށްދާ ހަރަދުހޯދަންޖެހޭ.
ރިއަލިޓީ..
18 July 2025
ޤަސްތުގައި ކަނޑުގަދަކަމަށް ނުނެފައި އޮއްވާ ދަތުރުކޮއްގެން އެމީހުން ހޯދުމަށްކުރާ ޙަރަދުތައް އެބަޔެއްގެ އަތުން އަތުލަންޖެހޭ.. ދަތުރު ނުކުރާށޭ ބުނެފިއްޔާ ހަގުނަ އިތުރަށް ދަތުރުކުރޭ..
ސަސި
18 July 2025
ދެން ޔެލޯ އެލާޓް ނެރެފަ އޮއްވާ ހަމަ މޮޅުކަން ދައްކަން ކަނޑުމައްޗަށް އަރަނީ ކީއްކުރަންތަ.