އުއްތަމަ ފަނޑިޔާރު ޣަނީ އިއްޔެގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަންނަވަނީ: ކޯޓުތަކަށް ދިމާވެފައިވާ ގާނޫނީ މައްސަލަތައް ހައްލު ކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި --- ފޮޓޯ/ހައި ކޯޓު
27 އޯގަސްޓް 2025 - 20:16
ކޯޓުތަކަށް ދިމާވެފައިވާ މައްސަލަތަކުގެ ތެރޭގައި ގާނޫނީ ހުރަސްތަކެއް ވެސް އެބަހުރި ކަމަށާއި ނަމަވެސް އެ ހުރަސްތައް ގިރާ ކުރުމަކީ އުނދަގޫ ކަމެއް ނޫން ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވިދާޅުވެއްޖެ އެވެ.
ޝަރުއީ ދާއިރާގެ އިންޓެގްރޭޓެޑް ކޭސް މެނޭޖްމަންޓް ސިސްޓަމް އިފުތިތާހްކޮށް ދެއްވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ޣަނީ ވިދާޅުވީ ކޯޓުތަކަށް ދިމާވެފައިވަނީ ހަމައެކަނި މާލީ ދަތިތަކާ ގުޅިފައިވާ މައްސަލަތަކެއް ނޫން ކަމަށެވެ. އަދި މާލީ ކަންކަމުގެ އިތުރުން ކޯޓުތަކަށް ދިމާވެފައިވާ ގާނޫނީ ހުރަސްތަކާ ގުޅޭ މައްސަލަތަކެއް ވެސް އެބަހުރި ކަމަށާއި އެއީ ހައްލު ކުރަން އުނދަގޫ މައްސަލަތަކެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ކޯޓުތަކަށް ދިމާވެފައިވާ މައްސަލަތަކުގެ ތެރޭގައި ކުޑަ އެއްވެސް މައްސަލެއް ނެތް. މުޅިން ވެސް މިހާރު ހުރީ ބޮޑެތި މައްސަލަ. މި މައްސަލަތައް ފުރަތަމަ އުފެދުނުއިރު މި ހުރިހާ މައްސަލަތަކަކީ ބޮޑެތި މައްސަލަތަކެއް ނޫން،" މި މަހުގެ ކުރީކޮޅު މަގާމާ ހަވާލުވެ ވަޑައިގަތް އާ އުއްތަމަ ފަނޑިޔާރު ޣަނީ ވިދާޅުވި އެވެ.
"ނަމަވެސް އަޅާނުލެވި ދޫކޮށްލެވުމުގެ ސަބަބުން ޒަމާނާ އެކު މި މައްސަލަތައް ވެސް ވަނީ ބޮޑެތިވެ، ތަސައްރަފު ފުދިފައި."
އުއްތަމަ ފަނޑިޔާރު ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ/ހައިކޯޓް
މީގެ ކުރިން މަދަނީ ކޯޓުގެ ގާޒީ ކަމާއި ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމާއި ފަނޑިޔާރުކަން އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ވެސް ކުރައްވާފައިވާ އުއްތަމަ ފަނޑިޔާރު ޣަނީ ވިދާޅުވީ ކޯޓުތަކަށް ދިމާވެފައިވާ މައްސަލަތަކުގެ ލިސްޓެއް މިހާރު އެކުލަވާލާފައިވާ ކަމަށެވެ.
"މީގެ ތެރޭގައި ހަމައެކަނި ހުރީ މާލިއްޔަތާ ގުޅިފައިވާ މައްސަލަތަކެއް ވެސް ނޫން. ދިމާވެފައިވާ ބޮޑެތި ގާނޫނީ ހުރަސްތަކާ ގުޅޭ މައްސަލަތައް ވެސް އެބަހުރި. އަދި މިހާރު އަޅުގަނޑުމެންނަށް ފެންނަން އޮތް މަންޒަރަށް ބަލާއިރު، މި ގާނޫނީ ހުރަސްތަކާ ގުޅޭ މައްސަލަތައް ހައްލު ކުރުމަކީ އުދަނގޫ ކަމެއް ކަމުގައި ވާނެ ކަމަކަށް އަޅުގަނޑުމެން ނުދެކެން،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރު އިއްޔެ އިފްތިތާހު ކޮށްދެއްވި، ޝަރުއީ ދާއިރާގެ އިންޓިގްރޭޓެޑް ކޭސް މެނޭޖްމަންޓް ސިސްޓަމް (އައިސީއެމްއެސް) ކްރިމިނަލް ކޯޓުގައި މިހާރު ވަނީ ރަސްމީކޮށް ބޭނުންކުރަން ފަށައިފަ އެވެ. އެ ކޯޓުގައި އައިސީއެމްއެސް ބޭނުންކުރަން ފެށީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ކޭސް މެނޭޖްމަންޓް ސިސްޓަމާ ފުރިހަމަ އަށް ގުޅާލައިގެންނެވެ.
އައިސީއެމްއެސްއަކީ ޖިނާއީ އަދުލުގެ ނިޒާމުގައި ހިމެނޭ ގިނަ އިދާރާތަކެއްގެ ސިސްޓަމްތަކާ ގުޅާލެވޭ ގޮތަށް ފަރުމާކޮށްފައިވާ ނިޒާމެކެވެ.
އެހެންވެ، ކުރިއަށް އޮތް ތަނުގައި ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި ހިމެނޭ އިދާރާތަކާ ގުޅުން ހުރި އެހެނިހެން އިދާރާތަކުގެ ސޮފްޓްވެއާތަކާ އައިސީއެމްއެސް އިންޓެގްރޭޓް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ސަބަބުން އިދާރާތަކުގެ މެދުގައި މައްސަލަތަކާ ގުޅޭ ލިޔެކިޔުންތައް ބަދަލު ކުރުމުގައި ފަސޭހަވެ، މައްސަލަ ރަޖިސްޓަރީ ކުރުމަށް ހޭދަވާ ވަގުތު އެތައް ގުނައަކަށް ކުޑަކުރެވޭނެ ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޝާލިނީ
28 August 2025
އެއްކެފޭން އަނެއް ކެފޭއަށް ގޮސް ކޮފީ ބޮއިފަ އަބަދު މުވައްޒަފުން ބޭރުގަ އުޅުން ހުއްޓުނު ދުވަހަކުން ކޯޓުަކުގަ މައްސަލަތައް ނިމޭނީ. އުއްތަމަފަނޑިޔާރު އެކަން ކޮށްބަލަ.
ޝަހީރު
28 August 2025
ކޯޓުތަކުގެ މުވައްޒަފުން އަބަދު ކެފޭތަކުގަ ސައި ކޮފީ ބޯން ތިބޭތީ ހުރިހާވެސް މައްސަލައަކީ. މަސައްކަތެއް ނެތް ބަޔެކޭ އެއްވެސް ތަފާތެއްނެތް، ތި ކޯޓުތަކުގަ އުޅޭ ބައެއް މުވައްޒަފުން އަމިއްލަ ބޭނުންތަކުގައި ރަސްމީ ގަޑީގެ ބޮޑުބައި ހޭދަކުރާ މުވައްޒަފުން އަހަންނަށް ފެނޭ. ދަންނަ މީހުންވީމަ އެނގެނީ. މީ ހަގީގަތް.
ޝޫކުރި
28 August 2025
ބޭފުޅާ އަކީ ކުރިން ކޯޓުގައި މަސައްކަތް ކުރެއްވި ބޭފުޅެއްކަން އެނގޭ. މިހާރު އެހެން ވަޒީފާއެއްގައި އުޅޭތީ ކޯޓުތަކުގެ މުވައްޒަފުންނަށް ދަތިކޮށްލަނީ. މިއީ ދިވެހިންގެ ފާޑަކީ. އެކަކު އަނެކަކަށް ދަތިކުރުމާ، ހަސަދަ ފިލުވާލުން. ވެރިކަން ބަދަލުކުރަނީވެސް މިގޮތަށް
އަބުދުލް ޤާދިރު
28 August 2025
ޕީ.ޖީ ވެސް ހުވާ ކުރެއްވުމަށް ފަހު ވިދާޅުވި، މޫނަކަށް ކަނދުރާއަކަށް ނުބައްލަވާނެކަމަށް. އެކަމަކު އެކަން ވެސް ވީ ޖަމަލު ފޮޑިއަކަށް. މަނިކުފާނު ތި ވިދާޅުވި ބަސްފުޅަށް ވެސް އަޅުގަނޑުމެން މި ތިބީ ބަލަން.
އިސްލާހު
28 August 2025
މި ޤައުމުގައި އިންސާފަށްހުރި ހުރަސް ތަކަކީ ހަމަ އެކަނި ޤާނޫނީ ހުރަސް ތަކެއް ނޫނެވެ. މުޅިން ވެސް ހުރީ ހުރަހެވެ. މި ދިވެހިރާއްޖޭގައި އިންސާފު ހޯދަން ދާން ޖެހޭތަނެއް އެެއްގޮތަކަށް ވެެސް މިޤައުމުގައި އުޅޭ އެއްވެސް މީހަކަށް އެެނގޭނެ ހެނެއް ހިޔެއް ނުވެއެވެ.
ހުރަސް
28 August 2025
ގާނޫނީ ހުރަސް ހައްލުކުރެވިދާނެ، އެކަމު ފަނޑިޔާރުންގެ ނާގާބިލްކަމާއި ކަންނެތްކަމުން ތާވަލްނުކޮށް އިންސާފުގެއްލޭ މައްސަލަތަކަށް ހައްލެއް ނެތެއްނު؟ މިހާރު ބީ-ޓެންގައޮތް މަސައްލައިގެ އަޑުއެހުމެއް ނުބޭއްވޭތާ 4 އަހަރު.
ވޮކީލް
27 August 2025
އެންމެ ބޮޑު ހުރަހަކީ މަސައްކަތް ނުކުރާ މީހުންނަށް ވަޒީފާ ޔަގީންވެފަ ތިބުން. ފަނޑިޔާރުންވެސް މުވައްޒަފުންވެސް. އަޑުއެހުން ނިންމާ ހުކުމްނުކޮށް 2 އަހަރު ވެގެންދާއިރު ޝަކުވާ ކޮށްކޮށް އަވަދިވިޔަސް ކަހާތަން ހިރުވާނުލާ. ދެން އެކަމު އޭގެ ފަހުން ހުށަހެޅޭ ބޭންކު ލޯނުތަކުގެ މައްސަލަަތަކާ ހިބަ ތަރިކަ އާ އަނބުރާ ގެންދާ މައްސަލަތަކުގެ ހުކުމްކޮށްގެން މިކިޔަނީ ރެކޯޑު އަދަދަކަށް މައްސަލަ ހުށަހެޅުމުންވެސް ހުށަހެޅުނު އަދަދަށްވުރެ ގިނައިން ނިންމިއްޖެޔޭ. މޮޔަހީވެދާނެ
ޕޫރުބެ
27 August 2025
ދިވެހިރާއްޖޭގެ ވަކި މުއައްސަސާއަކަށް ނޫން، މުޅި ނިޒާމަށް ކުރިމަތިވެފައި އޮތް މުޞީބާތަކީ ބޮޑު މުސާރަނަގައިގެން އޭގެ ޙައްޤު ރައްޔިތުންނަށް އަދާ ނުކުރުމުގެ ޚިޔާނާތްތެރިކަން، މިކަން ފެށެނީ އެންމެ މަތިންފެށިގެން އެންމެ ތިރިއަށް! ޒއްމާ އަދާކުރާ އެންމެ މީހަކު ނެތޭ ބުނާހިސާބަށް ސޮއްސާލައިފި.
ކޮރަލް
27 August 2025
ކޯޓް ތަކަށް ދިމާ ވެގެން އުޅޭ އެންމެ ބޮޑު މައްސަލަ އަކީ ރަސްމީ ގަޑީގަ ގިނަ ވަގުތު ކޯޓް އިން ބޭރުގަ އެކި ކަންކަމުގަ އުޅޭ މައްސަލަ އެވެ. ދެން ކޯޓް އަށް ވަދެފިނަމަ ސޯސަލް މީދިޔާ ގަ އުޅޭ މައްސަލަ އެވެ. މިއީ މިހާރު ހުރިހާ އޮފީހެއްގަ ވެސް އުޅޭ އެންމެ ބޮޑު އެއް މައްސަލަ އެވެ.
ޝަމީހް
28 August 2025
އަސްލު ޖެހިގެން ތިއުޅޭ މައްސަލައަކީ ތިއީ ކުރީގާ ކޯޓެއްގައި މަސައްކަތް ކުރި މީހެއް. ކޯޓާ ބެހޭ ކޮންމެ ހަބަރަކަށް ފަތިފައްޗަށް ތިޔަކޮމެންޓު ތިޔަ ކުރަނީ ކޯޓު ތަކުގައި މިހާރު ތިބި މުވައްޒަފުންނަށް އެތަންތަނުގެ ވެރިން ޖެއްސުންކޮށް ދަތިކުރޭތޯ. ކޯޓުތަކުގެ މައްސަލަ ލަސްވަނީ މައްސަލަ ހުށަހަޅާ މީހުންނާ ވަކީލުންގެވެސް ކަންތައް ހުންނަ ގޮތުން، ބައެއް ފަހަރު ގާޒީންވެސް އުޅޭގޮތުން. މުވައްޒަފުން އުޅެނީ ލިބޭ ކުޑަމުސާރައިން ދެކޮޅު ނުޖެހި ހާލުގަ.
މުހިއްދީން
27 August 2025
އުއްތަމަފަޑިޠާރުގެ ބަސްފުޅުން އެގުނީ ކޯޓްތަކަށް ދިމާވެފައިވާ ކަންކަން ހައްލުކުރުމަކީ އެހާ އުދަގޫކަމެއް ނޫންކަން. މިތިބީ ތިމައްސަލަތައް ނިއްމަވާތަން ބަލަން.
ވަރަސާފ
27 August 2025
އިންސާފަށް އޮތް އެންމެ ބޮޑު ހުރަހަކީ ކަމަށް ގާބިލްނޫން މީހުން މަތީ މަގާމްތަކަށް ލުން.