މާލޭގައި މީގެ ކުރިން އެމްޑީޕީން ބޭއްވި އެއްވުމެއްގައި އެޕާޓީގެ މެމްބަރުން ބައިވެރިވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
01 އޮކްޓޯބަރ 2025 - 13:07
އިދިކޮޅު އެމްޑީޕީން އަންނަ ހުކުރު ދުވަހުގެ ރޭ މާލޭގައި ބާއްވާ އެއްވުމުގެ ތެރެއަށް ކުށްކުރާ ގުރޫޕުތައް ނެރެ، މާލެތެރެ ހަލަބޮލިކުރަން އުޅޭ ކަމަށް ބުނެ ފުލުހުން ބަޔާން ނެރެފައިވަނިކޮށް، އެ ހަރަކާތުގައި އެފަދަ ކަމެއް ކުރަން ރާވާފައި ނުވާ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.
އެއްވުމާ ގުޅިގެން ފުލުހުން މިއަދު ނެރުނު ބަޔާނުގައި ވަނީ ފުލުހުން ހުއްދަ ދީފައިވާ ރޫޓުގެ ބޭރުން، ސިޔާސީ ފަރާތްތަކުން ބާއްވާ އެ ހިނގާލުން ކުރިއަށް ގެންދިއުމަށާއި އެކި ބައިބަޔަށް ބެހި، ކުށްކުރާ ގްރޫޕްތައް މަގުމައްޗަށް ނެރެ، މާލެތެރެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުން ދޭން ރާވާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާތީ އެކަމަށް ފުރުސަތު ނުދޭނެ ކަމަށެވެ.
އެ މައްސަލާގައި އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ، އާޓިފިޝަލް ބީޗުން ފެށުމަށް ހަމަޖެހިފައިވާ "ލޫޓުވައިފި ލޫޓުވައިފި" އެއްވުމަށް ހުރަސް އެޅުމުގެ ބޭނުމުގެ ބޭނުމުގައި ފުލުހުން ބަޔާން ނެރުނީ ދޮގު ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް ކަމަށާއި އެއީ ސުލްހަވެރި ސިޔާސީ ހަރަކާތެއް ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.
އެމްޑީޕީން ބުނީ އެ ހަރަކާތާ ގުޅޭ މައުލޫމާތު ދިނުމަށް މިދިޔަ އާދިއްތަ ދުވަހު ފުލުހުންނާ ބައްދަލުކޮށްފައިވާ ކަމަށެވެ. އެ ދުވަހު ވަނީ އެއްވުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މަގުތަކާއި ރޫޓުގެ ތަފްސީލު ހިމަނައި ލިޔުމުން އަންގާފައި ކަމަށާއި އެ ރޫޓަށް އެމްޑީޕީން އެއްވެސް ބަދަލެއް ގެނެސްފައިނުވާ ކަމަށް އެމްޑީޕީން ބުންޏެވެ.
އެ ޕާޓީން ބުނި ގޮތުގައި ފުލުހުން ހުއްދަ ދީފައިވާ ރޫޓާ ހިލާފަށް ހަރަކާތް ކުރިއަށް ގެންދާނެ ކަމަށް އެ ޕާޓީން އަންގާފައި ނުވެ އެވެ.
އެމްޑީޕީގެ ބަޔާނުގައި ތުހުމަތު ކޮށްފައިވާ ގޮތުގައި މާލެތެރެ ހަލަބޮލިކޮށް، މުދަލަށް ގެއްލުން ދޭން ރާވަނީ ސަރުކާރުގެ ތެރެއިންނެވެ. އެހެންވެ، އެކަން ހުއްޓުވައި އެއްވުމުގެ ބައިވެރިންނަށް ސެކިއުރިޓީ ފޯރުކޮށްދިނުމަށް އެ ޕާޓީން ގޮވައިލި އެވެ. އަދި ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގަށް ހުރަސް ނޭޅުމަށް ވެސް އެދުނެވެ.
އެމްޑީޕީގެ މުޒާހަރާ ކުރުމަށް ހުއްދަ ދީފައިވަނީ ބޮޑުތަކުރުފާނު މަގު ހިމެނޭ ގޮތަށް މާލޭގެ ބޮޑު ހަ މަގެއްގައި ހަރަކާތް ބާއްވާށެވެ.
ފުލުހުން ބުނެފައި ވަނީ ގާނޫނާ އެއްގޮތަށް ސުލްހަވެރިކަމާ އެކު ކުރިއަށް ގެންދާ ހަރަކާތްތަކަށް ރައްކާތެރިކަމާއި އެފަދަ ހަރަކާތްތައް ހިންގާ ސަރަހައްދުތަކުގެ މަގުތަކާއި އެހެނިހެން ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ އިންތިޒާމުތައް ހަމަޖެއްސުމަކީ އެ އިދާރާއިން ވަރަށް ސަމާލުކަން ދޭ ކަމެއް ކަމަށެވެ.
އެހެންވެ، ސުލްހަވެރިކަމާ އެކު، އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފު އަދި މާލޭގެ އަމާންކަމާއި އާންމު މަސްލަހަތު ގެލިދާނެ އެއްވެސް އަމަލެއް ހިންގުމަށް ހިތްވަރު ނުދިނުމަށާއި އެފަދަ ކަންކަމަށް ފުރުސަތު ނުދެނޭ ކަމަށް ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
1206
02 October 2025
މަގު މަތީ އުޅޭ އޮޅުނޫން ބުޅަލަކުން ކުރެ ބުޅަލަކަށް ކުރާ އިތުބާރު ވެސް އަހަރެން އެމް.ޑީ.ޕީ އަކަށް ނުކުރާނަން. އެ އަށް ވުރެ ޔާމީންގެ ސަރުކާރު ވެސް އަދި މުޢިއްޒުގެ ސަރުކާރު ވެސް 1000 ބައި ރަނގަޅު. އެ ކަމަކު ކޮންމެ ބަޔަކު ހިންގިޔަސް ކޮރަޕްޝަނާ ވައްކަމާ އަހަރެން ވެސް ދެކޮޅު. އެ ކަން ނުހިނގާ ސަރުކާރެއް އަދި ފާއިތު ނުވޭ. މި ސަރުކާރު ވެސް އެއިން އިސްތިސްނާވާ ކަމަކަށް ނުވޭ.
މޭކަރާ
02 October 2025
ތިޒާތަށް އުޅުނު ދެކުނު އެފްރިކާގެ ދޮންމީހުންވެސް. ކަޅުމީހުންނަކީ ބަޔެއްކަމަށް ނަހަދާ ގަދަބާރުން އަޅުވެތިކޮށްގެން. ސަރުކާރެއް 1000ބައި ރަގަޅޭބުނެފަ ހަމައެނޭގައި ބުނަނީ ވައްކަން ކުރެޔޭ. ދެންރަގަޅުވާނީ ކިހިނެއް؟ ލަފާކުރެވެނީ ވައްކަން އޯކޭވަނީހެން. ލަފާކުރެވޭގޮތުގައި ތިމާ ތިހުރީ ހަސަދައިން ފޯވެފާ. އެމްޑީޕީގައިވެސް ރަގަޅުމީހުން އުޅޭނެ ނުބައިމީހުންވެސް އުޅޭނެ. ތިމާދަންނަމީހުންވެސް އުޅޭނެ.
ހުއްޖަތް
01 October 2025
8 ފެބުރުއަރީ ހަނދާން ހުރީ ކޮން ބޭފުޅުންނެތް
މޮހޮނާދޮން
01 October 2025
ކުށްކުރާ ގުރޫޕްތަށް ނެރެގެން މާލެތެރެ ހަލަބޮލި ކުރަނ ރާވާ ވާހަކަ ފުލުހުން ބުނީމަ އަންނަނީ ހިނި. ކުށްކުރާ ގުރޫޕްތަށް ދޫކޮށްލާފަ އެތިނބީ ކީއްވެބާ! އެ ގުރޫޕްތަށް ކުށްކުރާކަނ އެނގިތިބެ ފިޔަވަޅު ނާލަނީ ގާނޫނާ އެއްގޮތަށްބާ! ކުއްކުރާކަން އެގިތިބެ ނޭންގުމަކީވެސް ކުށްވެރިވާ ކަމެއް ނޫންބާ!
ކާކުބުނީ
01 October 2025
ރައްޔިތުންނަށް އުނދަގޫކުރުމާއި ޖެއްސުންކުރުން ނޫންދެން ކޮންކަމެއްތޯ.
މާރި
01 October 2025
ފުލުހުންވެސް ދޮގު ހަދާ އެކަމަކު ތިޔަ ގުރޫޕު ތީ އެއަށްވުރެން ދޮގު ހަދާ ބައެއް
އލިބެ
01 October 2025
މޑޕ، ޕނސ އަކަށް ވޯޓެއް ނެތް ދެވޭކަށް.
ދޮގު ޕާޓީ
01 October 2025
ދޮގު ޕާޓީ އެކްޓިވޭޓް ވެ ގައުމު ހަލަބޮލިކުރުމުގެ ތަރައްގީ ކުރަން ރެޑީވަނީ.
އަފްރާސިޔާބު
01 October 2025
މުޒާގަރާ ކުރާތަން ބުނެދީފައި ވެރިކަން ވައްޓާލާ ގްރޫޕްތައް ފުލުހުންގެ ނެތްމަގަށްް ދިޔައީމާ އެއީ ރޭވިރޭވުމެއް ނޫންތަ؟
ޢަލީ ކުރުސީ
01 October 2025
ރާއްޖޭގައި ތެދު ހަދަން އެނގޭ އަދި އަބަދުވެސް ތެދު ހަދާ ޕާޓީއަކީ އެމް.ޑީ.ޕީ. ދެން ތިބި ދިވެހި ރައްޔިތުންނާއި މުއައްސަސާތަށް ހަދާނީ ދޮގު!
ޑައިޖިން
01 October 2025
ތެދެއް، މިހާތަނަށް އެމް.ޑީ.ޕީ އިން ހިންގާފައިވާ ހުރިހާ ހަމަނުޖެހުމެއްވެސް ހިންގާފައިވަނީ ކުރިން އެކަން ކުރަން އުޅޭކަން ފުލުހުންނަށް އަންގާފައި. މިސާލަކަށް ކޯޓުތަކުގައި ހުޅުޖެހުމާއި މަޢުމޫނު ދައުރުގައި އަލިފާން ބޯޅަ އުކޭ ހެދީވެސް ހަމަ ސުލްހަވެރި މުޒާހިރާ އެކޭ އަކަމަކު ފަހުން ކޮންމެވެސް ކަމެއް ކޮށްފާނަމޭ މިފަދައިން ބުނެފައި. މޭޑޭގައިވެސް ހަމަ އެހެން. އެހެންވީމާ އެމް.ޑީ.ޕީ އިން ނުކުރާނެ ސުލްހަވެރި ނޫންކަމެއް!
މަކަރޭޒް
02 October 2025
ލަންކާގައި ސަރުކާރު ބަދަލުކުރީ ހިމޭން މުޒާހަރާއަކުން. ބަންގްލަދޭޝްގައިވެސް ހިމޭން މުޒާހަރާއަކުން. ނޭޕާލްގައިވެސް ހިމޭންމުޒާހަރާއަކުން. ރާއްޖޭގައި އެކަން ކުރުމުގައި ސިފައިންނާ ފުލުހުން ބައިވެރިވިތަން ފެނުނު. "ނަސީބެއްނު މިލިޓަރީ ކޮންފްރަންޓޭޝަނަކަށް ނުގޮސް ނިމުނުކަން" ބުނި މީހަކަށް އެބުނިއެއްޗެއްގެ މާނައެގޭނީ. މުޒާހަރާ ކުރާކޮންމެފަހަރަކު އެއީ ސަރުކާރެއް ބަދަލުކުރަން ކުރާކަމެއްކަމުގައި ދެކުމަކީ ގޯހެއް.