ޑޮލަރުގެ ފޭރުމާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުން.
28 އޮކްޓޯބަރ 2025 - 14:40
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ބީއެމްއެލްގެ 130،000 ޑޮލަރު (ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ) ފޭރުނު މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންނަށް ވަކީލުންގެ ފުރުސަތު ނުދީ، އަދި އެ މީހުން ހާޒިރުކުރާ ކޯޓެއް ވެސް އެންގުމެއް ނެތި ބަންދުގެ މުއްދަތު އިތުރުކުރި ކަމަށް ބުނެ ވަކީލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އިއްޔެ ރޭ ފަތިހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޑޮލަރު ފޭރިގަތް މައްސަލައާ ގުޅިގެން އިއްޔެ މެންދުރު ހައްޔަރުކުރި ހަތަރު މީހުންގެ ބަންދަށް ފަސް ދުވަސް އިތުރުކުރީ ކ. އަތޮޅު ރަށެއްގެ މެޖިސްޓްރޭޓް ކޯޓަކަށް ހާޒިރު ކުރުމުންނެވެ. ކޯޓުން އެ މީހުންގެ ބަންދު މުއްދަތު އިތުރު ކުރިއިރު، އެ މީހުން ހައްޔަރު ކޮށްގެން ފުރަތަމަ ގެންދިޔައީ ކ. ހިންމަފުށީ ޕޮލިސް ސްޓޭޝަނަށެވެ. އެއަށް ފަހު އެ މީހުން ދޫނިދޫ ޖަލަށް ގެންދިޔަ އެވެ.
އެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެެރެއިން މީހެއްގެ ވަކީލު ވިދާޅުވި ގޮތުގައި، ވަކީލުން އައްޔަންވުމަށް ރޭ ވަނީ ފޯމް ހުށަހަޅައިފަ އެވެ. އަދި އެކަން މައްސަލަ ތަހުގީގުކުރާ އިންވެސްޓިގޭޝަން އޮފިސަރަށް ވެސް އެންގި ކަމަށެވެ. ނަމަވެސް، މިއަދު ކޯޓަށް ބަންދު މުއްދަތު އިތުރުކުރަން ގެންދިއުމާ ހަމައަށް ވެސް ފޯމް ޕްރޮސެސްކޮށްފައިނުވާ ކަމަށް ވަކީލް ވިދާޅުވި އެވެ.
"ހައްޔަރުކުރި ކަމުގެ ސްލިޕް ވެސް ނުލިބޭ، ގެންދާ ކޯޓެއް ވެސް ނޭންގި. އެންމެ ފަހުން ކޯޓަށް ހާޒިރުކޮށް ބަންދު ޖަހާފައިވަނީ ވަކީލަށް ފުރުސަތު ދިނުމެއް ނެތި. އެ މީހުންގެ މައްޗަށް ފަސް ދުވަހުގެ ބަންދު މުއްދަތެއް ޖެހިކަން އެނގުނީ ނޫސްތަކުން،" ވަކީލް ވިދާޅުވި އެވެ.
އެކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.
ކޯޓުން ނެރުނު ބަންދު އަމުރު މިހާތަނަށް ލިބިފައިނުވީ ނަމަވެސް، އެފަދަ ބޮޑު މައްސަލައަކާ ގުޅިގެން ފަސް ދުވަހުގެ ބަންދު މުއްދަތެއް ދިނީ ވަކީލެއްގެ ފުރުސަތު ދީފައިނުވާތީ ކަމަށް ބެލެވެ އެވެ.
އެ މައްސަލާގައި ހައްޔަރުކުރީ ލ. މާވަށް ރޭޝަމް މާޒިން މޫސާ އާއި މ. ކޯރަސް އަހުމަދު ރައިހާން ނައީމާއި ކ. ގުރައިދޫ އަޅިވިލާގޭ އިބްރާހިމް އަނޫފާއި އެގޭ ހުސައިން ޝަހުދެވެ.
ފައިސާ ފޭރިގަތުމަށްފަހު އެ މައްސަލާގެ ތުހުމަތުވާ މީހުން އެއާޕޯޓުން ފިލައިގެން ދިޔައީ ލޯންޗެއްގަ އެވެ. ކ. ހުރާއިން "މިހާރު" އާ ވާހަކަ ދެއްކި މީހަކު ބުނީ އެ ލޯންޗުގައި އެ ހަތަރު މީހުން ދިޔައީ އެ ރަށަށް ކަމަށެވެ. ލޯންޗު ހުރައަށް ގާތްކުރި ކަމަށް ވަނީ އިއްޔެގެ ހެނދުނު 8:45 ހާއިރު އެވެ. އެހެންވެ، އެއާޕޯޓުން އިއްޔެ ރޭ ފަތިހު ފުރައިގެން އޭގެ ކުރިން އެ މީހުން ދިޔަ ތަނެއް އަދި ސާފެއް ނޫނެވެ.
ހުރައިން ވާހަކަ ދެއްކި މީހަކު ބުނީ، ސޫޓްކޭސް ހިފައިގެން އުޅުނު ތަން ރަށުތެރެއިން ބަޔަކަށް ފެނުނުކަން ނޭނގުނަސް އެ މީހުން ތިބި ގެސްޓް ހައުސްގެ ސީސީޓީވީ ކެމެރާ އަށް، އެ މީހުން ޑޮލަރު ގެންގުޅޭތަން ފެންނަ ކަމަށެވެ. އެކަމަކު އޭނާ ބުނީ އެއީ އެހާ ގިނަ އަދަދެއްގެ ޑޮލަރު ނޫން ކަމަށެވެ.
މައުލޫމާތު އެނގޭ ފަރާތުން ބުނި ގޮތުގައި އެ މީހުންގެ އަތުން ބަނގުރާފުޅިތަކެއް ވެސް ފެނުނެވެ. ނަމަވެސް، ވަގަށް ނެގި ޑޮލަރު ފެނުނު ކަމެއް އަދި ނޭނގެ އެވެ.
އެ މައްސަލާގައި ތުހުމަތުވާ ގުރައިދޫ ދެ މީހުންގެ ބޭބެއަކު ހުރާގައި ދިރިއުޅޭތީ އެ މީހުން ދޭތެރެ ދޭތެރެއިން ހުރައަށް ދާ ކަމަށް ހުރާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.
ޑޮލަރު ފޭރިގަތް ވަގުން ވީއައިއޭގެ ޓާމިނަލަށް ފޭބީ ކާރަކުން ކަމަށް ވެ އެވެ. އޭރު ހުޅުލޭ ޖެޓީގައި ތައްޔާރީ ހާލަތުގައި ހާއްސަ ލޯންޗެއް އޮތް ކަމަށް އެނގިފައިވެ އެވެ. އެއާޕޯޓުގެ ސެކިއުރިޓީ ކަންކަން ބަލަހައްޓާ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ މީހުންނަށް ވެސް ވަޅިން ބިރު ދައްކައި، ލޮލަށް ސްޕްރޭކޮށް، ފައިސާ ސޫޓް ކޭސް ފޭރިގަނެގެން އެ މީހުން ދުވެ ގޮސް އެރީ އެ ލޯންޗަށް ކަމަށް މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަމެންވެސް
30 October 2025
ވަކީލުން ތިބެގެންތަ ތި ފޮށިތަށް ދަމައިގަތީ
ސިލްމާ ޒާހިރު
30 October 2025
ޝަރީޢަތް ނިމެންދެން ބަންދުކުރަންވީ. އަދިވެސް 100،000 ޑޮލަރު ނުފެނޭ. އެއީ 2 މިލިޔަން ރުފިޔާ. އާދައިގެ އިންސާނަކު މި ފުރަ މާލޭގައި ކުއްޔަށް އުޅެގެން ޢުމުރު ހުސްވާއިރު ތިޔަވަރު ޢަދަދެއް ރައްކާކުރެވޭނީ ވެސް!
ރޭވިގެން ހިންގާ ޖަރީމާ
30 October 2025
ތި ފެންނަނީ ގުޅިފައި އޮތް މިންވަރު. ފުލުހުން ކީއްވެ ތި ދަޢުވާ ކޯޓުން ބޭރުކޮށްލާގޮތަށް ކަން ތި ކުރަނީ. ދެން ވާނެގޮތް...ފައިސާއެއް ނުފެންނާނެ. ތަޙުޤީޤު މަރުހަލާގައި ޤާނޫނީ އިޖްރާޢަތްތަށް ފުރިހަމަ ނުކުރާތީ މައްސަލަ ބޭރުކޮށްލާ އެމީހުން ދޫ ކޮށްލާނީ. ދެން ބެންކު ކުދިން ކޮޅާ ސެކިއުރިޓީ ކުދިންކޮޅާ ލޯންޗް ކުދިންނާ ތަޙުޤީޤު ކުރި ކުދިންނާ ޝަރުޢީ ކުދިންން އެއްވާނީ ޑޮލަރ ބަހަން. ފުދޭވަރެއްގެ އެއްޗެއް ލިބޭނެ.
ހަސްތީ
29 October 2025
ތިކަހަލަ މީހުންގެ ކަންކަމާ ނޫސްވެރިން ކަންބޮޑުވާނީ. އެއްވެސް ފުރުޞަތެއް ނުދީ ގެންގޮސް ވައްކަމުގެ ޙުކުމް ތަނފީޒުކޮށް އަދަބު ދޭން ގޮވާބަލަ. އަބަދުވެސް ކުށްވެރިންގެ ދިފާޢުގަ ބަސްބުނާ ބަޔަކަށް މި ގައުމުގެ ނޫސްވެރިން މިވަނީ.
ގަމާރުދިވެހިން
30 October 2025
އޭ މިހަރަ ހަމައެއް ނުވިސްނޭ މޮޔަބޭފުޅާއޭ. ނުހައްގުން ގެންދާ ދުވަހު ހައްގެއް ބާކީ އޮންނާނީ އެންމެނަށްވެސް އެ ހައްގު ދީގެން.
ކީލުން
29 October 2025
މިވެރިންގެ ވަކީލުންވެސް ތިބޭތަ އެހާ އަވަހަށް. ހާދަ ތިޔާގިޔޭދޯ އަތްމަތި
އަލީބާބާ8952
28 October 2025
އެހެންވިއްޔާ ރާއްޖޭގަ ވެސެލް ޓްރެކިން ކުރާނެއެއްނު ...ތިވެސެލް ދިޔަ ތަނެއްވެސް ބެލޭނެ..އަދި ފޮރެންސިކް ޓީމުން ހޯދޭނެ ގޮތް ހުންނާނެ
މިވެސް ވަކީލެއް
28 October 2025
މުއްދަތު ޖަހާއިރު ކީއްކުރާ ވަކީލުންނެއް؟ ވަކީލުން ގެ ޑޮކިޔުމެންޓޭޝަން ހަމަ ނުޖެހޭނަމަ ގެންދާ ކޯޓެއް ވަކީލުންނަށް އަންގާކަށް ނުޖެހޭނެ! ވަކީލުން ހަމަ ނުޖެހެއޭ ކިޔާފައި 24 ގަޑި އިރުވުމުން ދޫކޮށްލަން ވީތަ؟ ވަކީލުން ބައެއް ފަހަރު އުޅޭ ގޮތުން ހީވަނީ ވަކީލުންވެސް ހިއްސާ ވަނީ ބާއޭ؟!
ސުން
28 October 2025
ވަކީލުންތީ ވަގުން ހިމާޔަތް ކުރަން ތިބި ބަޔެއްތޯ؟އެހެންތާވާނީ އެވަރަށް ރުފިޔާ މަގާ ވިއްޔާ.ކަނޑައެޅިގެން އެނގިތިބެ ބޮޑެތި ކުށްވެރިން ސަލާމަތްކުރޭ.
ގުދުގުދާބެްޔާ
28 October 2025
ހަމަ ރޭވިގެން ހިންގާ ކަމެއް! ކޯޓުން ދޫކޮއްލާނެ! ބަލަންތިބޭ!
މުލޭ
28 October 2025
ކަލޭމެން ކަންބޮޑެއް ނުވޭތަ ކަލޭމެންގެ މުވައްކިލުން މީހުންގެ އަތުންނާއި ތަންތަނުން ފޭރެމުން މީހުންނަށް ބިރު ދައްކަމުން މުޖަތަމަޢުގެ ހަމަޖެހުން ނަގާލަމުން ދުވާއިރު. މިމީހުންނަށް ވެސް ބައި އެޅޭތީ ކަންބޮޑު ނުވަނީ ތޯއްޗެއް.