ފަނޑިޔާރު ސަލީމް: އޭނާ ހައި ކޯޓުގެ ފަނޑިޔާރަކަށް ހުންނެވިއިރު ނެރުއްވި އަމުރެއްގެ މައްސަލާގެ އިސްތިއުނާފް މައްސަލަ ސުޕްރީމް ކޯޓުން ބަލާ ބެންޗްގައި އޭނާ އިންނެވިކަން ފާހަގަވުމުން، އެ މައްސަލާގެ އަޑުއެހުން ވަނީ މެދުކަނޑާލާފައި --- ފޮޓޯ/ހައި ކޯޓް
27 ނޮވެމްބަރ 2025 - 13:55
ސެންޓަ އެންޓަ ޕްރައިސަސްއަށް 32 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ކޮށްފައިވާ ހުކުމަށް އަމަލުކުރުން ހައި ކޯޓުން ހުއްޓުވި މައްސަލާގެ އިސްތިއުނާފް ޝަރީއަތުގައި ސުޕްރީމް ކޯޓުގެ ބެންޗުގައި އިންނެވީ ހައި ކޯޓުން އަމުރު ނެރުއްވި ފަނޑިޔާރެއްކަން އެނގުމުން ޝަރީއަތް މެދުކަނޑާލައިފި އެވެ.
ސެންޓަ އެންޓަޕްރައިސަސްއަށް 32 މިލިއަން ދައްކަން ސިވިލް ކޯޓުން ކުރި ހުކުމަށް އަމަލުކުރުން މިދިޔަ މެއި މަހު ހައި ކޯޓުން ހުއްޓުވިއިރު، އެ އަމުރު އެ ކޯޓުން ނެރުއްވީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު މުހައްމަދު ސަލީމާއި ފަނޑިޔާރު މުހައްމަދު ޝަނީޒެވެ.
އޭގެފަހުން ފަނޑިޔާރު ސަލީމް ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރައްވައިފަ އެވެ.
ހައި ކޯޓުގެ އަމުރު ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުގައި މިއަދު ޝަރީއަތް ފެށިއިރު، ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ސަލީމެވެ. ދެން ތިއްބެވީ ފަނޑިޔާރު އައިޝާ ޝުޖޫން އަދި ފަނޑިޔާރު އަލީ ރަޝީދެވެ.
ޝަރީއަތުގައި ދައުލަތުގެ ފަރާތުން ވާހަކަ ދައްކަމުން ދަނިކޮށް ފަނޑިޔާރު ސަލީމް ވަނީ ދައުލަތުގެ ވާހަކަތައް ހުއްޓުވައިފަ އެވެ. އަދި ފަނޑިޔާރު ޝުޖޫންއާ މަޝްވަރާ ކުރެއްވި އެވެ. އޭގެ އިރުކޮޅެއް ފަހުން ފަނޑިޔާރު ސަލީމް ވިދާޅުވީ މައްސަލައިގެ ހިމެނޭ ފަރާތްތަކުގެ ސަމާލު ކަމަށް އިޖްރާއީ ކަމެއް ގެންނަވާ ކަމަށެވެ.
އެއީ، މައްސަލައިގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރަކީ އިސްތިއުނާފް ކޮށްފައިވާ އަމުރު ނެރުމުގައި ބައިވެރިވި ފަނޑިޔާރެއް ކަމަށް ވިދާޅުވި އެވެ. އެހެންކަމުން އެކަމުގައި ގޮތެއް ނިންމަން ޝަރީއަތް މިއަދަށް ނިންމާލާ ކަމަށް ފަނޑިޔާރު އިއުލާން ކުރެއްވި އެވެ.
ސެންޓަ އެންޓަ ޕްރައިސަސްއަށް އެ ފައިސާ ދައްކަން ދައުލަތުގެ މައްޗަށް ހުކުމް އައީ ޑިޕާޓްމެންޓް އޮފް މެޑިކަލް ސާވިސަސް އަށް 2006 އިން 2008 ގެ ނިޔަލަށް ފޯރުކޮށްދިން މުދަލުގެ އަގަށްވާ 32.7 މިލިއަން ރުފިޔާ ނުލިބިގެން ސިވިލް ކޯޓުގައި ވަނީ ދައުވާ ކުރުމުންނެވެ.
އެ ފައިސާ ދައްކަން ސިވިލް ކޯޓުން ހުކުމް ކުރުމުން އެ ހުކުމް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފުކޮށް، ސިވިލް ކޯޓުގެ ނިންމުން ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކަށް އެދުނެވެ. އެހެންވެ، ހައި ކޯޓުން އޭރު އެންގީ އިސްތިއުނާފް ނިމެންދެން އެ ފައިސާ ސިވިލް ކޯޓުގައި ދޫނުކޮށް ބެހެއްޓުމަށެވެ.
އެ މައްސަލާގެ އަޑުއެހުމުގައި ފަނޑިޔާރެއްގެ މަސްލަހަތު ފުށުއަރާ ކަމެއް ފެންމަތިވިއިރު، ސެންޓަ އެންޓަޕްރައިސަސް އިން ސިވިލް ކޯޓަށް ފޭކް އިންވޮއިސްއެއް ހުށަހަޅާފައިވާ މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ. އެކަން ހާމަވީ އޮޑިޓާ ޖެނެރަލްގެ އޮފީހުން ހެދި އޮޑިޓަކުންނެވެ.
އެ މައްސަލަ މިހާރު ފުލުހުން ވަނީ ތަހުގީގު ކުރަން ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އައްޑޫކުއްޖާ
27 November 2025
ސުލޫކީ ނުވޭތަ
ޙަމީދުގެ ލީގަލް
29 November 2025
ކޮން ސުލޫކީއެއްތޯ؟ އަރާ އަރަފޯދިގެންވާ މީސްމީހުން ސުލޫކާމެދު ހާސް ވާކަށްނުޖެހޭނެ.
އިހްސާސް
27 November 2025
ފަނޑިޔާރުކަން ދޫކޮށްފަ މަމެންނާއެކު މުށިމަސް ބާނަންހިނގާ. ބޯހަމަޖައްސާލަން.
އަލިކޮއެ/ހުޅުމާލެ
27 November 2025
އަސްލު ރާއްޖޭގަ ގާނޫނު ހަދަނީވެސް، ތަންފީޒު ކުރަނީވެސް، މައްސަލަ ބަލަނީވެސް ރައީސުލްޖުމްހޫރިއްޔާ. އެއީ މިސަރުކާރުގަވެސް، މިދިޔަ ސަރުކާރުގަވެސް، އޭގެ ކުރީ ސަރުކާރުގަވެސް ކަންއޮތްގޮތް. ނަންނަން ކިޔާފަ މުއައްސަސާތަކާ މީހުން ތިއްބަސް، ރިމޯޓު ރައީސް އަތުގަ
ލީގަލް އޮފިސަރު
27 November 2025
މިވަރު ކަމެއް ވެދާނެ… މިވަރުގެ މީހުނަށް.
ޙަމީދުގެ ލީގަލް
29 November 2025
ވަރަށް ބޮޑު ތެދުފުޅެއް.
ކަތްދައްތަ
27 November 2025
ސުޕްރީމް ކޯޓަށް ގާނޫނުގަ ބުނާ ޝަރުޠު ހަމަ ނުވެޔޭ ކިޔައިގެން އޭރު ހަމަ މިނޫހުގަ ލިޔެފައި އޮތްތަން ދުށިން. މަގަބޫލެއް ނުކުރީމު. ނަމަވެސް މިއަދު އެކަން ގަބޫލުކޮށް ބަލައިގަތުން ނޫން ކަމެއް ކުރެވޭކަށް ނެތް. ޝަރުޠެއް އެކަންޏެއްނޫން މަދަނީ މުރާލިކަމާއި ހިކުމަތާއި ފަރުވާތެރިކަންވެސް ނުވެސް ނެތީމާ މިހިސާބަށް ކަންކަން ދާނީ. ރައީސް މުޢިއްޒު މިއޮތީ ރަގަޅު ހަޑިއެއް ހާވާފަ.
ޙަމީދުގެ ލީގަލް
29 November 2025
ޝަރުތަކީ ޖޭ އެސް ސީ ގެ މެޖޯރިޓީ އޮވެއްޖެއްޔާ ހަމަވާ ގޮތަށް އޮންނަ އެއްޗެއް.
ވަގުތީ ދުނިޔެ
27 November 2025
ފަނޑިޔާރުން ބެންޗަށް އަރާއިރު މައްސަލައަށް ތަައްޔާރުވެ ދިރާސާ ކޮށްލާވަރު ތިޔައިން އެނގިގެންދަނީ. ވަރަށް ސަލާމް
ސަދޫމް
27 November 2025
މިތަނުގައި ތިކަހަލަ ކަންތައް ހިނގާނީ އަބަދުވެސް އޮޅުމަކުން
ޕްރިންސް ޝަ/ހީދު
27 November 2025
ހައިކޯޓުގައި ފޮޓޯ ކޮޕީ ނަގަން އިނދެފައި ވިއްޔާ ފަނޑިޔާރު ކަމަށް ދިޔައީ، ދެން ލިޔުމެއް ބަލާނެ ހޭވެރިކަމެއް ވެސް ނުހުންނާނެތާ
ކޮރަލް
27 November 2025
ހުރިހާ އެއްޗެއް ފެންނާނީ އެކައުންޓް ތައް ބަލާލީމަ އެވެ.
ބޯހަލާކުކު
27 November 2025
މައްސަލައިގެ ލިޔުންތައް ބަލާވެސް ނުލާތަ އަރާ ރިޔާސާތުގަ އިންނަނީ. ނނޫ ީ ގަމާރުކަމުން ރޭކާ ނުލީތަ