ރައީސް މުއިއްޒު މާފަންނުގެ ރައްޔިތުންނާ ރޭ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
05 ޑިސެމްބަރ 2025 - 00:40
ޝަރީއަތް ނިމެންދެން ބަންދުކުުރުމަށް ފަހު، ޝަރީއަތް ނުނިމި ދިގުލައިގެން ގޮސް ވާނުވާ ނޭނގި ބަންދުގައި އެތައް އަހަރެއް ވެފައިވާ މީހުން [ވާނުވާ ބަންދު މީހުން] ގެ މައްސަލަތައް ނުނިމެނީސް ދޫކުރެވެން ނެތް ކަމަށް ދެކެވަޑައިގަންނަވާ ސަބަބަކީ އެ މީހުންނަށް ކުރެވޭ ބޮޑެތި ތުހުމަތުތައް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
މާފަންނު ރައްޔިތުންނާ ބައްދަލުކުރައްވަން ތާޖުއްދީން ސްކޫލްގައި ބޭއްވި ބައްދަލުވުމުގައި ކަންބޮޑުވުންތަކެއް ހިއްސާކުރި މީހަކު ބުނީ ވާނުވާ ބަންދުގައި ތިބި މީހުން ދޫކޮށްލުމަކީ ރައީސް މުއިއްޒު އެދިވަޑައިގަންނަވާ ނަމަ ފަސްމިނިޓުގެ ތެރޭގައި ވެސް އެ މަނިކުފާނަށް އަމިއްލަފުޅަށް ކުރެއްވޭނެ ކަމެއް ކަމަށެވެ.
ވާނުވާ ބަންދުގެ މީހުންގެ މައްސަލަތަކާ ގުޅިގެން ރޭގައި ވަރަށް ބޮޑަށް ދިގުލައިގެން ދިޔަ ބައްދަލުވުމުގައި ކުރިމަތިވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އެ މަނިކުފާނު ފުރަތަމަ ހާމަކުރެއްވީ އެ މީހުންގެ މައްޗަށް ކުރާ ތުހުމަތުގެ ބާވަތްތަކާއި އެ ގޮތަށް ބަންދުކޮށްފައި ތިބި މީހުންގެ އަދަދެވެ.
މި ސަރުކާރުން ޖުޑިޝަރީ އަށް ނުފޫޒެއް ނުފޯރުވާނެ. އަޅުގަނޑުމެން ބޭނުންވަނީ ހަގީގީ މާނައިގައި މިނިވަން ކޮށްދޭން."--- ރައީސް
ރައީސް ވިދާޅުވީ، ވާނުވާ ބަންދުގެ މީހުން ފަސް މިނިޓުގެ ތެރޭގައި ވެސް ބޭނުންފުޅު ނަމަ ދޫކުރެވިދާނެ ކަމަށް ބަޔަކު ބުންޏަސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މީހުންނާއި ޓެރަރިޒަމްގެ އަމަލެއް ހިންގާފައިވާ މީހުންނާއި މީހުން މެރުމާއި ޑްރަގް ޓްރެފިކިންގެ މީހުން ބަންދުން ދޫކުރުމަކީ އެ މަނިކުފާނަށް ލިބިވަޑައިގަންނަވާ ހައްގެއް ނޫން ކަމަށެވެ.
ރައީސް މުއިއްޒު މާފަންނުގެ ރައްޔިތުންނާ ރޭ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
"އަޅުގަނޑު ކޮށްގެން ވާނެ ކަމެއް ވެސް ނޫން އެއީ. އެހެންވީމާ އެކަން ނުވަނީ،" ވާނުވާ ބަންދު މީހުން އެ މަނިކުފާނަށް ފަސްމިނިޓް ތެރޭގައި ވެސް ދޫނުކުރެވޭ ސަބަބު ހާމަކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ކޯޓުތަކުން ޝަރީއަތްތައް އަވަސްކުރަން ބޭނުންވާ ވަސީލަތްތައް މި ސަރުކާރުން ފުރިހަމަކޮށްދެމުން އަންނަ ކަަމަށެވެ. ކްރިމިނަލް ކޯޓަށް ކޯޓް ރޫމްގެ ޖާގަ އިތުރު ކޮށްދިނުމަކީ ރައީސް ވިދާޅުވި ގޮތުގައި އެކަމުގައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތެއްގެ ތެރެއިން ބައެކެވެ. ނަމަވެސް ޖުޑީޝަރީން ވަކި ގޮތަކަށް ކަމެއް ކުރަން ބުނުމަކީ ކުރައްވާނެ ކަމެއް ނޫން ކަމަށް ތަކުރާރުކޮށް ރައީސް ރޭ ވެސް ވިދާޅުވި އެވެ.
"މިހާރު ވަރަށް ގިނަ މައްސަލަތައް އަވަސްކުރެވި، ނޫނިއްޔާ ވާނުވާ [ގައި] ފުނިޖެހިފައި ހުރި މައްސަލަތައް ބެލެމުން އެ ދަނީ. ކުރީގައި ކެޕޭސިޓީ ނެތީމާ، ޖާގަ ނެތީމާ ވަސީލަތް ނެތީމާ ނުބެލި ހުރި މައްސަލަތައް،" ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު މާފަންނުގެ ރައްޔިތުންނާ ރޭ ބައްދަލުކުރައްވަން ބޭއްވި ބައްދަލުވުމަށް ހާޒިރުވި ބައެއް މީހުން.---ފޮޓޯ: ނިޝާން އަލީ| މިހާރު
ވާނުވާ ބަންދުކުގައި ތިބި މީހުން ފަަސްމިނެޓް ތެރޭގައި ދޫކޮށްލެވިދާނެ ކަމަށް ބުނެ ކުރި ކޮމެންޓަށް ޖަވާބު ދެއްވަން އެ މަނިކުފާނު ދެއްވީ ތަފާސްހިސާބުތަކެކެވެ. އެއީ ވާނުވާ ބަންދުގައި ތިބި މީހުންނަށް ކުރާ ތުހުމަތުތަކުގެ ސީރިއަސްކަން ބަޔާން ކުރެއްވުމުގެ ގޮތުންނެވެ.
- ޖުމްލަ 314 މީހުން.
- މަރުގެ މައްސަލަތަކުގެ ތުހުމަތުގައި 29 މީހުން.
- ޓެރަރިޒަމްގެ ތުހުމަތުގައި 20 މީހުން.
- ކުޑަކުދިންނަށް ޖިންސީގޯނާ ކުރުމުގެ ތުހުމަތުގައި 117 މީހުން.
- މާރާމާރީގެ ތުހުމަތު ކުރެވޭ 70 މީހުން.
- ޑްރަގް ޓްރެފިކިންގެ ތުހުމަތު ކުރެވޭ 116 މީހުން.
ތަފާސް ހިސާބުތައް ދެއްވުމަށް ފަހު ބައްދަލުވުމުގެ ބައިވެރިންނާ ސުވާލު ކުރެއްވީ އެމީހުން ދޫކޮށްލަން ރައްޔިތުން ބޭނުންވާނެތޯ އެވެ.
"ފަސް މިނެޓް ތެރޭގައި މިބޭފުޅުން މަގުމައްޗަށް ދޫކޮށްލަން ދިވެހި ރައްޔިތުން ބޭނުންވާނެތޯ؟" އޯޑިއަންސަށް ދޫކޮށްލެއްވި ސުވާލުގައި ރައީސް އެއްސެވި އެވެ.
އެ އަށް ފަހު ދެއްވީ ބޮޑެތި ކުށްތަކުގެ އިތުރުން ދެން ހުރި "އެހެނިހެން" މައްސަލަތަކުގެ މީހުންގެ ތަފުސީލެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި "އެހެނިހެން" ގެ ތެރޭގައި ވެސް ތިބީ ވައްކަން ކުރުމާއި ހަތިޔާރު ބޭނުންކޮށްގެން ވައްކަން ކުރުމާއި މީހުން ކިޑްނެޕް ކުރުން، ހިއުމަން ޓްރެފިކިން، އެއްޖިއްސުން ގުޅުން ހިންގުން، ތަންތަނުގައި ހުޅުޖެހުމާއި ސްމަގްލް ކުރުން ފަދަ ކުށްތަކުގެ ތުުހުމަތުވާ މީހުން ހިމެނެ އެވެ.
ރައީސް މުއިއްޒު މާފަންނުގެ ރައްޔިތުންނާ ރޭ ބައްދަލުކުރައްވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
ރައީސް މުއިއްޒު ސިފަކުރެއްވި ގޮތުގައި "ވާނުވާ" ކަމަށް ބަލާ އުސޫލަށް، މިހާރު ހުރި މައްސަލަތައް ނުވެސް ފެތެ އެވެ. މިހާރު ތިބި މީހުންގެ ތެރެއިން ގިނަ މީހުންނަށް އެ މީހުންގެ ޝަރީއަތް ތާވަލުކުރާ ދުވަސްތަކުގެ މައުލޫމާތު އެނގޭ ކަމަށް ވެސް ވިދާޅުވި އެވެ.
އެމައުލޫމާތު ކުރިއަށް ވުރެ ވެސް ރަނގަޅަށް މީހުންނަށް ދޭ ކަމަށް ކޯޓުތަކާ ހަވާލާ ދެއްވަމުން ރައީސް ވިދާޅުވި އެވެ.
"މި ސަރުކާރުން ޖުޑިޝަރީ އަށް ނުފޫޒެއް ނުފޯރުވާނެ. އަޅުގަނޑުމެން ބޭނުންވަނީ ހަގީގީ މާނައިގައި މިނިވަން ކޮށްދޭން. މިނިވަން ކޮށްދޭން ކޮން ކަމެއްތޯ ސަރުކާރުން ކޮށްދެވޭނީ؟ ޖުޑިޝަރީ ފަންކަޝަން ކުރެވޭނެ ގޮތް ހަދައިދިނުން. ކުރީގައި އޮތީ [ޖުޑިޝަރީގައި] ތަޅު އަޅުވާފައި. މަސައްކަތް ކުރެވޭނެ ޖާގައެއް ވެސް ނެތީ. އިމާރާތް ބޮލަށް ވެއްޓިފައި ހުރީ،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ މި ސަރުކާރުން ޑްރަގް ކޯޓާއި ކްރިމިނަލް ކޯޓަށް އިމާރާތެއް ހޯދައިދީފައިވާ ކަމަށާއި ސުޕީރިއާ ކޯޓުތަކުގެ އިމާރާތުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.
"ވަސީލަތްތައް މި ގާއިމް ކޮށްދެނީ. މުސާރަ އިރާދަކުރެއްވިއްޔާ ޕޭހާމަނައިޒް މި ކޮށްދިނީ. ދެން ބަޖެޓް މި ވަކިކޮށްދިނީ. ބަޖެޓް ވަކިކުރުމަކީ ވެސް [ޖުޑިޝަރީ] މިނިވަންކުރުމަށް ވަރަށް މުހިންމު ކަމެއް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވައްހާބު
05 December 2025
އެކަމެއް ނޭންގެ މިދިޔަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ކުޑަކުއްޖަކާއި ބެހިގެން ޖަލުގައި ހުރި މީހަކު ވޯޓަށްޓަކައި ޖަލުން ނެރެ ރަށަށް ގެނެސް ބެހެއްޓުމަށްފަހު އަނެއްކާ ވޯޓުލާއި ނިމި ދުވަސްކޮޅެއްވުމުން ރައްޔިތުން އެވާހަކަ ދައްކަން ފެށުމުން އަލުން އަބުރާ ޖަލަށް ގެންދިޔަ. މީތޯ ތިބުނާ ސިކުންތު ކޮޅަކީ
ޢެޑްމުންޑޯ
05 December 2025
ވާނުވާގައި ކިތަންމެ ބޮޑު ކުށެއްގެ ތުހުމަތުވިއަސް ބޭތިއްބުން އެއީ މައްސަލައެއް ، ކުށެއްކޮއްފިއްޔާ މައްސަލަ ބަލާ ތަހްގީގުކޮށް ކުއްވެރިވާނަމަ އަދަބު ދޭނީ ، ސާބިތުނުވާނަމަ ދޫކޮއްލާނީ ، ކޮންވާނުވާއެއް ، ވާނުވާގައި ބަހައްޓަން ޖެހޭތަ؟؟؟
މުލޭ
05 December 2025
މުޖުތަމަޢު ފަސާދަކުރާ މުޖުތަމަޢަށް ނުރައްކާކުރާ އެންމެން ތިބެންޖެހޭނީ ތޭރިތަކުގެ ފަހަތުގައި. ޝަރީޢަތް ނިމުނަސް ނުނިމުނަސް އެފަދަ މީހުންނަށް އޮންނަންވާނީ އެގޮތް. ލޮލާއި ބޮލުން ރައީސަށް ތާއީދު.
އޮޅޭނީ ވަކިބަޔަކށް
05 December 2025
ތީ ހުސް ތުހުމަތު. އެކަންކަން ދައުލަތަށް ސާބިތު ނުކުރެވެންޔާ ތިއީ އަނިޔާ. ސާބިތު ނުކޮށް ދެވެނީ ސަރުކާރުގެ ޕޮލިހަށް. ދެން ޖުޑީޝަރީ ބޮލަށް ނުޖައްސަވާ. ޖުޑީޝަރީގެ އެއް ބާރުލުން އެއީ ވާނުވާ ގަ ބަހައްޓާ ދޭކަން.
ރޭރު
05 December 2025
ޒިނޭކުރާ އެއްވެސް މީހަކުނެތީ ކީއްވެބާ. މީހުންނާ އިނދެތިބެ ޒިނޭކުރުންވެސް އެއީ އިސްލާމްދީނުގައި އެންމެ ބޮޑު އަދަބު ކަނޑައެޅިފަ އޮންނަކަމެއް ރާއްޖޭގައި އާންމުކަމެއް.
އެއޭީ
05 December 2025
އެއީ ސިއްރުން ކުރާ ކަމެއް. އެކަން ކުރެވޭތޯ ބަލަން ފުލުހުން އެކްޓިވް އުޅުމަކީ އިސްލާމީ ޝަރީޢަތް ހުއްދަ ކުރާ ކަމެއް ނޫނީ.
މައުސޫމް
05 December 2025
ކަނޑައެޅިގެން މުއިއްޒުއަށް އިނގޭނެ އޭނަގެ ވެރިކަމާމެދު ހިތްހަމަ ނުޖެހޭނެ ބަޔަކުވެސް ތިބޭނެކަން. އެކަމަކު އެމީހުންގެ އުދާސްތައްވެސް އަޑުއަހައިގެން ކަންކަން ރަނގަޅު ކުރަން އުޅޭ މަންޒަރު މިފެނިގެންދަނީ.. މީ އަހަރުމެން އިދިކޮޅުގަ ތިއްބަސް ގަބޫލު ކުރަންޖެހޭ ހަގީގަތެއް
މުހައިމިންް
05 December 2025
އެމްޑީޕީ މީހުން މުއިއްޒު ސިފަ ކޮށްގެން އުޅުނީ ވަރަށް ނުބައި މީހެއްގެ ގޮތައް. އެއީ އެއްވެސް އަސްލެއްނެތް ވާހަކަތަކެއްކަން މިއަދު މިއިނގެނީ، މިނޫނީނެތް ރައްޔިތުންނާ މިހާ ގުޅިގެން ވެރިކަން ކުރި ވެރިއެއް އަދިޔަކުނެތް. މިކަން ގަބޫލު ކުރަން މިއަދު މަޖުބޫރު
އަބްޑޫޅް +
05 December 2025
އެއްޖިއްސުން ގުޅުން ހިންގުމަށް ތުހުމަތުކުރެވޭ މީހުން ތިބިއިރު، ޒިނޭކުރަމުންދާ ކަމުގެ ތުހުމަތު ކުރެވެނީ ކިތައް މީހުންނަށްތަ؟ އެބައި ހާމަ ނުކުރީ، ފޮރުވަން އޮތް ކަމެއް އޮތީމަތަ؟
ފާއިދް
05 December 2025
އަދި އެއްވެސް ވެރިޔަކު ކުރިކަމެއްނޫން މީކީ، ރައްޔިތުންގެ ކައިރިއަށް ގޮސް އެ ރައްޔިތުންގެ ހުރިހާ ޝޫރެއް އަޑުއަހާ މިވަރަށް ވަގުތު ދިނުމަކީ. މުއިއްޒު ވަރަށްވެސް ރަނގަޅު
ނައުފަލު
05 December 2025
މުޖުތަމައަށް ނުރައްކާ ބަޔަކު ދޫދީގެން ނުވާނެ އެހާ ފަސޭހައިން. އަދިވެސް ޖުޑިޝަރީ އިސްލާހުކޮށް މައްސަލަތައް އަވަސްކުރުން ރަނގަޅު