އޭޝިއާގެ ދެކުނާއި އިރުމަތީގެ ގައުމުތަކުގެ ފުޓްބޯޅައިގެ އޮނިގަނޑަށް މިހާރު އަންނަމުންދަނީ، މީގެ ކުރިން ދުވަހަކުވެސް ނުދެކޭ ފަދަ ބޮޑު ބަދަލުތަކެކެވެ. ސަރަހައްދީ ގައުމުތަކުން މިހާރު ވަނީ އެ ގައުމުތަކުގެ ބޯޑަރުތަކުގެ އެތެރޭގައި ތިބި ކުޅުންތެރިންނަށް އެކަނި ބަރޯސާވުން ހުއްޓާލައިފަ އެވެ. އޭގެ ބަދަލުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުން، އަތުޖެހެން ތިބި ހުނަރުވެރި ކުޅުންތެރިން ހޯދުމުގެ ވަރުގަދަ ކެމްޕޭނެއް ވަނީ ފަށައިފަ އެވެ.
ސަރަހައްދީ ގައުމުތަކުން މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ، އެހެން ގައުމުތަކަށް ނިސްބަތްވާ ކުޅުންތެރިންގެ ތެރެއިން ރަށްވެހިކަން ގަބޫލުކޮށްގެން ކުޅޭނެ ކުޅުންތެރިން ހޯދުމަށާއި، ބޭރު ގައުމުތަކުގައި ވަޒަންވެރިވެފައިވާ އެ ގައުމުތަކުގެ ދަރިކޮޅަށް ނިސްބަތްވާ ހުނަރުވެރި ކުޅުންތެރިންނަށް ފުރުސަތު ދިނުމަށެވެ. މީގެ ތެރޭގައި ޔޫރަޕްގެ ވަރުގަދަ އެކަޑަމީތަކުން ތަމްރީނުވެ، އެ ގައުމުތަކުގެ ޒުވާން ގައުމީ ޓީމުތަކާއި މަތީ ލީގުތަކުގައި ކުޅޭ ކުޅުންތެރިން ހިމެނެ އެވެ. މިފަދަ ކުޅުންތެރިން ގައުމީ ޓީމަށް ގެނެސް، ޓީމުގެ ފެންވަރު މައްޗަށް ޖައްސުމުގެ މަސައްކަތް މި ސަރަހައްދުގައި މިހާރު ކުރިއަށްދަނީ ހަލުވި ބާރު މިނެއްގަ އެވެ.
ޒަމާނީ ބަދަލުތަކުގެ ތެރެއަށް ސަރަހަދުގެ ގައުމުތަކުން ވަންނަމުން ދިޔައިރު ރާއްޖޭގެ ފުޓްބޯޅަ ވެއްޓުނީ ފުން އަނދަވަޅަކަށެވެ. ފައިސާ އަށް ހިޔާނާތްތެރިވުމާއި މަނީލޯންޑަރިންގެ ތުހުމަތުގައި އެފްއޭއެމް ތާށިވެ، މުޅި ފުޓްބޯޅަ އަޑިގަނޑަކަށް ގަނބައިގެން ދިޔައީ އެވެ.
ފުޓްބޯޅަ އެ އަޑިގަނޑުން ނަގަން ކުރަން ޖެހޭ މަސައްކަތުގެ ބައެއް، އެފްއޭއެމްގެ މިހާރުގެ ލީޑަޝިޕުން ހަވާލު ކުރި އެކަކަކީ މީގެ ކުރިން ވެސް ރާއްޖޭގައި މަސައްކަތް ކުރި ހަންގޭރީގެ ތަޖުރިބާކާރު އިސްތަވާން އުރްބާނީ އެވެ. އޭނާގެ ކުރީގެ ދެ ފަހަރު ވެސް ކޮށްފައިވާ މަސައްކަތުގައި ގެނެސްފައި ހުރި ބަދަލުތަކުގެ ސަބަބުން، އަޑިގަނޑުގައި އޮތް ފުޓްބޯޅަ ބަދަލުކޮށްލުމުގެ މުހިންމު ދައުރެއް އުރްބާނީ އަށް އަދާކުރެވޭނެކަމަށް، އެފްއޭއެމުން ގަބޫލު ކުރެ އެވެ.
ރާއްޖޭގެ ކޯޗުކަމާ ހަވާލުވާން އުރްބާނީ އެންމެ ފުރަތަމަ، 2009 ގައި ރާއްޖެ އައީ ދިވެހި ފުޓްބޯޅައިގެ ރަން ޖީލުގެ ދުވަސްވަރު އެވެ. މަޝްހޫރު އަލީ އަޝްފާގް (ދަގަނޑޭ) ވެސް އެންމެ ޕީކްގައި ހުރި ދުވަސްވަރެވެ. އެ ރަން ޖީލުގެ ހަނދާންތަކަކީ ކޮންމެ ދިވެއްސެއްގެ ހިތުގައި ވެސް ބިންވަޅު ނެގިފައިވާ ފޮނި ހަނދާންތަކެކެވެ
އޭރުގެ ކުޅުންތެރިން ބުނާ ގޮތުގައި، އެ ޖީލާ އުރްބާނީ އޭރު ހަވާލުވެ، އޭނާ ކޮށްދިން އެންމެ ބޮޑު މަސައްކަތަކީ ރަނގަޅު ގޭމެއް ކުޅޭނެ ސިސްޓަމެއް ނުވަތަ ފިލޯސަފީއެއް ޓީމުގައި އަށަގެންނެވުމެވެ.
މިއީ އޭގެ 17 އަހަރު ފަހެވެ. އުރްބާނީ ވެސް ރާއްޖޭގައި މަސައްކަތް ކުރާ ތިން ވަނަ ފަހަރެވެ. އޭނާ ވެސް ގަބޫލުކުރާ ގޮތުގައި ހަމައެކަނި މާޒީގެ ހަނދާންތަކުން ކުރިމަގު ބިނައެއް ނުކުރެވޭނެ އެވެ.
"ކުރީގެ ދުވަސްތައް؟ އަހަރެމެން އެންމެންވެސް އެ ދުވަސްތައް މަތިން ހަނދާންވޭ. އެއީ އޭރު އަހަރެމެން 12 އަހަރު ހަގުވީމަ. އެ ހުނަރުވެރި ޖީލާ ބައްދަލުވެއްޖެ. އެ ކުޅުންތެރިންނަށް ކޯޗުކޮށްދެވުމަކީ އަހަރެންގެ ނަސީބެއް. އެކަމަކު އެއީ މާޒީ. މާޒީއަށް ވިސްނުމުގެ ބަދަލުގައި، މިހާރު އޮތް ޒުވާން ޖީލަށް ސަމާލުކަން ދޭން ހިނގާ،" ކުރިން ބޭއްވި ޕްރެސް ކޮންފަރެންސްގައި އުރްބާނީ ބުންޏެވެ.
އޭނާ
އާއި ގައުމީ ޓީމުގެ ކުރިމަތީގައި ވެސް އޮތީ އަންނަ މަހު ރާއްޖޭގައި ބާއްވާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތެވެ.
އެ މުބާރާތުގައި ރާއްޖެއާ ދެކޮޅަށް ނުކުންނަ ތިން ޓީމުގެ ތެރެއިން އަފްގާނިސްތާނާއި ޕާކިސްތާނުގައި ޑޮމެސްޓިކް ވަރުގަދަ ލީގެއް ނެތެވެ. އެކަމަކު އެ ދެ ގައުމުގެ، ގައުމީ ކޯޗުންނަށް ވެސް ވަރުގަދަ ސްކޮޑެއް އެކުލަވާލުމުގައި މާބޮޑު ގެންޖެހުމެއް އޮތް ކަމަކަށް ނުފެނެ އެވެ.
އެ ގައުމުތަކުން ދަނީ ޔޫރަޕްގެ ތަފާތު ލީގުތަކުގައި ކުޅޭ އެ ގައުމުތަކަށް ނިސްބަތްވާ ކުޅުންތެރިން ހޯދައި، ޓީމު ވަރުގަދަ ކުރަމުންނެވެ. ޑެންމާކާއި ނޯވޭ އަދި ސްވިޑެން ފަދަ ގައުމުތަކުގެ ޒުވާން ގައުމީ ޓީމުތަކަށް ކުޅެފައިވާ އަދި އެ ގައުމުތަކުގެ ކްލަބްތަކަށް ކުޅޭ ކުޅުންތެރިން އެ ދެ ގައުމުގެ ގައުމީ ޓީމުތަކުގައި ހިމެނެ އެވެ.
ދެކުނު އޭޝިއާގެ ފުޓްބޯޅަ މިހާރު ދަތުރުކުރަމުންދަނީ މުޅިން ތަފާތު މިސްރާބަކަށެވެ. އުރްބާނީ ފާހަގަކުރާ ގޮތުގައި، އިންޑިއާ އާއި ސަރަހައްދުގެ އެހެން ގައުމުތަކުން މިހާރު މަސައްކަތް ކުރަނީ ވަރަށް ބޮޑަށް ހޭލުންތެރިވެ، ޒަމާނީ ޕްލޭންތަކަކާ އެކުގަ އެވެ. ހާއްސަކޮށް އިންޑިއާ އަދި ބަންގްލަދޭޝާއި ސްރީ ލަންކާ ފަދަ ގައުމުތަކުން އަންނަނީ ބޮޑެތި ބަދަލުތަކެއް ގައުމީ ޓީމަށް ގެންނަމުންނެވެ.
އެހެން ގައުމުތަކަށް އުފަންވެ އެ ގައުމުތަކުގެ އުޅެ ބޮޑުވެ އެ ލީގުތަކުގައި ކުޅޭ ކުޅުންތެރިން އަތްފުނާއަޅައިގެން ގައުމީ ޓީމަށް ގެނައުމުގެ މަސައްކަތް އިންޑިއާގައި ވެސް އެންމެ ފަހުން ވަނީ ފަށައިފަ އެވެ. އެއީ ދާދި ފަހަކާ ޖެހެންދެން، އިންޑިއާއިން އަތް ނުލައި އޮތް ކަމެކެވެ. މިހާތަނަށް ވެސް އެ ގައުމުގެ ޓީމަށް ގިނައިން ކުޅެފައި ވަނީ އަމިއްލަ ގައުމަށް އުފަން އަމިއްލަ ގައުމުގެ ރަށްވެހިކަން އުފަންވީންސުރެ އޮތް ކުޅުންތެރިންނެވެ. އެކަމަކު އެކަން އިންޑިއާއިން ވެސް މިހާރު ބަދަލުކޮށްފި އެވެ.
"އަފްޣާނިސްތާނަށް ބަލާއިރު ޔޫރަޕްގެ ފުޓްބޯޅަ މާހައުލުތަކުން އަންނަ ކުޅުންތެރިންގެ ސަބަބުން އެމީހުން މިހާރު ތަމްސީލުކުރަނީ (ޔޫއެފާ) މިންގަނޑުތަކުގެ ތަޖުރިބާ. އިންޑިއާ އާއި ބަންގްލަދޭޝްއިން ވެސް ބޭރުގެ ކޯޗުންނާއި ސްޓްރަކްޗަރަލް ބަދަލުތައް މެދުވެރިކޮށް ކުރިއެރުން ހޯދާތަން ފެނޭ،" އުރްބާނީ ބުންޏެވެ.
ރާއްޖެއަށް އޮތީ ތެދުވެރިކަމާ އެކު އަމިއްލަ ނަފްސު ވަޒަންކުރުން
މިއީ ރާއްޖެއަށް އޮތް ބޮޑު އިމްތިހާނެކެވެ. އުރްބާނީ ދެކޭގޮތުގައި، ސަރަހައްދީ ގައުމުތަކުން ވަރަށް ބޮޑަށް ހޭލުންތެރިވެ، ބޭރުގެ ކޯޗުންނާއި ޕްރޮފެޝަނަލް ނިޒާމުތައް ބޭނުންކޮށްގެން ކުރިއަރަމުންދާ ދަނޑިވަޅެއްގައި، ރާއްޖެ އަށް އޮތީ "އޮނެސްޓް ސެލްފް އިވެލުއޭޝަން" ނުވަތަ ތެދުވެރިކަމާ އެކު އަމިއްލަ ނަފްސު ވަޒަންކޮށް ބައިނަލްއަގުވާމީ މިންގަނޑުތަކާ އަޅާކިޔުމެވެ.
"މިސާލަކަށް، ޓިމޯލެސްޓޭއާ ދެކޮޅަށް ކުޅުނު މެޗުން އަހަރެމެން މިހާރު ތިބި ފެންވަރު އަދި ހާސިލްނުވެ ހުރި ކަންކަން ވަރަށް ސާފުކޮށް ފެނިގެންދިޔަ. އަހަރެމެންގެ ކޮމްބިނޭޝަން ޕްލޭ އާއި އެންމެން ގުޅިގެން ކުރި ޕްރެސިންގް (ގޭމް) އިން އުއްމީދީ ނިޝާންތަކެއް ފެނުނު. ނަމަވެސް، ޖުމްލަކޮށް ބަލާއިރު މީގެ އަހަރުތަކެއް ކުރިން އަހަރެން މިތަން ދޫކޮށް ދިޔައިރު އޮތް ފެންވަރާ އަޅާބަލާއިރު އަދިވެސް އަހަރެމެން މިތިބީ ވަރަށް ފަހަތުގައި،" އުރްބާނީ "މިހާރު" އަށް ބުންޏެވެ.
އޭނާ ފާހަގަކުރާ އެންމެ ބޮޑު ގޮންޖެހުމަކީ ދިވެހި ފުޓްބޯޅައިގެ އޮނިގަނޑަށް އައިސްފައިވާ ބަދަލުތަކެވެ.
ހާއްސަކޮށް ޑޮމެސްޓިކް މުބާރާތްތަކުގައި ކްލަބް ޓީމުތަކުގެ މުހިންމު މަގާމުތަކުގައި ދިވެހި ކުޅުންތެރިން މަދުވުމަކީ އޭނާގެ ކަންބޮޑުވުމެކެވެ. ފުރަތަމަ ޑިވިޝަނުން ފެށިގެން މާލޭގެ ދެ ވަނަ ޑިވިޝަނާއި އަތޮޅު މުބާރާތްތަކާ ހަމައަށް ވެސް، ސެންޓްރަލް ޑިފެންޑަރުނާއި ޑިފެންސިވް މިޑްފީލްޑަރުން އަދި ސްޓްރައިކަރުންގެ ގޮތުގައި ބިދޭސީ ކުޅުންތެރިން ގިނަވުމަކީ ގައުމީ ޓީމަށް ބޭނުންވާ ބަދަލު ކުޅުންތެރިން ހޯދުމަށް އޮތް ހުރަހެއް ކަމަށް އުރްބާނީ ބުންޏެވެ.
އޭނާ ފުރަތަމަ ރާއްޖެ އައި އިރު ރާއްޖޭގެ ފޯވާޑްލައިނަކީ ދެކުނު އޭޝިއާގެ އެންމެ ވަރުގަދަ ފޯވާޑް ލައިނެވެ. ޑިފެންސްގައި ސޮބާހް މުހައްމަދު އިބްރާހިމާއި މުހައްމަދު ޖަމީލާއި އައްސަދު އަބްދުލް ޣަނީ އާއި އަހްމަދު ސައީދު (އަންމަޓީ) ގެ ކޮމްބިނޭޝަނެވެ. އެ ކުޅުންތެރިން ރިޓަޔާ ކުރިތާ ވެސް އަހަރުތަކެއް ވެއްޖެ އެވެ. އެކަމަކު އަދިވެސް ޑިފެންސްގެ ބޮޑެތި ބާގަނޑުތައް ފޫބެއްދޭނެ ގޮތެއް ރާއްޖެ އަށް ނުހޯދެ އެވެ.
އުރްބާނީ ބުނި ގޮތުގައި ބޮޑެތި ބަދަލުތަކެއް ގައުމީ ޓީމުތަކަށް ގެންނަމުންދާ މި ސަރަހައްދުގެ ގައުމީ ޓީމުތަކާ ވާދަކުރުމަށް ރާއްޖޭގެ ޓީމަށް ގެންނަން ޖެހޭ ބަދަލުތައް ގުޅިފައި އޮތީ، ހަމައެކަނި ޓެކްޓިކަލް މަސައްކަތަކާއެއް ނޫނެވެ.
މިސާލަކަށް ޑިފެންސްގެ މައްސަލަތައް ހައްލު ކުރެވޭނީ މުޅި ފުޓްބޯޅައިގެ ސިސްޓަމަށް ގެންނަ އިސްލާހަކުން ކަމަށް އޭނާ ގަބޫލު ކުރެ އެވެ.
"މިއީ ހަމައެކަނި ޓެކްޓިކަލް ސުވާލެއް ނޫން، މިއަށްވުރެ ފުޅާކޮށް ބަލާލައިފިނަމަ ސެންޓަ ބެކް، ޑިފެންސިވް މިޑްފީލްޑަރު، ނުވަތަ ސްޓްރައިކަރު ފަދަ މުހިންމު މަގާމުތަކުގައި ހަމައެކަނި ފުރަތަމަ ޑިވިޝަނުގައެއް ނޫން ގިނަ ފަހަރަށް ދެވަނަ ޑިވިޝަނާއި ސަރަހައްދީ (އަތޮޅު) މުބާރާތްތަކުގައި ވެސް ކުޅެނީ މުޅިން ކަހަލަ ގޮތަކަށް ބިދޭސީ ކުޅުންތެރިން،" އުރްބާނީ ބުންޏެވެ.
"މިހާރު އޮތް ހާލަތަށް ބަލާއިރު ވެސް މުހިންމު ބައެއް ސެންޓްރަލް ޑިފެންޑަރުންނަށް އަނިޔާވެފައިވުމުން ބައިނަލްއަގުވާމީ ފެންވަރުގައި ވާދަކުރެވޭނެ ފަދަ އިތުރު ކުޅުންތެރިން (އެ މަގާމުތަކަށް) ހޯދުން ވަނީ ބޮޑު ގޮންޖެހުމަކަށް ވެފައި."
އުރްބާނީ ބުނިގޮތުގައި ގައުމީ ޓީމުތަކުގައި އަބަދުވެސް އުފެދޭ އަނެއް މުހިންމު ސުވާލަކީ، ނަތީޖާ އާއި ޑިވެލޮޕްމެންޓާ ދެމެދު އޮންނަންޖެހޭ ބެލެންސެވެ. ރާއްޖޭގެ ކޯޗުކަމާ މިފަހަރު ހަވާލުވުމުގެ އެންމެ ބޮޑު އަމާޒަކީ ޒުވާން ކުޅުންތެރިންގެ މައްޗަށް ބިނާވެފައިވާ އާ ގައުމީ ޓީމެއްގެ ބިނާކުރުން ކަމަށް އޭނާ ބުންޏެވެ.
އުރްބާނީ ބުނިގޮތުގައި މިފަހަރު ރާއްޖެ އައިސް މިހާތަނަށް ކުރި ތަޖުރިބާއިން، އެ އަމާޒު ހާސިލުރަން ގިނަ ބަދަލުތަކެއް ގެންނަން ޖެހޭކަން އެނގިގެން ދިޔަ އެވެ. އެ ބަދަލުތަކަކީ ހަމައެކަނި ދަނޑުމަތީގައި ކުރާ މަސައްކަތާ ގުޅިފައި އޮތް ބަދަލުތަކެއް ވެސް ނޫނެވެ. އެހެންވެ އޭނާ ގެ ޓާގެޓް ހާސިލުކުރަން އޭނާ އުއްމީދު ކުރާ މުއްދައްތަށް ވުރެ ދިގު މުއްދަތެއް ވެސް ހޭދަވެދާނެ އެވެ.
"އަހަރެން (މިފަހަރު) މިހާތަނަށް މި ކުރި ތަޖުރިބާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުން ލިބުނު ފިލާވަޅުތައް. އެކަންކަމަށް ބަލާއިރު މިއީ ވަރަށް ދިގު މަރުހަލާއެއް. ބަދަލުވާންޖެހޭ ވަރަށް ގިނަ ކަންތައްތައް އެބަހުރި. އެއީ ހަމައެކަނި ދަނޑުމަތިގައި (ކުރަން ޖެހޭ މަސައްކަތަށް) ގެންނަން ޖެހޭ ބަދަލުތަކެއް ވެސް ނޫން،" "މިހާރު" ގެ އިންޓަވިއުގައި އުރްބާނީ ބުންޏެވެ.
އޭނާ ގަބޫލުކުރާ ގޮތުގައި، ހަމައެކަނި ވަގުތީ މޮޅަކުން ފުޓްބޯޅައިގެ ހަގީގީ ކުރިއެރުން ވަޒަނެއް ނުކުރެވޭނެ އެވެ. އޭގެ ބަދަލުގައި، ދިގު މުއްދަތަކަށް ދިވެހި ފުޓްބޯޅަ ކުރިއަރުވަން ބޭނުންނަމަ، ދަނޑުމަތީގައި ދައްކާ ކުޅުމުގެ ފެންވަރާއި ދަނޑުން ބޭރުގައި ކުޅުންތެރިން ގެންގުޅޭ އަދަބުތަކާއި އާންމު ދިރިއުޅުމުގައި ވެސް ގެންގުޅޭ އުސޫލުތައް ހަރުދަނާކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
"ޒަމާނީ ފުޓްބޯޅައިގައި ޑިވެލޮޕްމެންޓުގެ ވަކި ހިސާބަކުން ނަތީޖާއަށް ވުރެ ބޮޑަށް ކުޅުމުގެ ފެންވަރަށް އިސްކަންދޭންޖެހޭ. ގައުމީ ޓީމެއް ވީމާ ނަތީޖާ މުހިންމުވާނެ. އެކަމަކު ދެމެހެއްޓެނިވި ކުރިއެރުމެއް ލިބޭނީ ދަނޑުމަތީގައި އަދި ދަނޑުން ބޭރުގައި ވެސް ކުރާ މަސައްކަތުގެ ފެންވަރު މަތިކޮށްގެން،" އުރްބާނީގެ ވިސްނުން "މިހާރު" އަށް ކިޔައި ދިނެވެ.
ކުރިން ދިން ޕްރެސް ކޮންފަރެންސް އޭނާ ބުނީ އެމެރިކާގައި ހޭދަކުރި ދިހަ އަހަރުގެ ތެރޭގައި އޭނާ އަށް ދަސްވި އެންމެ މުހިންމު ފިލާވަޅަކީ، ފުޓްބޯޅައަކީ ހަމައެކަނި ދަނޑުމަތީގައި ހިންގާ 90 މިނެޓުގެ ހަރަކާތެއް ނޫން ކަމެވެ. ކުޅުންތެރިއަކު ބައިނަލްއަގުވާމީ ފެންވަރުގައި ވާދަކުރެވޭވަރުގެ އެތުލީޓަކަށް ހެދުމަށްޓަކައި، ކެއިންބުއިމާއި، ދިރިއުޅުމުގެ އާދަކާދަތަކާއި، އަދި އެންމެ މުހިންމުކޮށް ވިސްނުން ނުވަތަ "މައިންޑްސެޓް" ބަދަލުކުރަން ޖެހެ އެވެ.
އޭނާ ބުނީ ދަނޑުމަތީގައި ހުނަރަކީ ހަމައެކަނި ފެށުމެއް ކަމަށެވެ އެ ހުނަރުގެ ބޭނުން އެންމެ ފުރިހަމައަށް ހިފޭނީ ޕްރޮފެޝަނަލް ވަކި އަދަބުތަކެއް ހުރެގެން ކަމަށް އޭނާ ގަބޫލުކުރެ އެވެ.
"ކުޅުންތެރިން ބައިނަލްއަގުވާމީ ފެންވަރަށް ތައްޔާރުކުރުމުގައި ދަނޑުމަތީގައި ކުރާ މަސައްކަތަށް ވުރެ މުހިންމު ކަންތައްތަކެއް އެބަހުރި. އެއީ ނިއުޓްރިޝަން، ދުވަހުގެ ތަރުތީބު، ދިރިއުޅުމުގައި ގެންގުޅޭ ގޮތްތަކާއި އާދަތައް. އަދި ވިސްނުން. މިއީ އަހަރެމެން (ރާއްޖޭން) ހަރުދަނާ ކުރަންޖެހޭ ދާއިރާތައް،" މާޗް މަހު ޓިމޯލެސްޓޭއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސްގައި އުރްބާނީ ބުންޏެވެ.
އޭނާ ރާއްޖެއަށް އެނބުރި އައީ ރާއްޖޭގެ ސަޕޯޓަރުންނާއި ދިވެހި ކުޅުންތެރިންނަށްޓަކައި އަދާކުރަން ޖެހޭ "އަގެއް" އޮތްކަމަށް ދެކިގެންނެވެ.
އުރްބާނީ ގަބޫލުކުރާ ގޮތުގައި މާޗް މަހު ރާއްޖޭގައި ބޭއްވި 20 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕުން ލިބުނު ފިލާވަޅުތަކާ އެކު، އާ ޓީމެއް ބިނާކުރުމަކީ ދިގު ދަތުރެކެވެ. އެކަމަކު އެ ދަތުރަށް އޭނާ ހުރީ ތައްޔާރަށެވެ.
ރާއްޖޭގެ ޓީމަށް އަނިޔާގެ މައްސަލަތަކާއި ތައްޔާރުވުމުގައި ގޮންޖެހުންތަކެއް އަބަދުވެސް ހުރެ އެވެ. ނަމަވެސް އުރްބާނީގެ އަމާޒަކީ ވަރުގަދަ ޓީމުތަކާ ވާދަކުރުމެވެ. އޭނާ ގަބޫލުކުރާ ގޮތުގައި ސަރަހައްދުގެ ގަދަ ބާރުތަކާ ދެމެދު އޮތް ފަރަގު ރާއްޖެއަށް ކުޑަކުރެވޭނީ "ތެދުވެރިކަމާއެކު އަމިއްލަ ނަފްސު ވަޒަންކޮށްގެންނެވެ."
"ވާދަވެރި ކުޅިވަރެއްގައި ކުރިއަރަން ބޭނުންވާނަމަ އެންމެ މުހިންމު އެއް ކަމަކީ އަމިއްލައަށް ވަރުގަދަ އިދިކޮޅު ޓީމުތަކާ އަޅާކިޔުން. މިއީ ހަމައެކަނި ފެންވަރު ވަޒަންކުރުމެއް ނޫން. މިއީ ކުރިއެރުން ހޯދުމަށް އޮތް އެންމެ މުހިންމު ވަސީލަތް. ގަވާއިދުން ވަރުގަދަ ޓީމުތަކާ ދެކޮޅަށް މެޗުތައް ކުޅުމަކީ ހުރިހާ އުމުރުފުރާއަކަށްވެސް، ހާއްސަކޮށް ޒުވާން ކުޅުންތެރިންނަށް ވަރަށް މުހިންމު ކަމެއް،" އުރްބާނީ ބުންޏެެވެ.
ކޮންމެ މެޗަކުން ކޮންމެ މުބާރާތަކުން، ހަމައެކަނި ނަތީޖާ ނެރެން ކުޅުންތެރިންނަށް ވިސްނައިދީގެން ރާއްޖޭގެ ފުޓްބޯޅަ އަށް ގެންނަން ބޭނުން ބަދަލު ނުގެނެވޭވެކަމަށް އޭނާ ގަބޫލު ކުރެ އެވެ. ނަތީޖާ ނެރުމުގެ ކުރިން ކުޅުމުގެ ފެންވަރު މަތިކުރުމާއި "ރަނގަޅު ފުޓްބޯޅައެއް" ކުޅުމުގެ ވިސްނުން ވެސް ކުޅުންތެރިންގެ ބޮލަށް ވައްދައި ދޭން ޖެހޭ ކަމަށް އުރްބާނީ ދެކެ އެވެ. އެންމެ ފުރަތަމަ ވެސް އެ މަސައްކަތް ނުކޮށް ނަތީޖާއެއް ވެސް ނުނުރެވޭނެ ކަމަށް އޭނާ ބުންޏެވެ.
"ޒަމާނީ ފުޓްބޯޅައިގައި (މިހާރު) ގިނަ ކޯޗުން ވާހަކަދައްކަނީ (ކުޅުންތެރިންގެ) ޑިވެލޮޕްމެންޓްގެ ވަކި މަރުހަލާތަކެއްގައި ނަތީޖާއަށްވުރެ ކުރިން ޕާފޯމަންސް ގެނައުމަށް އިސްކަން ދިނުމުގެ ވާހަކަ،" އުރްބާނީ ބުންޏެވެ.
"ދެމެހެއްޓެނިވި ކުރިއެރުން ފެށެނީ ދަނޑުމަތީގައި އަދި ދަނޑުން ބޭރުގައިވެސް ގެންނަ ބަދަލުތަކުން."
ލަންކާގައި 2012 ގައި ބޭއްވި މަހިންދަރާޖަޕަކްސަ އިންޓަނޭޝަންލް މުބާރާތް، ރާއްޖޭގެ 23 އަހަރުންދަށުގެ ގައުމީ ޓީމަށް ކާމިޔާބުކޮށް ދިން އުރްބާނީގެ މި ފަހަރުގެ މިޝަނަކީ ހަމައެކަނި މުބާރާތެއް ކާމިޔާބު ކުރުމެއް ނޫނެވެ. އެއަށްވުރެ ބޮޑަށް، އޭނާ އަށް އޮތީ ދިވެހި ފުޓްބޯޅައިގެ ބިންގާ އަލުން އެޅުމެވެ. ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީ، އެކުޅުންތެރިންގެ ވިސްނުން ބަދަލުކޮށް، މިހާރު ބޮޑެތި ބަދަލުތަކެއް ގެންނަމުންދާ ސަރަހައްދުގެ ގަދަ ބާރުތަކާ ދެކޮޅަށް ވާދަކުރެވޭނެ ވަރުގެ ވަރުގަދަ ޓީމެއް ރާއްޖޭގައި ވެސް އުފެއްދުމެވެ.