ގާސިމް އިއްޔެ މިނިވަން ކުރުމާ ގުޅިގެން، ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒާ އެކު ވަޑައިގަންނަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
13 އެޕްރީލް 2017 - 08:22
ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހައްޔަރު ކުރުމުން، ބަޔަކު ފަޔަށް ހިނި އަރައިގެން އުޅޭހެން އުޅެން ފެށީ ކީއްވެ ހެއްޔެވެ؟ އިއްޔެ ހަތުރުންގެ ގޮތުގައި ތިބި އެންމެން، އެކައްޗެއް ކިޔައި ގާސިމްގެ ދިފާއުގައި ނުކުމެ ކޮންމެ ރެއަކު ސަރުކާރަށް އެވަރަށް "ބަވަނީ" ގާސިމް ނޫން މީހަކު ފުލުހުންގެ ބަންދުގައި ނެތީ ހެއްޔެވެ؟
މިއީ، ގާސިމްގެ ދިފާއުގައި ސިޔާސީ ޕާޓީތައް ގުޅިގެން ވާހަކަ ދައްކަން ފެށުމުން، ފެބްރުއަރީ 7، 2012ގެ ހިތި ރަހަ އަރުން ނުފިލައި ތިބި ބައެއް މީހުން މިއަދު ވެސް ބުނަމުންދާ ވާހަކަ އެވެ. އެ މީހުންގެ ނަޒަރުގައި ހައްޔަރު ކުރަންވީ ގާސިމް އެކަންޏެއް ނޫނެވެ. ރައީސް ނަޝީދުގެ ވެރިކަމާ ދެކޮޅަށް އޭރު ތެދުވި ސިޔާސީ ހުރިހާ މީހުން ވެސް މިއަދު ތިބެން ޖެހޭނީ ކުޑަގޮޅީގަ އެވެ.
ގާސިމަކީ، އޭނާގެ ކިބައިގައި މިހާރު ހުރި ހުރިހާ ހައިސިއްޔަތެއް ލިބުމުގެ މާ ކުރިން ވެސް ދިވެހި ރައްޔިތެކެވެ. މައްސަލައަކަށް ވެގެން އުޅެނީ ގާސިމް ހައްޔަރު ކޮށްގެނެއް ނޫނެވެ. މިއީ ފަރުދީ ނުވަތަ ޒާތީ މަސްލަހަތެއްގެ މައްސަލައެއް ނޫނެވެ. އޭނާ ހައްޔަރު ކުރުމުގައި އަމަލުކުރި އިޖުރާއާތުތަކާއި އޭނާގެ މައްޗަށް ކުރި ތުހުމަތުތަކުގެ ދޯދިޔާ ކަމެވެ. މިއީ ގާނޫނުގެ ވެރިކަމަށް ލޮޅުން އަރުވަމުންދާ މައްސަލައެކެވެ. ރައްޔިތުން ކަންބޮޑުވަނީ އެހެންވެގެންނެވެ. ސިޔާސީ ހަތުރުން، މިތުރުންގެ އޮޑީގައި ދަތުރު ފެށީ އެހެންވެ އެވެ.
ގާނޫނާ ޚިލާފަށް ގާސިމް އިބްރާހީމް ހައްޔަރުކޮށްގެން ހަތް ދުވަސް ވަންދެން ގެންގުޅުމަށް ފަހު، އިއްޔެ އޭނާ މިނިވަންކުރީ ހައި ކޯޓުގެ ހުކުމަކުންނެވެ. އޭނާ ހައްޔަރުކޮށްފައި ހުރީ ގާނޫނާ ޚިލާފަށޭ އެންމެން ގޮވި އިރު ވެސް، އިއްޔެގެ ހުކުމާ ހަމައަށް ދިއުމުގެ ކުރިން ޕީޖީ އާއި ފުލުހުން ވެސް ގޮތް ދޫކުރާކަށް ބޭނުމެއް ނުވި އެވެ.
ގާސިމްގެ ބަންދުގެ މުއްދަތު ޖެހުމަށް ފަހު މިދިޔަ ހުކުރުދުވަހު އޭނާ ދޫނިދޫ އަށް ގެންދަނީ. --މިހާރު ފޮޓޯ: ހުސެއިން ވަހީދު
އެ ހުކުމްގައި ބުނެފައިވަނީ ގާސިމް އިބްރާހީމް ހައްޔަރު ކުރީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ 13 ވަނަ މާއްދާއާ ޚިލާފަށް ކަމަށެވެ. އެ މާއްދާގައި އޮންނަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ކުށުގެ ވެށިން ނޫން ގޮތަކަށް، ޖިނާއީ ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭނީ އެ މައްސަލަ ތަހުގީގު ކުރާ ފަރާތުން ޕީޖީ އަށް ހުށަހެޅުމުން، އެ މީހަކު ހައްޔަރު ކޮށްފައި ބަހައްޓަން ޖެހޭ ކަމަށް ޕީޖީ އަށް ގަބޫލު ކުރެވިގެން، ޕީޖީގެ ފަރާތުން ކޯޓުގައި އެދުމުން ނެރޭ ކޯޓު އަމުރެއްގެ ދަށުންނެވެ.
ގާސިމް ހައްޔަރު ކުރުމާ އެކު މުޅި ގައުމު ގޮވީ އެ ވާހަކަ އެވެ. ފުލުހުންނާއި ޕީޖީ އަށް ނީވުނަސް ގާނޫނީ ވަކީލުން ދެއްކެވީ އެ ވާހަކަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ދެއްކީ އެ ވާހަކަ އެވެ. ސިޔާސި ޕޯޑިއަމްތަކުގައި ހަރުއަޑުން ގޮވީ ވެސް އެ ވާހަކަ އެވެ.
ޖިނާއީ ތުހުމަތުތަކާ ގުޅިގެން ބަލާ ބެލުންތަކާއި ހިންގާ ތަހުގީގުތައް ހިންގަނީ ގާނޫނާ އެއްގޮތަށްތޯ ބެލުމަކީ ގާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ރ) އިން ޕީޖީ އަށް ލާޒިމްކުރާ ކަމެކެވެ. އަދި ގާނޫނުއަސާސީގެ އެންމެހައި ހަމަތަކާއި ގާނޫނާއި އެންމެހައި ފަރުދުންގެ ހައްގުތަކާއި މިނިވަންކަން ނެގެހެއްޓުން ވެސް ޕީޖީ އަށް ލާޒިމް ކުރެ އެވެ.
ޖިނާއީ ތުހުމަތެއްގައި މީހަކު ހައްޔަރު ކުރުމަށް ފަހު، 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް އެ މީހަކު ހާޒިރުކުރަން ޖެހެނީ ފުލުހުން އެދޭހާ ގޮތަކަށް އެ މީހަކު ބަންދުކޮށްފައި ބަހައްޓާކަށް ނުވަތަ ނުބަހައްޓާކަށް ވެސް ނޫނެވެ. ގާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) ބުނާ ގޮތުގައި ފަނޑިޔާރެއްގެ ކުރިމައްޗަށް އެ މީހަކު ހާޒިރުކުރަނީ އެ މީހާ ބަންދުކޮށްފައި ވަނީ ގާނޫނީ ހަމަތަކުގެ މަތިންތޯ ކަނޑައެޅުމަށްޓަކަ އެވެ.
ގާސިމް އިބްރާހިމް އިއްޔެ ހައި ކޯޓަށް ހާޒިރުކުރުމާ ގުޅިގެން އެސަރަހައްދުގައި ގާސިމްގެ ސަޕޯޓަރުންނާއި އިދިކޮޅު ފަރާތްތައް ހަޅުތާލުކުރަނީ. --މިހާރު ފޮޓޯ: ހުސެއިން ވަހީދު
ވީއިރު، ޖިނާއީ ތުހުމަތެއްގައި މީހަކު ހައްޔަރު ކުރުމަށް ފަހު އޭނާގެ ބަންދާ މެދު ގޮތެއް ބެލުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ކުރުމާ އެކު ފަނޑިޔާރުގެ އެންމެ ފުރަތަމަ ވާޖިބަކަށް ވާންވާނީ، އެ މީހާ ހައްޔަރުކޮށްފައިވަނީ ގާނޫނީ ހަމަތަކުގެ މަތިންކަން ނުވަތަ ނޫން ކަން ދެނެގަތުމެވެ. އެ މީހާގެ މައްޗަށް ކުރެވޭ ތުހުމަތާއި އޭނާ ބަންދުގައި ބަހައްޓަން ފުލުހުން ދައްކާ ހުއްޖަތްތައް ގާނޫނީ ހަމަތަކުގެ މަތިން ގުޅިގެންދާ މިންވަރެއް ވަޒަންކުރުމަކީ ފަނޑިޔާރު ކުރަން ޖެހޭނެ ކަމެކެވެ.
ގާސިމް ހައްޔަރު ކުރުމުގެ އަމުރަކަށް ފުލުހުން ކޯޓުގައި އެދުނު އިރު، ގާސިމަކީ މަޖިލީހުގެ މެމްބަރެއް ކަން ފުލުހުންނާއި ޕީޖީ އަށް އަދި ކްރިމިނަލް ކޯޓަށް ވެސް އެނގޭނެ އެވެ. ހަމަ އެފަދައިން މަޖިލީހުގެ އިމްތިޔާޒްތަކުގެ ގާނޫނެއް އޮންނަކަމާއި މަޖިލީހުގެ ގަވާއިދެއް އޮންނަ ކަން ވެސް އެނގޭނެ އެވެ.
ވީއިރު ގާސިމް ހައްޔަރު ކުރުމަށް ކޯޓަށް ދާއިރު، މަޖިލީހުގެ މެމްބަރަކު ޖިނާއީ ތުހުމަތެއްގައި ކުށުގެ ވެށިން ނޫން ގޮތަކަށް ހައްޔަރު ކުރެވޭނީ ކޮން ގޮތަކަށްތޯ ގާނޫނުތައް ދިރާސާކޮށް ބެލުމަކީ ފުލުހުންގެ ޒިންމާއެކެވެ. އެ ވަރުގެ ގާބިލްކަން ނެތިއްޔާ އައުޓްސޯސް ކޮށްގެން ވިޔަސް އެކަން ކުރަން ޖެހޭނެ އެވެ. އޭރުން މިފަހަރު މި ލިބުނު ފަދަ ބަދުނާމުތަކުން ސަލާމަތް ވާނެ އެވެ. އަދި ފުލުހުން މީހުން ހައްޔަރުކޮށް ބަންދުކުރަނީ "މަތިން އަންނަ އޯޑަރުތަކަށް" ކަމަށް ކުރެވޭ ތުހުމަތުތަކުން ވެސް ސަލާމަތް ވެވޭނެ އެވެ.
މިފަހަރު މި މައްސަލަ މި ފެންމަތިވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ވެފައި، އަދި ޖުމްހޫރީ ޕާޓީގެ ލީޑަރަށް ވުމުގެ އިތުރުން، ރާއްޖޭގެ ވަރަށް ގިނަ ބައެއްގެ އިހްތިރާމާއި ލޯބި ލިބިފައި ހުންނެވި ބޭފުޅަކު، ގާނޫނާ ޚިލާފަށް ހައްޔަރު ކުރުމުންނެވެ.
ސިޔާސީ އެއްވެސް ބުރަދަނެއް ނެތް، މީޑިއާގެ ސަމާލުކަމެއް ލިބިފައި ނުވާ އާދައިގެ ރައްޔިތުންގެ ތެރެއިން، ގާނޫނާ ޚިލާފަށް ހިފައި ހައްޔަރު ކުރީ ކިތައް މީހުން ކަމެއް ވެސް ނޭނގެ އެވެ. އެފަދަ މީހަކު ހައްޔަރު ކުރިއަސް އެހެން ބަޔަކަށް ނޭނގޭނެ އެވެ. އެކަމާ އަޅައިލާނެ މީހަކު ނުހުންނާނެ އެވެ. ކަންބޮޑުވާން ޖެހެނީ މި ސަބަބުތަކާ ހެދި އެވެ.
ގާސިމްގެ ވަކީލުންގެ ޓީމުގައި ހިމެނޭ ހިސާން އިއްޔެ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ގާސިމް ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރު ކުރާނެ ކަމަށް ބެލެވޭ ކަމަށް ވިދާޅުވި. -- މިހާރު ފޮޓޯ/ހުސައިން ވަހީދު
"މަތީ މަގާމުތަކުގައި ތިބޭ މީހުންނާ ގުޅުން ހުރި ކަންކަމުގައި ގަސްދުގައި ގާނޫނުތައް އިހުމާލުކުރާ ނަމަ، އަޅުގަނޑުމެންގެ އާދައިގެ ރައްޔިތުންނަށް ގާނޫނުން ލިބިދޭނީ ކޮން ރައްކާތެރިކަމެއް؟ ގާނޫނު ނަގަހައްޓާނެ ކަމަށް ހުވައި ކޮށްގެން ތިބި މީހުން، އެ ގާނޫނުތަކުގެ ހުރުމަތް ކަނޑަމުންދާ ތަން އާންމު ރައްޔިތުންނަށް ފެންނަމުންދާ އިރު، ކުށެއް ކުރުމަކާ ނުލައި ގަދަބާރުން ހައްޔަރު ނުކުރެވޭނެ ކަން ގާނޫނުން ކަށަވަރު ކޮށްދޭ ކަން އެނގުނު ކަމުގައި ވިޔަސް، އެފަދައިން ހައްޔަރު ނުކުރާނެ ކަމަށް ރައްޔިތުންނަށް އޮތީ ކޮން އިތުބާރަކާއި ޔަގީންކަމެއް؟" މަޝްހޫރު ގާނޫނީ ވަކީލު މައުމޫން ހަމީދު އޭނާގެ ފޭސްބުކް ޕޭޖްގައި ލިޔުއްވާފައިވެ އެވެ.
ގާސިމް ދޫކޮށްލުމަށް ހައި ކޯޓުން އިއްޔެ ކުރި ހުކުމުން ސާބިތުވި ވަރަށް މުހިންމު އެހެން ކަމެއް އެބަ އޮތެވެ. އެއީ "ބާތިލްކަމެއްގެ މައްޗަށް ތަރުތީބުވެގެން އަންނަ ކޮންމެ ކަމަކީ ބާތިލު ކަމަކަށް ވާނެ" ކަމަށް ހުކުމްގައި އޮތް އިބާރާތެވެ.
އެހެންކަމުގައިވާ ނަމަ، ގާސިމް ހައްޔަރު ކުރުމަށް ކޯޓުގައި އެދުނު އެދުމާއި ކޯޓުން ކުރި އަމުރާއި މުއްދަތު އިތުރު ކުރުމުގެ އަމުރު ބާތިލުވި ފަދައިން، ގާސިމްގެ މައްޗަށް މިހާރު ކޮށްފައިވާ ދައުވާ ވެސް އޭގެ ޒާތުގައި ބާތިލުވެގެން ދާނެ އެވެ. އެ ކަމުގެ ސަބަބެއް ކަމަށް، ގާސިމްގެ ވަކީލު މުހައްމަދު ވަހީދު ވިދާޅުވީ، ގާސިމްގެ މައްޗަށް ދައުވާކޮށްފައިވަނީ ގާސިމް ހައްޔަރުކޮށްފައި ހުރި މުއްދަތުގެ ތެރޭގައި ފުލުހުން ކުރި ތަހުގީގަށް ބިނާކޮށް ކަމަށް ވާތީ އެވެ.
ގާސިމް ހައްޔަރުކުރި ކުރުމަކީ ބާތިލު ހައްޔަރު ކުރުމަކަށް ވާއިރު، އެ ހައްޔަރުގެ މުއްދަތުގައި ކުރާ ތަހުގީގު ވެސް ވާނީ ބާތިލު އެއްޗަކަށެވެ. އަދި އެ ތަހުގީގުގެ މައްޗަށް ބިނާކޮށް ކުރާ ދައުވާ ވެސް ވާނީ ބާތިލު ދައުވާ އަކަށެވެ. އެއީ "ބާތިލު ކަމެއްގެ މައްޗަށް ތަރުތީބުވެގެން އަންނަ ކޮންމެ ކަމަކީ ބާތިލު ކަމަކަށް ވާނެ" ކަމަށް ހައި ކޯޓުގެ ހުކުމްގައި ކަނޑައަޅާފައިވާތީ އެވެ.
އަނެއް ކަމަކީ ގާސިމްގެ ޝަރީއަތް މިއަދު ފެށުމަށް ފަހުގައި، އޭނާގެ މައްޗަށް ކުރެވޭ ދައުވާ އަށް ބިނާކޮށް، ޝަރީއަތް ނިމެންދެން އޭނާ ހައްޔަރުކޮށްފައި ބެހެއްޓުމުގެ އަމުރެއް ނެރުމެވެ. އޭނާގެ މައްޗަށް ދައުވާ ކުރަނީ އޭނާ ހައްޔަރުކޮށްފައި ހުރި މުއްދަތުގައި ހިންގި ތަހުގީގުގެ މައްޗަށް ބިނާކޮށް ކަމުގައިވާ ނަމަ، އެ ދައުވާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކުރާ އަމުރު ވެސް ވާނީ ބާތިލު އެއްޗަކަށެވެ. މިއީ ހައި ކޯޓުން އިއްޔެ ކުރި ހުކުމުން ކަށަވަރު ކޮށްދޭ ކަމެކެވެ.
ގާސިމް އިބްރާހިމް އިއްޔެ ހައި ކޯޓަށް ހާޒިރުކުރުމާ ގުޅިގެން އެސަރަހައްދުގައި ގާސިމްގެ ސަޕޯޓަރުންނާއި އިދިކޮޅު ފަރާތްތަކުން ކުރި ހަޅުތާލުގެ ބައިވެރިންގެ ތެރެއަށް ފުލުހުން ވަނީ ޕެޕަސްޕްރޭ ޖަހާފައި. --މިހާރު ފޮޓޯ: ހުސެއިން ވަހީދު
ބާތިލެއްގެ މައްޗަށް ކުރާ ކަމެއް ބާތިލު ކުރުމަކީ ރާއްޖޭގެ ކޯޓުތަކުގައި މީގެ ކުރިން ވެސް ގާއިމުކޮށްފައިވާ ޕްރެސީޑެންޓެކެވެ. ގާނޫނާއި ގަވާއިދުގައި ބުނެފައިވާ އިޖުރާއާތުތަކާ ޚިލާފަށް ހޯދާފައި ހުންނަ ހެކި – އެ ހެއްކަކީ ކުށް ސާބިތުކުރުމަށްޓަކައި ކިތަންމެ ބޭނުންތެރި ހެއްކެއް ކަމުގައި ވިޔަސް – ގަބޫލު ނުކުރަނީ އެ ހެކި ހޯދާފައިވަނީ ބާތިލު އަމަލެއްގެ ތެރެއިން ކަމަށް ވާތީ އެވެ.
ދެން އޮތީ މި މައްސަލައިގައި ގާސިމް ވިދާޅުވާ ވާހަކަ އެވެ. އެއީ ގާސިމް ހައްޔަރު ކުރުމުގެ އަމުރަކަށް ފުލުހުންނަށް ކޯޓުގައި އެދެވުނީ އޮޅިގެންނެވެ. އަދި ކްރިމިނަލް ކޯޓުން އެ އަމުރު ނެރުނީ ވެސް އޮޅިގެންނެވެ. އޭގެ އިތުރުން، ގާސިމް ހައްޔަރުކުރީ ގާނޫނާ ޚިލާފަށޭ އެންމެން ގޮވަގޮވައި ތިއްބާ ދެ ވަނަ ފަހަރަށް އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރީ ވެސް ކްރިމިނަލް ކޯޓަށް އެރި އޮޅުމަކުންނެވެ.
އެހެންކަމުގައިވާ ނަމަ މުޅި ގައުމު މި އޮތީ އޮޅުމެއްގެ ތެރޭގަ އެވެ. ދިވެހި ސަރުކާރު ހިނގަނީ އޮޅުމެއްގެ ތެރޭގައި ނޫން ބާވަ އެވެ؟ މަޖިލީހުގެ ނިންމުންތައް ވަކި ބަޔަކު ބޭނުންހާ ގޮތަކަށް ނިންމަމުން އެ ދަނީ އޮޅުމެއް އަރައިގެން ނޫން ހެއްޔެވެ؟ ކޯޓުތަކުގެ ވާހަކަ ބާއްވާށެވެ.
މީޑިއާ ރިޕޯޓްތަކުން އެނގޭ ގޮތުގައި، ހައި ކޯޓުގައި އިއްޔެ ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ޕީޖީން ވަނީ، ގާސިމް ހައްޔަރު ކުރީ ގާނޫނާ ޚިލާފު ކަމަށް އެއްބަސްވެފަ އެވެ. ސުވާލަކީ އެކަން ޕީޖީ އަށް އެނގުނީ އިއްޔެގެ ޝަރީއަތުގެ މަޖިލީހުގައި ހެއްޔެވެ؟
ނޫނެކެވެ. އެންމެ ފުރަތަމަ ގާސިމް ހައްޔަރު ކުރުމާ އެކު ވެސް ޕީޖީ އަށް އެކަން އެނގޭނެ އެވެ. އެއީ ޕީޖީ އަށް ނޭނގި ފުލުހުން އެކަނި ކުރި ކަމެއް ކަމުގައިވާ ނަމަ، މީޑިއާތަކުން ކުއްލި ޚަބަރެއްގެ ގޮތުގައި އެ ވާހަކަ މުޅި ރާއްޖެ އަށް ފެތުރިގެން ދިޔަ ހިނދުން ފެށިގެން އެކަން ބަލައި ގާނޫނީ ގޮތުން ފިޔަވަޅު އެޅުމަކީ ޕީޖީގެ ގާނޫނީ ޒިންމާއެކެވެ.
ގާސިމްގެ ގާނޫނީ ވަކީލު ހިސާން ހުސައިން އިއްޔެ ވިދާޅުވި ގޮތުގައި ބައެއް ޒާތުގެ ކަންތައް ކުރަން ފުލުހުން ބޭނުންވެފައި ތިބޭލެއް ބޮޑުކަމުން އަވަސް އަރުވާލައިގެން، ވެރިން އަންގާ ގޮތަކަށް ބައެއް ކަންތައް ކުރަމުން ދިއުމަކީ ކަންބޮޑުވާން ޖެހޭ ކަމެކެވެ. ގާނޫނާ ޚިލާފު އަމުރުތަކަށް ތަބާވެ، ފުލުހުން ކުރަމުންދާ ކަންތަކާ މެދު ވަކިވަކި ފުލުހުން ޒިންމާ ނަގަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގާނޫނުއަސާސީ ބުނާ ގޮތުގައި ރާއްޖޭގެ ސިޔާދަތީ ބާރު ލިބިގެންވަނީ ގާނޫނުއަސާސީ އަށެވެ. މި އަސާސްގެ ތަފްސީލުގައި ގާނޫނުއަސާސީގެ އަށް ވަނަ މާއްދާ ބުނެފައިވަނީ، ދިވެހި ދައުލަތުގެ ތިން ބާރު ވެސް ހިންގަންވާނީ ގާނޫނުއަސާސީގައިވާ ގޮތުގެ މަތީން ކަމުގަ އެވެ. މާނައަކީ ރާއްޖޭގައި ގާއިމުވެފައި ވަނީ ދުސްތޫރީ ސިޔާދަތު (ކޮންސްޓިޓިއުޝަނަލް ސުޕްރިމަސީ)ގެ މަބްދައުތަކެވެ.
އެހެންކަމުން، ދައުލަތުގެ އެންމެ އިސް ވެރިޔާ ކަމުގައިވާ ރައީސުލްޖުމްހޫރިއްޔާ ވެސް އަމަލު ކުރައްވަން ޖެހޭނީ ގާނޫނުއަސާސީއާ އެއް ގޮތަށް ކަމަށް 106 ވަނަ މާއްދާގައި ވެ އެވެ. ރައްޔިތުންގެ މަޖިލިސް ހިންގަންވާނީ އަދި ގާނޫނުތައް ހަދަންވާނީ ގާނޫނުއަސާސީއާ އެއް ގޮތަށް ކަން ގާނޫނުއަސާސީގެ 88، 143 ވަނަ މާއްދާ އިން އެނގެ އެވެ. ޝަރުއީ ދާއިރާގެ އެންމެހައި ނިންމުންތައް ނިންމަންވާނީ ގާނޫނުއަސާސީއާ އެއް ގޮތަށް ކަން 128 ވަނަ މާއްދާ އިން އެނގެ އެވެ.
ގާނޫނީ އޮނިގަނޑު މި އުސޫލުން ތަރުތީބުވުމުގެ ނަތީޖާއަކަށް ވާނީ، ރާއްޖޭގައި ހަދާ ކޮންމެ ގާނޫނަކާއި ގަވާއިދެއް ވެސް ގާނޫނުއަސާސީއާ ޚިލާފު ނުވާ ގޮތަށް ހެދުމެވެ. އެހެންކަމުން ގާނޫނާ ޚިލާފަށް ނުވަތަ ގަވާއިދާ ޚިލާފަށް ކަމެއް ކޮށްފި ނަމަ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ގާނޫނުގެ ވެރިކަމާއި ދުސްތޫރުގެ ސިޔާދަތު ގެއްލިގެން ދާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގައްދާރު
15 May 2017
ތިޔަ ހަދަން އުޅޭއެއް ޗެއްނެހެދޭނެ ރަށުތެރޭން އެހެން ކަމަކާއުޅޭ
ޝޯޓްކަޓް
13 April 2017
ތި އާޓިކަލް ހާދަ ދިގޭ.. ނުކިޔޭނެ ތިއެއް.
ހަސަން
13 April 2017
ރައީސް ޔާމީން ހައްޔަރުކުރަން ކޯޓު އަމުރެއް ހޯދަން އުޅުނު މީހުންނަށް ޓެރަރިޒަމްގެ ދަޢުވާ ކުރެވޭނަމަ، ޤާނޫނާ ޚިލާފަށް ޤާސިމް ހައްޔަރުކުރުމުގައި ބައިވެރިވި އެންމެންގެ މައްޗަށްވެސް އެ ދަޢުވާ ކުރެވޭނެ.
މ
13 April 2017
ދައުވާ ކުރާ މައްސަލަތަކުގެ ދެކޮޅުނުޖެހޭ މިންވަރުވެސް ލިޔުންތެރިޔާ ފާހަގަ ކޮށްލޮނަމަ ވަރަށް ފުރިހަމަވީސް. ކުރީދުވަހު ރޭޑިއޯ އިން އަޑުއެހިން ދިރާގުގެ އިސްތިހާރެއް, ނުވައެއްގެ ނަންބަރު ދިރާގު ނެޓްވޯކަށް ބަދަލުވާ ފަރާތްތަކަށް ހާއްސާ އިނާޔަތްތަކެއް ހުރި ވާހަކަ. އަޅުގަނޑު ހިތަށް އަރާ މިވެސް ރިޝްވަތުބާވައޭ!
ލައިލާ
13 April 2017
މިކަމާ އަބްދުﷲ މުހައްމަދު ހައްޔަރު ކުރުމާ އެއްވަރު ކުރެވޭނެ އެއްވެސް ގޮތެއްނެތް. ނަޝީދު ވަނީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރިމަށް ތަފާތު އެތައް ފަހަރަކު އެއްބަސް ވެފައު. އަދި ކޯޓާ 100 ފޫޓަށް ކައިރި ނުވެވޭނެ ކަމަށްވެސް ބުނެފައި.
ޖައްރާފް
13 April 2017
ހައްޔަރުކުރީ އޮޅިގެން ހުކުން އިއްވާނީ ކެރިގެން ޖަލައްގެންދާނީ ބަންދެގެން
ޢާރު
13 April 2017
ވަރަށް ބޮޑަށް ވަޒަން ހަމަ ކޮށްފަ! މި ޒަމާނުގެ ދިވެހި ލަވަޔަކަށް ވުރެ މާ ރީތި!
ސައީދުބޭ
13 April 2017
ޤާނޫނުއަސާސީ އާއި އެއްގޮތަށް އަމަލުކޮށް ޤާނޫނޫ އަސާސީ ނަގަހައްޓާ ދެމެހެއްޓުމުގެ މަސްއޫލިއްޔަތު ، މިހާރު ހުންނެވި ޕީ.ޖީ އަދާނުކުރައްވާކަމުގައި ޤާބޫ ކުރެވޭތީވެ މިހާރު ހުންނެވި ޕީ.ޖީ އިސްތިއުފާ ދެއްވުމަށް ގޮވާލަން .
އަލިކަތީބު
13 April 2017
އެހެންކަމުގައިވާ ނަމަ މުޅި ގައުމު މި އޮތީ އޮޅުމެއްގެ ތެރޭގަ. މި ސަރުކަރު އުފެދުމަކީވެސް އޮޅުމަކުން އައިކަމެއް. މި ސަރުކާރު ހިނގަނީ އޮޅުމެއްގެ ތެރޭގަ. މަޖިލީހުގެ ނިންމުންތައް ވަކި ބަޔަކު ބޭނުންހާ ގޮތަކަށް ނިންމަމުން އެ ދަނީ އޮޅުމަކުން. ފ. އަތޮޅު ވިއްކާލަން އުޅުނީވެސް އޮޅުމަކުން. ރާއްޖޭގެ ރައްތަކާ ފަޅުތައް ވިއްކަނީވެސް އޮޅުމަކުން. އެމްއެމްޕީއާރސީގެ ލާރިތައް އަމިއްލަ އެކައުންޓްރަކަށް ޖަމާކުރެވުނީވެސް އޮޅުމަކުން. ހަނޑޫ، ހަކުރު، ފުށުށް އަގުބޮޑުކުރީވެސް އޮޅުމަކުން. ކަރަންޓް އަގުބޮޑުކުރެވޫނީވެސް އޮޅުމަކުން. ޔާމީނަށް ވޯޓްދިން މީހުން ވޯޓްދިނީވެސް އޮޅުމަކުން. ފުލުސް އޮފީސް ހުރީވެސް އޮޅިފަ. ރައްޔިތުން ތިބީވެސް އޮޅިފަ.
އަބަދުވެސް ވާގޮތް
13 April 2017
ކޮއްކޮ އަތުން ކުޅޭއެއްޗެހި އަތުލީމާ ރޯން ފަށާނީ. ކުޅޭއެއްޗެހި އަނބުރާ ދިނީމާ ހޭން ފަށަނީ.
އަންޒަމާން
13 April 2017
މިގައުމުގެ ކިތައް ރައްޔިތުންނަށް ނުހައްގުން ތިފަދަ އަނިޔާ ތަކެއް ލިބެމުންދާކަން ދެނެހުރީ ކޮންބައެއްތޯއެވެ ؟ އެމީހުންގެ ކަންތައްތައް އޮންނަނީ ސިއްރުވެފައެވެ. މުޅި އުމުރު ދުވަހު އެކިގައުމުތަކުން މަތީ ތައުލީމް ހޯދުމަށްފަހު ގައުމަށް ހިދުމަށް ކުރުމުގާ އެތައް އަހަރު ހޭދަ ކުރިކުރުން ވެސް ބޭކާރު ވީއެވެ. އެންމެފަހުން ކޮންމެވެސް ބަޔަކު ބޭނުންވުމުން ނުހައްގު ހަގީގަތެއް ނެތް ތުހުމަތު ތަކެއް ބޮލުގަ އަޅުވާ ހައްޔަރު ކޮށް ހުކުންވެސް ކުރެވެނީއެވެ. އުމުރުދުވަހު ރައްކާ ކުރި ލާރިކޮޅު ދޭންޖެހުނީ އަގުބޮޑު ވަކީލުންނަށެވެ. އިންސާފު ލިބޭނެ ގޮތެއްނެތީމާ ލިބެމުން ދާ އަނިޔާތަކަށް ކެއްކޮއްލައިގެން ހިމޭނުން ތިބެނީއެވެ. އަދި އެންމެ އާދައިގެ ރައްޔިތުންގެ ހާލަކީ ކޮބައިތޯއެވެ ؟ލައްކައިން ވަކީލުންނަށް ހޭދަކުރެވޭނީ ކިތައް އާއިލާއަށްތޯއެވެ، ސަރުކާރު ވަކީލުންން އިތުބާރު ކުރެވޭނެތޯއެވެ؟ ގައުމުގެ ހާލަތު މިއަދު މިވަނީ ވަރަށް ނިކަމެތިވެފައެވެ. ވަރަށް ދަށުދަރަޖައިގައެވެ. މިކަމުގެ އެންމެ ބޮޑު ޒިންމާއެއް ނަގަންޖެހޭ އެއްފަރާތަކީ ރައްޔިތުންގެ މަޖިލީހެވެ. ރައްޔިތުންގެ މަޖިލީހުން މިކަންތަކަށް ހައްލު ހޯދަންޖެހެވެ. އަނިޔާތައް ހުއްޓުވަން ޖެހެއެވެ.