ނަގޫރޯޅީގައި ފުރާޅު އެއްލާލި ގެއެއްގެ ފުރާޅު މަރާމާތު ކުރަނީ. ފޮޓޯ: ކިޔުންތެރިއެއް.
19 މެއި 2017 - 16:38
މިދިޔަ ބުދަދުވަހުގެ ރޭ އައްޑޫ ހިތަދު އަށް އެރި ނަގޫރޯޅީގައި ގެއްލުންވެ، ފުރާޅު އެއްލައިލި ގެތަކުގެ މަރާމާތު ކުރިއަށ ގެންދާއިރު، ގެއްލުންވި އާއިލާތަކަށް ސަރުކާރުން ދޭން ބުނި އެހީ ވަރަށް އަވަހަށް ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށް ބައެއް އާއިލާތަކުން މިއަދު ބުނެފި އެވެ.
ނަގޫރޯޅީގައި ހިތަދޫގެ 19 ގެއަކަށް އެކި ވަރުގެ ގެއްލުން ލިބުނެވެ. މީގެ ތެރެއިން 12 ގެއަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވެ އެވެ. އެންމެ ބޮޑަށް ގެއްލުންވި ގެތަކުގެ ފުރާޅު ވަނީ އެއްކޮށް އެއްލާފައިފަ އެވެ.
އެހެންވެ އިއްޔެ ހަވީރުން ފެށިގެން ފުރާޅުތައް މަރާމާތު ކުރަމުން އަންނައިރު، މިހާތަނަށް ތިން ގެއެއްގެ މަސައްކަތް ވަނީ ނިންމާލައިފަ އެވެ. އަދި އިތުރު ގެތަކުގެ މަސައްކަތް މިހާރު ވެސް އަންނަނީ ކުރަމުންނެވެ.
އެކި ޓީމުތަކަށް ބަހާލައިގެން މަސައްކަތް ކުރިއަށް ގެންދާއިރު، މަރާމާތުގެ މަސައްކަތުގައި ސިފައިންނާއި އެމްއާރްޑީސީ އާއި ވެމްކޯ އަދި އައްޑޫ ސިޓީ ކައުންސިލް ފަދަ މުއައްސަސާތަކުން އަންނަނީ އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.
ގެއްލުން ލިބުނު އާއިލާއަކުން ވާހަކަ ދެއްކި މީހަކު ބުނީ ކުރިއަށް އޮތީ ރޯދަމަސް ކަމަށްވުމާ އެކު، ގެ މަރާމާތު ނުކޮށް ލަސްކޮށްފި ނަމަ، ދިރިއުޅުމަށް ވަރަށް ބޮޑަށް ބުރޫ އަރާނެ ކަމަށެވެ.
ނަގޫރޯޅީގައި ގެއްލުންވި ގެއެއްގެ މަރާމާތަށް ޓިނު ބާލަނީ. ފޮޓޯ: ކިޔުންތެރިއެއް.
"އެހެންވެ މާލީ ހާލަތު މިވަގުތު ތަން ދިން މިންވަރަކުން އަމިއްލަ އަށް ތަކެތި ގަނެގެން މަރާމާތް ކުރުމުގެ މަސައްކަތް މިކުރަނީ. ހަގީގަތުގައި ރޯދަމަސް ބޯމަތިވެފައި އޮއްވައި މި ލިބުނު ގެއްލުންތަކާ އެކު އިތުރު ހަރަދުތަކެއް ކުރަން ޖެހުމަކީ ވަރަށް ބޮޑު ތަކުލީފެއް،" އޭނާ ބުންޏެވެ.
"އަސްލު ވަރަށް ހާލުގައި މިތިބީ."
ގެއްލުންވި އާއިލާތަކަށް ސަރުކާރުން އެހީ ދޭނެ ކަމަށް ރޭ ރަސްމީކޮށް އިއުލާންކޮށްފައިވާތީ، އެ އެހީ ވީހާ ވެސް އަވަހަކަށް ލިބޭނެ ކަމަށް އާއިލާތަކުން ތިބީ އުންމީ ދުކޮށްގެންނެވެ.
"އެހީ ދޭނެ ވާހަކަ ބުނީމަ އުންމީދެއްގައި މި ތެބެނީ އެކަން އަވަސް ވާނެ ކަމަށް. އެހެން ނަމަވެސް ދޭނެ ގޮތެއް އަދި އެނިގަފައެއް ނެތް. ތަކެތިން ވިޔަސް ފައިސާ އިން ވިޔަސް ވީހާ އަވަހަކަށް އެހީ ލިބުމަކީ މި ދަނޑިވަޅުގައި އެތައް ބަޔަކު ބޭނުންވެފައި ތިބި ކަމެއް،" އެއްކޮށް ފުރާޅު އެއްލައިލި ގެއެއްގެ މީހަކު ބުންޏެވެ.
"މި ލިބުނު ގެއްލުން ފޫބައްދަން އެހީ ވަރަށް ބޮޑަށް އެބަ ބޭނުންވޭ. ހަމައެކަނި ސަރުކާރަކުން ވެސް ނޫން. ހެޔޮއެދޭ ފަރާތްތަކުން ވެސް މި ދަނޑިވަޅުގައި އެހީގެ އަތެއް ފޯރުވައި ދިނުމަކީ އެތައް އާއިލާއެއްގެ އެދުމެއް."
ލިބުނު ގެއްލުންތައް ބެލުމަށްޓަކައި، ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ހާއްސަ ވަފުދެއް ވެސް އިއްޔެ ވަނީ އައްޑު އަށް އައިސްފަ އެވެ. ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އިސްކޮށް ހުންނެވި އެ ވަފުދުން އިއްޔެ ވަނީ ގެތަކަށް ޒިޔާރަތްކޮށް، އާއިލާތަކުގެ ހާލަތު ބަލައިފަ އެވެ.
ނަގޫރޯޅީގައި ފުރާޅު އެއްލާލި ގެއެއްގެ ފުރާޅު މަރާމާތު ކުރަނީ. ފޮޓޯ: ކިޔުންތެރިއެއް.
މިނިސްޓަރު އިއްޔެ ވިދާޅުވީ ނަގޫރޯޅީގައި ލިބިފައި ހުރީ ވަރަށް ބޮޑެތި ގެއްލުންތަކެއް ކަމަށާއި އެކިއެކި މުއައްސަސާތައް ގުޅިގެން، ގެއްލުން ލިބުނު އާއިލާތަކުގެ އާންމު ހާލަތު ވީހާ ވެސް އަވަހަކަށް ހަމައަކަށް އަޅުވަން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
އެހެންވެ މި މަސައްކަތަށް ހާއްސަ ޓާސްކް ފޯހެއް ވެސް އިއްޔެ ވަނީ އެކުލަވާލައިފަ އެވެ.
ގެއްލުންވި ގެތަކަށް ތަކެތިންނާއި ފައިސާ އިން އެހީވުމަށް ކައުންސިލުން ވެސް ފަންޑެއް ހުޅުވާފައިވާއިރު، ރާއްޖެ ޓީވީން ވެސް ވަނީ "އައްޑޫ ރިލީފް ފަންޑް" ގެ ނަމުގައި ފަންޑް ފޮއްޓެއް ހުޅުވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ
20 May 2017
އެހީއަކަށް އިންތިޒާރު ކުރާކަށް ނުޖެހޭނެ.. މިހާރު ނުހުންނާނެ ނަގޫރޯޅީގެ އަސަރުކޮށްގެން މިހާރު ހަދަން ނުފަށާ .. ފުރާޅު އަޅާދީ ނިމުނު ގޭގޭތަކުގައި ފެނަކައިން މިހާރު ކަރަންޓް އެއްކޮށް ލައިދެމުން އެދަނީ ... ފަންކާ އާއި ލައިޓާއި އެހެނިހެން ސާމާނުތައް ސަރުކާރު ޚަރަދުގައި ގުޅައިދެމުން އެދަނީ ... މިކަން ކުރަނީ ، ފެނަކަ، އެމްއާރުޑީސީ، ހިތަދޫ ޕޯޓްލިމިޓެޑް، ހައުސިން، ޕޮލިސް، އެމްއެންޑީއެފް އަދި ޢާންމުން ގުޅިގެން ...
ޒާ
19 May 2017
އިންތިޒާރު ކުރަންޖެހޭ ކަމަކަށް ނުދެކެން. މިހާރުވެސް އެވަނީ ބައެއް ޢިމާރާތްތައް ހަދާ ނިންމާފައި. ދެންވެސް ކޮށްދޭންޖެހޭ ކަމެއް އޮތް ނަމަ ކޮށްދޭނެ. މިއީ ނަޝީދުގެ ދެއުޅި އެއްނުވާ ސަރުކާރެއްނޫން. ތިމާމެންގެ ޕާޓީމީހުންނަށް ނޫނީ ކަމެއް ކޮށް ނުދޭކަށް. އެހެން މީހުންކަމަކު އަޔަށް ނަޝީދު ބުނިފަދައިން ނުލަފާކަމެއް ޔާމީނު ނުދައްކާނެ. ސަރުކާރުން ރައްޔިތުން ތަފާތު ނުކުރާކަމާއި ވޯޓު ކޮންމެ ގޮތަކަށް ދިނަސް ކޮށްދޭން ޖެހޭ ކަންކަން ކޮށްދޭކަން އެދަނީ ސާބިތު ކަމާއެކު ރައީސް ޔާމީނު ދައްކަވަމުން. އަދިވެސް އެކަން ބަލައި ނުގަންނަ މީހުން އިދިކީލި ވެފައި ތިބެބަލަ.
އައްޑޫ ރަދުން
19 May 2017
އެހީ ލިބޭނީ ޕާޓީ ފޯމްގައި ސޮއެކުރީމަ
ޕޮގުބާ
19 May 2017
ނުޖެހެ ކުރާކަށްވެސް ހިޔޮހިތުން ސަރުކާރުން ކަމެއްކޮއްދިނަސް ވާނީނުބައި
ކުޑަދޫއަހްމަދު
19 May 2017
ސަރުކާރަކުން ތިޔަކަމެއް ނުކުރާނެ! އުއްމީދުގައި ތިބެންޖެހޭނީ! އެހާވަރުގެ ސަރުކާރެއްނޫން މިއީކީ! އެހެންނަމަ ރައީސުލްޖުމްހޫރިއްޔާ ތިޔަ 12 އާއިލާގެ މީހުންނާއި، ފޯނުން ގުޅާލާނެ! ދުނިޔޭގެ ސްޕަރޕަވަރ އަދި އެންމެ ހައިބަތުބޮޑު އެމެރިކާގެ ވެރިމީހާވެސް އެގައުމުގެ ރައްޔިތުންނަށް ފޯނުކުރާނެ މިކަހަލަ ކަންކަމުގައި! ދިވެހިރާއްޖޭގައި ހުރި މީހާއަށް ނުކެރޭ ރައްޔިތުންނާއި ފޭސްކުރާކަށް!
އިޚްލާސް
19 May 2017
ތިޔަ ބޭފުޅާއަށް ނޯންނާނެ ރަނގަޅު އެއްގޮތެއްވެސް. ގުޅިޔަސް ބުނާނެ އެއުޅެނީ ކަންދައްކާށޭ. އައްޑު ގޮސް ގެއްލުން ލިބުނު މީހުނާ ބައްދަލު ކުރާއިރަށް ބުނާނެ، އެތަނަށް ދިއުމަށް ކުރި ޚަރަދު އެމީހުނަށް ދިނިއްޔާ މާރަނގަޅުވާނޭ. ބަޔަކުދެކެ ނުރުހުން ވެއްޖެނަަމަ އެބަޔަކުގެ ފަރާތުން އެއްވެސް ރަނގަޅުކަމެއް ނުފެންނާނެއެވެ. އެއީ ހަމަ އިންސާނުންގެ ހާލަތެވެެ.