އިދިކޮޅު ޕާޓީތަކުން ބޭއްވި ޕްރެސްގައި ޝިފާ މިއަދު ވާހަކަ ދައްކަވަނީ. -
18 ސެޕްޓެމްބަރ 2017 - 15:20
ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ފްލެޓް ދިން މީހުންގެ ތަފުސީލްތައް އާންމު ނުކުރުމަކީ ގިނަ ބައެއްގެ ހައްގުތައް ނިގުޅައިގަތުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް އިދިކޮޅު ފަރާތްތަކުން މިއަދު ބުނެފި އެވެ.
އިދިކޮޅު ހަރަކާތްތަކުގެ މައި ޖަގަހަ މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މާލޭގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވި ގޮތުގައި 661 ފްލެޓް ލިބުނު މީހުންގެ ނަންތައް ހާމަނުކުރީ މަކަރާއި ހީލަތުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހައުސިން މިނިސްޓްރީން ކުރި ކަމަކަށް ވާތީ އެވެ.
އޭނާ ވިދާޅުވީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ބޭއްވެވި ނިއުސް ކޮންފަރެންސްގެ ސަބަބުން، ފްލެޓް ދިނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަން އިތުރަށް ސާފުވި ކަމަށެވެ. އަދި މުއިއްޒުގެ ވާހަކަ ހުރީ ފްލެޓް ހޯދުމަށް ފޯމުލީ ނިކަމެތި މީހުން ކުށްވެރިކުރާ ހިސާބުގައި ކަމަށް މޭޔަރު ވިދާޅުވި އެވެ.
އެހެންވެ، ޝިފާ ވިދާޅުވި ގޮތުގައި މިކަމުގައި އޮތް ހަމައެކަނި ހައްލަކީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދީ، ފްލެޓް ލިބުނު ހުރިހާ އެންމެންގެ ނަންތައް ހާމަކުރުމެވެ.
"ހައްލަކީ ހުރިހާ ނަންތަކެއް ހާމަކުރުން. ފޮރުވައިގެން މިކަމުން ސަލާމަތްވާނެ ކަމަކަށް ނުފެނޭ،" އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާކަން ވެސް ކުރައްވާ ޝިފާ ވިދާޅުވި އެވެ.
އެމްޑީޕީ ސަރުކާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މީގެ ކުރިން ސަރުކާރުތަކުން އެއްވެސް މަޝްރޫއެއް ހިންގާފައި ވަނީ ރައްޔިތުންނަށް ވީހާވެސް ދެ ފުށް ފެންނަ، ހާމަކަން ބޮޑު ގޮތެއްގައި ކަމަށެވެ.
"އެކަމަށް އެދި ފޯމު ހުށަހެޅި މީހުންނާއި މާކްސް ލިބުނު މިންވަރާއި ހުރިހާ އެއްޗެއް އަބަދުވެސް ހާމަކޮށްފައި ހުރީ. އޭގެ ބޭނުމަކީ، މީހަކަށް ޝަކުވާއެއް ކުރަން އެނގެނީ ވެސް ހަގީގަތުގައި އަނެއް މީހާ އަށް ލިބުނު މާކްސްއަކާއި އޭނާ އަށް ލިބުނު މާކްސްއަކާ އަޅުވާ ކިޔަން އެނގުނީމަ،" އަސްލަމް ވިދާޅުވި އެވެ.
ފްލެޓަށް އެދި ފޯމު ހުށަހެޅި 15،000 އަށް ވުރެ ގިނަ މީހުންގެ ދިގު އިންތިޒާރަށް ހަތަރު އަހަރު ފަހުން މިދިޔަ ހަފުތާގައި ނިމުން އައިއިރު، ލިސްޓް އާއްމުކޮށްފައި އޮތީ ފްލެޓް ލިބުނު މީހުން ސިއްރުކޮށް، ހަމައެކަނި ފޯމު ނަމްބަރާ އެކުގަ އެވެ. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއުން ފްލެޓް ދިނީ ކިތައް ޕޮއިންޓް ލިބުނު މީހުންނަށް ކަމެއް ތަކުރާރުކޮށް ނޫސްވެރިން ސުވާލުކުރުމުން ވެސް މުއިއްޒު މިއަދު ޖަވާބެއް ނުދެއްވަ އެވެ.
އަސްލަމް ވަނީ ނަން ހާމަނުކުރި ނަމަވެސް، އެންމެ ކުޑަ މިންވަރަކަށް މީހުންނަށް މާކްސް ލިބުނު ގޮތް އެނގެން ޖެހޭތީ ވީހާވެސް އަވަހަކަށް ލިބުނު މާކްސްތައް ހާމަކޮށް ދިނުމަށް ގޮވާލައްވައިފަ އެވެ.
"އަޅުގަނޑުމެން މި ދައްކާ ވާހަކައަކީ އިންސާފުވެރިކަމާއެކު މިކަން ކުރެވޭ ތަން، ދެ ފުށް ފެންނަ ގޮތަށް ފެންނަން ޖެހޭ. އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ހައިސިއްޔަތުން އަޅުގަނޑުމެން ކުރާނީ މިކަންތައް. މިއީ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ގޮތުގައި ތިބޭ ސަބަބަކީ. ސަރުކާރުން ކުރާ ކަންތައްތަކަށް ފާރަވެރިވެ އެކަން ދައްކަން، ސިޔާސީ މީހަކު ވާހަކަ ދައްކާނަމަ، އެއީ ސިޔާސީ ވާހަކައެއް." އަސްލަމް ވިދާޅުވި އެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވިދާޅުވީ ރާއްޖޭގެ ތާރީޚުގައި ގެދޮރު ދޫކުރުމުގައި ސަރުކާރުން މިހާ ބޮޑު ކޮރަޕްޝަންގެ އަމަލެއް ހިންގާފައި ނުވާ ކަމަށެވެ. އެގޮތުން ފްލެޓް ދިންއިރު، ވަރަށް ބޮޑަށް އޮޅުވާލާފައިވާ ކަމަށް ވެސް މަހްލޫފް ވިދާޅުވި އެވެ.
"ނަމާއި އެޑްރެސް ހާމައެއް ނުކުރެވުނު. އެކަމަކު އެއްކަލަ ނަންބަރު އިން ދިމާލުގައި ޖަހާލަދޭންވީ ނޫންތޯ ލިބުނު މާކްސް؟" މުއިއްޒަށް ވަރަށް ބޮޑަށް ފާޑު ކިޔައި މަހްލޫފް ވިދާޅުވި އެވެ.
ޝިފާ އާއި މަހްލޫފްގެ ވާހަކައިގައި ވަނީ ފްލެޓް ދިން މައްސަލައިގެ ހަގީގަތް ބެލުމަށް މިނިވަން މުއައްސަސާތަކުން އިސް ނަގައިގެން މަސައްކަތް ކުރުމަށް ގޮވާލައްވައިފަ އެވެ. އަދި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މި މައްސަލަ ނުބެލުނަސް، އެކަން ބެލޭނެ ދުވަހެއް އަންނާނެ ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަބަރު
19 September 2017
މިސަރުކާރުން!!!!!!!!!! ހައްގު ނިގުޅައިގަތުން!!!!!!!!!!!!! ހައްގަކީ މިސަރުކާރު. ދެކޮޅުވާ ކޮންމެ މީހަކަށް މިއަންނަނީ ގަދަފަދަ ހުކުމެއް. އެހެންވީމާ ހައްގަކީ މިސަރުކާރުކަން ޔަގީން.
އަލީ ނަސީރު
19 September 2017
އާންމު މީހުންގެ ސިކުނޑި ވަނީ ކާލާފަ؛ ބިރުގަންނަވާލާފަ؛ މާ ކުރީއްސުރެ. މިޔުޒިކް ކޮންޑަކްޓަރެއް ބޭންޑު ގެންގުޅޭހެން، ޖަމަލު ތަކަކައް ބޯޖަހާލަ ޖަހާލަ މިތިބެނީ. ދެން ފްލެޓު ވާހަކަ އިން ދަމައިގަނެވޭނީ މިއައްވުރެ ކޮން ބޮޑު ހައްގެއް؟
އަބްދުއްލާ
18 September 2017
ހައްގު ނިގުޅައިގެންފަ އޮތީ ކޮންތާކު ބާއްވާފަ ، ކުށް ކުރި މީހަކު ކުށެއްނުކުރާކަމަށް ދޮގުހަދާ މީހަކާ އެކު އުޅޭ މީހުންގެ ބަޔަކާ އެކު އުޅޭ ބަޔަކު ދައްކާ ވަހަކަ ގަބޫލް ކުރާނީ ކިހިނެތް
މަންމަގެ ގެވަޅު
18 September 2017
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް މެގެ ވެސް ހަލާލު ތޯ ހަމަ، އަސްލަމް ކޮރަޕްޝަންގެ އަމަލެއް ހިންގާފައި ނުވާނެ ތޯ
އަބަހައްދައޭ
18 September 2017
މާލެ ސަރަހައްދުން ފްލެޓްސް ތައް އެދެނީ ވަރަށް ސްމޫތް ކޮށް ބައިނަލް އަގްވާމީ ސްޓޭންޑަރޑް އަށް ފެތޭ ގޮތަށް ސީދާ ސޯޝަލް ސައެންސް ފޮތުގައި ލިޔެފައި އޮންނަ ގޮތަށެވެ. ތަމެން ތިޔާ އުޅެނީ ފަޔަށް ހިނިއަރައިގެން އަބަހައްދަވެގެންނޭ މަމެން ބުނަން ނެތީމު ދޯ.
އަބްދުއްލާ
18 September 2017
700 ފްލެޓް 15000 މީހުނަށް ދެވޭނެ ގޮތެއް އޮތްތޯ ބަލަމާ ހިގާ .ލިބޭނީ ކޮންމެވެސް އެއް ބަޔަކަށް ، އަނެއްބަޔަކު ވެސް ކެތްތެރިވެ މިންވަރަށް އީމާން ވަމާ ހިގާ .އޭރުން މާތް ﷲ ހެޔޮ ރަހްމަތް ލައްވާނެ .އެއްވެސް ކަމެއް މާތްﷲ ގެ އިރާދަ ފުޅާ ލައިގެން މެނުވީ ނުކުރެވޭނެ . ތިމާވެސް މަސައްކަތް ކުރަންޖެހޭނެ . އެ މަސައްކަތް ރީތި ގޮތުގާ ގެންދިއުން ރަނގަޅުވާނެ.
މޫސަބެ
18 September 2017
ހަކުރާ ހަނޑޫ ބޮޑު ކުރިޔޭ ކިޔާގެންވެސް މީހުން އުޅުނީ ތިހެން ހީހީ ހަލާކު ވެދާނެ....