ނޫސްވެރިންތަކެއް މީޑިއާ ކައުންސިލް ކައިރީގައި އަތުގުޅާލައިގެން.---މިހާރު ފޮޓޯ
22 އޮކްޓޯބަރ 2017 - 13:47
ދައުލަތުގެ އެއް މުއައްސަސާއަކުން މީޑިއާ ބެލެހެއްޓުމާ ގުޅޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުވައިފި އެވެ.
ސަރުކާރުގެ ފަރާތުން އުނގޫފާރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު ޖައުފަރު ދާއޫދު ހުށަހެޅުއްވި މޯލްޑިވްސް މީޑިއާ ކޮމިޝަންގެ ބިލުގެ ފުރަތަމަ ކިޔުން އަންނަ އަންގާރަ ދުވަހުގެ ޖަލްސާ އަށް ވަނީ އެޖެންޑާކޮށްފަ އެވެ. ނަމަވެސް އެ ބިލާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އަދިއެއް ނޭނގެ އެވެ.
ވެރިކަންކުރާ ޕާޓީ، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު "މިހާރު" އަށް މިއަދު ވިދާޅުވި ގޮތުގައި އާ ބިލުގެ ނަތީޖާ އަކަށް ވާނީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން އުވިގެން ދިއުން ކަމަށެވެ. އޭގެ ބަދަލުގައި އުފައްދަނީ ހުރިހާ މީޑިއާތައް އެއް ފުރާޅެއްގެ ދަށަށް ގެނައުމަށްޓަކައި "މޯލްޑިވްސް މީޑިއާ ކޮމިޝަން" އެކެވެ.
މިހާރު އަމަލުކުރާ ގޮތުން ނަމަ، ބްރޯޑްކާސްޓަރުން ރެގިއުލޭޓްކޮށް، ބަލަހައްޓަނީ ބްރޯޑްކާސްޓިން ކޮމިޝަނުންނެވެ. ޕްރިންޓް އަދި އޮންލައިން މީޑިއާތަކުގެ ބެލެނިވެރި ފަރާތަކީ މީޑިއާ ކައުންސިލް އެވެ. އެ ދެ މުއައްސަސާ ވެސް ހިންގަނީ ވަކި ގާނޫނެއްގެ ދަށުންނެވެ.
މީޑިއާ ކޮމިޝަންގެ ބިލް މަޖިލީހަށް ފޮނުވީ މީޑިއާތައް އެއް އިދާރާއަކުން ބެލެހެއްޓުމުގެ ބޭނުމުގައި ކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު ނިހާން ވިދާޅުވި އެވެ. ނަމަވެސް އެބިލުގައި މައިގަނޑު ގޮތެއްގައި ހިމެނޭ ކަންތައްތަކުގެ ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
މީޑިއާ ކައުންސިލު އެކުލެވިގެންވަނީ މީޑިއާގެ އިދާރާތައް ތަމްސީލުކުރާ އަށް މެންބަރުންނާއި އާންމުންގެ ތެރެއިން އިންތިޚާބު ކުރެވޭ ހަތް މެންބަރުންނާއެކު ޖުމްލަ 15 މެންބަރުންގެ މައްޗަށެވެ. މީޑިއާ ކައުންސިލަކީ ވަކި ސިއްކައެއް އޮންނަ މިނިވަން ގާނޫނީ ޝަޙްސެކެވެ.
ބްރޯޑްކާސްޓިން ކޮމިޝަންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ބްރޯޑްކާސްޓަރުން ހާއްސަކޮށް، ޓީވީތަކާއި ރޭޑިއޯތައް ރެގިއުލޭޓް ކުރުމާއި ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން ޒިންމާދާރުކަމާއި ހަމަހަމަކަމާއެކު ދަމަހައްޓައި އާލާކޮށްދިނުން ހިމެނެ އެވެ. އެ ކޮމިޝަނަށް މެމްބަރުން އައްޔަން ކުރާނީ މަޖިލީހުންނެވެ.
މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވާލަން ސަރުކާރުން ނިންމިއިރު، މަޖިލީހުގެ މެޖޯރިޓީ އޮންނަ ޕީޕީއެމްގެ ބައެއް މެމްބަރުން ކުރިން ވަނީ މީޑިއާ ކައުންސިލާ ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ. އަދި މާލިއްޔަތު ކޮމެޓީން ވަނީ މީޑިއާ ކައުންސިލަކީ އޮންނަން ޖެހޭ ތަނެއް ނޫން ކަމަށް އެ ކޮމެޓީގައި މަޝްވަރާކޮށް ރިޕޯޓެއް ވެސް ނެރެފަ އެވެ.
ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ވިލުފުށީ ދާއިރާގެ ރިޔާޒް ރަޝީދު، މާލިއްޔަތު ކޮމެޓީގައި ދާދި ފަހުން ވިދާޅުވި ގޮތުގައި އެއް މަސައްކަތެއް ކުރާ ދެ ތަން އޮތުމުގެ މާނައެއް ނެތެވެ. މީޑިއާ ކައުންސިލް އޮވެގެން ކުރެވެނީ ކޮން ކަމެއް ކަން އެނގިވަޑައިނުގަންނަވާ ކަމަށް ރިޔާޒް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތެޔޮބެ
23 October 2017
ރިޔާސީ ކޮމިޝަނާ އޭސީސީ ކުރަނީވެސް އެއްކަމެއް
ނައީ
22 October 2017
ކަޓް ދޭންޖެހޭ މީހުން މާ ގިނަވީ. ކޮންބާރެއް ނުލިބިގެން ތަ މި އުޅެނީ.
ހަސަނު
22 October 2017
ދެން "މޯލްޑިވްސް މީޑިއާ ކޮމިޝަން" ހަދާފަ، މެޑަމް އޮފީހުގާ ގޮނޑިއަތުރާން ގެންގުޅޭ ދެތިން ކުދިން އެތަނަށް ލީމާ ހުންނާނީ މިނިވަން މުައްސަސާ ހެދިފަ..
ޖައިސާމް
22 October 2017
އަނެއްކާ އާ ގޭސްފގަނޑެއް އަނބުރާފަ މީޑިއާ ކޮންޓްރޯލް ކުރަން ޖަހާ މަޅިއެއް ތޯއްޗެއް. ދެންވެސް ޒޭނާ އަކާ ޝަހީބުއަކާ ލައިގެން ތިތަން ހިންގަން އުޅޭ. އޭރުން 'މިނިވަން' ވާނީ
ރަދީފް
22 October 2017
ޝަހީބް ނަގާފަ އެއްލާލަން ކުރާކަމެއްގެ ގޮތުގަ ފެންނަނީ.
ހަސަން
22 October 2017
والله أعلمُ
އުދުހޭ
22 October 2017
ސަރުކާރުގެ ފަރާތުން ސަހަލު ބިލެއް ނާންނާނެ. މިއީ ވިސްނޭގޮތް.
ޢަލިމަނިކުފާނު
22 October 2017
ހެދުނުއެއްޗެއް ހަދާލަން ޖެހޭނީ. ފަހަށް ނުވިސްނާތި. ދުވަހެއް އޮތްކަން ހަނދާން އެބަހުރިތޯ؟
ރަދީފް
22 October 2017
ހުދްމުހްތާރުކަން އިތުރުކުރަން ކުރާކަމެއް.މީޑިޔާއަށް ހަމަލަދީ އޮބިއަޅަން ކުރާ މިކަހަލަ ކޮންމެ ކަމެއްގެ މޭސްތިރިއަކަށް ޖައުފަރު ދާވޫދު ހުރުން އެއީ ދެރަކަމެއް.
ދާއޫދުގެ ފަހު ދައުރު
22 October 2017
ޣައިރު ޤާނޫނީ އަޣްލަބިއްޔަތެއް ބޭނުން ކޮށްގެން އަދިވެސް ބަޔަކަށް އަނިޔާއެއް ނުވަތަ"ލަޑެއް" ދެވޭތޯ ބެލުން ނޫން ކަމެއް ނުކުރެއެވެ.މިއީ ކިހިނެއް ވެފައި ތިބި ބައެއް ބާއެވެ؟