11 ނޮވެމްބަރ 2017 - 06:09
ރާ ބުއިން ކެންސަރާ ގުޅިފައިވާ މިންވަރަށް ބަލާ އިރު ރަލަކީ އާއްމު ސިއްހަތަށް އޮތް ވަރަށް ބޮޑު ނުރައްކަލެއްކަން އެމެރިކާގެ އިސް ޑޮކްޓަރުންތަކެއް ފާހަގަކޮށްފި އެވެ.
ކެންސަރަށް ފަރުވާ ދޭ ޑޮކްޓަރުންގެ ގްރޫޕެއް ކަމަށްވާ އެމެރިކަން ސޮސައިޓީ އޮފް ކްލިނިކަލް އޮންކޮލޮޖީ އިން "ޖާނަލް އޮފް ކްލިނިކަލް އޮންކޮލޮޖީ"ގައި ޝާއިއުކުރި މި އިންޒާރަކީ ރާ ބުއިމާ ދެކޮޅަށް އެ ޖަމްއިއްޔާ އިން މިހާ ސީދަލަށް ވާހަކަދެއްކި ފުރަތަމަ ފަހަރެވެ.
ދުވާލަކު އެންމެ ރާ ތައްޓެއް ނުވަތަ އެއަށް ވުރެ މަދުން ބުޔަސް ކެންސަރުގެ ނުރައްކަލަށް ހުށަހަޅޭނެ ކަމަށާއި އާދަވެގެން ގިނައިން ރާ ބޯ ނަމަ އެ ނުރައްކާ އަދި އެއަށް ވުރެ ވެސް ބޮޑުވާނެ ކަމަށް ޖާނަލްގައި އިންޒާރުދީފައިވެ އެވެ.
ކެންސަރުގެ އެކި ބާވަތްތަކާއި ރަލާ ހުރި ގުޅުން ހާމަވެފައިވާ ދިރާސާތަކަށް އެ ރިޕޯޓުގައި އަލިއަޅުވާލާފައިވެ އެވެ. އެގޮތުން މެދުމިންވަރަކަށް ރާ ބުޔަސް، އަންހެނުންނަށް އުރަމަތީގެ ކެންސަރު ޖެހުމުގެ ފުރުސަތު 5-9 ޕަސެންޓް ބޮޑުވާކަން ވަނީ ފާހަގަކޮށްފަ އެވެ.
އެމެރިކާގެ ޖަމްއިއްޔާ އިން އިތުރަށް ބުނިގޮތުގައި އެކި ބާވަތްތަކުގެ ކެންސަރު ޖެހިގެން 2012ގައި ދުނިޔޭގައި މަރުވި މީހުންގެ 5.8 ޕަސެންޓަށް އެ ބަލި ޖެހުނީ ރާ ބުއިމުގެ ސަބަބުން ކަމަށް ވެސް އެއް ދިރާސާއަކުން ދައްކަ އެވެ.
މި ޑޮކްޓަރުންގެ އިންޒާރު މި އައީ އެމެރިކާގައި ރާ ބުއިން އިތުރުވަމުންދާ ދަނޑިވަޅެއްގަ އެވެ. އެއާ އެކު ކެންސަރު ބަލި ވެސް އިތުރުވެގެންދާނެ ކަމުގެ ކަންބޮޑުވުން ޑޮކްޓަރުން ހިއްސާކުރެ އެވެ.
ޖަމްއިއްޔާ އިން ބުނީ ކޮންމެ ބާވަތެއްގެ ރާ ބުޔަސް މި ނުރައްކާ އޮންނާނެ ކަމަށާއި ހިތަށް "ފައިދާހުރި" އެއްޗެއް ކަމަށް ބެލެވިފައިވާ ރެޑް ވައިން ވެސް މިއިން އިސްތިސްނާ ނުވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހްމދު
12 November 2017
ރާ ހަރާމް. ވިސްނާބަޔަކަށް އިބްރަތްތަކެއް ލިބިގެންވެއެވެ.
ކަލޯކަލޯ
12 November 2017
ސިނގެރެޓް ހުއްދަ ވާނެތ؟ ރަލާ ސިނގެރެޓާ ގޯހީ ކޮންޗެއްތޯ؟
ތިމަންނަ
11 November 2017
ތިޔަފަދަ ގިނަ ސަބަބުތަކެއް ހުރުމުން ، އަހަރުމެންގެ ދީން ތިޔަބޭނުން ކުރަން ހުއްދަ ނުކުރަނީ..