ރިޕޯޓް / ދިވެހި ބަސް

ސާރު، ދާލަން، ބުރިޖު - ކަމުދޭތަ؟

"ޑައިނަސޯ"ގެ ދިވެހި ނަމަކީ "ސާރު" އަދި "ބްރިޖް" އަށް ކިޔާނީ "ބުރިޖު" ނުވަތަ "ދާލަން" ކަމަށް ދިވެހި ބަހުގެ އެކެޑަމީން ވަނީ ނިންމާފައި.

ދިވެހި ބަހުގެ މުއްސަނދިކަމާއި ފަސޭހަކަމާއި ބޭނުންތެރިކަމާ ބެހޭ ގޮތުން އާއްމުންގެ ތެރޭގައި ވަރަށް ބޮޑަށް ވާހަކަދެކެވޭ ދުވަސްވަރެކެވެ. ސޯޝަލް މީޑިއާގެ މަގްބޫލުކަމާ އެކު ފުޅާވެގެން ގޮސްފައިވާ މި ބަހުސްގެ ފޯރި ދޭތެރެދޭތެރެ އިން ގަދަކޮށްލަނީ ދިވެހި ބަހުގެ އެކެޑަމީން އަލަށް ހަދާ ލަފްޒުތަކެވެ. މިދިޔަ ހަފްތާގައި ތައާރަފްކުރި ތިން ލަފްޒު ވެސް ގިނަ ބައެއްގެ އަމާޒުފަތްގަނޑަކަށް ވަނީ ވެފަ އެވެ.

ކުރިން އަޑު އިވިފައި ނެތް ލަފްޒެއް އައިމާ އޭގެ އާކަން މީހުންނަށް އާދަޔާޚިލާފު ގޮތަކަށް ނަގައިގަނެވެނީ ކަމަށް ވެސް ވެދާނެ އެވެ. ކޮންމެއަކަސް، ކޮންމެވެސް ސަބަބަކާ ހެދި، ކޮންމެ އާ ލަފްޒަކާ އެކު ވެސް ބަހުގެ އެކެޑަމީ އަށް ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް އަބަދުވެސް އަމާޒުވެ އެވެ. އެންމެ އާއްމު ކޮމެންޓަކީ ބަހުގެ އެކެޑަމީގެ ނަމުގައި އޮތް "އެކެޑެމީ" އަށް ހަގީގީ ދިވެހި ލަފްޒެއް ނަހަދައި ހަމައެކަނި ފިލި ބަދަލުކޮށްލި ވާހަކަ އެވެ. "ޑައިނަސޯ" އަށް ކިޔާނެ ދިވެހި ނަމެއްގެ ގޮތުގައި ތައާރަފްކުރި "ސާރު" އާއި ބްރިޖްގެ ދިވެހި ދެ ލަފްޒު ކަމަށްވާ "ބުރިޖު" އަދި "ދާލަން" ވެސް މަލާމާތާއި ފާޑުކިޔުންތަކުން ސަލާމަތެއް ނުވި އެވެ. އެކަކު ސުވާލުކުރީ "މިއީ އާއްމު ރައްޔިތުންނަށް އުނދަގޫކުރަން އުޅޭ އެކެޑަމީއެއް"ތޯ އެވެ.

ގިނަ ބަޔެއްގެ ސުވާލަކީ އާ ލަފްޒެއް ހަދަނީ ކޮން ގޮތަކަށް ބަލައި ކިހާ މަސައްކަތެއް ކޮށްގެންތޯ އެވެ. ސަބަބަކީ، މި ފަހަރު މި ތައާރަފްކުރި ތިން ލަފްޒަށް ބަލާ އިރު ވެސް އިނގިރޭސި ލަފްޒުން ނުވަތަ އެހެން ދިވެހި ލަފްޒަކުން ބައެއް ނަގައި ބޭނުންކޮށްފައި ވުމެވެ. މިސާލަކަށް، "ޑައިނަސޯ" އަށް "ސާރު"ގެ ނަން ދިނީ އިނގިރޭސި ލަފްޒު ނިމޭ ތިން އަކުރު ބޭނުންކޮށްގެން ކަމަށް އެއް ބަޔަކު ދެކެ އެވެ. އަދި "ބްރިޖް" ދިވެހިކޮށްލަން އުބުފިލި ޖަހައި "ބުރިޖު" އަށް ބަދަލުކޮށްފައިވާ އިރު "ދާލަން" އަކީ "ފާލަން"ގެ ފަހު ދެ އަކުރެވެ. އެހެންވެ، ފޭސްބުކްގައި އެކަކު ބުނީ، މި އުސޫލުން ލަފްޒުތައް ހަދަންޏާ، މިސާލަކަށް "އެކްސްކިއުޒް މީ" ދިވެހި ކޮށްލީމާ ބަދަލުވެގެންދާނީ ހަމައެކަނި "މީ" އަށް ކަމަށެވެ. އެކަމަކު މިއީ މައްސަލައެއްތޯ ނުވަތަ ނޫންތޯ އެއީ ހަމަ ބަހުސްކުރެވިދާނެ ކަމެކެވެ.

"ސާރު" އަށް ވުރެ "މާ ހައިބަތުހުރި" ލަފްޒުތަކެއް

"ޑައިނަސޯ"ގެ ދިވެހި ނަމަކީ "ސާރު" ކަމަށް ބަހުގެ އެކެޑަމީން އިއުލާންކުރުމާ އެކު ސޯޝަލް މީޑިއާގައި ޖޯކުޖަހަން ވަނީ ފަށައިފަ އެވެ. އެފަދަ ބައެއް ކޮމެންޓްތަކުގެ ތެރޭގައި:

"ވަރަށް ފަސޭހަ ގޮތެއް ނަން ހަދަން. ޑައިނަސޯ = ސާރު، ކޮމްޕިއުޓަރު = ޕޫތަރު"

"ސާރު އެއީ އިންޑިއާގައި ސޫޕަކަށް ކިޔާ ނަމެއް ނޫންތަ؟"

"ޑައިނޮސާރު ވެސް އޯކޭ. އެކަމަކު ދެން ސާރު މީ އަޅެ ކޯއްޗެއް؟"

"ކުޑަކުދިން ވާހަކަދައްކަން ދަސްކުރާ ދުވަސްވަރު މި ގޮތަށް ކިޔައިއުޅޭ. ފައިވާން = ވާން ކިޔާ ގޮތަށް."

ބައެއް މީހުން ބުނަނީ "ސާރު"އަކީ އެއްގޮތަކަށް ވެސް "ޑައިނަސޯ"އާ ގުޅޭ ނަމެއް ނޫން ކަމަށެވެ. އަދި މި ގޮތަށް ލަފްޒު ހެދުމަކީ ބޭކާރު ކަމެއް ކަމަށާއި ދިވެހި ބަހަށް ޒުވާނުންގެ ޝައުގުވެރިކަން ގެއްލެނީ ވެސް މިފަދަ ސަބަބުތަކާ ހެދި ކަމަށް ޚިޔާލުފާޅުކޮށްފައިވެ އެވެ. އަދި އެކަކު ހުރީ "ސާރު"އާ ހެދި، "ދިވެއްސަކަށް ވީތީ ވެސް ލަދުގަންނަ" ހިސާބަށް ގޮސްފަ އެވެ.

"ދިވެހި ބަހުން ތާކުންތާކު ނުޖެހޭ ނަން ހަދައިގެން ކިޔަން ފެށީމަ ލަދުގަނޭ. ދިވެއްސަކަށް ވީތީ ވެސް ލަދުގަނޭ."

ކޮމެންޓްތަކުގެ ތެރޭގައި:

"އެއްވެސް އުފެއްދުންތެރިކަމެއް ނެތް. ޑައިނަސޯގެ ފަހު ބައި ކޮޕީކޮށްލީ. އާ ލަފްޒުތައް ނުހިނގަނީ މިހެންވެ."

"މިއީއޭ ކުދިން ދިވެހި ބަހާ ދުރުވާ ސަބަބަކީ."

"މިހާ ވަރުގަދަ އެއްޗަކަށް ހާދަ ނިޔަނެތި ނަމެކޭ."

"ތި ކިޔާނެ މީހަކު މި ގައުމަކު ނޫޅޭ. ޑައިނަސޯ ކީ ނަމަ މާ ރަނގަޅުވީސް. އޭރުން 'އެކެޑަމީ' ގޮތަށް އިތުރު ބޭކާރު ބަހެއް ނުހަދާ ވީސް."

"ޑައިނޯ ކަނޑާލާފައި ދިވެހިކުރަން ސާރު ކިޔަސް ގިނަ ދިވެހިން ކިޔާނީ ހަމަ ޑައިނަސޯ."

"'އެކެޑެމީ' އަށް ބަހެއް ނުހަދާ 'އެކެޑަމީ' ކީ ގޮތަށް ކީއްވެ ޑައިނަސޯ އަށް ޑައިނަސޯރު ނުކީ."

ހަރުދަނާ ޚިޔާލުތަކެއް ވެސް ބައެއް މީހުން ހުށަހަޅާފައިވެ އެވެ. އޭގެ ތެރޭގައި، "ސާރު"ގެ ބަދަލުގައި "ޑައިނަސޯ" އަށް ދެވިދާނެ "މާ ހައިބަތު ހުރި" އެހެން ނަންތައް ހިމެނެ އެވެ. މިސާލަކަށް، "ސާރުސޮރު"، "ދިޔޯސާރު" އަދި "ދިގުސާރު" އެވެ. އެކަކު ބުނީ އިނގިރޭސި ލަފްޒު "ޑައިނަސޯ" އައި ގޮތަށް ބަލާ އިރު، "ބިރުވެރިބޮނޑު" ނުވަތަ "ބިރުބޮޑުބޮނޑު" ކިޔުން މާ އެކަށީގެންވާ ކަމަށެވެ.

"މަހާ ކީއްވެތޯ ނުލީ؟ މަހާ ރެހެންދި، މަހާ ޖައްރާފު، މަހާސަމާ. މަހާ ސާރު ކީ ނަމަ ވަރަށް ސަޅިވީސް،" އެހެން މީހަކު ލިޔެފައިވެ އެވެ.

"ށަވިޔަނިން ފެށޭ ބަހެއް ކީ ނަމަ ދޯ؟ ށަވިޔަނިން ފެށޭ ބަސް ނުހުންނަ އިރު،" އެކަކު ޚިޔާލު ދިނެވެ.

ކުޑަކުދިންގެ މެދުގައި މަގްބޫލުކަން ބޮޑު ޑައިނަސޯގެ ތަފާތު އެކި ވައްތަރުތައް ހުންނަ އިރު ދިވެހިން ނަން ކިޔާނީ ކިހިނެއްތޯ މީހަކު ސުވާލުކުރީމާ ބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް އަލީ ފޭސްބުކްގައި ވިދާޅުވެފައި ވަނީ "ސާރު"ގެ ކުރިއަށް އެ ވައްތަރުތައް ގުޅުވާލާނީ ކަމަށެވެ.

"(މިސާލަކަށް) ނަގޫސާރު، އަލިފާން ސާރު، ގުދުލީ ސާރު، މި މޭރުމުން،" އަޝްރަފް ޖަވާބުދެއްވާފައިވެ އެވެ.

ބްރިޖް = ބުރިޖު، ދާލަން

"މަށަށް ހީވާ ގޮތް: ކުޑަކުއްޖަކަށް ފާލަން ކިޔަން އުޅެ ނުކިއިގެން ކިޔުނު އެއްޗެއް. ދާލަން. އެކަމަކު ދެން އޯކޭ. ފާލަން އެއީ ރަށަށް އަރާ ފޭބުމަށް. ދާލަން އެއީ ދެ ތަނެއް ގުޅުވާލުމަށް،" "ބްރިޖް" އަށް ބޭނުންކުރާނެ ދެ ލަފްޒު ތައާރަފްކުރުމާ އެކު ފޭސްބުކް ކޮމެންޓެއްގައި މީހަކު ލިޔެފައިވެ އެވެ.

އެހެން މީހަކު ސުވާލުކުރީ "'ފާލަން' ދާލަން އަކަށް ވީތޯ؟" އެވެ. ބައެއް މީހުން މާނަކުރަނީ "ފާލަން އެއީ ޖެޓީ، ދާލަން އެއީ ބްރިޖް"ގެ ގޮތުގަ އެވެ. އެކަމަކު އަނެއް ބަޔަކު ސުވާލުކުރަނީ ދިވެހި ބަހުގައި "ފާލަން"އަކީ "ބްރިޖް"ގެ މާނަ ވެސް އޮތް ލަފްޒަކަށް ވާއިރު މުޅިން އާ ލަފްޒެއް ހަދަން ޖެހޭތޯ އެވެ.

ދިވެހި ބަސްފޮތް ބުނާ ގޮތުން "ޖެޓީ" އަދި "ބްރިޖް"ގެ މާނައިގައި ވެސް "ފާލަން" ބޭނުންކުރެވެ އެވެ:

ފާލަން: 1. ފުރާ ދުއްވާ އެއްޗެހި ގާތްކޮށް މީހުން އަރާ ފޭބުމަށާއި، މުދައު އަރުވާ ބޭލުމަށް ގޮނޑުދޮށުގައި ތަނބު ޖަހައިގެން ނުވަތަ ގަލާއި ވެލި އަޅައި ހިއްކައިގެން ހަދައިފައި އޮންނަ ތަން. 2. ދެ ތަނެއް ގުޅުވުމަށް ކޯރުކޯރާއި ފެންގަނޑު ފަދަ ތަންތަން ހުރަސްކޮށް މީހުން ހިނގުމަށާއި އެއްޗެހި ދުއްވުމަށް ތަނބު ޖަހައިގެންނާއި ހިއްކައިގެން ނުވަތަ ފަތިތަކެއް ހަނި ދިގުކޮށް ގަތައި އެލުވައިގެން ހަދައިފައި ހުންނަ މަގު.

"ބަސްބަހީ މީހުން ހަދާ އެއްޗެއް ބަލަގަ ނޫނޭ ތެދޭ"

ޅެން ބައިތަށް އިޝާރާތްކޮށް އެއް ބަޔަކު ބުނަނީ ބަހަކީ "ގުދުރަތުގެ އެއްޗެއް" ކަމަށާއި އެއީ ހަދާ އެއްޗެއް ނޫން ކަމަށެވެ. މި އާ ލަފްޒުތައް އާއްމުކޮށް މީހުން ބޭނުންކޮށްފާނެ ކަމަށް ނުދެކޭ މީހުން ގަބޫލުކުރާ ގޮތުގައި "ބަހެއް ބަހަކަށް ވަނީ އެ ތާނގައި އުޅޭ ބަޔަކު ބޭނުންކުރުމުން"ނެވެ.

"ބަސް އެއީ ހަދާ އެއްޗެއް ނޫނެވެ. އެއީ މުޖުތަމައުގައި އެއްޗަކަށް ނުވަތަ ކަމަކަށް މުޚާތަބު ކުރަމުން އައިސް އެ މުޖުތަމައުގައި ވައިގައި ހިފާ 'ބަސް' ބަހެވެ. ހަމަ ދެ މީހަކު ތިބެފައި ދައުލަތުގެ ނިވާފަތްގަނޑުގައި ތިބެ އެބްސޮލިއުޓްކޮށް ކަމަކަށް/ އެއްޗަކަށް ނަން ކިޔުމެއް ނޫނެވެ. އެހެން ބަސްބަހުގައި ވެސް އެ ބަހެއްގެ ރަދީފަށް 'ބަހެއް' ހިމަނަނީ އާއްމުކޮށް އެ ބަހެއް ސޮސައިޓީގައި ބޭނުންކުރަން ފެށީމަ އެވެ. ނޫނީ ވިއްޔާ ގިނަ މީހުން ބޭނުންކުރަނީ އެ ބަހަކަށް ގިނަ މީހުން ބޭނުންކުރާ 'ފޮރިން ވޯޑް' އެވެ،" އެކަކު ޚިޔާލު ފާޅުކޮށްފައިވެ އެވެ.

އާ ލަފްޒުތަކުގެ ބޭނުން "ދިވެހި މުޖުތަމައަށް ވަރަށް ބޮޑު"

ފާޑުކިޔުންތައް ކިތަންމެ ގިނަޔަސް، އާ ލަފްޒުތަކުގެ ބޭނުންތެރިކަމާ މެދު ބަހުގެ އެކެޑަމީ އަށް ޝައްކެއް ނެތެވެ. އެ ތަނުން އަންނަނީ ބޭރު ބަސްބަހުގެ ލަފުޒުތަކަށް ކަނޑައަޅާ ދިވެހި ލަފުޒުތައް ހިމަނައިގެން "ބަސްތޫރަ"އެއް ނެރެމުންނެވެ. (ތޫރައަކީ އިނގިރޭސިބަހުގެ "ބުލެޓިން" އަށް ކިޔާ ދިވެހި ލަފުޒެވެ.) އާ ލަފްޒުތައް ހަދަނީ އެކެޑަމީގެ ބަސް ކޮމިޓީގެ އިލްމީ ލަފާގެ މަތިންނެވެ.

އެކެޑެމީގެ ރައީސް އަޝްރަފް ގަބޫލުކުރައްވާ ގޮތުގައި މިހާރުގެ ހާލަތަށް ބަލާ އިރު އާ ލަފްޒުތަކެއް ނެރުމުގެ މުހިއްމުކަން ވަރަށް ބޮޑެވެ. އެއީ "ދިވެހި ބަހުގެ ފާގަތިކަމާއި ތަރައްގީ އަށް ލިބޭ އިތުރު ކުރިއެރުމެއް" ކަމަށާއި "ދިވެހި ބަސް ތަރައްގީކުރުމުގެ މަސައްކަތަކީ ދިވެހި ކޮންމެ ފަރުދެއްގެ ވާޖިބެއް" ކަމަށް ވެސް އޭނާ ގަބޫލުކުރައްވަ އެވެ.

"ދިވެހިބަހާ މަސްހުނިކޮށްގެން ވަރަށް ގިނަ ބޭރު ބަސްބަހުގެ ލަފުޒުތައް ބޭނުންކުރެވެމުން ދާ ދުވަސްވަރެއްގައި މި ފަދަ ތޫރައެއް ނެރުމަށް ގަސްތުކުރީ މި ކަމުގެ ބޭނުން ދިވެހި މުޖުތަމައަށް މި ހިނދަށް އޮތް ލެއް ބޮޑުކަމުންނެވެ،" އެކެޑަމީގެ ވެބްސައިޓުގައި އަޝްރަފް ލިޔުއްވާފައިވެ އެވެ.

"އަޅުގަނޑު އުންމީދުކުރަނީ ބަސްތޫރައިގެ ސަބަބުން ދިވެހި ރައްޔިތުންނަށް އައު ލަފުޒުތައް ދަސްވުމެވެ. ދިވެހި ބަހުގެ ވާހަކަދެއްކުމުގައި ބޭރު ބަސްބަހުގެ ލަފުޒުތަކަށް ބަރޯސާވާ ބަރޯސާވުމަށް ކުޑަ ނަމަވެސް ހައްލެއް އައުމެވެ."

105 ކޮމެންޓް, 105 ރިއެކްޝަންސް

icon happy icon happy 18%
icon sad icon sad 2%
icon angry icon angry 80%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަޅެދެން

26 November 2017

"މާދަމާ ހުޅުލެއަށް ދާނީ ދާލަމުންނެވެ" އެބުނީ ކަނޑުމަގުން ދާ ވާހަކަތަ. ދާއިރު މަސްކޮޅެއްވެސް ގެންދަންވެގެން މަސް ހިފަން ދާލަމުން ދާ ވާހަކަތަ.

The name is already taken The name is available. Register?

ކަޅޭ

25 November 2017

ޑައިނަސޯ އަށް ކިޔަން ފެންނަނީ ؟ ( ނަގޫ ސޭސަރު. ) އެންމެބޭފުޅުން ގެ ކޮމެންޓަކަށް އެދެން

The name is already taken The name is available. Register?

ބުރިޖު

25 November 2017

ތިޔަށް ކިޔަން އެންމެ ރަންގަޅީ ސަރު ދަވާލަން

The name is already taken The name is available. Register?

މާނު

25 November 2017

(ފާލަން. ހުރަސްތޮށި. ޖެޓީ) މީ އަޅުގަނޑު އަޑު އަހާތާ 40 އަހަރު ވެފަިވާ ބަސްތަކެއް. ފެންނަ ފެނުމަށް މާބޮޑު ތަފާތެއް ނުހުރޭ ހުރަސްށިން ފާލަމުން އަދި ޖެޓީން ވެސް ރަށައް އަރާފައިބާތީ ފެނޭ.

The name is already taken The name is available. Register?

ފުންއަސަރު

25 November 2017

ނުރުހިފާވާ ބަޔަކަށް، ހިތްހަމަ ޖެހޭނޭ ގޮތެއް ނޯންނާނެ. ނަމެއް ފާސްކުރުމުން އެނަމަށް އަހުލުވެރިވީމަ މާ ސަޅިވާނެ. ނަން ރީތިވާނީ ކިޔަންފެށީމަ. އެއަށް ޝައުގު އުފެދުނީމަ. ކުރާ ކޮންމެ ކަމެއް ގޯސްކުރަން ވެއްޖެނަމަ، ރަނގަޅު ހަމަ އެންމެ ކަމެއްވެސް އެހެން ބަޔަކަށް ނުކުރެވޭނެ. އެކުވެރިކަމާ އެއްބާރުލުން ކެނޑިފާވާތީ ތިހުރިހާކަމެއްވެސް ވަމުންމިދަނީ.

The name is already taken The name is available. Register?

ވިސްނަވާ

25 November 2017

މިއޮއްފަދަ ޒަމާނުގައިވެސް ބަސް ކުރި ނޭރުވިގެން މިއުޅެނީ. އަޅެފަހެ ތިމާމެން އިހުއުޅުނު އެއްބައިވަންތަކަމާއި އިސްލާމީ ރިވެތި އަޚްލާޤާއި ދީން ކުރިއަރުވަން މަސައްކަތް ކޮށްބަލަ. އަބަދުވެސް އުޅޭނީ ދުނިޔެވީ ކަންކަމުން އެއްބަޔަކަށްވުރެ މޮޅުވާން. ޤިޔާމަތް ދުވަހު އެންމެ ގިނަ ދިވެހިބަސް ހެދި މީހަކަށް ވަކި މަތީމަޤާމެއް ނުލިބޭނެ. ދުނިޔެ ޤިޔާމަތް ވާއިރު ކިތައް ދިވެހިން ދިވެހި ބަހުން ވާހަކަ ދައްކާފަ އުޅޭނެބާ. މި ޤައުމު ޗާރޓުގައި އޮންނާނެބާ.

The name is already taken The name is available. Register?

ރޯސް

25 November 2017

މާލެ ވެލާނާ ބޮޑުފާރު ގުޅުވޭނި ދެންމިވަރަ ކަށް

The name is already taken The name is available. Register?

ޢަހި

25 November 2017

ޚޮންމެ ކަމެެްގަވެސް ފެންނަނީ އޮޕޮރެޝަން. ބަހުގެ އެކަޑަމީން ބަހެއް ހެދިކަމުގަވިޔަސް އެ ބަހެއް ބޭނުމެއް ނުކުރެވޭނެ. ބަހެއް އުފެދިގެން އަންނަނީ އެ ބަހެއް މުޖުތަމައުގައި ބޭނުންކުރެވެން ފެށުމުން. ޢެއީ ނެތުރަލް ޕޮރޮސެސްއެއް. ޢެއީކީ އެއްވެސް ހާލެއްގައި އެކަޑަމީއަށް ކުރެވޭނެކަމެއްނޫން. ޢެކަޑެމީގާ ތިއްބެވި ލިންގްއިސްޓިކް ބޭފުޅުންނަށް މިކަން އެނގިލައްވާނެ. ބައްލަވާ ގޯޖް ޔޫލް ފަދަ މީހުން ލިޔެފަ ހުރި ފޮތްތައް.

The name is already taken The name is available. Register?

ބުހައިރާ

24 November 2017

ދިވެހިބަހުގެ ތެރޭގައި ވަރަށް ގިނަ އަރަބި ބަސްހިމެނެއެވެ، އެކަޑަމީއަަށް އަރަބިންްވެސް ކިޔަނީ އެކަދަމިއްޔާ، ފިއްޔެއް ބަދަލުކުރިޔަސް އަދި ދިވެހި ބަހަކަށް ނުވާނެ، އެގޮތަށް ބަލަންޏާ އަރަބި ބަހުން ކިޔަސް މާރީތިވާނެ ކަމަށް ފެނޭ، މިސާލަކަށް: ޖަސަރުލް ބަޙުރު އޭގެ މާނައަކީ ދައޯޝަން ބުރިޖް/ ނޫނީ ޗައިނާ ބަހެއް ގުޅުވަންނާ ކިހިނެއްވާނެ ޔުއާންލަން، ކަންފޫލަން، ޔުއާންރުފިޔާލަން، ދިވެހިން ކިޔަންޏާ ކަނޑުހުރަސް ފާލަން، ހުޅުމާލަން، ގުޅުވާލަން، ދިޗައިނާލަން، ދެކޮޅަށްދުއްވާލަން، އިނގިރޭސީން ދިބުލޫ އޯޝަން ކުރޮސް. ދިޔުއާމީން ބުރިޖް. ވ. ސަލާމް- މިކޮމެންޓު ޖަހާލަދިނުން އެދެން.

The name is already taken The name is available. Register?

ހެހެހެ

25 November 2017

ނޯ މޯ ކޮމެންޓް އެއްވަނައިގެ ކޮމެންޓެއް

The name is already taken The name is available. Register?

1234

24 November 2017

ކަނޑު ހުރަސް - މީއެންމެ ދުލަށްވެސް ފަސޭހަ ބޮލަށްވެސް ފަސޭ ނަމަކީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454