ށ. ފުނަދޫ ބަނދަރުމަތި: އެ ރަށުގައި ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވި ބިދޭސީމީހާ އަށް ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން.
28 ޑިސެމްބަރ 2017 - 20:35
ށ. ފުނަދޫގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ބިދޭސީ މީހާގެ ހަށިގަނޑުގެ 44 ޕަސެންޓް ފިހިފައިވާ ކަމަށް ށ. އަތޮޅު ހޮސްޕިޓަލުން މިރޭ ބުނެފި އެވެ.
ފުނަދޫ ބަނދަރު ހަދަން އެ ރަށަށް ގޮސް ހުރި ބަންގްލަދޭޝްގެ އެ މީހާގެ ގައިގައި ހުޅު ހިފީ، ގޭސް ލީކުވެފައި ހުއްޓާ އުނދުން ރޯކުރުމުންނެވެ.
ށ. އަތޮޅު ހޮސްޕިޓަލް ހިންގުމާ ހަވާލުވެ ހުންނެވި ހަސަން އިސްމާއީލް ވިދާޅުވީ ބިދޭސީ މީހާގެ ދެ އަތުން ބަޔަކާއި ފައިގެ ކަކުލުން ތިރި އަދި ކަނދުރާ އާއި މޫނު ފިހިފައިވާ ކަމަށެވެ. އެކަމަކު އޭނާގެ ހާލު މި ވަގުތު ސީރިއަސް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"އޭނާގެ ހާލު ސްޓޭބަލް. އެކަމަކު ފިހިފައި ތިބޭ މީހުންނަށް މި ތަނުން ފަރުވާ ދެވެން ނެތުމާއި ހަށިގަނޑަށް ގޭހުގެ އަސަރުކޮށްފައި ހުރެދާނެތީ ޓެސްޓްތައް ހަދައިގެން ބެލުމަށް މާލެއަށް ފޮނުވާލެވޭތޯ މިހާރު މި ބަލަނީ،" ހަސަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އަލިފާން ރޯވީ އުނދުން ރަނގަޅަށް ނުނިއްވައި ހުރުމުން، ގޭސް ލީކުވެގެންނެވެ. އަދި އެހާ ބޮޑު ގެއްލުމެއް ނުވެ ނުވެ ސަލާމަތްވީ ގޭސް ފުޅި ބަދިގޭ ބޭރުގައި ބަހައްޓާފައި ހުރުމުން ކަމަށް ވިދާޅުވި އެވެ.
"ގޭސް ފުޅި އުނދުނާ ގުޅާފައި ވަނީ ފާރުގައި އަޅާފައިވާ ލޯވަޅަކުން. އެހެންވެ، ގޭސް ލީކުވެފައި ވަނީ އުނދުނުން. އުނދުން ޖެއްސުމާއެކު މުޅި ބަދިގޭގައި ހުޅު ހިފި ނަމަވެސް އެއްވެސް އެއްޗަކަށް ގެއްލުންވެފައެއް ނެތް. ހަމައެކަނި އަނިޔާވީ ބިދޭސީ މީހާ އަށް،" ހަސަން ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަޔަރު
29 December 2017
ގޭސް ލީކުވާނަމަ ވަހެއް ހުނާނާނެ ދޯ....ހޭލުން ތެރި ވާންވީ ދޯ.
ވާލުސޮރު
28 December 2017
ސަރުކާރުން މިފަދަ ކަންކަން ހައްލުކުރަން އެބަޖެހޭ! އެއްވެސް ހޭލުންތެރިކަމެއް ތަމްރީނެއް ނުލިބި ތިބި ބިދޭސީން ހޮޓާ ކެފޭ ރެސްޓޯރަންޓް ތަކުގަ ނުވިތާކަށް ވިހި ތިރީސް މީހުން ނިދާ ކޮޓަރީގަ ގޭސް އުނދުން ބަހައްޓައިގެން ހެދިކާ އާ ބަތްޕާރުސަލް ހަދައި ރަސްކަންކުރާއިރު މިއިންތަނެއްގަ ސަލާމަތީ އެއްވެސް ވަސީލަތެއް ނުހުރެ. ކަމެއް ދިމާވީމަ ކުޑައެހީތެރިކަމެއް ފޯރުވައިދީފަ ތަހުގީގުކޮށްލުމަކުން އެފުދުނީކީނޫން.
ޕަސަންޓޭޖް
28 December 2017
ހިސާބް ހަދަން ހާދަ މޮޅޭ ތިތާ ޑޮކްޓަރުން 45 ވެސް ނުވި 40 ވެސްނުވި ހަމަސީދާ 44 ޕަސެންޓް ސުޕާ ސުޕާ ވަރަށް މޮޅު ބުނާނެ އެއްޗެއްވެސް ނެތް
މާސްޓަރ
28 December 2017
ފިހުނު އިންސައްތަ ހޯދަން ހިސާބު ހެދިމީހަކަށް އަހަރެންގެ ޝުކުރު.
ރަބަރު
28 December 2017
ނަސީބެއްނުން ބޮޑުވަރު ނުވިކަން. ﷲ އޭނާއަށް އަވަސް ޝިފާދެއްވާށި.