އަތްބުރިވި މީހާ.
22 މެއި 2025 - 13:47
ނ. އަތޮޅު ރިސޯޓެއްގެ ކައިރީގައި ފީނަން އޮއްވައި ގައިމައްޗަށް ލޯންޗެއް އަރައި ހިނގި އެކްސިޑެންޓުގައި އަތް ބުރިވި ބަންގްލަދޭޝް މީހާ އަށް މަސްނޫއީ އަތެއް ހަދައިދޭން ޕްރޮސްތެޓިކް އެންޑް އޮތޯޓިކްޓްސްގެ ދާއިރާ އިން ދާދި ފަހުން ކިޔަވައި ވިދާޅުވެގެން ރާއްޖެ ވަޑައިގެންނެވި ޝަފީއު އިބްރާހިމް ނިންމަވައިފި އެވެ.
ލަނޑާ ނަގަން ފައިބައިގެން އުޅެނިކޮށް މި މަހުގެ 12 ވަނަ ދުވަހުގެ ރޭ 10:30 ހާއިރު އަނިޔާވީ އުމުރުން 30 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކަށެވެ. އެ ހާދިސާގައި އެ މީހާގެ ކަނާތް ވަނީ އުޅަނބޮއްޓާ ހިސާބުން ބުރިވެފަ އެވެ.
އެ މީހާ އަށް މަސްނޫއީ އަތެއް ހަދައި ދޭން ނިންމެވި ޝަފީއު ކެމްބޯޑިއާގައި އެ ދާއިރާ އިން ކިޔަވައި ވިދާޅުވެގެން ރާއްޖެ ވަޑައިގަތީ ދެ މަހެއްހާ ދުވަސް ކުރިންނެވެ. ހުޅުމާލޭ ހޮސްޕިޓަލުގައި ޕްރޮސްތެޓިކް އެންޑް އޮތޯޓިކްޓްސްގައި މިހާރު މަސައްކަތް ކުރައްވާ ޝަފީއު "މިހާރު" އަށް މިއަދު ވިދާޅުވީ ބަންގްލަދޭޝް މީހާގެ ޕޯސްޓު ފެނިގެން އެކަމުގެ ޝައުގުވެރިކަން ފާޅުކުރެއްވީ ކަމަށެވެ.
އެހެންވެ، މަސްނޫއީ އަތެއް ހެދުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
"އެ ޝައުގުވެރިކަން އެބަހުރި އަޅުގަނޑުގެ،" އދ. ދަނގެއްޗަށް އުފަން ޝަފީއު ވިދާޅުވި އެވެ.
ރާއްޖޭގައި މުޅިން އަލަށް މަސްނޫއީ އަތާއި ފައި ހަދައިދޭ ލެބް، ހުޅުމާލެ ހޮސްޕިޓަލުގައި ހުޅުވީ އޮގަސްޓް 2023 ގަ އެވެ. އިންޑިއާ ސަރުކާރުގެ އެހީގައި ހެދި އެ ލެބް ހިންގަނީ އިންޑިއާގެ އާޓިފިޝަލް ލިމްބްސް މެނުފެކްޗަރިން ކޯޕަރޭޝަނާ ގުޅިގެންނެވެ.
ހުޅުމާލޭ ހޮސްޕިޓަލުން ޑރ. ޝަފީއުއަށް ލިޔުމެއް ހަވާލުކުރަނީ.
ޕްރޮސްތެޓިކްސް އަކީ ގުދުރަތީ ގޮތުން އުފެދުމުގައި ނުވަތަ ހާދިސާއެއްގެ ސަބަބުން އަތާއި އުނިކަމެއް ދިމާވެފައިވާ މީހުންނަށް ހަދައިދޭ އަތާއި ފަޔެވެ. އޯތޮޓިކްސް އަކީ ޖިސްމާނީ ގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ބޫޓު ފަދަ ތަކެއްޗެވެ. ރާއްޖޭގައި އެ ހިދުމަތް ފެށުމުގެ ކުރިން، އެފަދަ ހާލަތްތައް ދިމާވެފައިވާ މީހުންނަށް އެ އާލާތްތައް ފޯރުކޮށްދެމުން އައީ ރާއްޖޭގައި މިން ނަގައި ބޭރަށް ފޮނުވައިގެންނެވެ.
އެންސްޕާގެ އެހީގައި އެ ތަކެތި ލިބުނަސް، ކަސްޓަމައިޒްޑް ތަކެއްޗަށް ވާތީ ރާއްޖެ ގެންނަން ގިނަ ވަގުތު ހޭދަވެ އެވެ.
ޕްރޮސްތެސިސްޓް ޝަފީއު ވެސް ޝައުގުވެރިކަން ފާޅުކުރެއްވީ އެ ލެބުގައި އަތެއް ހަދައި، ބަންގްލަދޭޝްގެ މީހާ އަށް ހަދިޔާކުރުމަށެވެ.
ޝަފީއުގެ ޓިކްޓޮކްގައި ވެސް ވަނީ ކެމްބޯޑިއާގައި ކިޔަވައި ވިދާޅުވި ދުވަސްވަރު، އަތާއި ފައި ހެދުމުގެ މަސައްކަތް ކުރާ ވީޑިއޯތައް ވެސް ހިއްސާ ކުރައްވައިފަ އެވެ.
ބަންގްލަދޭޝްގެ މީހާގެ އަތް ބުރިވި ހާދިސާއާ ގުޅިގެން ފުލުހުން ކުރިން ބުނީ ބުރިވި ހަތް ހޯދުމަށް ދެ ފަހަރެއްގެ މަތިން ކަނޑުގެ ސަރަހައްދު ބަލާފައިވާ ކަމަށެވެ. އެކަމަކު އޭނާގެ އަތް ނުފެނުނު ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އަތް ބުރިވި މީހާއަށް ފަރުވާދެމުން އަންނަނީ އޭޑީކޭ ހޮސްޕިޓަލުގަ އެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ ލޯންޗުގެ ކެޕްޓަން ހިމެނޭހެން ގިނަ އަދަދެއްގެ މީހުންނާ ސުވާލުކޮށް ބަޔާން ނަގައިފަ އެވެ.
ފުލުހުން ބުނީ ތަހުގީގުގައި މިހާތަނަށް ލިބިފައިވާ މައުލޫމާތާއި ހެއްކަށް ބަލައި އަދި ފިޔަވަޅެއް ނާޅާ ކަމަށެވެ. އެކަމަކު ތަހުގީގުގައި ފުރިހަމަ ކުރަންޖެހޭ ބައެެއް ކަންކަން ފުރިހަމަކުރުމަށް ފަހު، ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުދުގުދާބެއްޔާ
22 May 2025
އެއަތް ޖެހިޔަސް އެއަތުން އެއްވެސް މަސައްކަތެއް ނުކުރެވޭނެ! ހަމަ ރީއްޗަކަށް ޖަހާލާ އަތެއް! މިހާރު ދުނިޔޭގަ ބަޔޮނިކް ފަޔާ އަތާވެސް ހުރޭ! އޭގެ އެއްޗެއް ޖަހައިފިނަމަ އަތުން ތަކެތި ނަގާ ހެދޭނެ! އެކަމަކު ބުރަ މަސައްކަތެއް ނުކުރެވޭނެ! މިހާރު ޖަހަން ތިޔައުޅޭ އަތުން އެއްޗެއްގަވެސް ނުހިފޭނެ! ހަމަ ބޭކާރު ކަމެއް!
އަލީ ރަޝީދު1
22 May 2025
އޭނައަކީ ކޮންކަހަލަ ޑަކުޓަރެއް؟ ޑރ މި ލަގަބު ދެނީ ވަކި ކޮލިފިކޭޝަން އެއް ހާސިލްވުމުން، ރައްޔިތުންނަށް އޮޅުންއަރާ ގޮތަށް ނުލިޔުއްވާ
އޮޅުން އަރަނީ ޢަލީ ރަޝީދު1 ގަމާރު ކަމުން
24 May 2025
ޝުރުޚީ ގައި ބޮޑުއަކުރުން ލިޔެފައި އެއޮތީ"ޕްރޮސްތެޓިސްޓްޝަފީޢު" އެވެ. ޑރ. ޚާއްޞަވީ ދާއިރާ ފުރަތަމަ ފެރެގްރާފްގައިވެސް އެބައޮތެވެ. އެވަރުންވެސް ތިއުޅެނީ ކޮލިފިކޭޝަން ނޭނގިގެން އޮޅުން އަރައިގެންވިއްޔާއެވެ! އެއްޗެއް ތަފްޞީލް ކޮށްދެވޭނެ އެންމެ ފުރިހަމަ މިންވަރަށް މިލިޔުމުގައި "ނޫސްވެރިޔާ މާއިދާ" ތަފްޞީލް ކޮށްދެއްވާފައިއެބަހުއްޓެވެ. ޝާއިރު ބުނަނީ: (ނޭނގުމަށްވުރެ ދެރަކަމެއް އޮންނާނެހޭ؟ ނޯންނާނެޔޭ! އޭގެ ގެއްލުން ބުނެދެވެން އޮންނާނެހޭ؟ ނޯންންނާނެޔޭ!)
އަހައްމަދޫ
22 May 2025
ވ. ރަނގަޅު ކަމެއް