ސަން އައިލެންޑުގެ މުވައްޒަފުން މުޒާހަރާ ކުރަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
21 ޖެނުއަރީ 2018 - 16:38
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ރިސޯޓުތަކަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާ ދެކޮޅަށް އެ ރިސޯޓުތަކުގެ މުވައްޒަފުން މިއަދު މުޒާހަރާ ކުރަން ފަށައިފި އެވެ.
ވިލާގެ ރިސޯޓުތަކަށް ފުލުހުންނާ އެކު އަރައި ކަސްޓަމްސް އިން ހިންގާ ތަހުގީގު ކަވަރުކުރަން ގޮސް ތިބި "މިހާރު"ގެ ނޫސްވެރިން ބުނީ، ގާސިމްގެ ހުރިހާ ރިސޯޓުތަކެއްގައި މުޒާހަރާ ފަށާފައިވާއިރު، ސަން އައިލެންޑުގެ ސްޓާފް އޭރިއާގައި ގާތްގަނޑަކަށް 300 މީހުން މުޒާހަރާގައި އެބަތިބި ކަމަށެވެ. އަދި ހޮލިޑޭ އައިލެންޑުގައި 150 އެއްހާ މުވައްޒަފުން ހިތްހަމަނުޖެހުން ފާޅުކުރަމުންދާއިރު އޭގެ ތެރޭގައި ބިދޭސީ މުވައްޒަފުން ވެސް ހިމެނޭ ކަމަށް ނޫސްވެރިން ބުންޏެވެ.
މުވައްޒަފުންގެ މައިގަނޑު ކަންބޮޑުވުމަކީ، އެ މީހުންގެ ވަޒީފާ ގެއްލިދާނެ ކަމުގެ ބިރެވެ. ރަލާއި އޫރު މަސް ވިއްކުމުގެ ހުއްދަ، ވިލާގެ ހުރިހާ ރިސޯޓުތަކަށް މަނާކުރީ، ގާސިމްގެ ވިޔަފާރިތައް ބަނގުރޫޓުކޮށްލަން ކަމަށް ވެސް މުވައްޒަފުން ދެކެ އެވެ.
ހޮލިޑޭ އައިލެންޑުގެ މުވައްޒަފުން މުޒާހަރާގައި. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
"މުވައްޒަފުން މުޒާހަރާ ކުރަމުން ދަނީ ގާސިމަށް އަނިޔާކުރުން ހުއްޓާލަން ގޮވާލައި. ގާސިމާ މެދު އަމަލުކުރަމުންދާ ގޮތުން އެތައް އާއިލާއެއް ބިކަވަމުންދާ ކަމުގެ ކަންބޮޑުވުން އެ މީހުން ފާޅުކުރަމުން ދަނީ،" ރޯޔަލް އައިލެންޑުގައި ހުރި "މިހާރު"ގެ ރިޕޯޓަރު، މުހައްމަދު ޔާމީން ބުންޏެވެ.
އޭނާ ބުނިގޮތުގައި، މުވައްޒަފުން މުޒާހަރާ އަށް ނިކުމެ ތިބީ އެކި ޝުއޫރުތައް ފާޅުކޮށްފައިވާ ލިޔުންތައް ވެސް ހިފައިގެންނެވެ. އެ ލިޔުންތަކުގައި، "މުވައްޒަފުންނަށް ކުރާ އަނިޔާ އާއި ބިކަ ހާލުގައި ޖައްސަން ކުރާ މަސައްކަތް ހުއްޓާލުމަށާއި ރައްޔިތުންގެ މުދާ ފޭރުން ހުއްޓާލަން" ވެސް ސަރުކާރަށް ގޮވާލާފައިވެ އެވެ.
ސަން އައިލެންޑުގައި މުޒާހަރާ ކުރަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
ކަސްޓަމްސްގެ ތަހުގީގު ޓީމުތައް ގާސިމްގެ ރިސޯޓުތައް ފާސްކުރަނީ، ރޯޔަލް އައިލެންޑް ރިސޯޓަށް ގެންދަން ހުއްދަ ދީފައިވާ، އޫރު މަހާއި ރާ، އެ ކުންފުނީގެ އެހެން ރިސޯޓުތަކަށް ގެންގޮސް ބޭނުން ކުރަމުން ދާ ކަމުގެ ތުހުމަތުގަ އެވެ. މިއީ، ގާސިމަށް ބިރު ދައްކައި އޭނާގެ މުދާ ފޭރިގަތުމަށް ހިންގާ އަމަލެއް ކަމަށް ބުނެ އިދިކޮޅު ސިޔާސީ ފަރާތްތަކުން ދަނީ ވަރަށް ބޮޑަށް ފާޑުކިއަމުންނެވެ. ނަމަވެސް ކަސްޓަމުން ބުނާ ގޮތުގައި ވިލާގެ ރިސޯޓްތައް ބަލައި ފާސްކުރުމަށް މިހާރު ހިންގާ އޮޕަރޭޝަނަކީ ވަކި ކުންފުންޏެއްގެ ރިސޯޓްތަކަށް އަމާޒުކޮށްގެން ހިންގާ އޮޕަރޭޝަނެއް ނޫނެވެ.
ކަސްޓަމްސްއިން ވަނީ ކޯޓު އަމުރަކާއެކު ފަން އައިލެންޑް ރިސޯޓަށް އަރައި، އެ ރިސޯޓުގައި ހުރި ގިނަ އަދަދެއްގެ ރާ، އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އަދި ބަނގުރަލާއި އޫރުމަސް އެތެރެކުރުމަށް ރޯޔަލް އައިލެންޑް ރިސޯޓަށް ދީފައިވާ ހުއްދަ މިއަދުން ފެށިގެން ހަ މަސް ދުވަހަށް އިކޮނޮމިކް މިނިސްޓްރީން މިހާރު ވަނީ ހިފަހައްޓައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަހްމަދު ސާހު އަލީ
24 January 2018
އަހަންމާބެ ހޭބަލިވެފަތޯ އެމީހުން މުޒާހަރާ ކުރާނެ ދިމާލެއް ތިބަެފުޅާ އަކަށް ނޭންގޭނެ އަހާކަށް ވެސް ނުޖެހޭނެ ހަބަރުގަ އޮތީ ތިބޭ ފުޅާގެ ގާނޫނީ ލަފައެއް އަހާވާހަކަ އެއްތަ. ހަމަ އެއްޗެއް ފެންނަ އިރަށް ބޯކޮށްޕާލަންޏާ ޖަވާބު ވަރށް ހިރިކޮށް ދެވޭނީ
އަހަންމާބެ
22 January 2018
ތިކުރާ މުޒާހަރާތައް ގާސިމުއާ ދެކޮޅަށް ކުރިޔާ މާބޮޑަށްވެސް ފައިދާވާނެ، އޭނާ ދައުލަތަށް ދައްކަންޖެހޭ ޓެކްސްތައް ދެއްކުމަށްފަހު މައްސަލަ ޙައްލުކޮށްގެން މުވައްޒަފުންނަށް ފައިދާވާހެން ރިސޯޓުތައް ހިންގުމަށް އޭނާއަށް ރެކޮމެންޑް ކުރިއްޔާ މާރަނގަޅު، އެނގޭތަ ވަޒީފާއާބެހޭ ޤާނޫނުގައި އޮންނަނީ ސަރވިސް ޗަރޖް ނަގާނަމަ އޭގެ %90 އެތަނެއްގެ މުވައްޒަފުންނަށް ބަހަންޖެހޭނެކަމަށްކަން، އެގޮތަކަށްވެސް އޭނައެއް ނަހަދާ އަދި ސަރވިސް ޗާރޖް ލިބެނީ ޑޮލަރުން ކަމަށްވާއިރު މުވައްޒަފުންނަށް ދޭ އެތިކޮޅުވެސް ދެނީ ދިވެހި ފައިސާއިން، ހުރިހާ ޑޮލަރުތައް ބައްކޮށްގެން ގެންގޮސް ބޭރުގެ ބޭންކްތަކަށް އަޅާލަނީ، ބައެއްކަހަލަ ޝޭޚުން ތިބޭނެ އުފުލައިދޭން، އެކަންވެސް ކުރަނީ ވައްކަމެއްގެ ގޮތަށް، މުޅިންވެސް އޮޅުވާލުން، މުވައްޒަފުންނަށްވެސް އަދި ސަރުކާރަށްވެސް އޮޅުވާލަނީ، ފެށިގެން އިއޮގޮތަކީވެސް އެއީވިއްޔާ.
ނަޒީމް
21 January 2018
ވީލާގެ ޕެރެޑައީސް އައީލެންޑު ވަރައްއަވަހައް ސަރުކާރުން ނަގާނެކަމާ އަދީ އެތަންދެން ހީންގާނީ ޗަމްޕާއީންކަމައް މީހަކު ބުނީ އަޑުއަހައީފީން.. މީކަން މީހެން ހީނގުން ވަރައް އެކަށީގެންވޭ..
އިހުމާލް
21 January 2018
ދެރަކަމެއްމިއީ، މުއަޒަފުމީހާ ހައްޤު ހޯދަންމުޒާހިރާ ކުރުން މަނާ، ދާންޖެހެނީ އަސްދަނޑިން ބޭރަށް، ވެރިމީހާ ވީމާ އޯކޭ...
ޢައްޔަ
21 January 2018
ތިޔައީ ލާރިދީގެން ހިންގާ ކުޅިގަނޑެއް، މިހާރު ހުރިހާ ކުޅިޔެއް ހުސްވަނީ އެހެންވެ ފަހުކުޅިބައި ނަގައިގެން މުއައްޒަފުން ހަނާއަރުވާލަނީ. ޤަސިމްދެންވެސް ވެއްޖެއެއްނު ސިޔާސީކަންކަމުން އެއްފަރާތްވާން.
އަލިބެ21
21 January 2018
އިދިކޮޅު ފަރާތްތަކުން ގާސިމުގެ މުވައްޒަފުންލައްވާ ގާސިމު ބަނގުރޫޓް ކޮށްލަނީ. އަންނި ވެރިކަމަށް ގެންނަން.
ރިޔާޒް
21 January 2018
ތީ ގާސިމު ދުވަސް ދުއްވާލަން އިދިކޮޅު ފަރާތްތަކުން ކުރާކަމެއް.
ސޮކްތެރެޕީ
21 January 2018
މިހާރުވެސް ތިހިރީކުރާކަންތަ ދެންބިރުނުގަނެއްޖެއާ ދެރަ.
ވަކަބެ
21 January 2018
މި އޮތީވާ ސަރުކާރެއް!
ހުސޭނުބެ
21 January 2018
މުޒާހަރާ ކުރަންވީ ހަމަ ހާންތި ވަންދެން!!! ވިލާ ގުރޫޕުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ދައްކަންދެން މުޒާހަރާ ކުރިއަށް ގެންދޭ!! ގާނޫނާ އެއްގޮތަށް ވިލާ ގުރޫޕުން ޢަމަލު ނުކުރާތީ މިއަދު ވިލާ ރިސޯޓްތަކުގެ މުވައްޒަފުންނަށް މުޒާހަރާ ކުރަން މިޖެހެނީ!! ސަރުކާރުން ފިޔަވަޅު އަޅަންޖެހެނީ!!!