ފަން އައިލެންޑް ރިސޯޓުގައި ހުރި ބަނގުރާ ފުޅިތައް ގެންދަން ކަސްޓަމްސް އޮފިސަރުން ތައްޔާރުވަނީ.
23 ޖެނުއަރީ 2018 - 20:57
ވިލާ އިން ހިންގާ ރިސޯޓުތަކަށް ކަސްޓަމުން އަރައި އޫރުމަހާއި ރާތައް ގެންދިޔަ މައްސަލަ އާއި ރޯޔަލް އައިލެންޑްއަށް ސަރުކާރުން ދޫކޮށްފައިވާ ބަނގުރާ އެތެރެކުރުމުގެ ލައިސަންސް އިކޮނިމިކް މިނިސްޓްރީން ސަސްޕެންޑްކުރި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފި ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
ވިލާއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައި، އެ ޖަރީމާގައި ބައިވެރިވި ދައުލަތުގެ މުވައްޒަފުން ގާނޫނީ ގޮތުން ޒިންމާދާރުކުރުވާ ހައްގު އަދަބު ދިނުމަކީ ގައުމުގެ ހައްގުގައި އަދާކުރަންޖެހޭ ވާޖިބެއްކަމުގައި ދެކޭ ކަމަށެވެ. އެހެންވެ އެކަމުގައި އަމަލީގޮތުން ބައިވެރިވި ކަސްޓަމްސްގެ 37 މުވައްޒަފަކާއި ހަތް ފުލުހެއްގެ މައްސަލަ އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. އެ ކުންފުނިން ވަނީ އެ 44 މީހުންގެ ނަންތައް ހިމެނޭ ލިސްޓެއް ވެސް އާއްމުކޮށްފަ އެވެ.
"މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ފަރާތުން ކްރިމިނަލް ކޯޓަށް ދޮގު މައުލޫމާތު ދީގެން އަމުރެއް ހޯދައި އަދި އެ އަމުރުން ވެސް ނުލިބޭ ބާރެއް ބޭނުންކޮށް، ފަންއައިލެންޑް ރިޒޯޓުގައި ހުރި މިކުންފުނީގެ މުދާ ގެންދިޔަ ގެންދިއުމަކީ، ދިވެހިރާއްޖޭގެ ގާނޫނުތަކުން ތަޖްރީމްކޮށްފައިވާ ފޭރުމުގެ އަމަލެކެވެ. އެކަން ކުރި ބަޔަކު އެކަން ކޮށްފައިވަނީ، ގާނޫނުތަކާ ހިލާފަށް ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތާމެދު ކުޑަނަމަވެސް ވިސްނުންތެރިކަމެއް ނެތި، ދިވެހިރާއްޖޭގެ އިގްތިސާދު ނުރައްކަލާއި ބިރުވެރިކަމުގެ ތެރެއަށް ވައްދުވާފަ އެވެ." އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
ވިލާއިން ބުނީ ޓޫރިސްޓުންގެ ހިތްތަކުގައި އުފެދިދާނެ ނުތަނަވަސްކަމާއި ބިރުވެރިކަމަށް ފަރުވާލެއް ނެތި، ދުނިޔޭގެ ކުރިމަތީގައި ސަރުކާރުން ދިވެހިންގެ އަގު ވައްޓާލާފައިވާ ކަމަށެވެ. އަދި އޭގެ އިތުރުން މިދިޔަ ދެ އަހަރުގެ ތެރޭގައި ސަރުކާރުން އެ ކުންފުންޏަށް ގަސްދުގައި ކުރިމަތިކުރުވި ދަތިތަކާއެކު، ނުހަނު އުނދަގުލުގައި ވިޔަފާރިކުރަނިކޮށް، ސަރުކާރުން ހިންގި ގާނޫނާ ހިލާފު އެ އަމަލުގެ ސަބަބުން އެ ކުންފުންޏަށް ފޫ ނުބެދޭވަރު ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
"މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ތަހުގީގު ކުރަމުންދާ ކަމަށް ބުނާ މައްސަލައަކީ ރޯޔަލް އައިލެންޑް ރިޒޯޓުގެ ނަމުގައި ދޫކުރި ބަނގުރާ ފަން އައިލެންޑް ރިޒޯޓަށް ގެންދިޔަކަމަށް ތުހުމަތުކުރާ މައްސަލައެކެވެ. ރޯޔަލް އައިލެންޑް ރިޒޯޓަކީ ވެސް އަދި ފަން އައިލެންޑް ރިޒޯޓަކީ ވެސް ބަނގުރާ އެތެރެކުރުމާއި ބަނގުރާ ގެންގުޅުމާއި ބަނގުރާ ވިއްކުމަށް ދައުލަތުގެ އިދާރާތަކުން ހުއްދަ ދީފައިވާ ދެ ރިޒޯޓެވެ. ކަސްޓަމްސްގެ ތަހުގީގު ޓީމުން ފަން އައިލެންޑަށް އަރާ، މި ކުންފުނީގެ މުދާ ގެންދިޔައިރު މިއިން އެއްވެސް ހުއްދައެއް ކަމާބެހޭ އެއްވެސް އިދާރާއަކުން ބާތިލުކޮށް ނުވަތަ ސަސްޕެންޑް ކޮށްފައެއްނުވެ އެވެ." ވިލާއިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
އެ ކުންފުނިން ބުނީ ބަނގުރަލަކީ ހާއްސަ ހުއްދައެއްގެ ދަށުން އެތެރެކުރެވޭ އަދި ގެންގުޅެ، ވިއްކޭ އެއްޗަކަށްވާތީ ރޯޔަލް އައިލެންޑް ރިޒޯޓާއި ފަން އައިލެންޑް ރިޒޯޓަށް ލިބިފައިވާ ބަނގުރާ އެތެރެކުރުމާއި ގެންގުޅެ، ވިއްކުމުގެ ހުއްދަތައް އޮތީ ސައްހަކަންމަތީ ކަމަށެވެ. އަދި އެ ހުއްދަ އޮތް އިރު، ފަން އައިލެންޑް ރިޒޯޓަށް ބަނގުރާ އެތެރެކޮށްފައިވަނީ ގަވައިދާ ހިލާފަށް ކަމަށް ސަރުކާރުން ބުނާ ބުނުމަކީ ގާނޫނީގޮތުން ހަމަޖެހޭ ވާހަކައެއް ނޫން ކަމަށް ވެސް އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
"ބަނގުރާ އެތެރެކުރުމާއި ވިއްކުމާއި، ގެންގުޅުމުގެ ހުއްދަ އޮތް ފަރާތަކަށް ބަނގުރާ ދޫކުރުން ކަސްޓަމްސްއިން ހުއްޓާލުމަކީ، ހުއްދަ އޮތް ފަރާތަށް ހުއްދައިގެ ދަށުން ލިބޭ އެއްވެސް ހައްގެއް ބޭނުންކުރުން މަނާވެގެންދާނެ ކަމެއް ނޫނެވެ." ވިލާއިން ބުންޏެވެ.
އެ ކުންފުނިން ބުނީ ކްރިމިނަލް ކޯޓުން ބަލައި ފާސްކުރުމުގެ އަމުރެއް ދޫކޮށްފައިވަނީ ކަސްޓަމްސްއިން ކޮށްފައިވާ ތުހުމަތަކާ ގުޅިގެން ހެއްކާ ގަރީނާ ހޯދުމަށް ރިޒޯޓު ބަލައިފާސްކުރުމަށް ކަމަށެވެ. ނަމަވެސް ކޮށްފައިވާ ތުހުމަތަކާ ގުޅިގެން އެއްވެސް ހެއްކެއް ހޯދުމަށް ރިޒޯޓަށް އެރި ތަހުގީގު ޓީމުން މަސައްކަތްކޮށްފައި ނުވާ ކަމަށް ވިލާއިން ބުންޏެވެ.
"އޭގެ ބަދަލުގައި ފަންއައިލެންޑް ރިޒޯޓަށް އެރި ތަހުގީގު ޓީމުން ކޮށްފައިވާ މަސައްކަތަކީ ރިޒޯޓުގައި އެވަގުތު ހުރި ބަނގުރާގެ ސްޓޮކް ރަށުން ބާލައިގެން ގެންދިއުމުގެ މަސައްކަތެކެވެ. ކްރިމިނަލް ކޯޓުން ބަލައިފާސްކުރުމުގެ އަމުރު ހޯދުމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ގަސްދުގައި އޮޅުވާލައިގެން ދޮގު މައުލޫމާތު ކޯޓަށް ހުށަހަޅާފައިވާކަން އަޅުގަނޑުމެން ބެލި ބެލުމުން މިހާރު ވަނީ ކަށަވަރުވެފަ އެވެ. އަދި، މިމައްސަލައާ ގުޅިގެން ސަރުކާރުގެ އިދާރާތަކުން މީޑިއާ އަށާއި އާންމުނަށް ތަކުރާރުކޮށް ދޮގު މައުލޫމާތު ދެމުންދާކަން ވެސް ފާހަގަކުރަމެވެ. މިއީ، އަޅުގަނޑުމެން އިންތިހާއަށް ކަންބޮޑުވާ ކަމަކެވެ." އެ ކުންފުނިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލީކޮ
24 January 2018
ވިލާއިންއޮތީ ގަވައިދާ ހިލާފުވެފަ. ރަލާއި އޫރުމަސް ހުންނަންވާނި ހުއްދަދީގެން ގެންދާތަނުގަ. ރޯޔަލްގަ ހުންނަންޖެހޭ އެއްޗެއް ސަން އައިލެންޑްގަ ހުރެގެންނުވާނެ.
ޕުއޮ
24 January 2018
ބަލަގަ ޝަރީފޫ ކޮމެންޓްކުރި އަސް ގާނޫން ނޭގޭ
ސުނީތާ
24 January 2018
މިސާލަކަށް، ރޯޔަލް އައިލަންޑުގާ ހުރި ޓޫރިސްޓަކު ބަނގުރާ ބޮއެ، އެ ހަޖަމް ވުމުގެ ކުރިން ސަން އައިލެންޑަށް ދިއުމަކީ ކުށަކަށްވާނެތޯ؟؟
ކޮލެޖް ބޯއީ
24 January 2018
ސަރުކާރުން ބޮޑުކަމެއް ގޭސް ގަނޑެއް ކައްކަނީ. އެކަން ކުރާތީ ދެ ބޯގެރި ދުއްވަނީ ޔޭ
ޟޯފުދު
24 January 2018
މިއީ ސަރުކާރައި ބެހޭ ކަމެއް ނޫން. ކަސްޓަމްސް ސީޖީ އިބްރާހިމް ޝަރީފް ބަދަލު ކުރާ ވާހަކަ މާގަދަޔަށް ދައްކާތީވޭ ހިތުން ޔާނު ކައިރީ މެޑަލް ޖަހަން ޖެއްސި އޮޕަރޭޝަން އެއް ގާނުނެއް ގަވައިދެއް ބަލަނުލާ. ޢަތައް ގޮވީ.
ސަބްނަމް
23 January 2018
ކަނޑު ފަޅުގެ އުސޫލު ގެންގުޅުމަކީ ރަނގަޅުކަމެއްނޫން. މީދަލަކަށް ދުވަހެއް އަންނަންޏާ ހިކަނޖަކަށްވެސް ދުވަހެއް އަންނާނެ