ޕީޕީއެމުން މިރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީންގެ ދެކަނބަލުންނާއިި ސަރުކާރު، ޕީޕީއެމް ކޯލިޝަން އަދި ސަޕޯޓަރުން: މި ޖަލްސާ އަށް ވަރަށް ގިނަ ބަޔަކު ހާޒިރުވި.---ފޮޓޯ: ނިޝާން އަލީ/މިހާރު
10 ފެބުރުއަރީ 2018 - 00:29
ސުޕްރީމް ކޯޓުން ކުރިން ނެރުނު އަމުރަކީ މިހާތަނަށް ރާއްޖެ ގެންނަން އުޅުނު އެންމެ ނުރައްކާތެރި ބަޣާވާތް ކަމަށާއި އެ އަމުރާ ދެކޮޅަށް ނިކުތުމަކީ ފަސޭހަ ކަމަކަށް ނުވި ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެންމެ މަތީ ކޯޓުން ނިންމާ ނިންމުމަކީ އަބަދުވެސް އެންމެ ފަހުގެ ނިންމުން ކަމަށްވާތީ، ސުޕްރީމް ކޯޓުގެ ނިންމުމަކާ ދެކޮޅަށް މަސައްކަތް ކުރުމަކީ އެމަނިކުފާނަށް ކުރައްވަން ފަސޭހަ ކަމަކަށް ނުވި ކަމަށެވެ. އޭގެ މައިގަނޑު ސަބަބަކީ އެ އަމުރު ތަންފީޒު ކުރަން ބޭރު ގައުމުތަކާއި ޖަމްއިއްޔާތަކުން ސަރުކާރަށް އަންނަމުން ދިޔަ ޕްރެޝަރުތައް ކަމަށް ރައީސް ވިދާޅުވި އެވެ. ކޯޓުތަކުން ގާނޫނާ ޚިލާފް ކަމެއް ނިންމަފާނެ ކަމަށް ވިސްނައި ދިނުމަކީ ފަސޭހަކަށް ނުވި ރައީސް ޔާމީން ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ފަސޭހައެއް ނުވި ދައުލަތުން މި އަމުރަށް ގޮންޖަހާލަން ޖެހުނީ ނުވަތަ ތަންފީޒުކޮށް ނުދެވުނީ ކީއްވެގެން ކަމެއް. ބޭރު ދުނިޔޭގެ ފަރާތްތަކުން ބަލާކަށް ބޭނުމެއް ނުވޭ މި އަމުރުގެ ތެރޭގައި ހުރީ ކޮންކޮން މައްސަލަތަކެއް ކަމެއް. އެއީ އެ މީހުންގެ ވިސްނުމުގެ މީޒާނަކަށް ނާދޭ ސުޕްރީމް ކޯޓުން އެ ގައުމުތަކުގައި އެވަރުގެ ނުރައްކާތެރި ކަމެއް ކޮށްފާނެ ކަމަކަށް. އެވަރުގެ ޖައްބާރު ކަމެއް ކޮށްފާނެ ކަމެއް، އެއީ އެ މީހުންގެ ޚިޔާލަށް ގެންނާނެ ކަމެއް ނޫނޭ،" ރައީސް ޔާމީން ވިދާޅުވި އެވެ
"އެންމެ ފުރަތަމަ ވެސް ނިންމާނީ ސުޕްރީމް ކޯޓުން ނިންމާ ނިންމުމެއް ތަންފީޒު ނުކުރާނީ ވަރަށް ގޮތް ދޫނުކުރާ ވަރަށް ޖައްބާރު ސަރުކާރެކޭ." ރައީސް ވިދާޅުވި އެވެ.
އެ އަމުރު ތަންފީޒު ކުރި ނަމަ ރާއްޖެ އޮންނާނީ މުޅި އުމުރަށް ހިތާމަ ކުރުމުގައި ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސްގެ ދެކަނބަލުން މިރޭގެ ޖަލްސާގައި --މިހާރު ފޮޓޯ/ނިޝާން އަލީ
ރައީސް ވިދާޅުވި ގޮތުގައި "އާ ކައިވެންޏަކަށް ބްރައިޑް ތައްޔާރު ކުރާހެން" ސުޕްރީމް ކޯޓު ތައްޔާރު ކޮށްފައި އޮތީ އެމަނިކުފާނުގެ މަގާމުން ދުރުކުރާށެވެ. އެކަމުގައި ބައިވެރިވީ އިއްޒަތްތެރި ބޭފުޅުންތަކެއް ކަން ފާހަގަ ކުރައްވައި، ރައީސް ސިފަ ކުރެއްވި ގޮތުގައި އެއީ ގެންނަން އުޅުނު "އިއްޒަތްތެރި ބަޣާވާތެކެވެ."
"ތަހުޒީބީ މުޖްތަމައުތަކުގައި ކަންކަން އޮންނަ ގޮތަށް އަދި ނާތަހުޒީބްކޮށް ކަންކަން ކުރަން އޮންނަ ގޮތަށް އެކަން ކާމިޔާބު ނުވީމަ ދެން އަޅުގަނޑުގެ ނަފްސަށް ނުވަތަ ޖިސްމަށް އަނިޔާކުރަން ދިމާކުރީ ދެއްތޯ؟. މިފަހަރު ބައްލަވާ، ކުށެއް ނެތިގެން ދޫކޮށްލާ މީހުންގެ ތެރޭގައި އަޅުގަނޑުމެންގެ ލޯންޗް ގޮއްވާލި މީހާ ވެސް އެބަ ދޫކޮށްލައޭ. އެ ކީއްކުރަންތޯ؟. އިތުރަށް މަގުމަތި ހަލަބޮލިކޮށް، އެތައް ބަޔަކަށް ގެއްލުން ދޭންތޯ؟،" ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދޫކޮށްލަން ސުޕްރީމް ކޯޓުގެ އަމުރުގައި އޮތްކަން ފާހަގަ ކުރައްވައި، ރައީސް ޔާމީން ވިދާޅުވި އެވެ.
ޕީޕީއެމުން މިރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
ރައީސް ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ނުކުރުމުން އެ ދަނޑިވަޅުގައި ބަންޑާރަ ނައިބު މުހައްމަދު އަނިލް މަގާމުން ދުރުކޮށްފި ނަމަ، އެމަނިކުފާނު ހުންނެވީ ކޯޓުން އަނިލް ގެންދަވާ ތަނަކަށް ވަޑައިގަންނަވަން ތައްޔާރަށެވެ. އަނިލް މަގާމުން ދުރުކުރަން ދެ ފަނޑިޔާރަކު މަސައްކަތް ކުރެއްވި ކަމަށާއި އެއީ ވެސް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ބިރު ކަމަށް ރައީސް ވިދާޅުވި އެވެ. އެހާ ނުތަނަވަސް ދަނޑިވަޅެއްގައި ބަންޑާރަ ނައިބު ވަކިކޮށްފި ނަމަ ގާނޫނީ ލަފާ ދޭނެ ފަރާތެއް ނުހުންނާނެ ކަން ރައީސް ޔާމީން ފާހަގަ ކުރެއްވި އެވެ.
ޕީޕީއެމުން މިރޭ ބޭއްވި ޖަލްސާ އަށް ވަރަށް ގިނަ ބަޔަކު ހާޒިރުވެ، ރައީސް ޔާމީންގެ ފަހަތްޕުޅުގައި ތިބިކަން ހާމަކޮށްދިން.---ފޮޓޯ: ނިޝާން އަލީ/މިހާރު
"ހަށިގަނޑު ހުރެދާނެ. ބޯ ކަނޑާލެވިދާނެ. އަތްފައި، ކަނޑާލެވިދާނެ، އެކަން ކުރައްވަން އުޅުއްވީ. އެ ހިސާބުން އަޅުގަނޑު ދެންނެވި ބަންޑާރަ ނައިބު ވަކިކުރާ ކަމަށް ވަންޏާ އެ ބޭފުޅާ ވަޑައިގަންނަވާ ތަނަށް އަޅުގަނޑު ވެސް ދާނަމޭ. އޭރުން އަޅުގަނޑު އަޒުލެއް ނުވާނެ. އަޅުގަނޑު މަަގާމުގައި ހުންނާނެ. އެކަމަކު ސަރުކާރު ހިންގާކަށް އަޅުގަނޑަށް ފުރުސަތެއް ނޯންނާނެ. އެއީ އޭރުން އަޅުގަނޑު ހުންނާނީ ހައްޔަރެއްގައި،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވި ގޮތުގައި ދައުލަތް ގޮތް ހުސްވާ ހާލަތަކަށް ގެންގޮސް، ރާއްޖެއަށް ގެއްލުން ދޭން އުޅުމަކީ ބޮޑެތި އަދަބު އެކަމަށް ދޭންޖެހޭ ކަމެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސެންބެ
11 February 2018
ބަޢާވާތެކޭ މިކިޔަނީ ކޮންކަމަކަށްތޯ. ސުޕްރީމްކޯޓުގެ ހުކުމަށް.؟ އޭގަނެތް ޔާމީނެކޭ ސަރުކާރާ ބެހޭ އެއްވެސް ވާހަކައެއް.
އަދީބު
11 February 2018
ކުއްލި ހާލަތުގައި މަނާ ކުރެވިފައިވާ ކަންކަން ކުރުމަކީ ވެސް އަދަބު ދޭން ޖެހޭ ކަމެއް.
ހޭކެނޑޭ
10 February 2018
ހަޤީގަތަކީ މިއީ ބަޔަކު ގެންނަން އުލުނު ބަޤާވާތެކޭ ބުނެވޭނެ އެއްވެސް ޖާގައެއް ނެތް ކަމަށް މަމެން ކުރި ދިރާސާ ތަކުން ދައްކައިފި. ރާއްޖޭގައި ތިއްބެވި އިންސާފު ޤާއިމު ކޮއްދެއްވަން ތިއްބެވި ފަނޑިޔާރުން ނަށް މާތްﷲ ގެ ހެޔޮ ވިސްނުން ދެއްވުމުން ކަމަށް މަމެންނަށް ޤަބޫލު ކުރެވޭތީ އެވެރިން (މިބަހީ ފަނޑިޔާރުން) ނަށް ވިސްނުނީ މިހާރު ރާއްޖޭގައި ތިއްބެވި ކުއްވެރިން ނާއި ސިޔާސީ ކަންކަމުގައި ހައްޔަރުވެ ތިއްބެވި މީހުން ނަކީ ބޭއިންސާފުން އެވެރިންގެ މައްޗަށް ޙުކުމެއް ކޮއްފައި ވާތީވެ އެކަން އިންސާފު ވެރި ކަމާއި އެކު އަލުން ބެލުމަށް. ބަޤާވަތަކަށް މަމެން ކިޔާ އުލެނީ 2012 ގައި ބަޔަކު ކުރި ބަޤާވާތަކަށް. ޙަޤީގަތުގައި އެއީ ބަޔަކު ހީނުކުރާ ވަރުގެ ނުރައްކާވި ދުވަހެއް. މާތްﷲ ގެ ހެޔޮ ރަހުމަތުން އޭރުގައި ހުންނެވި ރަޢީސަށް އަމިއްލަ ފުޅަށް ވިސްނިގެން އިސްތިއުފާދެއްވީ. އެހެން ނޫންނަމަ އެދުވަހަކަށް ވެގެންދާނީ އެތަކެއް ދިވެހި ދަރިންގެ ލޭ މި ޤައުމަށް އޮހޮރިގެން ދާނެ ކަމާއި މެދަކު މަމެން ޝައްކެތް ނުކުރަމެވެ.
ޑިގު ކުޅޭ ފައިސަލް
10 February 2018
ފަނޑިޔާރުން "އެކެއްގެ މުޅަމަސް އަނެކަކު ނުކެއުން" ހުއްޓެވެ.
ޒިންދަގީ
10 February 2018
މިއަހަރުގެ ރިޔާސީއިންޚާބަކީ އަދި މާބޮޑު ބަޣާވާތެއްކަމަށް ސިފަކޮށް، އިންތިޚާބުވެސް ނުބާއްވާނެ.. ރައްޔިތުން ނޫނެކޭބުނީމަ އެއި ރިޝްވަތު ނަގައިގެން ބަޣާވާތްކުރީ..
މަރީ
10 February 2018
އުއްތަމަ ފަނޑިޔާރު ފުރާޅު ހަލާކުކޮށްގެން ވަގަށް ނެގުން. ، މަޖްލީހަށް ސިފައިން ވައްދައިގެން ޖަލްސާ ބޭއްވިޔަ ނުދިނުން، މަޖްލީސް ހުއްޓުވާފައިވުން، 12 މެމްބަރުންގެ ގޮނޑި ގެއްލުވާލުން، ގަދަކަމުން މަސީހު މަޖްލިހުގައި ބެހެއްޓުން، ކުށެއްނެތި އިދިކޮޅު ފަރާތްތައް ޖަލަށް ލައިގެން ގެންގުޅުން، 7 ފެބްރުއަރީގައި ނިކުތް އެތަށް ދިވެހީންނެއް، ޖަލަށްލައިގެން ގެންގުޅުން، ނާޒިމް ފްރޭމްކުރުން، ދިވެހީންގެ ބިންތައް ބޭރުމީހުންނަށް މިލްކްކޮށްދިނުން، އެތަށް ރަށަކާއި ފަޅެއް ނުއަގުގަ ވިއްކުުން، ކަޅުފައިސާ ވަނުން، ފްލެޓްތައް ޙައްޤުނޫން ފަރާތްތަކަށް ދީ ނިކަމެތީންގެ ޙައްޤުތައް ފޭރިގެންފައިވުން، އިދިކޮޅު އެއްވުންތައް ބޭއްވިޔަ ނުދިނުން. އ.ހ.
މަގޭ
10 February 2018
މަގޭ ދިޔައީ ވަޒީފާގެ ބިރަން ހަމަ ހުވާކޮށްފާ މިބުނީ
ވޯޓުންނިންމާ
10 February 2018
ޖަލްސާ ގަ ސަޕްރައިޒަކަށް ، ޖަލްސާއަށްދާ ހުރިހާ އެއްމެން ފެންނަ ނުފެންނަ ވޯޓެއް ނަގަން ވީއެއްނުން ރައީސް ޔާމީނު ވެރިކަމުގަ ހުންނަން ފެނޭތޯ ބަލަން. އޭރުން މަންޒަރު ސާފުވާނެ ތި ވޯޓު ގުނާބަޔަކަށް.
ފާތި
10 February 2018
މިމީހުން ޖަލްސާ ބާއްވަންވީމަ ސިފައިންނާ ފުލުހުން މިމީހުނަށް ދެނީ އެއްބާރުލުން. އިދިކޮޅު ފަރާތްތަކަށް ކުރަނީ ޖެއްސުން، އަދި ނުވިތާކަށް މޫނު ފޮރުވައިން ޕޮލިސް އާއިސް މީހުން ހައްޔަރުކުރުން. ވަރަށް ސާފު ބިރުގަންނަނީ ކޮންކަމަކާކަންވެސް، އަދި މިވެރިންގެ ކިބައިގަ އިދިކޮޅަށް އޮތް ސަޕޯޓު ބެލުމުގެ ގަޓްސްއެއް ނެތްކަންވެސް. އަދި ބުނެލަން، ގޮނޑިތައްވެސް ޖަހާފަ ތިހިރީ ހާދަހާ ދުރުގަޔޭ! ބޮޑު ޖޯކެއް.
ނާވީ
10 February 2018
ރައީސް ޔާމީން އެވެ. ވަރަށް އާދޭހާއި އެކު ދަންނަވަމެވެ. އިބްރާހީމް ސިޔާދް ގާސިމް މިނިވަން ކޮއްދެއްވާށެވެ. އެބޭފުޅާ އަކީ ޕޮލިޓީޝަނެއް ނޫނެކެވެ. ކުށަކާ ނުލާ އެގޮތަށް އެބޭފުޅާ ބަންދުގައި ނުބަހައްޓަވާށެވެ. ގާސިމް އިބްރާހީމްގެ މުޅި ފެމިލީދެކެވެސް ވ ލޯބިވަމެވެ. ގާސިމް އިބްރާހީމްގެ އާއިލާއަށް މިވަގުތު ލިބިފައިމިވާ ހިތާމައިގާ އަޅުގަނޑު ބައިވެރިވަމެވެ. ޔާ ﷲ ގާސިމް އިބްރާހީމްގެ އާއިލާއަށް ކެތްތެރިކަން ދެއްވަވާފާންދޭވެ. އަދި ގާސިމް އިބްރާހީމްއާއި އެބޭފުޅާގެ ދަރިކަލުން އިބްރާހީމް ސިޔާދް ގާސިމް އަވަހަށް މިނިވަން ވާނޭގޮތެއް މިންވަރު ކޮށްދެއްވަވާފާނދޭވެ. އާމީން...