މާލެ ތެރޭގެ އަމަން ބެލެހެއްޓުމަށް ސިފައިން ޝީލްޑާއެކު ހަރަކާތްތެރިވަނީ. ---ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
21 ފެބުރުއަރީ 2018 - 11:06
ރައީސް އަބްދުﷲ ޔާމީން މި މަހުގެ ފަސް ވަނަ ދުވަހުގެ ރެއިން ފެށިގެން 15 ދުވަހުގެ މުއްދަތަށް އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށް އިތުރު ކުރުމަށް، ރައްޔިތުންގެ މަޖިލީހުން ފާސް ކުރުމާ ގުޅިގެން އެމެރިކާ އިން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެމެރިކާގެ ހާރިޖިއްޔާގެ ތަރުޖަމާނު ހެތާ ނައުއާޓް ނެރުއްވި ބަޔާނެއްގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައުމަށް ރައީސް އަބްދުﷲ ޔާމީނަށް ގޮވާލައްވައިފަ އެވެ. އަދި ގާނޫނުއަސާސީ ނަގަހައްޓައި، ދެމެހެއްޓުމަށް ވެސް ހެތާ ނައުއާޓް ވަނީ ސަރުކާރަށް ގޮވާލައްވައިފަ އެވެ.
މީގެއިތުރުން، ރައްޔިތުންގެ މަޖިލީހާއި ޝަރުއީ ކޯޓުތައް މިނިވަންކަމާއި ފުރިހަމަ ބާރާއެކު ހިނގާނެ މަގު ތަނަވަސްކޮށް ދިނުމަށް ވެސް އޭނާ އެދިވަޑައިގެންނެވި އެވެ.
ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދީފައިވާ އަސާސީ ހައްގުތަކާއި މިނިވަންކަމާއި ރާއްޖެއިން ސޮއިކޮށްފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކުގައި ހިމެނޭ ހައްގުތައް ކަށަވަރުކޮށް ދިނުމަށް ވެސް އޭނާ ގޮވާލެއްވި އެވެ.
ދައުރުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ޖަލްސާ.---ފޮޓޯ: މަޖިލިސް
މަޖިލީހުގެ ދައުރުން ބޭރުގައި އިއްޔެ ބޭއްވި ޖަލްސާގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ފާސް ކުރި ގަރާރުގައި ރައްޔިތުންގެ މަޖިލީހުގެ ބާރުތަކާއި ކޯޓުތަކުގެ ބާރުތައް އިއާދަ ކުރަން ފެންނަ ކަމަށް ފާސްކޮށްފަ އެވެ. އެވެ. އެ ގަރާރު ފާސް ކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 38 މެމްބަރުންގެ އިއްތިފާގުންނެވެ. މި ޖަލްސާއަށް، އިދިކޮޅު މެމްބަރުން ބައިވެރިވެވަޑައިނުގެން ޖަލްސާ ވަނީ ބޮއިކޮޓް ކުރައްވައިފަ އެވެ.
މިއީ، ރައްޔިތުންގެ މަޖިލީހުން ގާނޫނާ ޚިލާފަށް ބޭއްވި ޖަލްސާއަކުން ނިންމި ޣައިރު ގާނޫނީ ކަމެއް ކަމަށް އިދިކޮޅު މެމްބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ. އެއީ މަދުވެގެން، މަޖިލީހުގެ ދެ ބައިކުޅަ އެއްބައި ހާޒިރުވާ ޖަލްސާއަކުން ނޫނީ ފާސް ނުކުރެވޭނެ ގަރާރެއް ކަމަށް ވާތީ އެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު މަޖިލީހުން ފާސްކުރި އިރު ވަނީ، މަޖިލީހަށް މީހުން ހާޒިރުކުރުން ފިޔަވައި، ކުއްލި ނުރައްކަލުގެ ހާލަތުގައި ހިފެހެއްޓި ހުރިހާ ބާރުތަކެއް އިއާދަކޮށްދީފަ އެވެ. ކުރިން ހިފަހައްޓާފައި އޮތީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރުމާއި ވަޒީރުންގެ މަޖިލީހުގެ މެމްބަރުން ވަކިކުރުމާއި ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ހުންނަ ޝަރުތުތަކާ މެދު ހިލާފެއް އުފެދިއްޖެނަމަ، އެފަދަ ކަމަކާ މެދު ގޮތެއް ނިންމުމުގެ ބާރު ލިބިގެން ވަނީ ސުޕްރީމް ކޯޓަށް ކަމަށް ބުނާ މާއްދާ އާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) މަގާމުން ވަކިކުރުމާ ގުޅޭ މާއްދާ އެވެ.
އެކިއެކި ކުށްތަކުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ސިޔާސީ އިދިކޮޅު 9 ބޭފުޅުން ދޫކޮށްލުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރާ އެއްގޮތަށް، އަމަލު ކުރުމަށް އެމެރިކާ އިން ކުރިން ވަނީ ގޮވާލައްވައިފަ އެވެ. އަދި ރާއްޖޭގައި މިހާރު ހިނގަމުންދާ ކަންތައްތަކާ ބެހޭ ގޮތުން އެމްރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ މަޝްވަރާ ކުރައްވައިފަ އެވެ.
ރައީސް ޔާމީން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރެއްވީ ސިޔާސީ އިދިކޮޅު ނުވަ ލީޑަރަކު ދޫކޮށްލުމަށް ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ތަބާނުވެ، އެއީ ދައުލަތް ހުއްޓުވާލަން ކުރި ކަމެއް ކަމަށް ވިދާޅުވެ އެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައި، ފުލުހުންނާއި ސިފައިން ފޮނުވައިގެން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި، މައުމޫންގެ ދަނބިދަރިކަލުން މުހައްމަދު ނަދީމް ވަނީ އެ ރޭ ހައްޔަރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެމްސް
21 February 2018
މިހާ ނުރައްކާ ވެގެން މިއުޅެނީ ކާކަށް ބާ؟
އަބްދުއްލާ
21 February 2018
ބުނަން މާބޮޑަށް އުނދަގޫކުރަން އެމެރިކާއާ އިންޑިޔާ އިންފަށައިފިނަމަ އައްޑޫގަން ރަސިޔާ އަށް ހއ. އިހަވަންދުއްޕޮޅު ޗައިނާ އަށް ދިނުމަށާ މިލިޓްރީ ބޭސް ހެދުމަށް ސަރުކާރަށް ގޮވާލަން.
ގގ
21 February 2018
ކޮބާތަ މިގައުމު ހޯމްމިނިސްޓަރު.
އިއްސެ
21 February 2018
ޖަލައްލާ ރައީސް ވަރަަށް ބޯހަރުވާނެ. އަޑެއްވެސް ނާހާނެ.
ވަސްމީރު
21 February 2018
ޔާމީން ބުނީ އެމެރިކާ އަދި ތިހެން ނެރެލާ ބަޔާނަކަށް ތިމަންނާއެއް ނުސިހޭނޭ. ސަބަބުވެސް ބުނި. ބުނަނީ ތިމަންނާގެ ގައުމު ކިތަންމެ ކުޑަ ނަމަވެސް މި ގައުމު ދެކެ އެއޮތް ބޮޑު އިންޑިޔާވެސް ބިރުން ސިހިއްޖެއޭ އެހެންވީމަ ސޮރީއޭ. ތިޔަ ގޮވާލި ގޮވާލުމަކަށް މި އަޒުމެއް ނުގުޑާނެއޭ!
އާސާރީ2017
21 February 2018
ތިޔަ ޤައުމުގެ ސްކޫލްތަކުގައި ބަޑިން ހަމަލާދީ ދަރިވަރުން މަރާތީ އަފުން މާކަންބޮޑުވޭ!
ފުންއަސަރު
21 February 2018
ހިތަށް އުނދަގޫވަނީ ބޭރު ދުނިޔޭގެ އެކިފަރާތްތަކުން މިކަންކަމުގެ ތެރެއަށްވަދެ ލޯއަޅަމުންދާތީ. ހަމަ ހީވަނީ ދެންމެ ދެންމެ މިރާއްޖެއަށް ބޭރުމީހުން އަރާފާނެހެން. މިފަހަރު ކަންކަން ވަމުން ދާގޮތުން މިކަން ވަރަށް ޔަގީންވެސް ކުރެވެން ފަށައިފި. އަޅެ ކޮންމެވެސް އެއްބަޔަކު މިކަމުގާ ދުލެއްދޭންވެއްޖެ. އެހެންނޫނީ މަމެންގެ މިރައްޖެ ބޭރުބައެއްގެ އަޅުވެތިކަމުގެދަށަށް ހިނގައިދާނެ.