ފުލުހުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޝިފާން ވާހަކަ ދައްކަވަނީ.---ފޮޓޯ: މިހާރު
26 ފެބުރުއަރީ 2018 - 16:51
ގާނޫނާ ޚިލާފަށް ވެރިކަން ވައްޓާލަން މަސައްކަތް ކުރުމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ މީހުންގެ ބައެއް މައްސަލަތައް މި ހަފުތާގައި ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވާނެ ކަމަށް ފުލުހުން ދެންމެ ބުނެފި އެވެ.
ސުޕްރިންޓެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެހެން ވިދާޅުވި ނަމަވެސް، އެ މައްސަލަތަކާ ގުޅޭ ތަފުސީލެއް ނުދެ އެވެ. އެއީ ނޫސްވެރިންނަށް ސުވާލުކުރުން ބަންދުކޮށްގެން ބޭއްވި ނިއުސް ކޮންފަރެންސަކަށް ވާތީ އެކަމާ ގުޅޭ ސުވާލުތައް ކުރުމުގެ ފުރުސަތެއް ނެތެވެ.
ސިޔާސީ ބޭފުޅުން ވެސް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކުރުމަށް އަންގައި ސުޕްރީމް ކޯޓުން މި މަހުގެ 1 ގައި ނެރުނު އަމުރުގެ ނަތީޖާ އަކީ، ގާނޫނާ ޚިލާފަށް ވެރިކަން ވައްޓާލުން ކަމަށް ފުލުހުން ތުހުމަތު ކުރެ އެވެ.
އެ މައްސަލައިގެ ތުހުމަތު 10 މީހަކަށް ކުރާއިރު، މިއަދުގެ ނިއުސް ބްރީފިންގައި ޝިފާން މައިގަނޑު ގޮތެއްގައި އަލިއަޅުވާލެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދާއި މައުމޫންގެ ދަރިކަލުން ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމާ ގުޅޭ ބަޔަށެވެ.
ޝިފާން ވިދާޅުވީ، މައުމޫނާއި ފާރިސް އާއި ނަދީމް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ދީގެން، ގާނޫނީ ސަރުކާރު ވައްޓާލަން މަސައްކަތް ކުރި ކަމުގެ ހެކި ވަނީ ލިބިފައި ކަމަށެވެ. މީގެ އިތުރުން، އެ ތިން ބޭފުޅުން އިސްވެ ތިއްބަވައިގެން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކަށް ރިޝްވަތު ދީގެން ވެރިކަން ވައްޓާލުމަށް ޖުލައި 24، 2017 ގައި މަސައްކަތް ކުރި ކަމުގެ ހެކި ވެސް އެބަހުރި ކަމަށް ފުލުހުން ބުނެ އެވެ.
ޝިފާން ވިދާޅުވި ގޮތުގައި މި މަހުގެ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަކަށް ފަހު، އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ އަމިއްލަ މަސްލަހަތު އިސްކުރައްވައި ވަކި ގޮތަކަށް ޝަރުއީ ނިޒާމު ބައްޓަން ކުރުމަށް މަސައްކަތް ކުރައްވައި ގާޒީންނަށް ނުފޫޒު ފޯރުވާފައިވެ އެވެ.
"އަދި ތަހުގީގު ކުރެވެމުން ދިޔަ ހެކި، އަނބުރާ އެ ނިސްބަތްވާ ފަރާތްތަކަށް ރައްދު ކުރުމަށް އަމުރު ނެރެ އަދި ބައެެއް ފަރާތްތަކަށް މި ނުފޫޒުގެ ތެރެއިން ނާޖާއިޒް ފައިދާ ލިބޭ ގޮތަށް މަސައްކަތްތަކެއް ކޮށްދީފައިވާކަން ތަހުގީގުން ފާހަގަކުރެވިފައި އެބަހުރި،" ޝިފާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ އިތުރުން ހަސަން ސައީދު ރާއްޖޭން ބޭރުން ފްލެޓު ބައްލަވައިގަންނަން، ރާއްޖޭގެ ބޮޑު ކުންފުންޏަކުން ގިނަ އަދަދެއްގެ ޑޮލަރުތަކެއް، ތުހުމަތުތަކެއް އެކުލެވޭ ގޮތަށް ދީފައިވާ ކަމަށެވެ. އެކަމުގެ ޑޮކިއުމެންޓްރީ ހެކި ލިބިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މީގެ ކުރިން ބޭއްވި ނިއުސް ކޮންފަރެންސެއްގައި ފުލުހުން ބުނެފައި ވަނީ ރާއްޖޭގެ ބިޔަ ކުންފުންޏަކުން 2.4 މިލިއަން ޔޫއެސް ޑޮލަރުގެ އެހީއެއް، ލޯނެއްގެ ގޮތުގައި އަލީ ހަމީދަށް ދީފައިވާކަން ޔަގީން ކުރެވޭ ކަމަށެވެ. އަދި 2.4 މިލިއަން ޑޮލަރުގެ މަންފާ އުއްތަމަ ފަނޑިޔާރަށް ވެސް ލިބިފައިވާ ކަމަށް ފުލުހުން އޭރު ބުނެފައި ވެ އެވެ.
ޝިފާން މިއަދު ފާހަގަކުރެއްވި ގޮތުގައި ރާއްޖޭން ބޭރުން އަގު ބޮޑެތި ފުލެޓުތައް ގަންނަން އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދާއި ހަސަން ސައީދަށް ފައިސާގެ އެހީ ދީފައި ވަނީ ރާއްޖޭގެ ބޮޑު އެހެން ކުންފުންޏަކުންނެވެ. އެކަމަކު އެ ކުންފުނީގެ ނަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
ޝިފާން ވިދާޅުވީ، އެ ބޭފުޅުން ރާއްޖެ އިން ބޭރުގައި ވެސް މުއާމަލާތުތަކެއް ކުރައްވާފައިވާތީ، ފުލުހުންގެ ޓީމުތައް އެ ގައުމުތަކަށް ފޮނުވައިގެން ތަހުގީގު ކުރިއަށް ގެންދަވާ ކަމަށެވެ. އަދި އެ ތަހުގީގަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެގޮތުން ރާއްޖެއިން ބޭރުގެ އެކި ގައުމުތަކުން ގަނެފައިވާ މުދަލާއި ފްލެޓުތަކުގެ މައުލޫތާއި އެކަމާ ގުޅިގެން ހޯދަންޖެހޭ ހޯދުންތައް ފުލުހުން ދަނީ ހޯދަމުން. އަދި މި މަސައްކަތުގެ ތެރޭގައި އަޅުގަނޑުމެން ހޯދަން ބޭނުންވާ މުހިންމު ބައެއް ސާމާނާ ބެހޭ މައުލޫމާތު ލިބިފައިވާކަން އަޅުގަނޑު ފާހަގަކޮށްލަން. ޚާއްސަކޮށް އަޅުގަނޑު މި ފާހަގަކުރި ތަންތަނާއި މި ބޭފުޅުން ނިސްބަތްވާ އެކި ތަންތަނާއި ތަކެތި ޔަގީން ކުރެވި، ތަހުގީގުގެ ތެރެއިން މިކަންކަން ކުރެވިފައިވާ ގޮތް ކަށަވަރު ކުރެވިފައިވާ ކަން ފާހަގަކޮށްލަން،" ޝިފާން ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެރަކަލޯ
27 February 2018
7 ފެބުރުވަރީގަ ކަލޭ ބައިވެރިވި ބަގާވާތުގެ ކަންކަން ބަލަނީ ކޮންއިރަކު ރައްޔިތުން ކުރިމައްޗައް ނުކުމެ އަނގަހާވަން ކެރޭތީ ލަދުހީވޭ
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
27 February 2018
ދިވެހި ދައުލަތުގެ ޤާނޫނު އަސާސީ މާނަ ކުރުމާއި ދުސްތޫރީ ހިލާފް ތަކާއި ޝަރުއީ މައްސަލަ ތަކުގައި ފަހުބަސް ބުނުމުގެ ބާރު ފުލުހުންނާއި ސިފައިންނަށް އަދި ހުދު ސަރުކާރަކަށް ވެސް ޤާނޫނު އަސާސީ އާއި ޤާނޫނު ތަކުގެ ތެރެއިން ދީފައިނުވޭ. . . މިދެންނެވިކަންކަމަކީ ޤާނޫނު އަސާސީ އާއި ޤާނޫނު ތަކުން ސީދާ ދައުލަތުގެ އެންމެ މަތީ ކޯޓް ސްޕްރީމް ކޯޓަށް މަތިކޮށްފައިވާ ސްޕްރީމް ކޯޓްގެ ޤާނޫނީ ޒިންމާއެއް. . އިތުރަށް އުފެދޭ ސުވާލަކީ “ސްޕްރީމް ކޯޓުން ޤާނޫނާއި ހިލާފަށް ވެރިކަން ވައްޓާލަން މަސައްކަތް ކުރެއްވި” ކަމަށް ތުހުމަތު ކުރެވޭ އިރު އަދި ތިޔަ ބުނާ 1 ފެބްރުއަރީ އަމުރު ނެރުނު އިރު ބައިވެރިވެ ތާއީދު ކުރި 3 ފަނޑިޔާރަކަށް ތުހުމަތުނުކޮށް ސީދާ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދަށް ތުހުމަތު ކޮށްފައި އަނެއް 3 ފަނޑިޔާރުން ސަލާމަތް ވާންޖެހުނު ސަބަބަކީ ކޮބައިތޯ ؟؟! . . ބޭރު ޤައުމު ތަކާއި ބެހޭ ކަމެއް ނޫން ކަމަށް ކިތަންމެ ވަރަކަށް ބުންޏަސް މިހެންވީމަ އެމީހުންވެސަ ބެހޭނެ.
ޙުސޭނުބޭ
27 February 2018
ސުވާލު ކުރުމަކާނުލާތޯ މިހާރު ޕްރެސް ބްރީފިންގ އިންނަނީ. ތިޔަކަށް ނުކިޔާނެ ޕްރެސްއެކޭ. ތިޔަށްކިޔަނީ ބަޔާން ނެރުން. ތީތިކަޑަ ޝިފާން. ޖެހިލުންވަނީތޯ. ކުރީދުވަހު "ކަޅުފޮށި" ޝިފާންއަށް ކިޔުނު ވަގުތުވެސް މޫނުގެކުލަވަރު ބަދަލުވެ ވީގޮތުންވެސް ސުވާލުތަކެއް އުފެދުނު
ވަތަނަބޭ
27 February 2018
ސުބުހާނަﷲ! އަނެއްކާ މިފަހަރު އެކަން ކުރަން އުޅުނީ ކޮން ބައެއް؟ ޤާނޫނު އަސާސީގެ މަފްހޫމުގެ ތެރެއިން ކަންކަން ދެނެގަންނަނަމަ، ދައުލަތުގެ ވެރިމީހާ އާއި ފަންޑިޔާރުންނާއި ރައްޔިތުންގެ މަޖުލިސްގެ މެމްބަރުންނާއި، މުސްތަގިއްލު ކޮމްިޝަންތަކުގެ ވެރިންނާއި ފުލުހުންނާއި ސިފައިންކުރެ ގާނޫނުއަސާސީއާއި ގާނޫނާއި ޚިލާފަށް ކަންކުރާ ކޮންމެ މީހަކު އެކުރަނީ ބަޣާވާތެއް، ކިޔާނާތެއް، ޖަރީމާއެއް ނޫންތޯ؟ އަޅުގަނޑު ނުބުނަން ވަކިމީހަކު ބަޔަކު ކުރެއެކޭ! ކޮނމެވެސް ބަޔަކު އެކަމެއް އެބަކުރޭ ދޯ؟
ަައަ
27 February 2018
ބަޤާވާތަކީ ހަމަ ބޭފުޅަކު ވިދާޅުވާއިރަށް ވާއެއްޗެއްތޯއެވެ.ތިވިދާޅުވަނީ އާދައިގެ ވާހަކަ ފުޅެއްނޫނެވެ. ބޮޑުވާހަކައެކެވެ. ބަޤާވާތެއްކަމަށް ކަނޑައެޅެނީ އެއީ ބަޣާވާތެއްކަމަށް އެކަމާގުޅުންހުރި މުއަށްސަސާއަކުން ކަނޑައެޅުމުންނެވެ.ވީއިރު އެފަދަ ހަމައެއްނެތި މިފަދަ ބޮޑުބަހެއް އަނެކާއާއި މުހާތަބުކުރުމަކީ ހަމަޔާޤީނުންވެސް ފިތުނައެއް އުފެއްދުމެވެ.ބައިބައިވުމަށް މަގުފަހިކުރުމެވެ.
ހޯހޯ
27 February 2018
އަދިކަލޭވެސް ހަތްޔަރު ކުރާނެ މިހާރުތިކުރަނީ ބަޢާވަތް ތިޔަހަދާދޮގުތައް ބަލަން މިތިބީ
Ahmed Mohammed
27 February 2018
ކޯޓަކުން ހުކުމެއްކުރީމާ އެހުކުމް ތަންފީޒުކުރުމަށް ޤާނޫނުން ބާރުދީފައިވާ ފަރާތްތަކުން އެއަށް އިހުތިރާމު ކުރުމުގެ ބަދަލުގައި އެހުކުމް ކުރިފަރާތް ކުށްވެރިވުން އެއީ އަދި މިހާތަނަށް ދުނިޔެ ދެކެފައި ވާކަމެއްނޫން. މިސާލަކަށް ދާދި އިހަކަށްދުވަހު ޕާކިސްތާނު ކޯޓަކުން ހުކުމެއްކުރީ ބޮޑުވަޒީރުގެ ޤާނޫނީ ހައިސިއްޔަތު ނެއްކަމަށް. އެހުކުމް ކުރި ފަރާތަކަށް ފިޔަވަޅެއްނާޅާ ހުކުމް ތަންފީޒުކުރެއްވީ. އެހެންކަމުން ތަންފީޒީ ބާރުތަކުން ޤާނޫނަށް ހުރުމަތް ތެރިކޮށް ހިތުމަށް ނަސޭހަތްތެރިވަން.
falaku ain
26 February 2018
ކާކުތޯ އެތަނުން ދަޢުވާ އުފުލަނީ. ޕީޖީ އެހުރީ ތިބަޣާވާތުން ސަލާމަތްވެގެން. ދެން އެތާގައެއްނެތް ތިޔަކަން ކޯޓަށް ފޮނުވާނޭ ވެރިއަކު. އަނިލް އާއި އާޒިމާ އަތަށް ފޮނުވާލީމާ ނިމުނީ. ދެން ހުންނާނެ "ޖެނެރަލް" އަދުރޭ.
އަސަދު
26 February 2018
ތިޔަގޮތަށް ކާނަލް ނާޒިމްގެ މައްސަލަ، ޝައިޚް ޢިމްރާންގެ މައްސަލަ ރައީސް ނަޝީދުގެ މައްސަލަ، ޤާސިމް އިބްރާހީމްގެ މައްސަލަވެސް ތަޙްޤީޤުކޮށް ޝަރީޢަތަށް ފޮނުވައި ޙުކުމްވެސް ކުރި. އެކަމަކު މިއިން އެއްވެސް މައްސަލައެއްގެ ތަޙްޤީޤުވެސް އަދި ޝަރީޢަތްވެސް ހިނގާދިޔަގޮތް ދިވެހި ގިނަ ރައްޔިތުންނާއި ބައިނަލްއަޤުވާމީ އެއްވެސް ފަރާތަކުން ޤަބޫލުނުކުރާކަމާއި، އެޝަރީޢަތްތައް ރަނގަޅުނޫންކަން ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން 1 ފެބުރުވަރީ 2018 ދުވަހު ނިންމެވި ނިންމެވުމުން އެނގިގެން ހިނގައްޖެއެވެ. ޝިފާނުވެސް ދެންތިޔަހެން މިރައީސް ރުއްސަން ނުއުޅުއްވާށެވެ. ޕްރެސް ކޮންފަރެންސް ބާއްވަންޏާ ސުވާލުކުރުމުގެ ފުރުޞަތުވެސް ނޫންވެރިންނަށް ދެއްވައިގެން ޕްރޮފެޝަނަލްކޮށް ތިޔަކަން ކުރައްވާށެވެ. ތިޔަހެން ޕޯޑިއަމެއްގެ ކައިރީގައި ހުރެ ލިޔެފައިވާ އެއްޗެއް ކިޔާލުމަކުން މިހާރަކު ނުފުދޭނެއެވެ.
ޢަބްދުﷲނާފިޒު
26 February 2018
ދެން މިސޮރުމެންވެސް ތެޅޭ ފާޑެއްއުތަ، ހެއްކާ ޤަރީނާއާ ހުރިއްޔާ ދެން ކޮން ނިއުސް ކޮފަރެންސެއް ބާވާއްކަށްތަ، ފޮނުވާތަކަށް މައްސަލަ ފޮނުވާ ދައުވާ އުފުލާ ހުކުމް ކުރީމަ ނިމުނީ ނޫންތަ، ތިއުޅެނީ ރައްޔިތުން ވާވައްދާނަމޭ ހިތާތޯ، އަހަރުމެން ނެތިން ކަލޭމެން ތިހިންގާ ޖަރީމާތައް އަޑުއަހައިގެން ފައިހަމަ ކުރާކަށް، ވަރަށް ސަލާމް ކަލޯ.
އުމަރު
26 February 2018
ގާނޫނާ ޚިލާފަށް ވެރިކަން ވައްޓާލަން، މިއީ އެމެރިކާގެ ރައީސް ޖޯޖްބުޝް އަފްއާނިސްތާނަށާއި އިރާގަށް އަރަން ދެއްކިކަހަލަ ވާހަކައެއް، ޤާނޫނާ ހިލާފަތް ކިހިނެއްތޯ ވެރިކަން ވައްޓާލެވެނީ؟ ސިފައިންނާއި ފުލުހުންތިބީ ރައީސް ޔާމީނުގެ ކާރީގައި ޔާމީނު ވިދާޅުވިހާ ކަމެއްކުރަން އަދި ވިދާޅުވިގޮތަށް ޤާނޫނާއި ހިލާފަތް ފަނޑިޔާރުން ރަޙީނުކުރުމާއި، ޤާނޫނާއި ހިލާފަތް މީހުން ހައްޔަރުކުރުމާއި، ޖަލައްލުމާއި، އަދި ބަންދުގައި ތިބޭ މީހުންގެ ތަހްގީގު ނުހިންގުމާއި، ޤާނޫނު ހަދާ މަޖިލިސް ހިސޯރުކޮށް ސިފައިން އެމަޖިލިހަށް ވައްދައި އެތަނުގައި ތަޅުއަޅުވައި، އަދި އެކަމާ ހިތްހަމަ ނުޖެހިގެން ނިކުންނަ ރައްޔިތުންގެ ލޮލަށް ޕެޕަސްޕްރޭޖަހައި އެމީހުންގެ ހިޔާލް ފާޅުކުރުމަށް ފުރުސަތުނުދީ، ދައުލަތުގެ ފުލެޓްތަކާއި، ޕްރޮޖެކްޓްތަށް އަދި ބީލަމަކާއި ނުލައި ބޭރުގެ މަޖުޖަނުންނަށް ދީގެން ކެމްޕޭނަށް ފައިސާހޯދުމާއި، މިހުރިހައިކަމެއް ހިންގަނީ ސަރުކާރުގެ ވެރިން، އެމީހުންގެ މައްސަލަ އަވަހަށް ބަލައި ޕްރޮސެކިއުޓަރުގެ އޮފީހަށް ފޮނުވައިދީ