ޕީޕީއެމްގެ ޖަލްސާއެއްގައި ނިހާން ވާހަކަ ދައްކަވަނީ: އެންޓި ޑިފެކްޝަން ބިލް، ގާނޫނުއަސާސީއާ ޚިލާފު ނޫން ކަމަށް ވިދާޅުވި. -- ފޮޓޯ/މިހާރު
07 މާޗް 2018 - 22:27
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިންތިޚާބުވާ ޕާޓީން ވަކިވެއްޖެ ނަމަ މެމްބަރު ކަމުގެ ގޮނޑި ގެއްލޭ ގޮތް ހަދަން ސަރުކާރުން ހުށަހެޅި އެންޓި ޑިފެކްޝަން ބިލާ، ޕީޕީއެމް/އެމްޑީއޭގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުން ދެކޮޅު ކަމަށް ދައްކާ ވާހަކަތައް އެ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން މިރޭ ދޮގު ކުރައްވައިފި އެވެ.
ނިހާން "މިހާރު" އަށް ވިދާޅުވީ ޕީޕީއެމް/އެމްޑީއޭގެ ޕާލަމެންޓްރީ ގްރޫޕްގެ 99 ޕަސެންޓް މެމްބަރުން ބިލާ ދެކޮޅު ކަމަށް ދައްކާ ވާހަކައިގެ ހަގީގަތެއް ނެތް ކަމަށެވެ. އެކަމަކު، މި ބިލާ މެދު ބައެއް މެމްބަރުންގެ ވަރަށް ބޮޑަށް ހިޔާލު ތަފާތުވި ކަމަށް އެއްބަސްވެވަޑައިގަންނަވަމުން ވިދާޅުވީ، އެއީ މައްސަލައެއް ނޫން ކަމަށެވެ. މަޖިލީހަށް ހުށަހަޅާ ބިލަކާ ގުޅޭގޮތުން އެ މެމްބަރަކު ދެކެވަޑައިގަންނަވާ ގޮތް ހާމަކުރެއްވުމުގެ ފުރުސަތު ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގައި އަބަދުވެސް އޮންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ބިލްތައް އަބަދުވެސް ކުރިއަށް ގެންދަނީ، ނިހާން ވިދާޅުވި ގޮތުގައި، މެމްބަރުން ހިޔާލު ތަފާތުވާ މައްސަލަތަކުގައި ފަރުވާއެއް ހޯދުމަށް ފަހު އެވެ. ޑިމޮކްރެސީގެ އަސާސަކީ އެންމެ މީހަކު ނުވަތަ ދެ މީހަކު ބޭނުންވާ ގޮތް ހެދުން ނޫން ކަން ވެސް ނިހާން ފާހަގަކުރެއްވި އެވެ.
މުލިއާގޭގައި މިއަދު ބޭއްވި ޕީޕީއެމް/އެމްޑީއޭ ޕީޖީ ގްރޫޕްގެ ބައްދަލުވުން. - ފޮޓޯ: ނިހާނު
އޭނާ ވިދާޅުވި ގޮތުގައި އެޓާނީ ޖެނެރަލް މުހައްމަދު އަނިލްއާ އެކު މުލިއާގޭގައި ގާތްގަނޑަކަށް ތިން ގަޑިއިރަށް މިއަދު ދިގު ދެމިގެން ދިޔަ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގައި، އެންޓި ޑިފެކްޝަން ބިލާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރައްވައި، މެމްބަރުން ދެއްކެވި ވާހަކަތައް ލިޔެފައި އެބަހުއްޓެވެ.
މެމްބަރުންތަކަކާ ހަވާލާދީ، "މިހާރު" ނޫހުގައި ރިޕޯޓްކޮށްފައިވާ ގޮތަށް، 99 މެމްބަރުން ބިލާ ދެކޮޅެއް ނުހަދާ ކަމަށް ނިހާން ތަކުރާރުކޮށް ވިދާޅުވި އެވެ.
"މި ބިލާ ގުޅޭ ގޮތުން މަޝްވަރާކުރަން އަޅުގަނޑުމެން 41 މެމްބަރުންގެ ތެރެއިން 36 މެމްބަރުން ހާޒިރުވި. އެ ބޭފުޅުންގެ ތެރެއިން 99 ޕަސެންޓް ބިލާ ދެކޮޅު ކަމަށް ވިދާޅުވަންޏާ، އެއީ ރަނގަޅު ވާހަކައެއް ނޫން. އެ ބޭފުޅުން ދެއްކި ވާހަކަ ލިޔަމުން ދިޔައީ އަޅުގަނޑު. ބިލާ އިދިކޮޅުތޯ، އިސްލާހާ އެކު ފާސްކުރަން ބޭނުންތޯ؟" ނިހާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބައްދަލުވުމުގައި، އެ ބިލާ ދެކޮޅު ހެއްދެވީ "ދެތިން މެމްބަރަކު" އެކަނި ކަމަށެވެ. އެއީ، ކޮން މެމްބަރުންނެއް ކަމެއް އޭނާ ވިދާޅެއް ނުވި އެވެ.
"އެ ބޭފުޅުންގެ ވިސްނުން އެހެން ހުރި ނަމަވެސް ގްރޫޕެއްގެ ގޮތުގައި މަސައްކަތް ކުރާއިރު، ފަހު ވަގުތު ހިޔާލު އެއްގޮތްވެ މި މަސައްކަތުގައި ބައިވެރިވެވަޑައިގަންނަވާނެ،" ނިހާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މެމްބަރުން އިންތިޚާބުވާ ޕާޓީން ވަކިވެއްޖެ ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތް ހެދުމަކީ، ރިޔާސީ އިންތިޚާބުގައި ޕީޕީއެމުން ރައްޔިތުންނަށް ވެފައިވާ ވައުދެކެވެ. ރާއްޖޭގެ މިހާރު އޮތް ހާލަތަށް ބަލާއިރު، މިއީ ކޮންމެހެން މުހިއްމު ބިލެއް ކަމަށް ނިހާން ދެކެވަޑައިގަންނަވަ އެވެ.
Anti-Defection Gaanoon eh 18 vana Majlis in Vujoodh kurumakee PPM ge 2013 vana aharuge Riyaasee Inthikhaabugai vefai vaa Vaudheh. pic.twitter.com/UwlFEYBKfr
— Ahmed Nihan (@ahmed_nihan) March 7, 2018
ނިހާން މިރޭ ކުރެއްވި ޓުވީޓް
"އެހެންކަމުން މަޖިލީހުގެ ހުރިހާ ހަރުފަތްތަކެއް ގިރާކުރުމަށް ފަހު މި ބިލް ވޯޓާ ހަމައަށް ދާނެ،" ވިލިމާލެ ދާއިރާގެ މެމްބަރު ނިހާން ވިދާޅުވި އެވެ.
ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގައި ބަންޑާރަ ނައިބު އަނިލްގެ ލަފާ ހޯއްދެވި ކަން ފާހަގަކުރައްވައި ވިދާޅުވީ، އޭނާ ދެއްކެވި ވާހަކަތަކުން ގާނޫނީ ސުވާލުތައް މެމްބަރުންނަށް ސާފުވެގެން ދިޔަ ކަމަށެވެ. އެހެންކަމުން ވޯޓާ ހަމައަށް ދާއިރު، ބިލާ މެދު މެމްބަރުންގެ ހިޔާލު އެއްގޮތްވާނެ ކަމަށް ޔަގީންކުރައްވާ ކަމަށް ނިހާން ވިދާޅުވި އެވެ.
ބިލުގައިވާ ގޮތުން މަޖިލީހުގެ މެމްބަރަކު، ޕާޓީ ޓިކެޓުގައި އިންތިހާބުވުމަށް ފަހު، ޕާޓީން އަމިއްލައަށް ވަކިވުން، ވަކިކުރުން އަދި އެހެން ޕާޓީއަކާ ގުޅުން، މިއިން ކޮންމެ ހާލަތެއް ކުރިމަތިވިޔަސް ގޮނޑި ގެއްލޭނެ އެވެ. އެކަމަކު މިއީ ގާނޫނުއަސާސީގައި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅާފައި އޮތް ޝަރުތުތަކެއް ނޫނެވެ. އެހެން ކަމުން ގާނޫނީ ބައެއް ބޭފުޅުން ވިދާޅުވަނީ ގާނޫނުއަސާސީ އިސްލާހު ނުކޮށް އެ ބިލް ގާނޫނަކަށް ނުހެދޭނެ ކަމަށެވެ.
މި ވާހަކަތަކަށް ރައްދު ދެއްވައި ނިހާން ވިދާޅުވީ ގާނޫނީ ހުރިހާ ބޭފުޅުންގެ ހިޔާލު ވެސް ކޮންމެހެން އެއްގޮތްވާކަށް ނުޖެހޭ ކަމަށެވެ. ބަންޑާރަ ނައިބާއި ސަރުކާރުގައި ތިއްބެވި ވަކީލުންނަށް މިއީ މުހިއްމު ބިލެއް ކަމަށް ފެނިވަޑައިގަންނަވާ ކަމަށާއި އަދި ގާނޫނުއަސާސީއާ ޚިލާފު ބިލެއް ނޫން ކަމަށް ވިދާޅުވި އެވެ.
ނިހާން ވިދާޅުވި ގޮތުގައި މާނަ ނަގަން ޖެހެނީ ގާނޫނުއަސާސީގެ އެންމެ މާއްދާއަކުން ނޫނެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ބާބު ފެށޭ ގާނޫނުއަސާސީގެ 70 ވަނަ މާއްދާގައި މެމްބަރުން ކުރަންވީ ކަންކަން ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަން ފާހަގަ ކުރައްވައި ވިދާޅުވީ ރާއްޖޭގައި ގާނޫނެއް ނުހެދޭނީ އިސްލާމްދީނުގެ އަސްލަކާއި އުސޫލަކާ ޚިލާފުވާ ގޮތަށް ކަމަށެވެ.
"މި ބިލުގައި އިސްލާމްދީނުގެ އަސްލަކާ ޚިލާފު ވާހަކައެއް ނުހިމެނޭ. ގާނޫނުއަސާސީގެ އިސް، ފަސްވެފައިވާ ތަރުތީބަށް ބަލާއިރު ވެސް މި [ބިލްގެ] މަސައްކަތް މަޖިލީހަކު ނުކުރެވޭނެ ކަމަށް އަޅުގަނޑަކަށް ނުފެނޭ. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ގާނޫނުއަސާސީއާ ވެސް ޚިލާފެއް ނޫން. މުޅި ގާނޫނުއަސާސީގެ ރޫހަށް ބަލާއިރު އެންމެ މާއްދާއަކުން އެ ރޫހު ލިބިގެން ކަންތައްތައް ނިންމޭކަށް ނޯވޭ،" ނިހާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެއީ ގާނޫނުއަސާސީއާ ޚިލާފު ބިލެއް ކަމަށް ވާނަމަ، އެކަން ކަނޑައަޅާނީ ސުޕްރީމް ކޯޓުންނެވެ. އެ ބިލްގައި ގޯހެއް އުޅޭ ނަމަ ކޯޓުން އެކަމަށް ގޮތެއް ކަނޑައަޅާނެ ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެނޯ
08 March 2018
ވަރަށް ސާފުކޮށް މި ބުނަނީ މިހާރު ތިޔަހަދާގާނޫނުތައް ސައްހައެއްނުވާނެ.
އަލީ ނާޒިމް
08 March 2018
ބަލަ އެހެންވިއްޔާ ކީއްކުރަން މީހަކައް ވޯޓު ދެނީ؟ އާންމުން ކައިރީގަ ކޮން ޕާޓީ އަކައްތޯ ވޯޓު އަހާފަ، ގޮޑި ޕާޓީގެ އެއްޗެއްގެ ގޮތުގަ ބަހައްޓަންވީނު!!!
އަފްރާހު
08 March 2018
އިސްލާމް ދީނުގެ އަސްލަކާ ޚިލާފުނުވާ ކޮންމެ ގާނޫނެއް ގާނޫނު އަސާސީގެ ދަށުން ހެދެންޏާ މިހާރު ގާނޫނު އަސާސީއިން ދީފައި ހުރި ހައްގުތައް ނިގުޅައިގަތުމަށްވެސް ގާނޫނު ހެދޭނެތާ! އެކަމަކު އެއިބާރާތް އެގާނޫނު އަސާސީގައި ގެނެސްފައި އެއޮތީ ހަދާކޮންމެ ގާނޫނެއްވެސް ވާންޖެހޭނީ ދީނާއެއްގޮތަށްކަން ކަށަވަރުކުރަން. އެއްވެސް ހާލެއްގައި ހައްގުތަކައް އަރައިގަތުމަކަށް ނޫން. ބަޔެއްގެ ހައްގުތަކައް އަރައިގަތުމަކީ އެންމެ ފުރަތަމައިން ވެސް ދީނާ ޚިލާފު އަމަލެއް. ކޮންމެ ކަމަކަށް ދީން ހަތިޔާރަކަށް ހަދައިގެން އެއިގެން ނާޖާއިޒު ފައިދާ ނަގަން ނޫޅޭ. ބަޔަކު ތައުލީމެއް ނެތި ތިމާއާއި ނުބައްދަލު މަގާމުތަކުގައި ތިއްބިޔަސް ގިނަ ދިވެހިންނަކީ ތައުލީމީ، ތަންދޮރު އޮޅުންފިލާ އަދި ތަހުޒީބީ ބައެއް. ދިވެހިންނަށް މަލާމާތް ނުކުރޭ.
ސަހަރޯ
08 March 2018
ވާނެގޮތެއްނޭގެ! ސަރުކާރު ފަޅިއްދައްވާކަ ގަބޫލުނުކުރެވޭނެ! އުތުރުކޮރިއާޔާ އެކުވަގު ވިއަފާރި ކުރީވޭސް ރާއްޖޭގެ ބޯޓެއް ނޫނޭބުނި ފަހުން އެއޮތީ ބޭޒާރުވެފަ
އަހުމަދުބެ
08 March 2018
މިހާރުނުވެ އޮތް ކަމަކީ މެމްބަރުން ކޮންޓްރޯލް ކުރުމެވެ. ތިޔަ އުޅެނީ އެކަން ކުރާށެވެ.
ކަމަނަމަނަ
08 March 2018
ޕްރޮޖެކްޓް ތަށް ހިންގަނީ "ލާރީގައި އަތް ކާއްތަން"ވެގެން ނެވެ "އަތުގައި ހޭކެންޏާ ދަތުގާ ހޭކޭނެ" ތާއެވެ
މަރިޔަމް ނިޝާއު
08 March 2018
މަ އޭރުވެސް ބުނިން "ޑްރާމާ އެކޭ" ޕީޕީއެމް ޕީޖީ ގްރޫޕުން ކުޅެލީ
ހުސޭނުބެ
08 March 2018
ރަގަނޅު ބިލެއްކަމަށް ދެކެން!! މިރާއްޖޭގައި ރައްޔިތުންގެ މަޖްލީހަށް މެމްބަރުން ހޮވެން ބޭނުންވަނީ ގައުމަށް އިޚްލާސްތެރި ޚިދުމަތެއް ކޮށްދިނުމުގެ ބަދަލުގައި މުއްސަނދިވެ ގައުމުގެ ޚަޒާނާ “ލޫޓްވާން”!! މެމްބަރު ކަމަށް ހޮވުމާއެކު “ޑީލް” ހަދަން ފަށާ!!! ބައެއްފަހަރު ވަކިބަޔަކު ބޭނުންވާ ގޮތަކަށް ބިލެއް ފާސްކުރަންވީމަ ވޯޓް ހަމަވާ ޢަދަދު ހަމަކުރަން މެމްބަރުންނަށް ބޮޑެތި ފައިސާ އަދަދު ހުށަހަޅާ!!! އަނެއްބައިފަހަރު ހުރި ޕާޓީ ނޫން އެހެން ޕާޓީއަކަށް ގެންދަން މިލިއަނުން ފައިސާ ހުށަހަޅާ!!! މިއީ ޙަގީގަތަކީ!!! މާޒީން މިކަން ވަރަށް ރަގަނޅަށް ފެނިގެންގޮސްފައިވޭ!! ކުއްލިއަކަށް ބައެއް މެމްބަރުން ލިބޭ މުސާރައާއި ނުބައްދަލު މުއްސަނދިކަމެއްގައި އުޅޭތަން ފެނިފައިވޭ!! މިބިލުގެ ސަބަބުން މިކަހަލަ ކަންތައްތަކަށް ޙައްލެއް ލިބޭނެ!! މެމްބަރުން ނުގަބޫލުވަނީ ނާޖާއިޒު ފުރުސަތު މިބިލުން ހަނިވާތީ!! އަޅުގަނޑު ދެކޭގޮތުގައި މިހާރު މެމްބަރުންގެ މަހު މުސާރަ 620000 ރުފިޔާ ނަގައިގެން އިޚްލާސްތެރި މަސައްލަތެއް ގައުމަށްކޮށްދޭންޖެހޭ!!!
ސަލީމު އިދުރީސް
08 March 2018
އޭތް ހުސޭނުބޭ ތިބިލު ފާސްކުރިޔަސް ތިޖޫރިޔައް އަތްބޭނޭ ހިސާބުގަ ތިބިމީހުން ތިޖޫރި ލޫޓުވުން ނުހުއްޓުވޭނެ! އަދި މިހާރުވެސް މިއޮޅެނީ އެފަދަމީހުން ޖަވާބޫދާރީ ނުކުރެވިގެން، ތިބިލުފާސްވެ މެންބަރުން އަޅުވެތިވީމައި ތިޖޫރި އިންތާއިން ވަގަޑުވެސް ނުހުންނާނެ ރިސޯޓުތަކުގެ ކުއްޔާ ޓެކުސްފައިސާ ސީދާ ގެޔައްކަންނޭގެ ކަހާލާނީ
ހުސޭނުބެ
08 March 2018
ސަލީމު އިދުރީސު މެން ރީނދޫ ބޭސް ބޮޔެގެން ތިބެގެން ރަގަނޅު ކޮމެންޓެއް ނުކުރެވޭތާ ބުއްދި ހަމަޖެހޭ ކަހަލަ ވާހަކައެއްވެސް ނުދެއްކޭނެ!! އަޅުގަނޑު މިދަންނަވާ ވާހަކައަކީ މިބިލުގެ ސަބަބުން މެމްބަރުން “ގަނެވިއްކުމުގެ” ބާޒާރާރު ބަންދުވާނެ ވާހަކަ!! އޭރުން މެމްބަރުން މަޖްލީހަށް ހޮވުމަށްޓަކައި ޓިކެޓް ދިން ޕާޓީއެއްގައި ތިބެން މަޖުބޫރުވާނެ ވާހަކަ!! އެއީ މިކިޔާ އެެއްޗަކީ!! ދެން ކޮންމެ އެއްޗެއް ހެދިޔަސް ވައްކަންކުރަން ބޫތު ކައިފަ ހުންނަ މީހެއްވެއްޖިއްޔާ ވައްކަންކުރާނެ!! ވައްކަންކުރިކަން ސާބިތުވެއްޖިއްޔާ ގާނޫނީ އަދަބު ލިބޭނެ!!
ގުންޑާ
08 March 2018
ދެން ނުހޮވޭނެ އެވެ.
ހެޔޮބަސް
08 March 2018
ގަދަ ބާރުން ވެރިކަމުގައި ހުރުމަށް މަސައްކަތް ކުރުމަކީ ރައްޔިތުން ނަށް ހާދަހާ ގެއްލުން ހުރި ކަމެކެވެ.