އިދިކޮޅު ޕްރެސް ކޮންފަރެންސެއްގައި އިބޫ ވާހަކަ ދައްކަވަނީ: އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ނުވަ ދުވަސް ޖަހާފައި.
19 މާޗް 2018 - 22:53
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ނުވަ ދުވަހަށް ދޫނިދޫގައި ބަންދު ކުރީ، އެއީ ވެސް މުޖުތަމައަށް ނުރައްކާތެރި ބޭފުޅެއް ކަމަށް ފުލުހުން ދެކޭތީ ކަމަށް ވަކީލް ނާޒިމް އަބްދުއްސައްތާރު މިއަދު ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ސިޔާސީ ޕާޓީތަކުން އިސް ނަގައިގެން ހިންގާ ހަރަކާތްތަކުގައި އެންމެ އިސް ދައުރެއް އަދާކުރައްވާ އިބޫ ހައްޔަރު ކުރީ މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި ބޭއްވި ބޭއްވި އިދިކޮޅު ޕާޓީތަކުގެ މުޒާހަރާގެ ބައެއް ބައިވެރިންނާ އެކު ޖުމްހޫރީ މައިދާނަށް ވަދެވަޑައިގަތުމުންނެވެ. އިބޫ ހައްޔަރު ކުރީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކަމަށް ވާއިރު، މަޖީދީމަގުން ޗާނދަނީމަގު ކަންމަތީގައި އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާ ފުލުހުން ރޫޅާލުމުން ޖުމްހޫރީ މައިދާނަށް ވަންނަން ދިޔަ ގުރޫޕުގައި އިސްކޮށް ހުންނެވި އެއް ބޭފުޅަކީ އެއީ އެވެ.
ޖުމްހޫރީ މައިދާނަކީ ގްރީ ޒޯންގެ ގޮތުގައި ކަނޑައަޅާފައިވާއިރު، އެއީ އެއްވެ އުޅުން މަނާ ސަރަހައްދެކެވެ.
އިބޫގެ ބަންދުގެ މުއްދަތު ޖަހަން ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތަށް ފަހު މީޑީއާއާ ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ އިބޫ ބަންދުގައި ބެހެއްޓި މައްސަލަ އިސްތިއުނާފް ކުރައްވާނެ ކަމަށެވެ. އޭނާ ބަންދުގައި ބެހެއްޓީ، މުޖުތަމައަށް ނުރައްކާވެދާނެތީ އާއި ހެކި ފޮރުވަފާނެ ކަމަށް ފުލުހުން ދެކޭތީ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ. އެކަމަކު މި ދެ ސަބަބު ދައްކައި، ބަންދަށް ނުވަ ދުވަސް ޖެހިއިރު އިބޫގެ މައްޗަށް ކުރަނީ ހަމައެކަނި ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމުގެ ތުހުމަތު ކަން ކޯޓުގައި ފާހަގަކުރެއްވި ކަމަށް ނާޒިމް ވިދާޅުވި އެވެ.
"ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކޯޓު އަމުރެއް ނެތި މީހުން ހައްޔަރު ކުރަން މި ޖެހެނީ. އަޅުގަނޑުމެން މި ދަންނަވަނީ، ބޮޑުވެގެންވާ ކުށެއްގެ ތުހުމަތުގައޭ މިސާލަކަށް ޓެރަރިޒަމްގެ އަމަލެއް ހިންގަފާނެތީއޭ. އެކަމަކު އިބްރާހިމް މުހައްމަދު ސޯލިހަށް ހަމައެކަނި ތުހުމަތު ކޮށްފައި މިވަނީ، ޖުމްހޫރީ މައިދާނަށް އެރޭ ވަޑައިގެން ފުލުހުންގެ ވާޖިބަށް ހުރަސް އެޅި ކަމަށް،" ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ތުހުމަތު ކުއްލި ނުރައްކަލުގެ ހާލަތަކަށް ނުފެތެ އެވެ.
"އެކަމަކު ފުލުހުން މި ބުނަނީ، ކުއްލި ނުރައްކަލުގެ ހާލަތުގައި ކޮންމެ މީހަކު ވެސް ހައްޔަރު ކުރެވިދާނެ ކަމާއި ކުށުގެ ކުޑަމިނަށް ބަލަން ނުޖެހޭ ކަމަށް،" ނާޒިމް ވިދާޅުވި އެވެ.
އިބޫ ހައްޔަރުކޮށް، ދޫނިދޫގައި އޭނާއާ ދޭތެރޭގައި އަނިޔާވެރިކޮށް އަމަލުކުރަމުންދާ ކަަމަށް ބުނެ އެމްޑީޕީން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ.
އެ ޕާޓީން ބުނި ގޮތުގައި އިބޫ އަށް ދާއިމީ ގޮތެއްގައި ދޭން ޖެހޭ، ހިތުގެ ބަލީގެ ބޭހާއި އަންނައުނު މިދިޔަ ހޮނިހިރު ދުވަހު އާއިލާގެ ފަރާތުން ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ. އެކަމަކު، އިބޫ ދޫނިދޫގައި ބަންދުކޮށްފައި ހުންނަވާތާ 24 ގަޑިއިރަށް ވުރެ ގިނަ އިރު ވީއިރު ވެސް، އެ ތަކެތި އޭނާއާ ހަވާލު ނުކުރާ ކަމަށް އެމްޑީޕީން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާލުސޮރު
20 March 2018
މުޖުތަމައަށް "އެންމެ ނުރައްކާތެރި މީހާ"ގެ އަތުގައި "ބާރުތަކެއް" އޮތްނަމަ އެހެން އެންމެންނަކީވެސް މުޖުތަމައަށް ބޮޑު ނުރައްކަލެއް ކަމުގަ ދެއްކޭތޯ އެމީހަކަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރަމުންގެންދާނެ. ހިންދީ އިހުގެ ލަވައެއްގަވެސް އޮވޭ "އައްޗޯނ ކޯ ބުރާ ސާބިތު ކަރުނާ ދުނިޔާ ކީ ޕުރާނީ އާދަތު ހޭ"
ތޯހާ
20 March 2018
ގިޔާމަތް ދުވަހާއި ހަމަޔަތް ވެރިކަން ކުރަން ނިޔަތްގަނެގެން ތިއްވަވާ ވެރިންނަށް، އާންމުކޮށް މުޅިހުރިހާ ރައްޔިތުންވެސްވާނީ ނުރައްކާތެރިކޮށް. ނުރައްކާތެރި ބަޔަކަށް. އެހެންވެގެންނޫންތޯ ރައްޔިތުން ސަރުކާރާ ދެކޮޅަށް އަޑުއުފުލަންފަށާ ކޮންމެ ފަހަރަކު ، ރައްޔިތުންނަކީ މާބޮޑަށް ނުރައްކާތެރި ބަޔަކަށްވެގެން "ކުއްލި-ނުރައްކާ" އިއުލާން ކުރަނީ.
ބޯޅަ
20 March 2018
އެންމެ ދެރައީ ފުލުހުންގެ ހިންގާ މި ބާވަތުގެ ކަންކަމަށް ފަޑިޔާރުން އެއްބާރުލުން ދޭތީއެވެ. ވިސްނުމެއް ހުރި މީހަކަށް ވިއްޔާ އެނގޭނީ އިބޫއަރީ މުޖުތަމައަށް ހުރި ނުރައްކަލެއް ނޫންކަން. މަޑުމައިތި މިޒާޖެއްގެ މީހެއްކަން.
ކުޑައަލީ
20 March 2018
ގޮތްހުސްވާން ފެށުމުން އަބަދުވެސް ހެދޭނީ އަތުންފައިން ގޯސް .
ހުސެންބެ
20 March 2018
އަޅެ މި ގައުމުގަ އެބަހުރިތަ ޔާމިން އަށް ރައްކާތެރި މީހަކު... ނުހުންނާނެ... 2018 ގަ ވެސް ބަލި ނޫން ގޮތެތް ނެތް...
ދަރަނިބޯ
20 March 2018
މުސްކުޅި އަންހެނުންވެސް ފަހަތަށް ބިޑިއަޅުވައިގެން ވެހިކަލްތަކަށް އަރުވާފަވެސް ބުނަނީ ވަރަށް ނުރައްކާތެރި ކުއްވެރިޔެކޭ މިވަރުދެން ބޮޑު ދޯ
ބޭބެގޯތި އަހަންމަދު
20 March 2018
ވެރިމީހާއި ނުރެހެވޭ ކޮންމެ ދިރޭ މަޚްލޫގަކީ ނުރައްކާތެރި އެއްޗެއް.ވަކި އިބޫ ވީމަކާނޫން. ގަހެއް ފެންފޯއްރުކެއް ކިނބުލެއް ނުވަތަ ދޫންޏެއްވިޔަސް.
ހަސަން
20 March 2018
ރާއްޖޭގެ ފުލުހުން ދެކޭ ގޮތުގައި އެމީހުންނާއި " ކުޅެވޭނެ " އެއްވެސް ބަޔެއް މިއުޑުދަށުގަޔެއް ނުތިބޭނެއެވެ. ރާއްޖޭގެ ވެރިޔަކަށްވެސް ހުރެވޭނީ އެމީހުންނާއި ގުޅޭ އެމީހުން ބޭނުންގޮތަކަށް ކަންކޮއްދޭނެ ، އެމީހުން ރުއްސައިގެން ގެންގުޅޭނެ ވެރިޔެކެވެ. މިކަން ﷲ އިރާދަފުޅުން ވަރަށް އަވަހަށް ބަދަލުވާނެއެވެ. އެމީހުންނަކީ ރައްޔިތުންގެ ޓެކްސް ލާރިން މުސާރަޔާއި ޔުނިފޯމާއި ، ކާންދީ ، ދިރިއުޅޭގެ ފްލެޓް ދީފައި ތިބޭ ހާދިމުންނެވެ.
އިއްސެ
20 March 2018
ފުރަތަމަ އެބަ އެނގޭ ނާޒިމަށްވެސް ގްރީން ޒޯނަކީ އެއްވުން މަނާތަނެއްކަން. ދެން އެފަދަތަނަކަށް އެއްވުމަށް އިބޫ ފަދަ މަޖިލީސް މެމްބަރެއް އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރ ބަޔަކު ގޮވައިގެން ވަނީމަ އެވަނީ ޤައުމަށް ނުރައްކާތެރި މީހަކަށް އެއީ، އެރޭ ހަމަ އިބޫމެން މިބުނަނީ ސަރުކާރު ހުއްޓުވާފައޭ ނޫނީ ވައްޓާލާފައޭ، ނޫނީ ނިންމާފައޭ ގެއަށްވަންނާނީ އެހެންވީމަ 9 ދުވަސް މާމަދު ނަސީބެއްނުން ޝަރީއަތް ނިމެންދެން ބަންދުގައި ނުބެހެއްޓިކަން
ދަންނަމީހާ
21 March 2018
އިއްސެ، ބޭނުންހާ ގޮތަކަސް އެއްވެސް ކަމެއް ނުކުރެވޭނެ.. މިނޫން ދުވަހެއް ވަރަށް އަވަހަސް ފެނިގެންދާނެ!!
ޏަރު
19 March 2018
ޜައީސްމީހާއަށް ތާއީދުކުރާ މީހުން ފިޔަވައި ދެކެނީ ހުސް ނުރައްކާތެރި މީހުންކަމަށް. ފިރުއަނުވެސް ޖައްބާރުކަން ދައްކާއިގެން ތާއަބަދު ވެރިކަމުގައި ހުންނާނެކަމަށްބަލާ ވެރިކަންކުރަން އުޅުނު. އެކަމު ހަލާކު އައިގޮތް ވިސްނަވައި. ރައްޔިތުންނޭ ﷲގެ މަގަށް ރުޖޫޢަވެ ތައުބާވޭ. އޭރުން އެކަލާނގެ އެބައެއްގެ މައްޗަށް ހެޔޮލަފާ ޞާލިޙްވެރިން ވެރިކުރައްވާނެ. ބަގުޑި ބެެއްދޭނީ މިދުނިޔެމަތީގައި އާޚިރުގައިހުރީ އަނިޔާވެރި ވެރިންނަށް ގަދަފަދަ ވެގެންވާ ޢަޛާބު. ޥިސްނާ ފިކުރުކުރާ ބަޔަކަށް ޢިބްރައްހުރި.