ޚިޔާލު

ކޮލަމް ކުލަބަރި: ހަނދަށް ގާ އުކަން ނޫޅޭ!

އިދިކޮޅު އިއްތިހާދުން މި މަހުގެ ކުރީކޮޅު ބޭއްވި ޖަލްސާގެ ތެރެއިން ދެ މީހަކު ފޯނުން އެއްޗެއް ބަލަނީ.-- ފައިލް ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

މިދިޔަ ރިޔާސީ އިންތިހާބުގެ ސަކަރާތްގަނޑުގެ ތެރޭގައި އަހަރުމެން ތިބިއިރު، ތުރުކީ އަށް ވެސް އޮތީ ސިޔާސީ ގޮތުން ބަހާރު މޫސުން އައިސްފަ އެވެ. އެތައް ހާސް މީހުން ތިބީ އިސްތަންބޫލުގެ މަގުތައް މަތީގަ އެވެ. އޭރުގެ ބޮޑުވަޒީރު ރަޖަބު ތައްޔިބު އުރުދުގާންގެ ހުދުމުހުތާރުކަން މުޅި ގައުމަށް ފެތުރި، ހުރިހާ ދިމާލަކަށް އެ މަނިކުފާނު ބާރު ހިންގަވަން ފެއްޓެވުމުން ރައްޔިތުންނަށް ކެތް ނުކުރެވުނީ އެވެ. އެންމެ ފަހުން ޖެހުނީ ބާރުގެ ބޭނުންކޮށް، އެއްވެފައި ތިބި ރައްޔިތުން އިނދަޖައްސާލާށެވެ. ސޯޝަލް މީޑިއާގެ އެހީގައި މީހުން މަގުތަކަށް ޖަމާކުރަން ފެށުމުން ފޭސްބުކާއި ޓުވިޓާގެ އިތުރުން ވެބްސައިޓުތަކާއި ބްލޮގުތައް ވެސް ބަންދުކުރަން ފެށީ އެވެ. އުރުދުގާން ޓުވިޓާ ސިފަކުރެއްވީ ބޮޑު "އުދަނގުލެއް"ގެ ގޮތުގަ އެވެ.

ރާއްޖޭގެ އެންމެ އެކުވެރި ޗައިނާގެ ހާލަތު އަދި އެ އަށް ވުރެ ވެސް ގޯހެވެ. ކޮމިއުނިސްޓް ވެރިކަމެއް އޮންނަ ޗައިނާގެ މިހާރުގެ ސަރުކާރުން ގެންދަނީ އިދިކޮޅު ހުރިހާ ހިޔާލެއް ނައްތާލަމުންނެވެ. އާއްމު ހުރިހާ ސޯޝަލް ނެޓުވޯކުތަކެއްހެން މަނާކޮށްފައި ވާއިރު، އެ މީހުން ގެންގުޅޭ އަމިއްލަ ނެޓުވޯކުތައް ވެސް އޮންނަނީ ސަރުކާރުގެ ބެލުމުގެ ދަށުގަ އެވެ. އިންޓަނެޓުގެ ހިދުމަތް ދޭ ފަރާތްތަކުން ގެނެސް ދެމުން ދިޔަ ޚަބަރުތައް ހުއްޓާލަން މިދިޔަ ހަފުތާގައި ވަނީ މަޖުބޫރުކޮށްފަ އެވެ. އޮންލައިން ނޫސްތައް ހިންގާ ކުންފުނިތަކުގެ ވަކި ބައެއް ސަރުކާރަށް ނެގޭނެ ގޮތް ހަދަން އަންނަނީ ތައްޔާރުވަމުންނެވެ.

މީޑިއާތައް ބަންދުކުރެވި ދާނެ އެވެ. ނޫސްތައް ހުއްޓުވި ދާނެ އެވެ. އެކަމަކު، ވައްކަން ކުރަންޏާ އެންމެން ވެސް އެ ވާހަކަ ދައްކާނެ އެވެ. ހައްގުތަކަށް އަރައިގަންނަންޏާ އެކަމާ ދެކޮޅަށް ކެރިގެން އަޑު އުފުލާނެ ބަޔަކު ވެސް ތިބޭނެ އެވެ. ނޫސްތަކާ ދެކޮޅަށް އަޅާ ފިޔަވަޅުތަކަށް ނުކުޅަދާނެ ވެގެން ނޫސްވެރިންގެ މަސައްކަތް ހުއްޓާލިޔަސް، އާއްމުން އެ ވާހަކަ ދައްކާނެ އެވެ. އެއް ގޮތް ނެތިއްޔާ ކުރެވެން އޮތް ގޮތަކުން އެ ޝުއޫރުތައް ބަންޑުން ކުރާނެ އެވެ. އިންޓަނެޓު އޮތީ އެ މީހުންގެ އަތުގަ އެވެ. އެއީ ގާނޫނަކުން، ގޮށްމުށުގެ ބާރު ބޭނުންކޮށްގެން މި ޒަމާނުގައި ހުއްޓުވޭނެ ކަމެއް ނޫނެވެ.

އިތިއޮޕިއާގައި މި ފަހުން ވީ އަދި މާ ހެއްވާ ކަމެކެވެ. ސަރުކާރު ޔުނިވަސިޓީތަކަށް ވަންނަން ހަދާ ޓެސްޓުގެ ސުވާލު ކަރުދާސްތައް ލީކުކޮށްލުމުން އެކަމުގެ ހުރިހާ ކަމެއް ފިލުވާލީ ދަރިވަރުންގެ މައްޗަށެވެ. ޓެސްޓަށް ތައްޔާރުވާން ކުރާ މަސައްކަތްތަކަށް ހުރަސް އަޅާ އެއްޗަކަށް ސޯޝަލް މީޑިއާ ވެފައިވާ ކަމަށް ބުނެ ފޭސްބުކާއި ޓުވިޓާ އާއި އިންސްޓަގްރާމްގެ އިތުުރުން ވައިބާ ވެސް ވަނީ މަނާކޮށްފަ އެވެ. އޭގެ ކުރިން މަނާކުރީ ސްކައިޕާއި އެ ފަދަ ފޯނު ކުރެވޭ ހިދުމަތްތަކެވެ. ހުއްދަ ނަގައިގެން ނޫނީ ސްކައިޕް ކޯލެއްހާ ހިސާބު ވެސް ނުކުރެވެ އެވެ.

ސޯޝަލް މީޑިއާ އާއި އެ ފަދަ ވަސީލަތްތައް މަނާ ކުރުމުން ތުރުކީގެ ރައްޔިތުން މަޑަކުން ނުތިބެ އެވެ. އެ މީހުންގެ އަޑެއް ވެސް ކަނޑުވައެއް ނުލެވުނެވެ. މުޒާހަރާ އަށް ނުކުތް މީހުންގެ އަދަދު ދިޔައީ މައްޗަށެވެ. ސަރުކާރު ދެކެ އައިސްފައި ތިބި ރުޅިގަނޑުގައި ކުރި އަށް ވުރެ ބޮޑަށް ހުޅު ފަޅައިގެން ދިޔައީ އެވެ. ޗައިނާ މީހުން ވެސް އެ ދަނީ އެ މީހުންނަށް ކުރެވުނު ވަރެއް ކުރަމުންނެވެ. ބޮޑު ދައުލަތެއްގެ ދަށުވެ، ނެތިގެން ނުދޭތޯ އެ މީހަކަށް ކުރެވުނު ކަމެއް އެ ދަނީ ކުރަމުންނެވެ. އިތިއޮޕިއާ އާއި އަލްޖީރިއާ އާއި އެ ނޫން ވެސް ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އަޅާފައިވާ ގައުމުތަކުގެ ރައްޔިތުން އެ ދަނީ ހިތްވަރު ދައްކަމުންނެވެ.

އަބުރުގެ ބިލާ ދެކޮޅަށް ނޫސްވެރިން މިދިޔަ ބުދަ ދުވަހުގެ ރޭ މުޒާހަރާ ކުރަނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ

ރާއްޖޭގައި ވެސް މިހާރު މިދަނީ އެ ހިތްވަރު ދައްކަމުންނެވެ. ވަކިވަކި ނޫސްވެރިންނާއި މީޑިއާތަކާ ދެކޮޅަށް ދިން އިންޒާރުތަކަށް ފަހު މިހާރު މި އޮތީ މީޑިއާއާ ދެކޮޅު ހަނގުރާމައިގައި މުޅިން އާ ކުރިއެއް ފަޅާފަ އެވެ. އެކި ގޮތްގޮތުން އިންޒާރު ދީ، ބިރުދައްކައިގެން ނޫސްތައް ބަންދުކުރުމުން ފެށިގެން ޝަރުއީ ދާއިރާ މެދުވެރިކޮށް މީޑިއާތައް ހުއްޓުވުމާއި ގާނޫނުތައް ހަދައިގެން ނޫސްވެރިންގެ ގަލަން ހުއްޓުވަން މިހާރު މި ވަނީ ފަށާފަ އެވެ.

އެކަމަކު، މިކަމުގެ ބިރު އޮތީ ހަމައެކަނި ނޫސްވެރިކަމަކަށް ނޫނެވެ. މަޖިލީހަށް ހުށަހަޅާފައިވާ ބިލުން އާއްމުކޮށް ހިޔާލު ފާޅުކުރުމަށް ވަރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތި ވާނެ އެވެ. އެ ގޮތުން، މިނިވަންކަމާ އެކު އާއްމުންނަށް ހިޔާލު ފާޅުކުރެވޭ އަމިއްލަ ބްލޮގުތަކާއި ސޯޝަލް މީޑިއާ އަށް މީގެ ސަބަބުން ވަރަށް ބޮޑު ބިރުވެރިކަމެއް އެބަ އޮތެވެ. ބިލުގައި އަބުރާ ބެހެވޭ ފަދަ އެއްޗެއް ޝާއިއު ކުރުމުގެ މާނަކޮށްފައިވާ ގޮތަށް ބަލާއިރު، އޭގެ ތެރޭގައި އޮންލައިން ނޫސްތަކުގެ އިތުރަށް ވެބްސައިޓުތަކާއި ބްލޮގުތަކާއި ސޯޝަލް މީޑިއާ ހިމަނާފައިވެ އެވެ. އެހެންވެ، މީހަކު އެ މީހެއްގެ އަމިއްލަ ފޭސްބުކް ނުވަތަ ޓުވިޓާގައި ޖަހާ އެއްޗަކުން ކުށްވެރިވެ، ޖިނާއީ ދައުވާއަކާ ކުރިމަތިލާން ޖެހުމުގެ ފުރުސަތު އެބައޮތެވެ.

އާއްމު މީޑިއާއާ ހިލާފަށް، ސޯޝަލް މީޑިއާ އާއި މުޅި އިންޓަނެޓުގެ އަސާސަކީ އެއީ އެވެ. ހިޔާލު ފާޅުކުރުމުގެ ހައްގު "ޑިމޮކްރެޓައިޒްކޮށް"، އެންމެންގެ އަތް ފޯރާ ފަށަށް ގެނެސް ދިނުމެވެ.

މީގެ ކުރިން ވެސް ބްލޮގުތައް ބަންދުކޮށްފައި އެބަހުއްޓެވެ. ސަރުކާރަށް ފާޑުކިޔައިގެން ބައެއް އަމިއްލަ މީހުންގެ ވެބްސައިޓުތަކަށް ނުވަދެވޭ ގޮތަށް ވެސް ހެދި އެވެ. ސޯޝަލް މީޑިއާގައި އެއްޗެއް ލިޔެގެން ތަހުގީގު ހިންގައި ޝަރީއަތް ކުރާ ހިސާބަށް ވެސް ގޮސްފައި އެބަހުއްޓެވެ. ވަކި އުސޫލެއް ނެތި އޭރު ކުރި ކަންތައް ގާނޫނެއްގެ ތެރެއަށް ފައްތަން ކުރަމުންދާ މަސައްކަތާ އެކު، ސޯޝަލް މީޑިއާ އަށް ސަރުކާރުން ފާރަވެރިވުން އިތުރު ވާ ތަން ދަނީ ފެންނަމުންނެވެ. މަޖިލިސް މެމްބަރު އަލީ ހުސެން ކުރެއްވި ޓުވީޓެއްގެ މައްސަލަ ފުލުހުން ވަނީ ބަލަން ފަށާފަ އެވެ. އަބުރާ ބެހުމުގެ ބިލު ފާސްވެ، ގާނޫނަކަށް ވުމުން ދެން އެކަން ކުރަން އެއްވެސް ހުރަހެއް ނޯންނާނެ އެވެ.

ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ އެންމެ އަސާސީ އެއް ހައްގެވެ. ދިރިހުރުމުގެ ހައްގު ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް އެއްވެސް ސުވާލެއް ނެތި ލިބި ދޭއިރު، އެެހެން މީހުންނަށް ގެއްލުމެއް ނުލިބޭނެ ގޮތަށް އެ މީހަކު ބޭނުން އެއްޗެއް ބުނުމުގެ ހައްގު އޮންނަންޖެހެ އެވެ. ރައްޔިތުންނަށް ބެލުމުގެ ޒިންމާ މަތިކޮށްފައިވާ ވެރިން ކުރާ ކަންކަމަށް ފާރަވެރިވެ، އެ މީހުން ކުރާ ކަންތައްތަކަށް ފާޑުކިއުމުގެ ހައްގު ހަމަ ކޮންމެ މީހަކަށް ވެސް ލިބިގެންވެ އެވެ. ހައްގެއް ގެއްލުމުން އެ ވާހަކަ ވެސް ދެއްކެން ޖެހެ އެވެ. އެ ހައްގެއް ހޯދަން މަސައްކަތް ކުރުމުގެ މިނިވަންކަން އޮންނަންޖެހެ އެވެ. ދުލާއި ގަލަމުގެ ބޭނުން ހިފައިގެންނެވެ.

މީޑިއާ އަށް ހުރި ހުރަސްތައް ނައްތާލަން ގޮވާލައި މިދިޔަ އޭޕްރީލް މަހު ނޫސްވެރިން އިހުތިޖާޖު ކުރަނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ

ރާއްޖެ އަކީ އިންޓަނެޓަށް ފަރިތަ ގައުމެކެވެ. މި ސަރަހައްދުގައި އިންޓަނެޓު ބޭނުން ކުރާ މީހުންގެ އަދަދު އާބާދީގެ ނިސްބަތުން އެންމެ މަތީގައި އުޅެނީ ރާއްޖޭގަ އެވެ. އޭގެ ތެރޭގައި ފޯނާއި އެ ނޫން ވެސް މޮބައިލްގެ ވަސީލަތްތައް ބޭނުންކޮށްގެން ނެޓަށް ވަންނަ މީހުން ގިނަ އެވެ. އެހެންވެ، ދިވެހިންގެ ގިނަ ބައެއްގެ ދިރިއުޅުމަށް ސޯޝަލް މީޑިއާ ވަނީ ވެފަ އެވެ. ފޭސްބުކުގައި ނޫޅޭ މީހަކު ނެތެވެ. އެކި ކަންކަމަށް ޝައުގުވެރިކަން ހުންނަ މީހުންގެ މުއްސަނދި ހިޔާލުތައް ޓުވިޓާގައި އުތުރި އަރަމުން ދެ އެވެ. ދިވެހިން ލާ ފޮޓޯ އާއި ވީޑިއޯ ވެސް އިންސްޓަގްރާމުގައި ވަކި މަދެއް ނޫނެވެ. ނުވިތާކަށް ރަށުގައި ހުންނަ މާމަ އަށް ފޯނު ކޮށްލަން ވެސް މިހާރު ބޭނުން ކުރަނީ ވައިބާ ނޫނީ ވަޓްސްއެޕް ކަހަލަ ކޮންމެވެސް އެޕެކެވެ.

އާއްމު މީޑިއާއާ ހިލާފަށް، ސޯޝަލް މީޑިއާ އާއި މުޅި އިންޓަނެޓުގެ އަސާސަކީ އެއީ އެވެ. ހިޔާލު ފާޅުކުރުމުގެ ހައްގު "ޑިމޮކްރެޓައިޒްކޮށް"، އެންމެންގެ އަތް ފޯރާ ފަށަށް ގެނެސް ދިނުމެވެ.

މީޑިއާތައް ބަންދުކުރެވި ދާނެ އެވެ. ނޫސްތައް ހުއްޓުވި ދާނެ އެވެ. އެކަމަކު، ވައްކަން ކުރަންޏާ އެންމެން ވެސް އެ ވާހަކަ ދައްކާނެ އެވެ. ހައްގުތަކަށް އަރައިގަންނަންޏާ އެކަމާ ދެކޮޅަށް ކެރިގެން އަޑު އުފުލާނެ ބަޔަކު ވެސް ތިބޭނެ އެވެ. ނޫސްތަކާ ދެކޮޅަށް އަޅާ ފިޔަވަޅުތަކަށް ނުކުޅަދާނެ ވެގެން ނޫސްވެރިންގެ މަސައްކަތް ހުއްޓާލިޔަސް، އާއްމުން އެ ވާހަކަ ދައްކާނެ އެވެ. އެއް ގޮތް ނެތިއްޔާ ކުރެވެން އޮތް ގޮތަކުން އެ ޝުއޫރުތައް ބަންޑުން ކުރާނެ އެވެ. އިންޓަނެޓު އޮތީ އެ މީހުންގެ އަތުގަ އެވެ. އެއީ ގާނޫނަކުން، ގޮށްމުށުގެ ބާރު ބޭނުންކޮށްގެން މި ޒަމާނުގައި ހުއްޓުވޭނެ ކަމެއް ނޫނެވެ.

އެހެންވެ، ހަނދަށް ގާ އުކަން ނޫޅޭށެވެ. އެ ގާގަނޑު އައިސް ޖެހޭނީ ހަމަ އެއްލާ މީހެއްގެ ބޮލުގަ އެވެ!

7 ކޮމެންޓް, 64 ރިއެކްޝަންސް

icon happy icon happy 31%
icon sad icon sad 53%
icon angry icon angry 16%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

Moosa

28 July 2016

ދިވެހި ތާރީޚް ގައި ވެސް މިހަާބޮޑަށް ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބުނު ދުވަސްވަރެއް ނެތްކަން މި އާރޓިކަލް ކިޔާލުމުން އެގިއްޖެ.ލިޔުންތެރިޔާ ބޭނުންހާ ޚިޔާލެއް މިއޮތީ ފާޅުކޮށްފައި. ކާކުތޯ ސުވާލެއްވެސް ކޮށްލީ. ދިމާވެގެން މިއުޅޭ މައްސަލަ އަކީ ނޫސްވެރިން ސިޔާސީ މީހުންގެ ޝިކާރައަކަށް ވުން.. މާތްވެގެންވާ އިސްލާމް ދީނުގެ އަސްލަކާ ޚިލާފުނުވެ މީހުންގެ އަބުރު ކަތިނުލައި ގައުމުގެ ކަންތައް ހިނގާގޮތް ހަޤީޤަތާ އެއްގޮތަށް ދެފަރާތުގެ ބަސް ހިމަނައިގެން ކުރާ ހަޤީޤީ ނޫސްވެރިކަމަށް ދިވެހި ރާއްޖޭގައި ފުރުސަތު އެބައޮތް. ބައެއް ނޫސްތަކުންނާއި ނޫސްވެރިން ރައްޔިތުން 5 އަހަރަށް ހޮވި ސަރުކާރު މަގުމަތިން ވައްޓާލަން މަސައްކަތް ކުރާކަމުގެ ތުހުމަތު ވަރަށްގިނަ ދިވެހި ރައްޔިތުން މިހާރު އެބަކުރޭ. ޢެހެން ނުހައްދަވާ ނޫސްވެރިކަމަކީ ޒިންމާދާރު މުހިއްމު މަސައްކަތެއް. ޥަކިފަރާތަކަށް ނުޖެހި ނޫސްވެރިންގެ ސުލޫކީ މިންގަނޑުގައި ކުރައްވާ ނަމަ.

The name is already taken The name is available. Register?

ރަންގީލާ

28 July 2016

މިއިދުން ވެށިގެން ކޮމެންޓް ކުރުން ނިމުނީ ދެން ފެންނާނީ މަގުމަތިން ... މީ މަގޭވެސް ޤައުމު

The name is already taken The name is available. Register?

މާލޭބެއްޔާ

28 July 2016

ކޮމިއުނިސްޓް ގައުމުތަކާއި ގުޅުން ބަދަހިވާނަމަ ގެންގުޅޭނީ އެމީހުންގެ ފިކުރާއި އުސޫލުތައް ކަމާމެދު އެއްވެސް ޝައްކެއްނެތެވެ. މިއަދު ނޫސްވެރިންގެ ކަރަށް ފައިން އަރަމުންދާއިރު ގިނަ ނޫސްތަކަކީ މިސަރުކާރު ގެނައުމަށް ވަރަށް ގަދައަޅާ މަސައްކަތް ކުރި ނޫސްތަކެވެ. އިންސާފުން އެއްކިބާވެ އޭރުގެ ގިނަ ނޫސްތަކަކުން ދިޔައީ އޭރުގެ ސަރުކާރު އެމްޑީޕީ ގެ ސަރުކާރުގެ ދޮގުވާހަކަތައްފަތުރަމުންނެވެ. އޭގެ ނަތީޖާ މިއަދު ނޫސްވެރިންނަށް ތިޔަދަނީ ފެންނަމުންނެވެ. އެދުވަހު އޭރުގެ ރައީސްއަކީ ލާދީނީ މީހެކޭ ކިޔައިގެން ބުހުތާން ދޮގުހަބަރުތައް ދިޔައޫ ގިނަ މީދިޔާ ތަކެއްގައި ފަތުރަމުންނެވެ. ރައްޔިތުންނަށް އޮޅުވާލާ އެމަނިކުފާނުގެ މައްޗައް ރައްޔިތުންގެ ހިތް ތަކުގައި ނަފުރަތު ކުރުވަމުންނެވެ. ބަސްމަގު އެހާރީތިވެފައި ފަށުވިބަސްތަކުން އަމުނާލާ ބަސްތަކުގެ ޝިކާރަޔަކަށް ދިވެހިން މަދުބަޔަކުވެ ފުލުހުންނާއި ސިފައިންގެ ތެރެއިންވެސް ވިކިފައިވާ ބަޔަކު އެމީހުންނާއި އެއްބައިވެ އެމަނިކުފާނުގެ އާއިލާއަށް މަރުގެ އިންޒާރުދީ ހަދައި އެންމެ ފަހުން ޖެހުނީ ރައްޔިތުންނާއި އެކުޑަކުޑަ އާއިލާއަށްޓަކާ އިސްތިއުފާދޭން މަޖުބޫރުވެފައެވެ. ސަލާމަތީބާރުތައް ނުކުމެރައްޔިތުންގެ ތެރެއިން ގިނަ ބައެއްގެ ގައިގާ ތަޅާއަނިޔާކޮއްފައެވެ. ހަގީގަތުގައިވެސް މިއަދު ގުނަނޫސްތަކުގެ އަރުގައި ތިޔަލަނީ އެކަމުގެ ހިތިރަހަކަން ހަނދުމަކުރާށެވެ.އެދުވަހު ލާދީނީއޭކީ ރައީސްއަކީ އަބަދުވެސް ﷲއަށް ކުއްތަންވާ 5ނަމާދުކުރާ ﷲގެ އަޅެއް. އަބަދުވެސް ރައްޔިތުނަނަށް ހަލާލުތަކެތި ކެއުމަށް އަނބިދަރީންނަށް ކާންދިނުމަށް ބާރުއަޅާހަމަ އެކަނި ރައީސް.ަހަރެންގެ ވޯޓް ރައީސް ނަޝީދުއަށް

The name is already taken The name is available. Register?

ދުންމާރި

28 July 2016

ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޮންނަންޖެހޭފަދައިން ނޫސްވެރިން ނާއި ތަންތަން މިނިވަން ވާން ޖެހެއެވެ. ޓީވީ ޗެލެތަކާ ނޫސްމަޖައްލާތަށް ސިޔާސީ އަށްޑާ ތަކަކަށްވެ އެމީހަކު ހިތުހުރިއެއްޗެއް ކިޔާ ލިއެހުދުން އެއީ ހިޔާލުފާޅުކުރުމުގެ މިނިވަން ކަންތޯ އަމިއްލަނަފުސާ ސުވާލު ކޮށްލުންރަގަޅެވެ.

The name is already taken The name is available. Register?

ގުރޭ

28 July 2016

ކޮއްމެ އެއްޗެއްލިއުނަސް ކޮއްމެވާހަކައެއްޖެހިޔަސް ގާނޫން ފާސްކުރާނެ

The name is already taken The name is available. Register?

ހގޔޔޔ

28 July 2016

ކޮށްފަ ބަހައްޓާ. އޭރުން ވެއްޓޭޢިރު ވެއްޓޭނީ ވަރަށް ބާރަށް!

The name is already taken The name is available. Register?

އަލީ ހާލިދު ބޮޑު ތިލަދުންމަތި

28 July 2016

ނުރައްކާ ތެރި އެސްކޮބާމާގެ ކިބައިން ގައުމު ސަލާމަތް ކޮއްގެންނޫނީ އަހަރެމެންގެ ގައުމުގަ އެއްވެސް އުފާވެރި ކެމެއް ނުފެއްނާނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454