ދުވުމަށް ފުލުހުން ހުރަސް އަޅަނީ: އެމްޑީޕީގެ ޗެއާޕާސަން ވަނީ އެ ދުވުމުގެ ތެރެއިން ހައްޔަރު ކޮށްފައި --ފޮޓޯ/ސޯޝަލް މީޑިއާ
22 ޖޫން 2018 - 17:49
އެމްޑީޕީން މިއަދު ހަވީރު ބާއްވަން އުޅުނު ދުވުމަށް ފުލުހުން ހުރަސް އަޅައި، އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފާއި ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒް ހައްޔަރުކޮށްފި އެވެ.
ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ހަރަކާތެއްގެ ގޮތުގައި "ޖަޒީރާ ރަން" ގެ ނަމުގައި އެ ޕާޓީން މާފަންނު އެކުވެނި ޓްރެކް ދަނޑުގައި ބޭއްވި ދުވުމުގެ ތެރެއިން ހަސަން ލަތީފާއި ނިޔާޒުގެ އިތުރުން ޒުވާނުންގެ ގޮފީގެ ރައީސް މީކާއިލް ނަސީމް ހައްޔަރުކުރީ ދުވުން ފެށި ތަނާ ހެންނެވެ. އެ ތިން ބޭފުޅުން ހައްޔަރު ކުރުމުގެ އިތުރުން އެ ދުވުމަށް ވެސް ފުލުހުން ވަނީ ހުރަސް އަޅައިފަ އެވެ.
MDP’s Chairperson @HassanLatheef, Deputy Chairperson @ali_niya and I have been arrested from #JazeeraRun pic.twitter.com/SLIcImIinU
— Mickail Naseem 🎈 (@MickailNaseem) June 22, 2018
ދުވުމުން ހައްޔަރުކުރުމާ އެކު މީކާއިލް ކުރި ޓުވީޓެއް.
އެމްޑީޕީގެ ދުވުމަކީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ހޯދަން ބާއްވަން އުޅުނު ހަރަކާތެކެވެ. އެ ހަރަކާތް ބާއްވަން އެމްޑީޕީން ތައްޔާރުވަމުން އަންނަނިކޮށް، މިއަދު މެންދުރު ފަހު 2:00 އިން އިރުއޮއްސި 6:30 އާ ހަމައަށް އެކުވެނި ޓްރެކް ދަނޑު އާއްމުންނަށް ބަންދުވާނެ ކަމަށް ޔޫތު މިނިސްޓްރީން ވަނީ އިއުލާންކޮށްފަ އެވެ. އެއީ، އެ މިނިސްޓްރީގެ ބޭނުމަކަށް ކަމަށް ވެސް އިއުލާނުގައި ވެ އެވެ.
ދުވުން ފެށުމުގެ ކުރިން ޓްރެކް ބަންދުކޮށް، އެ ސަރަހައްދުގައި ފުލުހުން ދިޔައީ ހަރަކާތްތެރިވަމުންނެވެ.
އެމްޑީޕީން މީގެކުރިން ބާއްވަން އުޅުނު ބައެއް ހަރަކާތްތަކަށް ވެސް ފުލުހުން ހުރަސް އެޅި އެވެ. ދާދިފަހުން އެ ޕާޓީން ބޭއްވި ރިޔާސީ ޕްރައިމަރީ ހުއްޓުވުން ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރުމުން ފުލުހުން ވަނީ އެ ޕްރައިމަރީ ހުއްޓުވައި، ބައެއް މީހުން ހައްޔަރުކޮށްފަ އެވެ. އެކަމަކު އެމްޑީޕީން އެ ޕްރައިމަރީ ކުރިއަށް ގެންގޮސް، ނަތީޖާ އިއުލާންކުރި އެވެ. އެ ޕްރައިމަރީގައި ހަރަކާތްތެރިވި ބައެއް ކައުންސިލަރުން ލޯކަލް ގަވަމެންޓް އޮތޯރިޓިން މިހާރު ވަނީ ސަސްޕެންޑްކޮށްފަ އެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކީ ނަޝީދު ކަމަށް އެ ޕާޓީން ނިންމާފައިވީ ނަމަވެސް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާތީ، އެމަނިކުފާނު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝަރުތެއް އުނިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ޕާޓީ އަށް އަންގައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕިންކް ޔޫސޭ
24 June 2018
ދެން އަމައްޔާތް..މިމީހުންނާއި ހެދި މަގުމަތީގަ ދުވެލެވޭކަށްވެސް ނޯވެޔޭ.. ހޫނ.. ވަރަށް ފޫހިވޭ!!
ނިއުޓްރަލް
23 June 2018
ނިއުޓްރަލް މީހުން ސަރުކާރުދެކެ އިތުރަށް ފޫހިވުން ނޫންކަމެއް ނުވާނެ.
ހުއްޓި
23 June 2018
އެމްޑީޕީގެ އަސްލު ދުވުން ހުއްޓުނުތާ މިހާރު 2 އަހަރަށްވުރެ ގިނަވެއްޖެ. ދެން މަގުމަތީ ފައިތަޅާފަ ދުވަން އުޅުނަކަސް ކުރެވޭނެ ކަމެއް ނޯންނާނެ. މާލޭގެ މަގުތައް ފުރާ މުޒާހަރާކުރި ދުވަސް އެއީ މާޒީ. ޕާޓީގެ މީހުން ގިނަކަމުން ބޮޑާކަން ދައްކައިގެން އުޅުނު ޕާޓީއެއް ތިޔައީ. މިހާރު 6 މީހުންނަށް ތިރިވެފައި އޮތްތަން ބަލާބަލަ.
މަރީ
23 June 2018
ޕޕމ ކުދިންކޮޅަށް ހަމަ ހަޖަމަށް ނުވާނެ. އެމީހުންނަށް އެނގޭނީ ހަމައެކަނި ރައީސް ޔާމިން ދައްކާ ވާހަކަ އަޑުއަހާ އަތްޖަހަން. މިކަހަލަ ފޯރިގަދަ ކަންތައްތައް މޑޕ އިން ކުރާތީ މައްސަލައަކީ.
ހެހެ
23 June 2018
ދެން މަރީއަށް އެނގެނީ އެމްޑީޕީ ކުދިން ކުރާކަންކަމާ ދައްކާ ވާހަކައަށް އަތްޖަހަން. ތަފާތެއް އެބައޮތްތަ؟
ޝަރުތު
23 June 2018
ތަންކޮޅެއްބޮޑުވަރުތީ!
ސިޕާއީ
22 June 2018
ޝަރުތު ހަމަނުވާ ބޮޑެތި ޤައިދީން ރައީސް ކަަމަށް ނެރެންޏާ ހަަރަކާތްތަކަށް ފުރުސަތެއް ނެތް. ހުއްޓުވަންވެސް ޖެހޭނެ. ޝަރުތު ހަމަވާ މީހަކު ދައްކާ އޭރުން ނުހުއްޓުވާނެ. މިއީ ވަކި އެމްޑީޕީ ވީމަ ވާގޮތެއް ނޫން. މޮޔަކަންތައް ކުރުން ހުއްޓާލާ އޭރުން ރަނގަޅުވާނީ.
އަލީ ނިޒާރު
22 June 2018
ނުޖެހޭ ގައިދީ އަކަށް ތާއީދު ހޯދާށޭ ކިޔާފަ މަގު ހިސޯރު ކޮއް ގެން އަލިފާން ބޯޅަ އުކާ ގުރޫޕު މަގު މައްޗަށް ނުކުންނާކަށް. އެހެން އުޅެފަ ތަންތަން ރޯކުރަން ފަށާނީ. ތި ބައިގަނޑަށް ވަރަށް ސަމާލުވެ ތިބެން ޖެހޭނެ.
ސަރީފް
22 June 2018
ކީއްކުރަން ދިވެހިރާއްޖޭގަ ބާއްވަނީ ލަންކާ ނޫނީ ޔޫކޭގަ ތިޔަބުނާ ދުވުން ބާއްވަން ވީނު
މަރީ
23 June 2018
އެހެންވީއްޔާ ޕޕމ ޖަލްސާވެސް ޗައިނާގަ ބާއްވަންވީނު. އެމީހުން ބުނިހާގޮތަކަށް އެނބުރާ ސަރުކާރެއްވިޔަ މިއޮތީ.
ޢަލިދީދީއައްޑޫސިޓީ
22 June 2018
ކޯޓުއަމުރެއް ނެރެންވީ ނޫންތޯ، ދިވެހިރާއްޖޭގެ ވައިގެ ސަރަހައްދާ ކަނޑުގެ ސަރަހައްދާ އަދި ހިކިފަސް އެއްވެސް ތަނެއްގައި، އެމްޑީޕީ ގެ އެއްވެސް ކަހަލަ ޙަރަކާތެއް މިއަދުން ފެށިގެން ނޮވެމްބަރ 13 ވަނަ ދުވަހުގެ ނިޔަލަށް ހިންގުމަކީ މަނާކަމެއް ކަމުގައި. އޭރުން އަހަރުމެން ދެން ކެމްޕެއިން ކުރާނީ ފާޚާނާގައި.
ރަބަރޭ
22 June 2018
ކައްޕިގެ އެކަނި ރާއްޖެ އެއް ނޫން މިއީ...ދިވެހިން އަޅުވެތިކަމުގަ ނުގެން ގުޅެވޭނެ....މި ފިލްމު ނިމޭނެ.